ވިއްސާރާގައި ހާލުގައި ޖެހުނު އިންޑިއާގެ އައްސާމް ސްޓޭޓުގެ ބަޔަކު ސަލާމަތް ކުރަނީ. (ފޮޓޯ/ރޮއިޓާސް)
ހުޅަނގު މޫސުމުގެ ވިއްސާރާގައި ހޮނުއަޅައި އަދި ބިންގަނޑުކަނޑައިގެން ދިޔުމުގެ ސަބަބުން އިންޑިއާ އާއި ބަންގްލަދޭޝްގައި 59 މީހަކު މަރުވެއްޖެ އެވެ.
މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް ފެންބޮޑުވެފައިވާ ސަރަހައްދަށް ވާސިލުނުވެވި އެތައް މިލިއަން ބަޔަކު ވަނީ ތާށިވެފަ އެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަދި އިތުރަށް މޫސުން ގޯސްވެ ފެންބޮޑުވާނެ އެވެ.
އަހަރެމެންގެ ގެ ވަނީ މުޅިން ފެނުއަޑީގައި. ހަޔާތުގައި ވެސް މި ވަރަށް ފެންބޮޑުވި ތަން ފެނިފައެއް ނެތް.
ބަންގްލަދޭޝްގެ ސަރުކާރުން ބުނީ މިފަހަރުގެ ފެންބޮޑުވުމަކީ 2004އަށް ފަހު އެހާ ބޮޑަށް ފެންބޮޑުވި ފުރަތަމަ ފަހަރު ކަމަށެވެ.
ބަންގްލަދޭޝްގެ ހުޅަނގު ސަރަހައްދުން އިންޑިއާއާ ވީ ފަރާތަށް ބޯކޮށް ވާރޭވެހޭތާ ހަފުތާއެއް ވެއްޖެ އެވެ.
ސްކޫލްތައް ވަނީ ޝިފްޓް ޑިއުޓީއަށް ބަދަލުކޮށް، ބޯހިޔާވަހިކަމަށް ބޭނުންކުރަން ފަށައިފަ އެވެ. އަދި މީހުން ގޭގެއިން ހުސްކުރުމަށް ވަނީ ޓީމްތައް ނެރެފަ އެވެ. އެއާ އެކު، ފެންގަނޑުތަކުން މީހުންނަށް ގެއްލުންވިޔަ ނުދިނުމަށް އެކި ދިމަދިމާލަށް ފެންގަނޑު ފޮނުވާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ބަންގްލަދޭޝްގެ މީހަކު އޭއެފްޕީއަށް ބުނީ ހުކުރު ދުވަހު ވެހެނު ވާރޭގައި އާނާގެ އަވަށް އޮތީ ފެނުއަޑީގައި ކަމަށާއި މުޅި އަވަށުގެ މީހުން ވަނީ ތާށިވެފައި ކަމަށެވެ.
"އަހަރެމެން މުޅި ދުވަހު ތިބީ ފުރާޅުމަތީގައި. އެގޮތަށް ތިއްބައި އަވައްްޓެރިންގެ ބަޔަކު ވަނީ ބޯޓެއް ގެނެސް ސަލާމަތްކޮށްފައި. އަހަރެންގެ މަންމަ ބުނީ މަންމަގެ އުމުރުގައި ވެސް މިވަރަށް ފެންބޮޑުވި ތަން ފެނިފައި ނުވާ ކަމަށް،" އުމުރުން 23 އަހަރުގެ މީހަކު ބުންޏެވެެ.
ފެންބޮޑުވި ގިނަ ސަރަހައްދުތަކުގައި ވަނީ ކަކުލާ ހަމަައަށް ފެންބޮޑުވެފަ އެވެ.
މެދުނުކެނޑި ފަސް ދުވަސްވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ އައްސާމް ސްޓޭޓްގެ 1.8 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.
"އަހަރެމެންގެ ގެ ވަނީ މުޅިން ފެނުއަޑީގައި. ހަޔާތުގައި ވެސް މިވަރަށް ފެންބޮޑުވި ތަން ފެނިފައެއް ނެތް." އައްސާމުގެ މީހަކު ބީބީސީއަށް ބުންޏެވެ.
ވިއްސާރައިގެ ސަބަބުން 3.1 މިލިއަން މީހުން ވަނީ ވިއްސިވިހާލިވެފަ އެވެ. އަދި 200،000އަށް ވުރެ ގިނަ މީހުން ވަނީ އުސް ތަންތަނަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް