މާލޭގައި ހުންނަ ހިރިޔާ ސްކޫލު ކުރިމަތިން މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ: މާލޭގެ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައިދޭނެ އުސޫލުތައް އެޑިއުކޭޝަނުން ވަނީ އާންމުކޮށްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތައުލީމު

މާލޭގައި ގްރޭޑު 1-8ގެ ދަރިވަރުން 2 ދުވަހު ސްކޫލަށް ދާ ގޮތަށް ހަދައިފި

އާންމުކޮށް ހުރިހާ ގްރޭޑެއްގެ ކުދިންގެ ސްކޫލު ދަންފަޅި ކުރުކުރަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައި
14 ޖެނުއަރީ 2022

ދެ ވަނަ ޓާމްގެ ޗުއްޓީއަށް ފަހު އަންނަ އާދިއްތަ ދުވަހު ރާއްޖޭގެ ސްކޫލުތައް އަލުން ހުޅުވަން ތައްޔާރުވަމުން އަންނައިރު ކޮވިޑް-19 އަނެއްކާ ވެސް މުޅި ރާއްޖޭގައި ބާރަށް ފެތުރެމުން ދާތީ، މާލޭގެ ސްކޫލުތަކުގައި ކިޔަވާ ގްރޭޑް އެކަކުން އަށަކާ ދެމެދު ކުދިން ފުރަތަމަ ހަފްތާގައި އެންމެ ދެ ދުވަހު ސްކޫލަށް ދާ ގޮތަށް އަދި އާންމުކޮށް ހުރިހާ ގްރޭޑެއްގެ ކުދިންގެ ސްކޫލު ދަންފަޅި ވެސް ކުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން މާލޭގެ ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.

ވީ ކިހިނެއް؟ - އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ފުރަތަމަ ހަފްތާގައި މާލޭގެ ސްކޫލުތަކުގައި  ކިޔަވައިދިނުމުގައި އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ގައިދުރުކަން ދެމެހެއްޓުން

  • ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުން

  • ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުން

  • ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން

  • ގްރޭޑް އެކަކުން އަށެއްގެ ދަރިވަރުން މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ހެދުން

  • މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުން

  • އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކުރުން

"ވަކި ސްކޫލުތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ސްކޫލްތަކުން ބެލެނިވެރިންނާ ހިއްސާކުރައްވާނެ ކަމުގައި ވެސް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުމުން މިދިޔަ އޮގަސްޓް މަހު ފެށުނު ދުވަހު، މާލޭގައި ހުންނަ ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކު ސްކޫލަށް ހާޒިރުވުމުން ހަށިގަނޑުގެ ފިނިހޫނުމިން ބަލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ފުރަތަމަ ހަފްތާއަށް ފަހު މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭނެ ގޮތެއް އެޑިއުކޭޝަން މިނިސްޓްރީއަކުން ނުބުނެ އެވެ. އެޗްޕީއޭ އިން ލަފާކޮށްފައިވާ ގޮތުގައި، ކޮވިޑުގެ ކޭސްތައް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅާ ޖެހެންދެން ދުވަހެއް ދުވަހަކަށް މަތިވަމުން ދާނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް، މިދިޔަ އަހަރު ވަނީ ގިނަ އަދަދެއްގެ ދަރިވަރުންނަށް ވެކްސިން ދީފަ އެވެ. އެގޮތުން، މި މަހުގެ 6އާ ހަމައަށް:

  • 32،358 ދަރިވަރުން، ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި

  • 11،225 ދަރިވަރުން، މާލޭގެ ސްކޫލުތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި

  • 21،133 ދަރިވަރުން ރަށްރަށުން ވެކްސިން ފުރިހަމަކުރި

  • މިއީ ދަރިވަރުންގެ އާބާދީގެ %90

  • 218 ސްކޫލެއްގެ ދަރިވަރުން ވެކްސިން ޖެހި

ފަސްމަންޒަރު - ކުރިއާ ހިލާފަށް، މާލެއާ އެކު ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައި ވެސް ކޮވިޑްގެ ހާލަތު މި ފަހަރު ދަނީ ގޯސްވަމުންނެވެ. ހަލުއިކަމާ އެކު ފެތުރޭ ކޮވިޑުގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޮން، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެތުރިދާނެކަމުގެ އިންޒާރު އެޗްޕީއޭ އިން ވެސް ވަނީ ދީފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް