ހުޅުމާލޭ ރޯހައުސްއެއްގައި 12 ނޮވެމްބަރު 2021 ވަނަ ދުވަހުގެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ތަން އަނދާހުލިވެފައި އޮތް އިރު ފަޔާފައިޓަރަކު ފެން ޖަހަނީ (ފޮޓޯ/އެމްއެންޑީއެފް)

އަލިފާން ނިވޭ އިރަށް މައްސަލަ ދުމަށް

އިމާރާތްތައް ރައްކާތެރިކުރުމަށާއި އަލިފާން ނިއްވާލުން ހަލުވިކޮށް ފަސޭހަކުރަން ގެންނަން ޖެހޭ ބަދަލުތަކަށް މާ ބޮޑު ސަމާލުކަމެއް ނެތް

ކާޝިފް ނަސީރުގެ އެ ޓްވީޓްތަކުން ބައެއް މީހުން ހައިރާންވީ ކީއްވެގެންތޯ ލަފާކޮށްލާ ނަމަ، އެއީ ގިނަ ބަޔަކަށް މުޅިން އާ މައުލޫމާތެވެ. ނުވަތަ، ކަން އޮތް ގޮތް އެނގުނަސް، މާ ބޮޑު މައްސަލައެއްގެ ގޮތުގައި ނަގައިނުގަނެވި އޮތީ އެވެ. އެކަމަކު، އަލިފާނުން ރައްކާތެރިކަން ލިބުމުގެ މުހިއްމުކަމަކީ ރާއްޖޭގައި މިހާރަށް ވުރެ އެތައް ގުނައެއް ސީރިއަސްކޮށް ނަގަން ޖެހިފައި އޮތް، އެންމެންގެ ސަމާލުކަން ހުއްޓެންޖެހޭ ފަދަ މައްސަލައެކެވެ.

ޒަމާންވީ އަޅާނުލުމަށް އަދިވެސް އަޅާލުމެއް ނެތީމަ އެވެ.

މީހުން އުޅޭ ތަންތަނުގައި، އަމުދުން އުސް އިމާރާތްތަކުގައި، އަލިފާނުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައި އަބަދުވެސް ބޭނުންހިފޭނެ ގޮތަށް ހުންނަން ޖެހެ އެވެ. ގޭގެ އާއި އޮފީސްތަކާއި ސްކޫލް ފަދަ ތަންތަނެވެ. ރޯވެއްޖެ ނަމަ ނިއްވާލަން ބޭނުންކުރެވިދާނެ އާލާތްތަކާއި އަލިފާނުން ސަލާމަތްވުމަށް އިމާރާތުން އަވަހަށް ނުކުމެވޭނެ ގޮތް ހުުރުން މަޖުބޫރުވާންޖެހެ އެވެ. މިކަން ކަށަވަރުކުރަން ޖެހެނީ ސަރުކާރުންނެވެ. ލޯކަލް ކައުންސިލްތަކުންނެވެ. ކުރަން ޖެހޭ ކަމަކީ ގަވާއިދުތަކާއި މިންގަނޑުތައް ތައާރަފްކޮށް ބަރާބަރަށް ތަންފީޒުކުރުމެވެ. އެ ކަންކަމަށް އާއްމުން ހޭލުންތެރިކޮށް ރައްކާތެރިވާން ދަސްކޮށްދިނުމެވެ. ދެން އޮންނަނީ އަލިފާނުގެ ހާދިސާއެއް ހިނގުމުން ކަމާބެހޭ ފަރާތްތަކުން އެކަމަށް އިޖާބަދިނުމުގެ ބަ އެވެ. މީހުން ސަލާމަތްކުރުމާއި އަލިފާން ނިއްވާލުމުގެ މަސައްކަތެވެ.

މާލޭގައި މީހުން ދިރިއުޅޭ އިމާރާތެއް: ތަރައްގީއާ އެއްވަރުގެ ރައްކާތެރިކަމެއް މި ސިޓީގައި ނެތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަރައްގީގައި ރާއްޖެ އައިސްފައިވާ ހިސާބާއި ޒަމާނަށް ބަލާއިރު، މި ކަންކަން ހުންނަންވީ މިންވަރާ ގާތަށް ވެސް ގެނެސްފައެއް ނެތެވެ. ހާދިސާއަކަށް ފަހު ހާދިސާއެއް ހިނގައި ގެއްލުންތައް ގުނަގުނަވަމުންދާ އިރު، އާއްމު ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ސީރިއަސްކަމެއް އޮތް ތަނެއް ނުފެނެ އެވެ. ކޮންމެ ހާދިސާއަކުން އެއް ތަޖުރިބާއެއް ތަކުރާރުވުމަށް ފަހު އެހާ ހިސާބުން މައްސަލަ ދުމަށް އަރައިގެންދަނީ އެވެ.

މާލޭގެ އިވްނިން ކެފޭގައި މިދިޔަ ހަފްތާގައި ރޯވި އަލިފާންގަނޑު ނިއްވާލަން ސިފައިން މަސައްކަތް ކުރަނީ (ދައުރު ފޮޓޯ)

'20 އަހަރުގެ ސިޔާސީ އިހުމާލު'

އުސް އިމާރާތްތަކެއްގައި އާބާދުވެފައި އޮންނަ ސިޓީތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް މައްސަލައަކީ އަލިފާނެވެ. މާލެ ކަހަލަ ތަނަކަށް ބަދަލެއް ގެނައުމުގެ ގޮންޖެހުން ބޮޑަސް، އޭގެ އަނެއްކޮޅުގައި އޮތީ ފުރާނައިގެ އަގެވެ. ގެދޮރާއި މުދަލެވެ. އަމުދުން، ޕްލޭނެއް ނެތި މާލެ ތަރައްގީކުރުމުގެ މި ތަޖުރިބާ އިން، ޕްލޭންކޮށްގެން ތަރައްގީކުރާ ހުޅުމާލެއަށް ހޯދި އިބުރަތެއް އޮތް ކަމަކަށް ވެސް ނުފެނެ އެވެ. އެއީ ދެން ރާއްޖޭގެ އެންމެ ބޮޑު އާބަން ސެންޓަރަށް ވާން އޮތް، ނުވަތަ ވަމުންދާ ތަނެވެ. އެހެން ބައެއް ރަށްރަށުގައި ވެސް، ދިރިއުޅުމަށާއި ވިޔަފާރިއަށް، ބުރިބުރިއަށް ނެގުން އިތުރުވަމުންދާ އިރު އަލިފާނަށް ލޯމަރާލައިގެން ތިބުން ބުއްދިވެރިއެއް ނޫނެވެ.

މި މައުލޫއުގައި ޓްވިޓާގައި އާދަވެގެން ކަންބޮޑުވުން ފާޅުކޮށް އުޅޭ ކާޝިފް، އޭނާގެ މައުލޫމާތާއި ތަޖުރިބާގެ އަލީގައި، މިފަހަރު ވަރަށް ސީދަލަށް ފާހަގަކުރީ މާލެ އާއި ހުޅުމާލޭގައި އަލިފާން ނިއްވާލުމުގެ މަސައްކަތަށް ހުރި ހުރަސްތަކެވެ.

ފަޔާ އެންޑް ރެސްކިއު ސާވިސް އިން "އިޖާބަދޭލެއް ލަސް ކަމަށް ބުނެ އަހަރެމެން ވަރަށް ގިނައިން ޝަކުވާކުރަން. އެކަމަކު އެއީ ކީއްވެގެންތޯ އެއް ފަހަރު ވެސް ވިސްނާލިންތަ؟" އަލިފާން ނިއްވުމާއި އިމަޖެންސީ އަދި ޑިޒާސްޓާ މެނޭޖްމެންޓުގެ ދާއިރާއިން ކިޔަވައި އެ ދާއިރާގައި މަސައްކަތްކުރާ ކާޝިފް މިދިޔަ އަންގާރަ ދުވަހު ޓްވިޓާގައި ސުވާލުކުރި އެވެ.

ކާޝިފްގެ ޓްވީޓްތައް

ކާޝިފް ފާހަގަކުރި ގޮތުގައި، އަލިފާނުގެ ހާދިސާއެއް ހިނގުމުން އެ ތަނަކަށް ގޮސް ނިއްވާލުމުގެ މަސައްކަތް އަވަސްވާނީ، ހުންނަންޖެހޭ ތަންތަނުގައި ރަނގަޅު ފަޔާ ސްޓޭޝަންތަކެއް ހުރެ، ދަތުރުކުރަން ޖެހޭ މަގުތަކުގެ ހާލަތު ރަނގަޅަށް އޮވެ، ފަސޭހައިން ފެން ލިބެން ހުރެގެންނެވެ. ނަމަވެސް، މާލެ އާއި ހުޅުމާލޭގައި އަލިފާން ނިއްވާލުމުގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށްފައި ހުރި ގޮތުން އެމްއެންޑީއެފްގެ އެފްއާރުއެސް އޮތީ، ކާޝިފް ބުނިގޮތުގައި، "ސްޓްރެޓީޖިކް ޑިސްއެޑްވާންޓޭޖެއް"ގަ އެވެ. އެއީ ކީއްވެގެންކަން ކިޔައިދެމުން އޭނާ ފާހަގަކުރިގޮތުގައި:

  • މާލެ އާއި ހުޅުމާލޭގައި ދެ ފަޔާ ސްޓޭޝަން ގާއިމްކޮށްފައި ހުރީ، އަލިފާނަށް އިޖާބަދޭން ނަގާ ވަގުތު 5 މިނިޓަށް ވުރެ ކުޑަކުރެވޭނެ ފަދަ ތަންތާކު ނޫން

  • ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ފަޔާ ސްޓޭޝަންގެ ނަމުގައި ދީފައި ހުރީ ފުރާނަ ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ހިންގަން ޒަމާނީ އެފްއާރުއެސްއަކަށް ބޭނުންވާ ފެންވަރާ ގާތް ވެސް ނުކުރާ ތަންތަން

  • އެއް ފަޔާ ސްޓޭޝަން ހުރީ މާލޭގެ އެއް ކޮޅުގައި؛ ހުޅުމާލޭގައި ހުރީ ކުޑަކުޑަ "މިނީ" ތަނެއް

  • އާބަން "ސްމާޓް ސިޓީއެއް" ކަމަށް ބުނާ ހުޅުމާލޭގައި ބޯހިޔާވަހިކަމަށް އުސް އިމާރާތްތައް އެޅުން ފަހުރުވެރިކަމާ އެކު ޕްރޮމޯޓްކުރަމުންދާ އިރު، އެފަދަ ތަންތަނަށް ހިދުމަތްދޭނެ ޒަމާނީ ފަޔާ ސްޓޭޝަނެއް ނެތް؛ އަދި ސިޓީއެއްގައި އަލިފާން ނިއްވާލަން ބޭނުންކުރަން އެކަށީގެންވާ ފަދަ ފަޔާ ހައިޑްރެންޓް ނިޒާމެއް ހުޅުމާލޭގެ ދެ ފިޔަވަހިން ކުރެ ފިޔަވައްސެއްގައި ނެތް

  • އަލިފާން ނިއްވާ ވެހިކަލްތަކުގައި ގެންދާ ފެން ހުސްވާ ހާލަތްތަކުގައި ފެން ނަގާނެ ފަޔާ ހައިޑްރެންޓްތަކެއް ނެތުމުން މާލޭގައި ފެން ނަގަނީ ވަށައިގެން އޮތް ފަޅު ތެރެއިން. މާލެއަށް ވުރެ މާ ބޮޑު ހުޅުމާލޭގައި އެކަން ކުރާނެ ގޮތެއް ނުވިސްނޭ

ހުޅުމާލޭ ފަޔާ ސްޓޭޝަން (ފޮޓޯ/ޓްވިޓާ/ކާޝިފް ނަސީރު)

"މިއީ 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ވެފައިވާ ސިޔާސީ އިހުމާލުގެ ސަބަބުން އަހަރެމެންގެ އެފްއާރުއެސްގެ ހާލަތު ގޮސްފައިވާ ހިސާބު،" ކާޝިފްގެ ފަހު ޓްވީޓްގައި ލިޔުނެވެ.

އޭނާ ބުނީ މި ހުރިހާ ހުރަސްތަކާ އެކު ވެސް، ފަޔާފައިޓަރުންނަކީ އަލިފާނެއްގައި އާއްމުން ދޫކޮށްނުލާނެ ހިދުމަތްތެރި "ބަތަލުންތަކެއް" ކަމަށެވެ.

އެ ފަޔާފައިޓަރުންނަކީ ސިފައިންނެވެ. ރާއްޖޭގައި ފަޔާ އެންޑް ރެސްކިއު ސާވިސް އަދިވެސް މި އޮތީ، އާއްމުކޮށް އެހެން ގައުމުތަކުގައި އޮންނަ ގޮތާ ހިލާފަށް، އަސްކަރިއްޔާއިން ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގަ އެވެ. އެއީ ފަޔާ އެންޑް ރެސްކިއު ސާވިސްއެއްގެ ދައުރު އެންމެ އެކަށީގެންވާ ގޮތަށް އަދާކުރުމަށާއި އެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުރަސްއެޅެން މެދުވެރިވާ ބައެއް ސަބަބުތައް ހުރި މައްސަލައެކެވެ. އެކަމަކު، ފަޔާ އެންޑް ރެސްކިއު މަދަނީ ނުވަތަ މުނިސިޕަލް ހިދުމަތެއްގެ ގޮތުގައި ހަމަޖެއްސުމުގެ ފަންނީ ލަފަޔަކީ، ފުލުހުން ސިފައިންގެ ތެރެއިން ނެރެ މަދަނީ ބަޔަކަށް ހެދުން ފަދަ ސިޔާސީ އަޒުމެއް އޮތް ކަމަކަށެއް ނުވެ އެވެ. އޭގެ އަނެއްކޮޅުގައި އޮތީ، ސިފައިން ފަޔާ އެންޑް ރެސްކިއު ހިދުމަތް ރަނގަޅަށް ތަންފީޒުކުރަން ބަލާއިރު، ކަމާ ގުޅޭ ގާނޫނެއް ނެތުމުގެ ހުސްކަމުގެ ވާހަކަ އެވެ.

ހެންވޭރުގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލަން އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ (ފޮޓޯ/ އެމްއެންޑީއެފް)

މިފަދައިން ކަންކަން ހުއްޓަސް، އަލިފާނުގެ މައްސަލައަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މާ ބޮޑު އިސްކަމެއް ދީގެން އުޅޭ މަންޒަރެއް ނުފެނެ އެވެ. މީހުން ދިރިއުޅޭ ތަންތަން އަލިފާނުން ރައްކާތެރިކުރުމުގެ ފިޔަވަޅުތަކެއް އަދިވެސް ނެތެވެ. ހަދަން ޖެހިފައި ހުރި މިންގަނޑުތައް ތަންފީޒުވެގެނެއް ނާދެ އެވެ. ގެންނަން ޖެހޭ ނިޒާމީ ބަދަލުގެ ވާހަކަ ސިޔާސީ ދޫތަކަކުން ނުދައްކަ އެވެ. 

މާލޭ ނިރުފެހި ގޭގައި ހުރި ގަރާޖެއްގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ނެރެނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭގެ ބަދަލުގައި އޮތީ ހިނގާ ކޮންމެ ހާދިސާއަކާ އެކު ހިނދުކޮޅަކަށް ތެޅިގަތުމެވެ. ފުލުހުން ތަހުގީގެއް ފަށަ އެވެ. އެ ތަހުގީގު ކޮޅެއްގައި ޖައްސައި އިހުމާލަށް ޒިންމާކުރުވުމެއް ނޯވެ އެވެ. ރޯވެގެން އުޅޭ ތަނަށް ރައީސާއި ނާއިބު ރައީސާއި ވަޒީރުން ވަޑައިގަންނަވާނެ އެވެ. ވަގުތުން ކޮންމެވެސް ކަމެއް އިއުލާންކުރެ އެވެ. އެކަކު މަރުވެ އެތައް ގެއެއް އަނދައިދިޔަ ހާދިސާއަކަށް ފަހު މި ސަރުކާރުން މާލެއިން ކެމިކަލް ގުދަންތައް ބޭރުކުރި އެވެ. އެ ހާދިސާއަށް ތިން އަހަރު ފަހުން 10 މީހުން މަރުވި ދުވަހު ސަރުކާރުގެ މައިގަނޑު ވައުދަކީ ބާކީ ހުރި، ވޯކްޝޮޕް، ގުދަން އަދި ވަޑާންގެތައް ވެސް ބަދަލުކުރާނެ ކަމެވެ.

ހާދިސާތަކުގެ ނުރައްކާތެރިކަން ބޮޑުވަމުން ގޮސް މިދިޔަ އަހަރު އެއްފަހަރާ އެތައް ފުރާނައެއް ގެއްލިގެން އެ ދިޔައީ އެވެ. އެތައް ބައެއްގެ ބޯހިޔަލާއި ގެދޮރާއި މުދާ ބީވެއްޖެ އެވެ. އެހީތެރިކަމާއި ބަދަލު ދޭން ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ވެސް ބޮޑުވެއްޖެ އެވެ. އަލިފާނާ މެދު ސީރިއަސްކަމެއް ނުފެނެ އެވެ.

އަނެއްކާވެސް އަނެއް ތަނެއްގައި ރޯވެ، އެއް މައްސަލަތަކެއް ފާހަގަވުމަށް ފަހު އެ ފައިލު ވެސް ވަތްގަނޑަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް