Majlis 2024

ރައީސް ސޯލިހު މިއަދު ވިލިނގިލީގައި ވާހަކަފުޅު ދައްކަވަނީ: ވިލިނގިލިން ކާމިޔާބީގެ އިހުސާސް ކުރެވިއްޖެ ކަމަށް ވިދާޅުވި. (ފޮޓޯ/ކެމްޕެއިން ޓީމް)

ރައީސް، ނަޝީދަށް: 'މިއީ އެކެއްގެ ޕާޓީއެއް ނޫން؛ ތިއުޅުއްވަނީ ހަނދާން ނެތިގެން'

ޕާޓީއަށް ގުރުބާންވީ މީހުންގެ އަގުވަޒަން ނުކޮށް، ހިތުހުރި އެއްޗެއް ގޮވުމަކީ ޕާޓީއަށް ގެއްލުން ހުރި ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި
22 ޖެނުއަރީ 2023

ގއ. ވިލިނގިލި - އެމްޑީޕީއަކީ އެންމެ މީހެއްގެ މަސައްކަތުން އުފެއްދި ޕާޓީއެއް ނޫން ކަމަށާއި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީ ވެފައި ވަނީ އެތައް ބައެއްގެ ގުރުބާނީން ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ވާދަވެރިޔާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ވިލިނގިލީގައި ހުންނަ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދަށް އަމާޒުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރީ "ބޯގަންވިލާ އިބްރާހިމް އިސްމާއިލް" ކަމަށާއި ދެން ސޮއިކުރެއްވީ އެ މަނިކުފާނު ކަމަށެވެ. އެހެން މީހުން ސޮއިކުރީ އޭގެ ފަހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީއަކީ އެތައް ބައެއްގެ ގުރުބާނީ އާއި މަސައްކަތް ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންތިހާބެއްގައި ތާއީދު ހޯދުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ފަރާތްތަކަށް ބަދުބަސް ބުނުމަކީ ޕާޓީއަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. އެގޮތުން، ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ، "ޕާޓީއާ ދުރުގައި އުޅެން ޖެހުމުން އެހެން ބޭފުޅުންގެ މަސައްކަތާއި ގުރުބާނީ އެ ބޭފުޅަކު ހަނދާން ނެތުނީ ކަމަށް ވެދާނެ" ކަމަށެވެ.

ރައީސް ސޯލިހު މިއަދު ވިލިނގިލީ ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)

އެއަށް ފަހު، ރައީސްގެ ވާހަކަފުޅުގައި ވަނީ އެ މަނިކުފާނާ އެކު ތިއްބެވި ވަރަށް ގިނަ ބޭފުޅުންނަކީ އެމްޑީޕީ އުފެއްދުމުގައި ބުރަ މަސައްކަތްކޮށް، ގުރުބާންވީ ބޭފުޅުންކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން، ރައީސް ފާހަގަކުރެއްވި ބައެއް ނަންތަކަކީ:

  • އެމްޑީޕީ ކޮލަމާފުށީ ދާއިރާގެ ރައީސް މުހައްމަދު ރައޫފަކީ ޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް؛ އެ ބޭފުޅާގެ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭ

  • އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގިނަ މަސައްކަތްތަކެއް ކުރެއްވި؛ އެމްޑީޕީން މާލޭގައި ފުރަތަމަ ހުޅުވި ދުންފިނި ޖަގަހައިގައި ތަގުރީރުތައް ދެއްވައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި 

"މިއީ ވަކި ބޭފުޅެއްގެ ޕާޓީއެއް ނޫން. އެތައް ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއް މިއީ. ވަކި މީހެއްގެ، ވަކި މަގުސަދެއް ހާސިލްކުރަން މި ޕާޓީ އުފެއްދުމުގައި ގުރުބާންވީ މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ އެ ބޭފުޅުންނަކަށް ވެސް އަދި މި ޕާޓީއަކަށް ވެސް ރަނގަޅެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ކުރިއަށް ދާނީ މި ދެންނެވި އެންމެން [ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު] ބޭފުޅުން ގޮވައިގެން. ބާކީ ކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް."

'ވެރިކަމެއް އުފެއްދެން އޮތީ ގިނަ ބަޔަކު އެކުވެގެން'

މިއަދު ވެސް ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ސިޔާސީ މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވާ ކަމަށެވެ. އަދި ވެރިކަމެއް އުފެއްދެން އޮތް ގޮތަކީ އެންމެން ގުޅިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ އެންމެންނަށް ސާފުވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ ކެންޑިޑޭޓަކު ދެއްކިދާނެ ކަމަށާއި ނަމަވެސް އެއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ބޭފުޅަކަށް ވާން ވާނެ ކަމަށެވެ.

"އެންމެން ގުޅިގެން ސަރުކާރެއް އެކުލަވާލީމާ ހުރޭ ދަތި އުނދަގޫ ކަންކަން. އެހެން ނަމަވެސް، ޑިމޮކްރަސީއެއްގައި މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރުން އެއީ ވިސްނުމެއް. އެއްވެސް މީހަކު ބާކީއެއް ނުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ވިލިނގިއްޔަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)
ރައީސް ސޯލިހު މިއަދު ވިލިނގިއްޔަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)

ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވެރިކަން ކުރައްވަނީ ވަކި ފިކުރަކަށް ނުބައްލަވައި ހުރިހާ ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯއްދަވައި ދެއްވުމަށެވެ.

'ވިލިނގިލިން އިހުސާސްވީ ކާމިޔާބު ވެއްޖެކަން'

ވިލިނގިއްޔަށް ރައީސް ސޯލިހު ވަޑައިގަތް އިރު ވަރަށް ދިގު ސަފެއްގެ މީހުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ނިކުމެ އޮތެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ވިލިނގިލިން ފެނުނު މަންޒަރުތަކުން ޕްރައިމަރީ ކާމިޔާބު ވެއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެ ކަމަށެވެ.

"މިކަން ނިމިއްޖެ ކަމުގެ އިހުސާސް އަޅުގަނޑަށް މި ރަށުން އެބަކުރެވޭ. ތަފާތު ބޮޑުކޮށް އަޅުގަނޑު މި ޕްރައިމަރީ ނަގާނަން،" ރައީސް ވިދާޅުވި އެވެ.

ވިލިނގިލީގައި އޮތް އެމްޑީޕީގެ ސަޕޯޓް އެތައް ތަނަކުން ބޮޑުވެއްޖެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެކަމުން އެނގިގެން ދަނީ މި ސަރުކާރުން ގެންނަ ތަރައްގީ ރައްޔިތުން ބަލައިގެންފައިވާ ކަމެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ޕްރައިމަރީ ހާސިލްކުރެއްވުނަސް އަދި އެ ހިސާބުން އެ ނިމުނީއެއް ނޫނެވެ. އެއީ، ރައީސް ސިފަކުރެއްވި ގޮތުގައި، އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ދަތުރުގެ ފެށުމެވެ.

'ކޫއްޑޫ-ވިލިނގިލި ބްރިޖްގެ ހަގީގަތަކަށް ވާނެ'

މި ރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ކޫއްޑޫ-ވިލިނގިލީ ބްރިޖްގެ ސާވޭކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެ މަނިކުފާނު ފައްޓަވާނެ ކަމަށެވެ. މީގެ އިތުރަށް، ވިލިނގިލީ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރުމަށް އިސްކަމެއް ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ވިލިނގިލީ ބަނދަރު ރައްޔިތުން އެދޭ ގޮތަށް ތަރައްގީކުރުމުގެ މަޝްރޫއު ވަނީ ފަށާފަ އެވެ. އަދި ކޮލަމާފުށީ ބަނދަރުގެ މަސައްކަތް ފެށުމުން ރައްޔިތުންގެ ކިބައިން ކުރިމަތިވި ފާޑުކިޔުންތަކަށް ބަލައި އެ މަޝްރޫއު ވެސް ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް