ޕްރިންސް ޗާލްސް. (ފޮޓޯ/ބީބީސީ)

އިނިގރޭސިވިލާތް

ގަތަރުގެ ކުރީގެ ބޮޑުވަޒީރު ދަބަހުގައި 1 މިލިއަން ޔޫރޯ ޗާލްސްގެ ހައިރާތު ފަންޑަށް ހަދިޔާކުރެއްވިކަން ހާމަވެއްޖެ

ޝައިހު ހަމަދު ބިން ޖައްސިމް އަލް ތާނީ 2011 އިން 2015އާ ދެމެދު ޗާލްސްގެ ހައިރާތު ފަންޑަށް 3 މިލިއަން ޔޫރޯ ހަދިޔާ ކުރެއްވި

އިނގިރޭސިވިލާތުގެ ވަލީއަހުދު ޗާލްސްގެ ހައިރާތު ފަންޑަށް ގަތަރުގެ ކުރީގެ ބޮޑުވަޒީރު ދަބަހެއްގައި 1 މިލިއަން ޔޫރޯ ހަދިޔާކުރެއްވި ކަމަށް އިނގިރޭސި ނޫހަކުން ތުހުމަތުކޮށްފި އެވެ.

އެ 1 މިލިއަން ޔޫރޯއަކީ ޝައިހު ހަމަދު ބިން ޖައްސިމް އަލް ތާނީ 2011 އިން 2015އާ ދެމެދު ޗާލްސްގެ ހައިރާތު ފަންޑަށް ހަދިޔާ ކުރި، 3 މިލިއަން ޔޫރޯގެ ތެރެއިން އެއް ޕޭމަންޓް ކަމަށް ނޫހުން ބުނެ އެވެ.

ޓައިމްސް ނޫހުގައިވާ ގޮތުން، އެއް ފަހަރަކު ގަތަރުގެ ބޮޑުވަޒީރު ވަނީ، ޗާލްސްގެ ހައިރާތު އޮފީހަށް ވަޑައިގެން ކްލެރަންސް ހައުސަށް ނަގުދު ފައިސާ ސޫޓުކޭހެއްގައި ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ފައިސާއަކީ ގާނޫނާ ހިލާފަށް ހަވާލުކުރި ފައިސާއެއް ކަމަކަށް އެ ނޫހަކުން ނުބުނެ އެވެ.

ޗާލްސްގެ އޮފީހުން ބުނީ ޝައިހު ހަމަދު ބިން ޖައްސިމްގެ ފަރާތުން އެ ފައިސާ ލިބުމާ އެކު ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، ގާނޫނީ އިމުގެ ތެރެއަށް ފައްތާފައިވާނެ ކަމަށެވެ.

ޗާލްސްގެ ހައިރާތު ފަންޑު ގާއިމު ކުރީ 1979ގަ އެވެ. އަދި އެ ފަންޑަކީ ސިއްހީ ކަންކަމާއި ތައުލީމީ ކަންކަމަށް ހަރަދު ކުރުމުގެ އިތުރަށް ތިމާވެއްޓާ ބެހޭ ކަންކަމަށް ހަރަދު ކުރުމުން އަންނަ ފަންޑެކެވެ.

ގަތަރަކީ ކިތަންމެ ކުޑަ ގައުމަކަށް ވިއަސް، އެ ގައުމަކީ ދުނިޔޭގެ ވަރަށް ގިނަ ފަރާތްތަކަށް ހައިރާތު ކުރާ ގައުމެކެވެ. ގަތަރުގެ ޗެރިޓީ އެންޖީއޯގެ ފަރާތުން ވަނީ އޮކްސްފާމް، ކެއާ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގަރާމް، އދ.ގެ ކުޑަކުދިންގެ ފަންޑް އަދި އދ.ގެ ރެފިއުޖީންނާ ބެހޭ ހައި ކޮމިޝަނަރަށް އެހީތެރިވެދީފަ އެވެ.

ގަތަރުން ވަނީ ހަނގުރާމާގައި ގެއްލުން ލިބިފައިވާ ގައުމުތައް އާރާސްތު ކުރުމަށް ވެސް ބިލިއަން ޑޮލަރުން ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި އިޒުރޭލުގެ ހަމަލާތަކުން ފަނާކުރާ ފަލަސްތީނު އާރާސްތު ކުރުމަށް ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކީ ހަތަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް