2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، 21 މާޗު 2022 (ފޮޓޯ/މަޖިލިސް)

އިމްރާނާ ދެކޮޅަށް ނަޝީދުގެ މެމްބަރުންނާއި އިދިކޮޅު އެއް ގަލަކަށް

މެމްބަރުން ވިދާޅުވީ ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބި ކަމަށް އޭޖީ ދެއްކެވި ވާހަކަ ގަބޫލުކުރައްވާ ކަމަށާއި އިމްރާންގެ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށް

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި ރާވައިގެން ގަސްތުގައި ގޯސްހަދާ ފުލުހުން ތިބި ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ދެއްކެވި ވާހަކަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގުކުރެއްވުމާ ގުޅިގެން، އިތުރުފުޅު ހެއްދެވި ބޭފުޅަކަށް ފިޔަވަޅު އަޅަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ، އެމްޑީޕީގެ 13 މެމްބަރުންގެ ވޯޓާއެކު މަޖިލީހަށް ބަލައިގެންފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ފެބުރުއަރީ މަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ރިފްއަތު ވަނީ ކޯޓުތަކުގައި މައްސަލަތައް ސާބިތުނުވާ ސަބަބުތަކުގެ ތެރޭގައި، ނިޒާމު ރަނގަޅަށް އެނގި ތިބެ، ނިޒާމުގައި ހުރި ބާގަނޑުތައް ބޭނުންކޮށްގެން ގަސްތުގައި ގޯސްހަދާ މީހުން ދައުލަތުގެ އެކި އިދާރާތަކުގައި ތިބުން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މިދިޔަ ހަފްތާގައި އޮތް މަޖިލީހުގެ ޖަލްސާއަކަށް ލިޔުމުން ފޮނުވި ޖަވާބެއްގައި އިމްރާން ވިދާޅުވީ ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބި ކަމަށް ނުބުނެވޭނެ ކަމަށެވެ. އިމްރާން ވަނީ މަޖިލީހުގެ ތަޅުމުގައި ވެސް އެ ވާހަކަތައް ތަކުރާރުކުރައްވައިފަ އެވެ. އަދި އެފަދަ ވާހަކައެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވާކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑަށް ޔަގީން އޭޖީ މިވަރުގެ ވާހަކައެއް ވިދާޅެއް ނުވާނެ މީގައި ހަގީގަތެއް ނެތިއްޔާ.

އީވާ އަބްދުﷲ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

އިތުރަށް ކިޔާލަން -

ވީ ކިހިނެއް؟ - އެ މައްސަލައިގައި ބަންޑާރަނައިބާއި ހޯމް މިނިސްޓަރުގެ ވާހަކަތައް ތަފާތުވުމުން، ކޮންމެސް އެއް ބޭފުޅަކު އިތުރުފުޅުހައްދަވާ ކަމަށް ވިދާޅުވެ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ޝަރީފް މައްސަލަ ހުށަހެޅުއްވި އެވެ. ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ،  ރިފްއަތު ނުވަތަ އިމްރާން ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވާ އިރު ވަޒީރުން ވާހަކަދައްކަވަން ޖެހޭނީ ތެދުބަހުން ކަމަށެވެ.

މިއީ އެލާޓަށް މުޅި ސަރުކާރާ ދައުލަތް އަންނަން ޖެހޭނެ ޒާތުގެ މައްސަލައެއް.

އިމްތިޔާޒް ފަހުމީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު

އެހެންކަމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންނެވި ވަޒީރަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޝަރީފް ގޮވައިލެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލް - އެ މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވަޑައިގެންނެވި 31 މެމްބަރުންގެ ތެރެއިން 18 މެމްބަރުންގެ ވޯޓުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 13 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. މައްސަލައަށް ބަހުސްކުރުމާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

އިސްލާހު ބަލައިގަތުމާ ދެކޮޅަށް ވޯޓުދިން އެމްޑީޕީގެ މެމްބަރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުންނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރުންނެވެ.

މައްސަލަ ބަލައިގަންނަން ވޯޓުދެއްވި އެމްޑީޕީގެ މެމްބަރުން:

  • މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް 

  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ 

  • ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް 

  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ 

  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

  • ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް

  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

  • އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު

  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް

  • ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް

  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

  • މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން

ބުނީ ކީކޭ؟ - މައްސަލަ ހުށަހަޅުއްވައިދެއްވަމުން ޝަރީފް ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، ރައީސްގެ "ގަޓު ހުރި ކަމަށްވާނަމަ" ގާނޫނުއަސާސީގެ ރޫހުގައި، މަޖިލީހުގައި ދޮގުހެއްދެވި ވަޒީރަކު ކެބިނެޓުގައި ނުބަހައްޓަވާނެ ކަމަށެވެ.

"އެ ހާލަތަށް ދާއިރު ސަރުކާރަށް ލާޒިމުވާނީ ކޮންމެސް އެއް ވަޒީރަކު މަގާމުން ވަކިކުރުން. އިތުރުފުޅު ހައްދަވާ ބޭފުޅަކު ކަށަވަރުނުވާކަމަށް ވާނަމަ ދެ ބޭފުޅުން ވެސް ޖެހޭނީ ވަކި ކުރަން،" ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅުން ހުށަހެޅި އެ މައްސަލައަށް އެންމެ ތަފްސީލުކޮށް ބަހުސްކުރެއްވީ އެމްޑީޕީގެ މެމްބަރުންނެވެ. 

ހޯމް މިނިސްޓަރަކަށް އަޅުގަނޑުގެ އިތުބާރެއް ނޯވޭ. އަޅުގަނޑަކަށް ހޯމް މިނިސްޓްރީގައި ދާ ކަންކަން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭ.

މޫސާ ސިރާޖު، ފޮނަދޫ ދާއިރާގެ މެމްބަރު

'ގޯސް ހަދާ މީހުން ނެތޭ ބުނެވޭނީ ކިހިނެއް؟'

މައްސަލައިގެ ބަހުސް ފައްޓަވަމުން އީވާ ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށް އޭނާ ވޯޓު ދެއްވީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ވެސް އެ މައްސަލަ ނުބަލާނަމޭ ބުނެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާތީ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ގުޅިފައިވާ ކަމެއް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ޑްރަގް ޓްރެފިކިން އާއި އިންސާނީ ވަގުފާރި ފަދަ ބޮޑެތި ޖަރީމާތަކުގައި، ކޯޓުތަކާއި ތަހުގީގީ އިދާރާތަކުން ގަސްތުގައި ގޯސް ހެދުމަކީ މުޅި ދުނިޔޭގައި ވެސް އެކަން ހިނގާ އުސޫލު ކަމަށާއި އެކަން ދޮގު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ނުވިސްނެނީ ރާއްޖޭގެ ހޯމް މިނިސްޓަރަކަށް ކިހިނެއްތޯ އޭ ކުއްލިއަކަށް ރާއްޖޭގެ ފުލުސް އޮފީހުގައި ގަސްތުގައި ގޯސްހަދާ މީހުން ނޫޅެޔޭ ބުނެވޭނީ؟ އެއް ކަމަކަށް ބައްލަވާފަތޯ އޭ ވިދާޅުވީ؟ ދެވަނަ ކަމަކަށް ނުބަލާ ކުއްލިއަކަށް އެހެނެއް ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރާއްޖޭގައި ހައްދުފަހަނައެޅި މީހުން އުޅޭކަމަށް މީގެ ފަސް ވަރަކަށް އަހަރު ކުރިން ނަޝީދު ވިދާޅުވުމުން، އެއީ ރާއްޖެ ބަދުނާމުކުރުން ކަމަށް އޭރުގެ ހޯމް މިނިސްޓަރު ވެސް ވިދާޅުވި ކަމަށެވެ. މިއަދު ވެސް ފެނިގެން މި ދަނީ ހަމަ އެ މަންޒަރު ކަމަށާއި، ކަމެއް ރަނގަޅުކުރަން ބުނުމުން އެއީ ސަރުކާރު ބަދުނާމުކުރުން ކަމަށް ބަލާނަމަ އެއްވެސް ކަމެއް ރަނގަޅު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ؛ (ފޮޓޯ/މަޖިލިސް)

"ރައްޔިތުންގެ އިތުބާރު ނެގެހެއްޓޭނީ ގޯހެއް އޮތިއްޔާ ރަނގަޅު ކުރާނަމޭ ކިޔާފައި އެއަށް މަސައްކަތް ކޮށްގެން. ކުއްލިއަކަށް އުހުން، މި ސަރުކާރުގައި ގޯހެއް ނުހިނގާނޭ. މި ފުލުސް އޮފީހަކު ކަމެއް ނުހިނގާނޭ ބުންޏަކަސް މީހަކު ގަބޫލެއް ނުކުރާނެ،"

"އަޅުގަނޑަށް ޔަގީން އޭޖީ މިވަރުގެ ވާހަކައެއް ވިދާޅެއް ނުވާނެ މީގައި ހަގީގަތެއް ނެތިއްޔާ،" އީވާ ވިދާޅުވި އެވެ.

އެހެންކަމުން އެންމެ މޮޅު އިތުރު ގޮތަކީ މި މައްސަލަ ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވެ، މައްސަލަ ބައްލަވާފައި އޭގެ ނަތީޖާ ވިދާޅުވެދެއްވުން ކަމަށް އީވާ ވިދާޅުވި އެވެ.

މައްސަލައަށް ބަހުސްކުރައްވަމުން ހަލީމް އާއި ޝާފީގް ވިދާޅުވީ މައްސަލަ ބަލައިގަންނަން ވޯޓުދެއްވީ ޝަރީފް ލިޔުއްވާފައިވާ ހުރިހާ ވާހަކަތަކަކަށް ތާއީދުކުރައްވާތީ ނޫން ކަމަށެވެ. ޝަރީފް މި މައްސަލަ ހުށަހެޅުއްވީ ގޯސް ނިޔަތެއްގައި ކަމަށާއި، ނަމަވެސް މިއީ ބަލަންޖެހޭ މައްސަލައެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (ފޮޓޯ/މަޖިލިސް)
ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް މަޖިލީހުގެ ޖަލްސާއެއްގައި (ފޮޓޯ/މަޖިލިސް)

"ގޯސް ނިޔަތެއްގައި ނަމަވެސް ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވައިފި ނަމަ އެކަން ބަލާނެކަން އެނގިގެން މި ދިޔައީ. މިއީ ސީރިއަސް މައްސަލައެއް،" ހަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިއަށް މިދަނީ ސަރުކާރަށް ވާގިވެރިވާން ޖެހޭ ހާލަތްތަކުގައި ވާގިވެރިވަމުން. ފާރަވެރިވާން ޖެހޭ ހާލަތުގައި ފާރަވެރިވަމުން،" ޝަފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މަސައްކަތް ފާޑުކިޔާނަމަ އެއީ ހުރިހާ ފުލުހުންނަށް ފާޑުކިޔުން ކަމަށާއި، މުޅި މުއައްސަސާގެ އަގު ވައްޓާލުން ކަމަށް އިމްރާނަށް އަބަދުވެސް ހީފުޅުވާ ކަމަށެވެ. ނަމަވެސް ކަން އޮތް ގޮތުގެ ހަގީގަތާ ކުރިމަތިނުލައި އެކަމެއް އިސްލާހު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

'ގަބޫލުކުރަނީ އޭޖީގެ ވާހަކަ؛ އިމްރާނަކަށް ދުވަހަކުވެސް އިތުބާރެއް ނެތް'

ފޮނަދޫ މެމްބަރު ސިރާޖު ވިދާޅުވީ މައްސަލައަށް ތާއީދުކުރެއްވީ ތެދުބަހުން ވާހަކަދެއްކުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި އިމްތިޔާޒުގެ ގާނޫނުގައި ވެސް ލާޒިމުކަމަކަށް ވެފައި، ވަޒީރުން ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ ވަރަށް މުހިންމު މަސައްކަތަކަށް ވާތީ ކަމަށެވެ.

ސިރާޖު ވިދާޅުވީ ވަޒީރުން މަޖިލީހުގައި ދޮގު ހައްދަވާނަ،ަ ދައުލަތް ހިންގުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށާއި ކަމެއް ގޯސްވުމުން އެކަން ގޯސްވެއްޖެ ކަމަށް ގަބޫލުކޮށްގެން ނޫން ގޮތަކަށް އެކަން އިސްލާހު ނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު ކަމެއް ގޯސް ކަމަށް ވިދާޅުވުމުން ބޮޑަށް ގަބޫލުކުރެވޭނީ އެ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހުގެ ޖަލްސާއެއްގައި (ފޮޓޯ/މަޖިލިސް)

"އަޅުގަނޑު ކުރިން ވެސް މަޖިލީހުގައި ފާހަގަކުރި ފަދައިން ހޯމް މިނިސްޓަރަކަށް އަޅުގަނޑުގެ އިތުބާރެއް ނޯވޭ. އަޅުގަނޑަކަށް ހޯމް މިނިސްޓްރީގައި ދާ ކަންކަން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭ،" ސިރާޖު ވިދާޅުވި އެވެ.

އިމްރާނަށް ފާޑުވިދާޅުވެ މެމްބަރު އިމްތިޔާޒް ވިދާޅުވީ އޭޖީގެ ވާހަކަތަކަކީ ވަރަށް ސީރިއަސް ވާހަކަތަކެއް ނަމަވެސް، އިމްރާން އެކަން ސީރިއަސްކޮށް ނުނަންގަވާ ކަމަށެވެ. އަދި އިމްރާންގެ އަމަލުތަކުން، ބަންޑާރަނައިބު ވާހަކައެއް ދެއްކެވި ކަމަށް އޭނާއަށް އެނގިވަޑައިނުގަންނަވާ ހެން ވެސް ހީވާ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ ތެރޭގައި އެއް ވުޒާރާއާއި އަނެއް ވުޒާރާއާ ދެމެދު ގުޅުންވެސް ނެތްކަން މި ހާވަނީ މިކަހަލަ ބޮޑެތި މައްސަލަތަކާ ގުޅިގެން،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހާއްސަކޮށް މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތުނުކުރެވޭތީ އެކަމާ މެދު ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި ކޮންމެސް ހިސާބަކުން ތަހުގީގީ އިދާރާތަކާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދި ކޯޓުތައް ވެސް ގުޅިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"ނެޓްވޯކެއް އެޅިފައިވާ ކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބަ އޮތް. އެކަން އިތުރަށް ޔަގީން މި ކޮށްދެއްވީ ބަންޑާރަނައިބު،"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ؛ (ފޮޓޯ/މަޖިލިސް)

"އެހެންވީމަ މިއީ ސީރިއަސް މައްސަލައެއް. ބަލަން ޖެހޭނެ މައްސަލައެއް. އެލާޓަށް މުޅި ސަރުކާރާ ދައުލަތް އަންނަން ޖެހޭނެ ޒާތުގެ މައްސަލައެއް،" އިމްތިޔާޒް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވީ މި މައްސަލައަށް ތާއީދުކުރެއްވީ ވަރަށް މުހިންމު އަހުލާގީ، އުސޫލީ، ގާނޫނީ ހަމަތަކެއް ހިފަހައްޓަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ.

"ކަނޑައެޅުގެން މިތަނުގައި މީހަކު ދޮގު ހެދީމާ އެއީ ނުވާކަމެއް ކަމަށް ހަދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އެކަމަށް ރަތް ޖަހަން ވިޕު ނެރޭ ހިސާބަށް ދިޔައީމާ އެއީ ކަންބޮޑުވާ ކަމެއް،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީން ވައުދުވި ތަފާތު، ނަޒާހަތްތެރި، އަދި ޖަވާބުދާރީކުރަނިވި މަޖިލީހަކީ އެއީ ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ ކޮމިޓީއަށް ހުށަހަޅައިގެން ބަލައި ފިޔަވަޅު އަޅަން އޭނާ ތާއީދުކުރެއްވި އެވެ.

"އަޅުގަނޑުމެން ޖެހޭނެ ދައުލަތުގެ ބާރުތަކުގެ އިން ވަކިވެފައިވާ އޮތް އޮތުން ހިފަހައްޓަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

މަހުމާ ހުސައިންފުޅު

29 މާރިޗު 2022
2018 ވަނަ އަހަރު ތިޔަ ސަޢީދު ނިސްބަތްވާ ޕީޕީއެމް އިން ކޮލަމާފުށީގައި ހިނގި ސިޔާސީ ހަމަ ނުޖެހުމެއްގައި އެމްޑީޕީއަށް ނިސްބަތްވާ 18 މީހުން ހައްޔަރުކޮށް ދިން އަނިޔާ ކޮބާ؟ މި މީހުން އަނިޔާއޭ ކިޔައިގެން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ! ހަމަ ނުޖެހުންހިންގި ޕީޕީއެމް ކުދިން ހައްޔަރުވެސް ނުކުރޭ! އަދި ސުވާލެއްވެސް ނުކުރޭ! 27 ދުވަސް 6 ފޫޓް 8 ފޫޓް ގޮޅިއެއްގަ 3 މީހުން ނިދުމާއި ކެއުމާއި ފާޚާނާ ކުރުމާއި އަޅުކަން ކުރަން ޖެހުމަކީ ސަޢީދު ކަހަލަ މީހަކަށް 24 ގަޑިއިރު ކެތް ކުރެވޭނެ ކަމެއް ނޫން.. އަނިޔާވެރިން ތިބީ ޕީޕީއެމްގައިކަން ސައީދުއަށް ހަނދާން ކޮށްދެން
1 0

ފިނރުޓޭ

28 މާރިޗު 2022
މީގަ ސަރީފުމެން މި އުޅެނީ އިމްރާނުމެނާ މި ސަރުކާރާ ޖައްސައިގެން އިދިކޮޅަށް އިމްރާނުމެން އަރުވަން! މި މީހުންނަށް ޔަގީނާ ގާތަށް އެނގޭ މި ކޮއެލިސަން ސަރުކާރު ދައުރު ނިމެންދެން ދަމަހައްޓައިފި ނަމަ ދެން އޮންނަ ރިޔާސީ އިންތިޚާބެއްގަވެސް މި ވެރިން އެއްކޮށް ނުކުންނާނެ ކަން!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް