ބޯހިމެނުން

ލޯތްބާއި ނުރުހުން: މި ޒުވާނުންނަށް ގޭބިސީތަކުން ތަފާތު ތަޖުރިބާތަކެއް

ބައެއް ޒުވާނުން ސްކޫލް ނިންމާލައިފައި ފުރަތަމަ ވެސް ބައިވެރިވީ ބޯހިމެނުމުގެ މުހިންމު މަސައްކަތުގައި

މުހިންމު ނުކުތާތައް

ބައެއް ޒުވާނުން ބުނީ ކުރިއަށް ވުރެ ބޮޑަށް މިހާރު މީހުންނާ ވާހަކަ ދައްކަން އެނގޭ ކަމަށް

ދަރިންނަށް ދޭ ކަހަލަ އަޅާލުން ބައެއް ގޭގެއިން ލިބުނު

ކުރިމަގަށް ބޭނުން ހިފޭނެ އެތައް ކަމެއް ދަސްވި ކަމަށް ގަބޫލުކުރޭ

އާމިނަތު ލަޔާން އަހުމަދަށް ބައެއް ގޭގެއިން ކީ ހިތްހެޔޮކަމާއި ފުރިހަމަ މެހެމާންދާރީއެއްގެ މަރުހަބާއެކެވެ. އަނެއް ބައި ގޭގެއިން ކުރިމަތިވީ، ސަރުކާރުތަކުން ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދީގެން، އޭގެ ރުޅިވެރިކަމާއި ނަފްރަތެވެ. 

"ދިމާވި ވަރަށް ރޫޑް މީހެއް. އޭނާއަށް ބޯހިޔާވަހިކަމެއް، ފްލެޓެއް އެއްޗެއް ނުލިބުނީމަ، އަޅުގަނޑުމެންނަށް އެ ރުޅި ބޭލީ،" އޭގެ އެއް ތަޖުރިބާ ކިޔައިދެމުން ލަޔާން ބުންޏެވެ.

"އަސްލު ހަގީގަތުގައި އަޅުގަނޑުމެން ކުރާ ކަމެއް ނޫންދޯ އެއީ؟" 

ތެދެކެވެ. ލަޔާންއަކީ ބޯހިމެނުމުގެ މަސައްކަތުގައި ނުކުމެ އުޅުނު ޒުވާނެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި، ކޮންމެ ގޭބިސީއަކަށް ވަދެ މައުލޫމާތު އެއްކުރަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބޮޑު ހަރަކާތް ހިންގައިދިން އެތައް ސަތޭކަ އޮފިޝަަލުންގެ ތެރެއިން އެކެކެވެ. 

ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގައުމީ މި މުހިއްމު މަސައްކަތުގައި އުޅެމުން މާލެ ތެރެއިން އަހަރެމެންނާ ވާހަކަ ދެއްކި ގިނަ އޮފިޝަލުންނަކީ، ލަޔާންއެކޭ އެއްގޮތަށް، މި ވަގުތު އޯ ލެވެލް/އޭ ލެވެލް ނިންމާލައިގެން ތިބި ފުރާވަރު ކުދިންނާއި ވަރަށް ހަގު ޒުވާނުންނެވެ.

އެއިން ކޮންމެ މީހަކާ ވާހަކަ ދައްކާލުމުން ވެސް ކޮންމެވެސް ހާދިސާއެއް ނުވަތަ ތަފާތު ތަޖުރިބާއެއް ކިޔައިދެ އެވެ. ގޭބިސީތަކުން އެމީހުންނަށް ލިބުނު ލޯތްބާއި އޭގެ އަނެއްކޮޅުން ކުރިމަތިވި ނުރުހުމާއި ދަސްވި ފިލާވަޅުތަކުގެ ވާހަކަ އެވެ.

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނާއި އިގްތިސޯދީ މަސައްކަތާ ގުޅޭ ގޮތުން ތަފާސްހިސާބު އެއްކުރަން ހިންގާ ބޯހިމެނުމުގެ ބައިވެރިން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުރިމަގަށް ބޭނުންތެރި ތަޖުރިބާއެއް

އާމިނަތު އިބްރާހިމް (އަސްލު ނަމެއް ނޫން) އާއި އެހެން އޮފިޝަލަކު ބޯހިމެނުމުގެ މައުލޫމާތު ނަގަން ހެންވޭރުގެ ގެއަކަށް ވަނުމުން އެ ގޭގެ ދެމަފިރިން މެހެމާންދާރީ އަދާކުރީ އަމިއްލަ ދަރިން ފަދައިންނެވެ. އެހާ ވެސް އޯގާތެރި އެވެ. ގޭގެ ސުފުރާމަތިން ކާން ދައުވަތު ދިނެވެ. ކުރުނބާ ވެސް ދިނެވެ. 

އެކަމަކު މާފަންނުކޮޅުގެ ގެއަަކަށް ވަނުމުން އޭނާއަށް ކުރެވުނީ އެއާ ދިމާ އިދިކޮޅު ތަޖުރިބާއެކެވެ. ދޮރުގައި ޓަކި ޖަހައި، ކޮން ބައެއްކަން ބުނުމުން ނުވަދެވޭނެ ކަމަށް އަންގައި، ވަގުތުން ދޮރު ލެއްޕީ އެވެ. އެއްވެސް އެއްބާރުލުމެއް ދޭކަށް އެ ގޭގެ މީހުން ބޭނުމެއް ނުވި އެވެ. ވާހަކަ ދެއްކީ ވެސް ވަރަށް ރުންކުރު ގޮތަކަށް ކަމަށް، އާމިނަތު ބުންޏެވެ.

މީގެ ކުރިން އާންމުންގެ އެފަދަ  ނުރުހުމުގެ ތަޖުރިބާއެއް ކޮށްފައި ނެތް ބަޔަކަށް ވާތީ އެފަދަ ކޮންމެ ހާދިސާއަކުންނާއި ކޮންމެ ބައްދަލުވުމަކުން އެތައް ކަމެއް ދަސްވި ކަމަށް، ޒުވާން އޮފިޝަލުން ބުނެ އެވެ.

"ވަރަށް ތަފާތު މީހުންނާ ބަދަލުވެ، ވަރަށް ތަފާތު އެކްސްޕީރިއަންސެއް މިއީ. މީހުން ކުރިމަތީގައި އޯޕަންކޮށް ވާހަކަ ދައްކަން މިހާރު ވަރަށް ފަސޭހަ،" އައިޝަތު ރިޒްމާ ބުންޏެވެ.

ރިޒްމާއަށް ވެސް މިއީ މުޅިން އާ ތަޖުރިބާއެއް

ދާދި ފަހުން ސްކޫލް ނިންމާލި ފުރާއުމުރުގެ ބައެއް ކުދިން ބުނި ގޮތުގައި، މި ބްރޭކް ތެރޭގައި މިފަދަ ފުރުސަތެއް ލިބުމަކީ އުފަލެކެވެ. މާލީ ގޮތުން ވެސް އެއްޗެއް ލިބެ އެވެ. އަދި އިތުރަށް ތައުލީމު ހޯދުމުގަ އާއި ވަޒީފާގެ މާހައުލަށް ނުކުންނަ އިރު ބޭނުންހިފޭނެ މުހިއްމު ތަޖުރިބާތަކެއް ވެސް ކުރެވުނެވެ. 

"ވަރަށް އައި އޯޕެނިން އެކްސްޕީރިއެންސެއް. މިކަހަލަ އަމަލީ ތަޖުރިބާއެއް ލިބޭތީ ވަރަށް ޝުކުރުވެރިވަން. ވަރަށް ގިނަ ކަންކަން ދަސްވެއްޖެ މި މަސައްކަތުގެ ތެރެއިން،" އޯލެވެލް ނިންމާލުމަށް ފަހު ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވި އަހުމަދު އާލް، 17، ބުންޏެވެ.

އާލް، 17، 'ދައުރު'އަށް އިންޓަވިއު ދެނީ: އޭނާ ބުނާ ގޮތުން މިކަމުުގެ ތެރެއިން ގިނަ ކަންކަން ދަސްވި

މީހުންނާ ދިމާނުވުމުގެ ގޮންޖެހުން

ބޯހިމެނުމަކީ ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނާއި އިގްތިސޯދީ މަސައްކަތް ކުރާ ތަންތަނާއި ވަޒީފާ ފަދަ މުހިއްމު އެތައް ދާއިރާއަކުން މައުލޫމާތު އެއްކުރާ ބޮޑު ސާވޭއެކެވެ. އެއީ ގައުމުގެ ތަރައްގީއަށާއި ކުރިމަގަށް އިޖުތިމާއީ އަދި އިގްތިސޯދީ ސިޔާސަތުތައް އެކަށީގެންވާ ގޮތެއްގައި ކަނޑައަޅަން މުހިއްމު މައުލޫމާތުތަކެކެވެ. ސިއްހަތު، ތައުލީމު އަދި ބޯހިޔާވަހިކަން ފަދަ އަސާސީ ބޭނުންތައް ފުއްދައިދޭނެ ގޮތް ރާވައި ހިންގަން ވެސް އެ މައުލޫމާތުތައް ބޭނުންކުރެ އެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގައި ބޯހިމެނުން މި ބޭއްވީ އާބާދީ އާއި އިގްތިސޯދު ކުރިއަށް ވުރެ ވެސް ބޮޑަށް ދެނެގަތުމުގެ މަސައްކަތެއްގަ އެވެ. އެމްބީއެސްގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ އާއްމުން މިކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމެވެ. ބޯހިމަނަން ދާ ވަގުތު ގޭގައި ނޫޅޭ މީހުން ފޯނުން ވެސް މައުލޫމާތު ދިނުމެވެ. އެކަމަކު މީހުންނާ ދިމާނުވުމާއި ގުޅޭ ގޮތް ނުވުމުގެ ގޮންޖެހުން އޮފިޝަލުންނަށް ކުރިމަތިވި އެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ، [މާލޭގެ] ގެތައް ތަޅުލާފައި ހުރުން. ޓަކި ޖަހައިގެން ނުހުޅުވާ ބައެއް ތަންތަން. ގުޅައިގެން ވެސް މީހުންނާ ދިމާނުވުން،" ގޭބީސީތަކުން މައުލޫމާތު ނެގުމަށް ފަހު، ހަވީރު ވަގުތު ދަރުބާރުގެ ކައިރީ ރަހުމަތްތެރި އެހެން ބައެއް އޮފިޝަލުންނާ އެކު ހުރި މުހައްމަދު ޔައީޝް، 17، ބުންޏެވެ.

އެންމެ ފަހުން އޮތް 2014ގެ ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވެސް ހިމެނި އެވެ. ނަމަވެސް ބިދޭސީންގެ މައުލޫމާތު ނެގުމުގައި ކުރިމަތިވި ހުރަސްތަކާ އެކު، އެ އާބާދީގެ މަންޒަރު މުޅިއަކުން ސާފެއް ނުވެ އެވެ. މިފަހަރުގެ ބޯހިމެނުމުގައި ވެސް ދިމާވި އެއް ގޮންޖެހުމަކީ އެއީ އެވެ.

"އާންމުކޮށް ބިދޭސީ މީހުން އުޅޭ ތަންތަނަށް ވަންނަން އުނދަގޫތަކެއް ދިމާވޭ... ދާ އިރު، އެމީހުން އެތަނުގައި ނުތިބުމާ އެކަހަލަ ކަންކަން،" ރިޒްމާ ބުންޏެވެ.

އެކަމަކު އޮފިޝަލުން ބުނި ގޮތުގައި އެފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ގިނަ ގޭބިސީތަކުން ލިބުނީ ވަރަށް ބޮޑު އެއްބާރުލުމެކެވެ.

"މައުލޫމާތު ދޭ ހިތުން ގިނަ މީހުން މައުލޫމާތު ދެނީ،" ޔައީޝް ބުންޏެވެ.

ލަޔާން ބުނި ގޮތުގައި މި މަސައްކަތުގެ ތެރެއިން އޭނާއަށް "ވަރަށް، ވަރަށް ހިތްހެޔޮ" މީހުންނާ ދިމާވި އެވެ. ބައެއް މީހުން ތަނަކަށް ދާން ލަސްވެފައި ތިއްބަސް މައުލޫމާތު ދޭން ދޮޅުގަޑިއިރު ވެސް ހުސްކޮށްދިން ކަމަށް އޭނާ ބުންޏެވެ. 

"ވަރަށް ޕޮޒިޓިވް، ވަރަށް ނައިސް މީހުންނާ ދިމާވި،" ލަޔާން ބުންޏެވެ.

ކޮމެންޓް (2)

ނިކަމެއްޗެއް

28 ސެޕްޓެމްބަރު 2022
ޢާންމު މީހެއްގެ ޙައިސިއްޔަތުން އަޅުގަނޑުވެސް އެއްޗެއްބުނެލަން ބޭނުމެވެ. މިކުދިންނަކީ މިއަދުގެޒުވާނުންނެވެ.ނަމަވެސް ދަންނަވަންތޯއެވެ. ބައެއް ކުދިންނަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ޢަދަބުތައް ކިޔައި ދެވިފަ ނުވަތަ އެނގިފައި ނެތް ކުދިންކަން ފާހަގަ ކޮށްލަމެވެ. އެއްކަމަކަށް އަޅުގަނޑުގެ ގެއަށް ޒިޔާރަތް ކުރި ވަރަށް ހަގު ޒުވާނެކެވެ. އަންހެނުންނަކީ ގޭގައި ތިބޭ ވަގުތު ބުރުގާ ނުވަތ މޫނު އަޅައިގެން ތިބޭނެ ބައެއްނޫނެވެ. ނަމަވެސް ދޮރުގައި ޓަކި ދިނުމުން ކާކުތޯ އެތައްފަހަރު ސުވާލު ކުރުމުން ޖަވާބެއް ނުދެއެވެ. އަދި ގެއަށް ވަންނަން ހުއްދަ ދިނުމުން އަޅުގަޑު މެންގެއަށް ވަދެގެން އައިސް އިށީންނީ ފައިވަނާ އެކުގައެވެ. އަޅުގަޑަކީ އެއްމެ ކޮޓަރިއެއްގައި ދިރިއުޅެމުން އަންނަ މީހެކެވެ. ނަމަވެސް އެކުއްޖާއަށް ދެރަނިކަމެތި ބަހެއް ބުނެވިދާނެ ކަަމަށް އަޅާނުލަމެެވެ. ނަމަވެސް ބުނެލަން ބޭނުން ވެއެވެ. ކިތައްމެ ނިކަމެތި މީހާގެ ގެއަށް ވަންނަ އިރުވެސް އަދަބުވެރިކަން ކޮންމެ ފަރާތަކުންވެސް ހިފަހައްޓަން ވާނެއެވެ. ޝުކުރިއްޔާ
32 0

އަލީޝް

29 ސެޕްޓެމްބަރު 2022
@ނިކަމެއްޗެއް ރަގަޅު ވާހަކައެއް ތީ.ބައެއް ކުދިން ގެ ތިޔަބުނި ފަދަ އުނި ސިފަތައް ހުރި.ބޯހިމެނުމުގަ އުޅުނު މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ ގައިމުވެސް އަހަރެންނާއި އަހަރެންގެ ޕާޓްނާ ފޮލޯ ކުރި ޕްރޮސީޖާއަކީ ތަޅުލައިފަހުރި ގެއެއްގެ ދޮރުގައި މެދު މިންވަރަކަށް 3 ފަހަރަށްވުރެ ގިނައިން އެވަގުތެއްގައި ޓަކި ނުދިނުން.ދޮރު ނުހުޅުވާ ތީ ކޮންބައެއްތޯ އަހާފިނަމަ މިއީ ބޯހިމެނުމުގެ މައުލޫމާތު ނަގާ މީހުންނޭ ބުނަން.ދޮރު ހުޅުވައިފަ ވަންނާށޭ ބުނެ އަށީންނާނެ ތަން ދެއްކީމަ އިށީންނަނީވެސް.އެކި މީހުންނަކީ އެކި ފެންވަރުގެ ފުދުންތެރި މީހުންކަން ދަނެގެން އުޅުނީ. އިރާދަފުޅުން ދިމާވި ގިނަ ގޭގޭގެ މީހުން ވަރަށް ހެޔޮ.ފުދުންތެރި ގިނަމީހުންގެ ފަރާތުން ބޮޑާކަން ފާހަގަވި.އަނެއްކޮޅުން ފުދުންތެރި ބައެއް މީހުން ހަމަ ވަރަށް ރަގަޅު.އެއްޗެހި ތަކެއް ދޭ ވާހަކައެއް ނޫން.ހިތްހެޔޮކޮށް ވާހަކަ ދެއްކި ވާހަކަ މިބުނީ.ބައެއް މީހުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއިން ގޯއްޗެއް ފްލެޓެއް ނުލިބިދާނެތީ މައުލޫމާތު ދޭން ފަސްޖެހޭ ކަން ފާހަގަވި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް