Majlis 2024

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމު)

އެމްޑީޕީއަކީ ވަކި ބަޔަކަށް ހާއްސަ ކްލަބަކަށް ހަދާކަށް ބޭނުމެއް ނޫން: ޝައުނާ

ޝައުނާ ވިދާޅުވީ އެމްޑީޕީއަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ، ހުޅުވިފައިވާ ސިޔާސީ ވިސްނުމުގެ ޕާޓީއެއް ކަމަށް
26 ޖެނުއަރީ 2023

އެމްޑީޕީ އަކީ ވަކި ބަޔަކަށް އެކަނި ބައިވެރިވެވޭ ފަދަ 'އެކްސްކްލޫސިވް ކްލަބް'އަކަށް ހަދަން ބޭނުން ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ނިންމާލެއްވުމަށް މިއަދު ހަވީރު އައްޑުއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ހިތަދޫގައި ބޭއްވެވި ޖަލްސާގައި ޝައުނާ ވިދާޅުވީ އެމްޑީޕީއަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ، ހުޅުވިފައިވާ ސިޔާސީ ވިސްނުމުގެ ޕާޓީއެއް ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ބޭނުމެއް ނޫން އެމްޑީޕީ އަކީ އެކްސްކްލޫސިވް ކްލަބަކަށް ހަދާކަށް،" ރައީސް ސޯލިހުގެ ވާދަވެރިޔާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންނަށް އިޝާރާތްކުރައްވައި އައްޑޫ ބަހުރުވައިން ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު މިރޭ އައްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމު)

އެމްޑީޕީއާ ދޭތެރޭ ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ވާނީ، އައްޑުއަށް ނިސްބަތްވެވަޑައިގަންނަވާ ޝައުނާ ވިދާޅުވި ގޮތުގައި، ރައީސް ސޯލިހަށް ވޯޓު ދީގެންނެވެ. އެގޮތުން، ރައީސް ސޯލިހަށް ވޯޓު ލާންވީ ސަބަބުތަކުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ:

  • ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ އެންމެން ގޮވައިގެން މަސައްކަތް ކުރަން ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ

  • ކޮވިޑުގެ ހާލަތު މެނޭޖުކުރެއްވީ ރައީސްގެ ކުޅަދާނަ ލީޑާޝިޕްގެ ދަށުން

  • އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވި ދަތިތައް ހައްލުކުރަން ރައީސް ސޯލިހު ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި

  • ފެނާއި ނަރުދަމާ ފަދަ އަސާސީ ހައްގުތައް ރައީސް ވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައި

"އަޅުގަނޑުމެންނަކީ ޖަޒުބާތުގައި ވޯޓުލާ ބައެއް ނޫން،" އެމްޑީޕީގެ މެމްބަރުންނަކީ ހުރިހާ ކަމަކަށް ވެސް ވިސްނުމަށް ފަހު ގޮތް ނިންމާ ބައެއްކަން ފާހަގަކުރައްވަމުން، އައްޑޫ ބަހުރުވައިން ދެއްވި ތަގުރީރުގައި، ނަޝީދުގެ އަރިސް ބޭފުޅުންނާ އެކު ކުރިން ގާތް ގުޅުމެއް ބޭއްވެވި ޝައުނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު މިރޭ އައްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމު)

އެމްޑީޕީން ދެކޭ 'ޖަޒީރާ ރާއްޖެ'އަކަށް ޖަހާފައިވާ މިސްރާބާ ދިމާލަށް ކުރިއަށް ދެވޭނީ، ޝައުނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމެއްގަ އެވެ. އެމްޑީޕީގެ ވެރިކަމެއް ދިފާއުކުރެވޭނީ ރައީސް ސޯލިހަށް ވޯޓުލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަކީ ޖަޒުބާތުގައި ވޯޓުލާ ބައެއް ނޫން.

އައިމިނަތު ޝައުނާ / އެންވަޔަރަމެންޓް މިނިސްޓަރު

އެނގުން މުހިއްމު - ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން އެއް ދުވަހަށް ވެފައި ވާއިރު، ކެމްޕޭނުގެ ފޯރި ގަދަވެ، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ވަނީ މިރޭ ކެމްޕޭނު ނިންމާލުމަށް ބޮޑު ޖަލްސާއެއް ބާއްވަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް