Majlis 2024

ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ސާނިޔާ އަނެއްކާވެސް އެނބުރި މާލެ އައެވެ. ހަމަ އެއް މަގުސަދެއްގައެވެ.

އެޕިސޯޑް 5

ރަށުތެރޭގައި ސާނިޔާ މަޝްހޫރުވެފައި ވަނީ ބޮޑާ މީހެއްގެ ގޮތުގައެވެ. ގޮތްދޫނުކުރާ މީހެއްގެ ގޮތުގައެވެ.

ސާނިޔާއާ ޖެހިގެން ތިބި ދެ ކޮއްކޮ ވެސް ކައިވެނި ކުރިއެވެ. އެކަމުގައި ވެސް ސާނިޔާ އުނިއިތުރެއް ހޯދިއެވެ. ސާނިޔާއާ ޖެހިގެން ހުރި ސާމިޔާ ކައިވެނި ކުރީ އޭނާއަށް ވުރެ ތިން އަހަރު ހަގު މީހަކާއެވެ. ސާނިޔާ ހިތަށް އެރިއެވެ. ހަމަގައިމު ވެސް ސާނިޔާއެއް އެވަރުގެ ކަމެއް ނުކުރާނަމެވެ. ސާނިޔާއަށް އެކަން ވީ ވަރަށް "ހަޑި" ކަމަކަށެވެ. ސާމިޔާއަށް މަލާމާތްކޮށް ހެދިއެވެ. ދެން ހުރި ކޮއްކޮ ހަމީދު ކައިވެނި ކުރީ ދަރިއަކު ހުރި މީހަކާއެވެ. އެކަމަށް ވެސް ސާނިޔާ ވަރަށް ފާޑުކިޔެވެ. ކާނެ އިތުރު އަނގައެއް ގެނައީއޭ ބުނެ، ހިތްދަތިވާ ކަހަލަ ބަސްތައް ރައްދު ކުރިއެވެ. އެބަސްތަކަށް އެ ކުދިން އެއްޗެއް ނުބުނެއެވެ. ސާނިޔާގެ މިޒާޖު އެނގޭތީއެވެ. ސާނިޔާ އަދިވެސް ގޮތް ދޫނުކޮށް ހުރީއެވެ. އެމީހެއްގެ އަހުލާގާއި އުޅުމާއި ހަރުދަނާކަމަކީ އެވަގުތު ސާނިޔާއަށް މުހިންމު ވާ ކަންކަމެއް ނޫނެވެ. ސާނިޔާއަށް މުހިންމު ވަނީ ތަނަވަސްކަމާއި މަޝްހޫރުކަމެވެ.

ހަދީޖާ އާއި ހާރޫނުގެ ޝަކުވާތައް މަދު ނުވުމުން ސާނިޔާ ގޮތެއް ނިންމިއެވެ. އަނެއްކާ ވެސް މާލެ ދިޔުމެވެ. ބޭނުމަކީ ކުރިން ވެސް އޮތް ބޭނުމެވެ. މާލެ ދާން ބޭނުންވާ ވާހަކަ ބުނަން ސާނިޔާ ދިޔައެވެ.

"މަންމާ. އަހަރެން މާލެ ފޮނުވާ،" ސާނިޔާ ޅަ ވެލާފައި ބުންޏެވެ. އެއީ ސާނިޔާގެ އުކުޅެކެވެ. ކޮންމެ ކަމެއް ބޭނުން ވިޔަސް ތުއިވެލާފައި ވާހަކަ ދައްކާނެއެވެ.

"މާލެ؟ އަނެއްކާ؟ މި ފަހަރު ކީއްކުރަން؟ ކިޔަވަން ފޮނުވީމަ ވެސް ތި އައީ ކިޔެވުން ފުރިހަމަ ނުކޮށް." ހަދީޖާ އިނީ ކޮޓަރީގައެވެ. ދޮން އަނބެއް ކޮށައިގެން ކާށެވެ.

"ކުރަން ދިޔަ ކަންތައް ފުރިހަމަ ނުކޮށް މި އާދެވުނީ. އެހެންވެ އެކަން ފުރިހަމަ ކުރަން ދާން. މަންމަ ވާހަކަ ދައްކާބަލަ ބައްޕައާ،" މޭޒުމަތީގައި ހުރި ކަނަމަދު ފުޅިން މަދު މުށެއް ނަގަމުން ސާނިޔާ ބުންޏެވެ.

ރަށުގައި ހާރޫނުގެ ހަތަރު ގެ ހުރެއެވެ. ހާރޫނު ދިރިއުޅޭ ގެއަކީ ބޮޑު ގެއެކެވެ. ވަށައިގެން ބަނބުކެޔޮ ގަހާއި އަނބު ގަސް ހުރެއެވެ. ގޭގައި މަސައްކަތް ކުރާ މީހުންނާއި އޮޑިދޯނިފަހަރުގައި މަސައްކަތް ކުރާ މީހުން ވެސް ގެންގުޅެނީ ހާރޫނުގެ ގޭގައެވެ. އެމީހުންގެ އަނބިދަރިން ވެސް އުޅެނީ އެ ގޭގައެވެ. ކޮންމެ މީހަކަށް ވެސް ރަނގަޅު މުސާރައެއް ދެެއެވެ. ހާރޫނަކީ ދީލަތި މީހެކެވެ. ނުދޭނެ އެއްޗެއް އަތުގައި ނޯންނާނެއެވެ. ނަމަވެސް ރުންކުރު، އަޑުގަދަ މީހެކެވެ. މަގުގެ އެއްކޮޅުގައި ހުރެފައި ގޮވާލާ އަޑު އަނެއް ކޮޅަށް އަޑު އިވޭހާ އަޑު ބާރު މީހެކެވެ. މީހުން ޖެހިލުންވާ މީހެއް ވެސް މެއެވެ. 

ސާނިޔާގެ ކުރިމަތީގައި ހާރޫނާއި ހަދީޖާ ހަތިޔާރު ބެހެއްޓިއެވެ. އަނެއްކާވެސް ސާނިޔާ މާލެއައެވެ. މިފަހަރު އެކަންޏެވެ. އެއީ ސާނިޔާ ބޭނުންވާ ގޮތެވެ. މާލޭގައި ފައި ޖެހުމާއެކު ސިކުނޑިއަށް ހަމަޖެހުން ލިބުނެވެ. ހިތަށް އުފާވެރިކަން ވެރިވިއެވެ.

މީހުން ބުނެއެވެ. މާލެއަކީ އުޅެން އެނގިއްޖެ މީހަކަށް ރަނުގެ ތަނެކެވެ. ނަމަވެސް އުޅެން ނޭނގުނު މީހަކު ހަލާކުގެ ތެރެއަށް ގެނބިގެންދާ ކަހަލަ ތަނެއް ވެސް މެއެވެ. އިރުއެރީއްސުރެ މީހުން ހޭބޯނާރައި މަސައްކަތް ކުރާ ހަލަބޮލި ރަށެކެވެ. ސާނިޔާ މިހުރިހާ ކަމެއް ވެސް ދަނެއެވެ. ދެކެފަރިތަވެ ތަޖުރިބާ ކުރެވިއްޖެއެވެ. މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާބޮޑު ބަދަލެއް އައި ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

ސާނިޔާ މިފަހަރު ވެސް މަޑުކުރީ މަންނާނުމެން ގޭގައެވެ. އެއީ ހާރޫނު ކުރި ހަމަ އެކަނި ޝަރުތެވެ. ނަމަވެސް ސާނިޔާ އެ ގޮތް ބޭނުމެއް ނުވެއެވެ. ހިތަށް އެރިއެވެ. މިގޭގައި އުޅޭނީ ގޮތެއް ފެންނަން ދެނެވެ. ކިރިޔާ ގޮތެއް ފެނުނު ނަމަވެސް އެހެން ތަނަކަށް ބަދަލު ވާނީއެވެ. ނަމަވެސް ސާނިޔާ ދަންނަ މާގިނަ މީހުންނެއް މާލޭގައި ނޫޅޭނެއެވެ. އެހެން ވިޔަސް ގޮތެއް ހުހެއް ނުވާނެއޭ ހިތް ބުންޏެވެ.

"ސާނިޔާ ތިކުރީ ވަރަށް ރަނގަޅު ކަމެއް. ތައުލީމު ވާނެ ފުރިހަމަ ކުރަން. މިހާރު މިޒަމާނުގައި ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް." ސާނިޔާއާ ވާހަކަ ދެއްކީ ނާހިދާއެވެ. ހަގީގަތުގައި ނާހިދާ ހުރީ ސާނިޔާ އެނބުރި އައުމުން ހިތްހަމަޖެހިފައެވެ. އެއީ ހާރޫނުމެން ފޮނުވާނެ ހަދިޔާ ފޮށިގަނޑުތައް ގިނަވާނެތީއެވެ. އެކަން ސާނިޔާއަށް ވެސް އެނގެއެވެ.

"ދައްތަ ހީކުރީ ވަރަށް ބޮޑު ކަމަކާ ހިތްހަމަނުޖެހިގެން ކަމަށް އޭރު ފުރައިގެން ދިޔައީ. އެކަމަކު މިހާރު އެނގިއްޖެ މާ ބޮޑު ކަމެއް ނުވޭކަން. އެއީ ސާނިޔާ އެނބުރި އައީމަ."

ސާނިޔާ މާލެ އައިތާ ހަފުތާއެއް ވެއްޖެއެވެ. ސިޔާމެއް ނުދެކެއެވެ. އަދި ސާދާއެއް ވެސް ނުފެނެއެވެ. ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެ ސުވާލު ކުރާނީ ކާކާ ހެއްޔެވެ؟

އެއް ދުވަހެއްގެ ހެނދުނެވެ. މަންނާނާއި ނާހިދާ ތިބީ ހެނދުނު ސައި ބޯށެވެ. ސާނިޔާ އައިސް ވަން ވަގުތު މަންނާނު ވާހަކަ ދެއްކިއެވެ.

"އެކުދިންނަށް މަދު ނުވާ ވަރަށް މަސް ފޮނުވިންތަ؟" ރޮށި ތަށި މޮޑެމުން މަންނާނު އެހިއެވެ.

"އާނ. ކުރީ ފަހަރު ފޮނުވި މަސްތައް ވަރަށް ހަރު ކަމަށް ބުނީ. އެހެންވެ މި ފަހަރު ފޮނުވީ ތަންކޮޅެއް މަދުން،" ނާހިދާ ބުންޏެވެ.

"އަދި ވަރަށް ދުވަސް އެބަ އޮތް ދޯ؟" އަނެއްކާ ވެސް މަންނާނު އެހިއެވެ.

"ކޮން ކަމަކަށް؟" ނާހިދާ ވެސް މި ފަހަރު ކުރީ ސުވާލެކެވެ.

"އެކުދިން އެނބުރި އަންނަން."

"ނޫނޭ. ދެން މިވީހާ ދުވަހެއް ނުވާނެތާ. އެންމެ ތިން މަސް. ކެތްކޮށްލާ." ނާހިދާ ހިނިގަނޑެއް ޖަހާލިއެވެ.

މޭޒުގެ އެއް ފަރާތުގައި އިން ސާނިޔާއަށް މިވީ ގޮތެއް ސާފެއް ނުވިއެވެ. ސުވާލު ކުރުމަށް އަނގަ ހުޅުވާލިއެވެ.

"އަދި ސާނިޔާއަކަށް ނޭނގޭ ދޯ؟ ސިޔާމް އާއި ސާދާ ވީ ބޭރަށް ކިޔަވަން ގޮސް. މިހާރު އަހަރެއް މިވީ. ދެ މީހުން ކައިވެނި ވެސް ކޮށްގެން ދިޔައީ." ނާހިދާ އެހެން ބުނީ އުފަލުން އިނދެއެވެ. އެކަން ފާޅުވާން ހުރީ ހުރިހާ ދަތެއް އެއްފަހަރާ ފެންނަ ވަރަށް ހީލީމައެވެ.

އެންމެ ފަހުން އެބުނި ޖުމްލަ އަޑު އިވުމުން ސާނިޔާ ގާތަށް ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އައެވެ. ބޭނުންވީ ތަނުން ނުކުމެގެން ދާށެވެ. ނަމަވެސް ބަނޑުހައި ވެފައިވާލެއް ބޮޑުކަމުން ސައި ނުބޮއެ ދާކަށް ނުކެރުނެވެ. ސާނިޔާގެ އަރުން ރޮށިކޮޅެއް ދިރުނީ ހަށިގަނޑުގައިވާ ހުރިހާ ހަކަތައެއް ބޭނުން ކޮށްގެންނެވެ.

އިވުނު އަޑުތަކުން ސިޔާމް ގެއްލުނީ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ކިރިޔާ ވެސް އޮތް އުންމީދު ނާކާމިޔާބު ވީހެން ހީވާން ފެށިއެވެ. ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑި ގެއްލެމުން ދާތަން ބަލަން ހުރުމަކީ ސާނިޔާގެ މިޒާޖެއް ނޫނެވެ. ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލީ އާ އުންމީދަކާ އެކުގައެވެ. ހަގީގަތުގައި ސާނިޔާ މާލެ އައީ ކިޔަވާކަށް ނޫނެވެ. މާލެއައި އެންމެ ބޮޑު ބޭނުމަކީ މުއްސަނދި މީހަކާ ކައިވެނިކޮށްގެން އަރާމު ދިރިއުޅުމެއް ހޯދުމެވެ. ކިޔެވުން އެއީ ބަހަނާއެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ސާނިޔާ ބޭނުންވީ މާލެ އައި މަގުސަދު ހާސިލް ކުރާށެވެ.

ކިޔަވަން ނުދާތީ މަންނާނު އަދި ނާހިދާ ވެސް ސުވާލު ކުރަން ފެށިއެވެ. ސާނިޔާގެ ބޮލަށް އުނދަގޫވާން ފެށިއެވެ. މާގިނައިން އެއް އަޑެއް އިވޭ ނަމަ ވާނީ ވެސް އެހެންނެވެ. ސާނިޔާ ވަރަށް ވިސްނިއެވެ. މަންނާނުމެން ގެ ނޫން ކޮންމެ ވެސް އެހެން ތަނެއް ހޯދުމަށް ބޭނުންވިއެވެ. ނަމަވެސް ކޮންތަނެއް ހެއްޔެވެ؟ ބުނާނީ ވެސް ކާކު ކައިރީ ހެއްޔެވެ؟ ކުއްލިއަކަށް ހަނދާންވީ އެކުގައި ކޯހުގައި އުޅުނު ހަސްނާއެވެ. ހަސްނާއަކީ މާލޭ ކުއްޖެކެވެ. އުޅޭ އެޑްރެސް ވެސް އެނގެއެވެ. އެއީ އެކުގައި ހިނގާފައި ކުލާސްތަކަށް ދިޔުމުންނެވެ. ނަމަވެސް ހަސްނާ އެގޭގައި އުޅޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ. އޭރު ވެސް ހަސްނާ ބޭނުންވީ މާލޭގައި ކިޔަވައި ނިމިގެން ބޭރަށް ކިޔަވަން ދިޔުމެވެ. އެއީ އޭނާގެ މައިންބަފައިންގެ އެދުމެއް ކަމުގައި ވާތީއެވެ.

ދެ ހިޔާލުގައި ހުރެ ގެއިން ނުކުތެވެ. ހަސްނާ އުޅޭ ގެއަށް ދިޔައީ ޝައްކެއްގެ މަތީގައި ހުރެގެންނެވެ. މަގެއްގެ އެއް ފަރާތުން މަޑު ހިނގުމެއްގައި ދިޔައެވެ. ކުއްލިއަކަށް ސާނިޔާގެ ހިނގުން ހުއްޓުނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް