ތޫފާން 'އަނާ'ގެ ސަބަބުން އެފްރިކާގެ ދެކުނުގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ ގެދޮރު ގެއްލުނު. (ފޮޓޯ/ އޭއެފްޕީ)

އެފްރިކާގެ ދެކުނަށް އެރި ތޫފާންތައް ގުޅިފައިވަނީ މޫސުމީ ބަދަލުތަކާ: ދިރާސާ

ހަ ހަފްތާގެ ތެރޭގައި ދެކުނު އެފްރިކާގެ ސަރަހައްދުތަކަށް ފަސް ތޫފާނެއް އެރި

މި އަހަރުގެ ކުރީކޮޅު އެފްރިކާގެ ދެކުނު ސަރަހައްދުތަކަށް އެރި ތޫފާންތަކުގައި މޫސުމީ ބަދަލުތަކާ ގުޅިގެން ވާރޭ ވެހުނު މިންވަރު އިތުރުވި ކަމަށް ސައިންސްވެރިން ހާމަކުރައްވާފަ އެވެ.

ވޯލްޑް ވެދާ އެޓްރިބިއުޝަން ގްރޫޕް (ޑަބްލިއުޑަބްލިއުއޭ)އިން ހެދި މި ދިރާސާގައި، ތޫފާންތަކުގައި ހުއްޓާނުލާ ބޯކޮށް ވާރޭވެހުން އާންމުވަމުން ދާ ކަމަށް ހޯދާފައިވެ އެވެ.

އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވި ތޫފާންތަކުން ކުރިމަތިވި ގެއްލުންތައް ދުނިޔެ ހޫނުވުމުގެ ސަބަބުން އިތުރުވެފައިވާ ކަމަށް ދިރާސާ ހެއްދެވި ސައިންސްވެރިން ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅު، ހަ ހަފްތާގެ ތެރޭގައި އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް ޖުމްލަ ފަސް ތޫފާނެއް ވަނީ އަރާފަ އެވެ. މި ތޫފާންތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ މީހުންނަށް އަސަރު ކުރިއިރު، 230 މީހަކު މަރުވި ކަމަށް ޑަބްލިއުޑަބްލިއުއޭއިން ބުނެ އެވެ.

ޖެނުއަރީ މަހު މަޑަގަސްކަރައަށް އެރި ތޫފާން އަނާގެ އަސަރު. (ވީޑިއޯ/ އަލްޖަޒީރާ)

ދެކުނު އެފްރިކާގެ ސަރަހައްދުތަކަށް މި އަހަރު ތޫފާންތައް އަރަން ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ މަހު މަޑަގަސްކަރަ، މޮޒަމްބީގް އަދި މަލާވީއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވީ ތޫފާން 'އަނާ' އެވެ. 'އަނާ'ގެ ސަބަބުން އެތައް ބަޔަކު މަރުވެ، މަގުތަކާއި ބްރިޖުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ހާސް ބަޔަކަށް އެހީތެރިކަން ފޯރޮކޮށްދޭން ދަތިވި އެވެ.

ތޫފާން 'އަނާ'އަށް ފަހު ވިދިވިދިގެން އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް އެރި ތޫފާންތަކަކީ 'ބަޓްސިރާއީ'، 'ޑުމާކޯ'، 'އެމްނާޓީ' އަދި 'ގޮމްބޭ' އެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ތޫފާންތަކުގެ ބާރުގަދަވާ ކަމަށް ދިރާސާތަކުން ހެކި ލިބިފައިވީ ނަމަވެސް، ތޫފާންތައް ކުރިމަތިވަމުންދާ މިންވަރާއި މޫސުމީ ބަދަލާ ގުޅުމެއް އޮތް ކަމެއް، ދިގު މުއްދަތެއްގެ މައްޗަށް ހަދާފައިވާ ތާރީހީ ތަފާސްހިސާބުތައް ނެތުމުން ނޭނގޭ ކަމަށް ސައިންސްވެރިން ބުންޏެވެ.

މި ދިރާސާ ހެއްދެވި ސައިންސްވެރިން ވަނީ މޫސުމީ ބަދަލުތައް ހުއްޓުވުމަށް މަސައްކަތްތައް ކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް