Majlis 2024

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ބަޔަކު އިހުތިޖާޖުކުރަނީ (ފޮޓޯ/އަލްހާރިޔަ)

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި

އެ 2 މީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ޖަހާފައި؛ އެކަކަކީ ޔާމީން ރަޝީދު މަރުގެ މައްސަލައިގައި ދައުވާ ސާބިތު ނުވި މީހެއް
5 އޯގަސްޓު 2022

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އޭގެ ތެރެއިން އެކަކީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް އެކަމަކު ކުށް ސާބިތުނުވާ މީހެކެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، އިތުރު ދެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މި ނިމުނު ހަފްތާ ތެރޭގައި ކަމަށެވެ. އެގޮތުން:

  • އެކަކު ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު

  • ދެވަނަ މީހާ ހައްޔަރު ކުރީ ބުދަ ދުވަހު

ފުލުހުންގެ ތަރުޖަމާނު ވިދާޅުވިގޮތުގައި ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް އަދި އަނެއް މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތު

މި މައްސަލައިގައި އަންގާރަ ދުވަހު ހައްޔަރު ކުރި، މއ. އޯކިޑް ހައުސް، މުހައްމަދު ފައިސަލް، 36،  ގެ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެވެ. އޭނާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމް، ހުއްދަ ނޫން ތަނަކަށް ވަނުން އަދި މުދަލަށް ގެއްލުން ދިނުން ހިމެނެ އެވެ.

"ފުލުހުންގެ ބަޔާންތަކުން، މީނާއަކީ އެއްވުމުގައި ބައިވެރިން މޯޓިވޭޓްކޮށް، ދަނޑަށް ވަންނަން ހިތްވަރުދީ، ފުލުހުންގެ ބެރިކޭޑް ފަޅާލި ފަރާތެއް ކަމަށް ތުހުމަތު ކުރެވޭ،" ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް ނެރުއްވި އަމުރުގައި ބުނެފައިވެ އެވެ.

"ސީސީޓީވީ ސްނެޕްޝޮޓްތަކުން މީނާ އަމަލީ ގޮތުން ހާދިސާގައި ބައިވެރިވެފައިވާކަން އެނގޭ."

ފައިސަލް އޭނާގެ ދިފާއުގައި ކޯޓުގައި ބުނިގޮތުގައި:

  • އޭނާ އެ ސަރަހައްދަށް ދިޔައީ ޔޯގާ ހުއްދަ ނުވާނެ ކަމަށް ގަބޫލުކުރާތީ އެކަމުގައި ޝުއޫރު ފާޅުކުރަން

  • އޭނާއަކީ އެއްވެސް ގޮތަކަށް ހަމަނުޖެހުމަށް ތާއީދު ކުރާ މީހެއް ނޫން

  • ހަމަނުޖެހުން ހިންގުމަށް އެއްވެސް ފަރާތަކަށް ހިތްވަރު ދީފައެއް ނުވާނެ

މި މައްސަލައިގައި ދެން ހައްޔަރު ކުރީ، މ. ކުދެހިގެ، ހަސަން ޝިފާޒު، 29، އެވެ. އޭނާއަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލި މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖެހީ އިއްޔެ އެވެ. އޭނާގެ ކޯޓު އަމުރުގައި ވެސް ހުރީ ފައިސަލްއަށް ކޮށްފައިވާ ތުހުމަތުތަކެވެެ. އޭނާގެ މައްޗަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި:

  • ދަނޑަށް ވަތް ކަމަށް ބެލެވޭ ހެކި

  • އަނިޔާވެރި އަމަލުތައް ކުރި ކަމަަށް ބެލެވޭ ހެކި

  • ހަމަނުޖެހުން ހިންގުމުގައި އޭނާގެ ސީދާ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ހެކި

ކޯޓުގައި ފުލުހުން ދެއްކި ވާހަތަކުން އެނގޭ ގޮތުގައި ޝިފާޒު ހައްޔަރުކޮށްފައި ވަނީ އައިޖީއެމްއެޗުންނެވެ. އަދި އޮންނަ އުސޫލުން އޭނާގެ ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސަމުން ދާ ކަމަށާއި ކާން ދިނުމުން ކާން ބޭނުން ނުވާ ކަމަށް ޝިފާޒު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

ޝިފާޒު އޭނާގެ ދިފާއުގައި ކޯޓުގައި ބުނީ:

  • މަންޒަރު ބަލަން އެ ސަރަހައްދަށް ދިޔަ ކަމަށާއި ވަކި ހިސާބަކުން އެ ތަނުން ނުކުމެގެން އައި ކަމަށް

  • ފުލުހުންގެ އަމުރަށް ކިޔަމަންތެރިވި ކަމަށާއި މުޖްތަމައުއަށް ނުރައްކާތެރި ކަމެއް ހިންގާފައި ނުވާނެ ކަމަށް

  • އޭނާ ވަޒީފާއެއްގައި އުޅޭތާ އެއް މަސްވެފައިވާ ކަމަށް

އޭގެ އިތުރުން ޝިފާޒު ވަނީ ފުލުހުންގެ މައްޗަށް ތުހުމަތެއް ވެސް ކޮށްފަ އެވެ. އޭނާ ބުނީ ބުދަ ދުވަހު އޭނާ ހައްޔަރު ކުރި ވަގުތުން ފެށިގެން އިއްޔެ ހެނދުނާ ޖެހެންދެން އޭނާއަށް ކާންދީފައި ނުވާ ކަމަށާއި ކާން ނުދިނީ އޭނާ ލައްވައި ތުހުމަތަށް އެއްބަސްކުރުވަން ކަމަށެވެ.

އެނގުން މުހިންމު - ޔާމީން ރަޝީދުގެ މައްސަލައިގައި ޝިފާޒްއާއެކު ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. ނަމަވެސް ދައުވާ ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. ޝިފާޒުގެ މައްޗަށް ދައުވާ ސާބިތު ނުވުމުގެ އިތުރުން، ދައުވާ ސާބިތު ނުވާ ހަތަރު މީހުންގެ ތެރެއިން ދައުލަތުން މައްސަލަ އިސްތިއުނާފު ކުރި ދެ މީހުންގެ ތެރެއަކު ވެސް ޝިފާޒެއް ނުހިމެ އެވެ.

މައްސަލައިގެ ފެށުން - ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ދީނީ އިލްމުވެރިންތަކަކާ އެކު 21 މީހުން މީގެ ކުރިން ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ފަހުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެގޮތުން:

  • ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން ވަނީ ބަންދުން ދޫކޮށްލާފައި

  • ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ދޫކޮށްލީ ޝަރުތުތަކަކާ އެކު؛ އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި

ޔޯގާ ދުވަހުގެ ހަމަނުޖެހުން ކުރުކޮށް:

  • ޔޯގާ ހަދަން ތިއްބާ، އިހުތިޖާޖު ކުރާ ގުރޫޕު ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި

  • ނަމަވެސް މުޒާހަރާގެ ބައިވެރިން ފެންސް ފޫ އަޅުވާލައި، ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނާ ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގަމުން ދިޔަ

  • އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ހަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން

  • ޔޯގާ ހަރަކާތުގައި ބޭރުގެ ޑިޕްލޮމެޓުންނާއި ސަރުކާރުގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް