އިނގިރޭސި އެފްއޭ ކަޕްގައި އާސެނަލް އާއި މެންޗެސްޓަ ސިޓީ ރޭ ބައްދަލުކުރި މެޗުގައި ސިޓީގެ ފޯވަޑް އާލިން ހާލޭންޑް އާއި އާސެނަލްގެ ތޯމަސް ޕާޓޭ ބޯޅަ ކޮންޓްރޯލްކުރަން މަސައްކަތްކުރަނީ

މެންޗެސްޓާ ސިޓީ

އާސެނަލް އާއި ސިޓީގެ އިމްތިހާން، ސިޓީން ކާމިޔާބުކޮށްފި

ލީގުގައި ދެ ޓީމު ވާދަކުރުމުގެ ކުރިން އެފްއޭ ކަޕްގެ މި މެޗުގެ ނަތީޖާއަކީ ސިޓީއަށް އިތުރު ހިތްވަރެއް
28 ޖެނުއަރީ 2023

އިނގިރޭސި ޕްރިމިއަ ލީގުގެ ތައްޓަށް ވާދަކުރަމުން އަންނަ އާސެނަލްގެ އަސްލު ފެންވަރު ވަޒަންކޮށްލަން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީއާ ކުރާ ވާދައަށް އިންތިޒާރުކުރި މީހުންނަށް ސިޓީން ރޭ ޖަވާބުދީފި އެވެ. އެއީ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި، ސިޓީގެ ދަނޑުގައި ކުޅެ 1-0 އިން އާސެނަލް ބަލިކޮށްގެންނެވެ.

ނަތީޖާ މި ގޮތަށް ނުކުތަސް، ލީގުގައި އާސެނަލްއަކީ ސިޓީއަށް އޮތް ބޮޑު ޗެލެންޖެއްކަން ރޭގެ މެޗުން ސާބިތުކޮށްދިނެވެ. މެޗުގެ ހަމައެކަނި ލަނޑު އައީ، ސިޓީގެ ލަނޑު ޖަހާ މެޝިން އާލިން ހާލޭންޑް ނުވަތަ ސިޓީގެ އެހެން ފޯވަޑުންގެ ފަރާތަކުންނެއް ނޫނެވެ. ދިފާއީ ކުޅުންތެރިޔާ ނަތަން އާކޭގެ ބޯޅައަކުންނެވެ.

މި މެޗުގައި އާސެނަލް ވެސް މޮޅަށް ކުޅެ، ވަރުގަދަ ހަމަލާތަކެއް ފޮނުވާލި އެވެ. އެހެންކަމުން އެފްއޭ ކަޕްގައި މި ނަތީޖާ ނުކުތަސް، އިނގިރޭސި ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށް ވާ ލީގުގައި މި ދެ ޓީމަށް އެންމެ މުހިންމު އެއް ކަމަކަށް އޮތީ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ކުޅޭ ދެ މެޗު ކަން އެނގެ އެވެ. ފުރަތަމަ މެޗު އާސެނަލްގެ ދަނޑުގައި އޮންނާނީ 15 ފެބްރުއަރީގަ އެވެ. ދެ ވަނަ މެޗު ސިޓީގެ ދަނޑުގައި ކުޅޭނީ 21 އެޕްރީލްގަ އެވެ.

މި ވަގުތު ލީގުގެ އެއް ވަނާގައި އާސެނަލް އޮތީ ސިޓީއަށް ވުރެ ފަސް ޕޮއިންޓް ތަފާތުންނެވެ. އެއީ ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

"މިއީ ވަރަށް ވާދަވެރި މެޗެއް. ކަލޭމެންނަށް ވެސް އެނގޭނެ އެ ޓީމު [އާސެނަލް] އަކީ ކިހާ ރަނގަޅު ޓީމެއްކަން،" ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

އާކޭގެ ލަނޑުގެ އިތުރުން ދިފާއުގައި އޭނާ ވަރަށް މުހިންމު ވާޖިބެއް ރަނގަޅަށް އަދާކުރި އެވެ؛ އާސެނަލްގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ބުކާޔޯ ސަކާ ބެލެހެއްޓުމެވެ. އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވިޔަ ނުދީ އާކޭ ކުޅެލީ މޮޅަށެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ގާޑިއޯލާއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އާޓެޓާގެ ކޯޗިން ކެރިއާ ފެށީ ގާޑިއޯލާގެ އެސިސެންޓެއްގެ ގޮތުގައި، ސިޓީގެ ޓީމުގަ އެވެ.

އާޓެޓާ ބުނީ ސިޓީ ބަލިކުރުމަކީ އުނދަގޫ މަސައްކަތެއް ކަމަށެވެ. ނަމަވެސް މި މެޗުން އޭނާގެ ޓީމަށް ނެގެން އޮތީ ޕޮޒިޓިވް ކަންތައްތަކެއް ކަމަށް ވެސް ބުންޏެވެ.

"ފުރަތަމަ ކަމަކީ އަހަރެމެންނަށް އެ ޓީމާ ރަނގަޅަށް ވާދަކޮށްލެވުނުކަން،" އާޓެޓާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް