ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގެ ކުރިން ޖަރުމަންގެ ކުޅުންތެރިން އަނގަ މަތީ އަތް އަޅައިގެން: ދެ ވަނަ ބުރަށް ނުގޮސް ވަނީ ކަޓާފައި

ބައެއް ޓީމުތަކަށް ނުކުޅެވުނީ އެހެން ކަންކަން އިސްކުރުމުން: ވެންގާ

ފީފާގެ އިސް މަގާމެއްގައި ހުންނެވި ވެންގާ ވިދާޅުވީ މޮޅަށް ކުޅެމުން އަންނަނީ މުބާރާތަށް ފޯކަސްކުރާ ޓީމުތަކުން ކަމަށް
5 ޑިސެމްބަރު 2022

ޖަރުމަން ކަހަލަ ފުޓްބޯޅައިގެ ބޮޑެތި ބާރުތައް ގަތަރު ވޯލްޑް ކަޕްގެ ކުރީކޮޅު ކަޓައިގެން ދިޔައީ ކުޅުމަށް ވުރެ އެހެން ކަންކަމަށް އިސްކަންދިނުމުގެ ސަބަބުން ކަމަށް، އާސެން ވެންގާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފީފާގެ ފުޓްބޯޅަ ޑިވެލޮޕްމަންޓް ބައިގެ އިސް ވެރިޔާގެ މަގާމުގައި ހުންނެވި އަދި ކުރިން އާސެނަލްގެ މެނޭޖަރު ވިދާޅުވީ މުބާރާތުގެ ފުރަތަމަ މެޗުތަކުގެ ކުރިން ނުރުހުން ފާޅުކުރުމުގެ ހަރަކާތްތައް ހިންގި ޓީމުތަކަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކަށް ގޮވާލުމުގެ ހަރަކާތްތައް މެޗު ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފީފާއިން ކަނޑައެޅުމުން އެކަމާ ދެކޮޅުހަދަން ޖަރުމަން ޓީމުން ވަނީ ފުރަތަމަ މެޗުގެ ގްރޫޕް ފޮޓޯގައި އަނގަމަތީ އަތް އަޅައިފަ އެވެ.

ޖަރުމަނަކީ ފުރަތަމަ ބުރުން ކެޓި އެއް ޓީމެވެ. އަދި ވަރުގަދަ ބެލްޖިއަމްއަށް ވެސް ފުރަތަމަ ބުރު ފަހަނައަޅާ ދެވޭ ވަރެއް ނުވި އެވެ. މިއީ ވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގަށް މުބާރާތް ތެރޭގައި ގޮވާލަން ރޭވި އެއް ޓީމެވެ. އެގޮތުން ޓްރެއިނިން ކިޓްގައި އެކަން ރަމްޒުކޮށްދޭ ޖާޒީއެއް ލާން ވެސް އުޅުނެވެ. ނަމަވެސް ފީފާއިން ވަނީ އެކަން މަނާކޮށްފަ އެވެ.

"މޮޅު ކުޅުން ދައްކަމުން އަންނަނީ އެކަމަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވެެގެން ތިބި ޓީމުތައް،" ވެންގާ ވިދާޅުވި އެވެ.

"އެ މީހުން ފޯކަސް ކުރީ މުބާރާތަށް، ސިޔާސީ ހަރަކާތްތަކަކަށް ނޫން."

އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގު ހޯދަން އިސްލާމީ ގައުމެއްގައި ފާޅުގައި ގޮވާލުމަކީ ސަގާފަތާއި އާދަކާދަ އާއި ދީނީ ގޮތުން ވެސް ބޮޑު މައްސަލައެއްކަން ހުޅަނގު ގައުމުތަކަށް އެނގެ އެވެ. ނަމަވެސް ވޯލްޑް ކަޕްގައި ޔޫރަޕުން ވާދަކުރާ 13 ގައުމުގެ ތެރެއިން ހަތް ގައުމުން ގޮތްދޫނުކޮށް އެކަން ކުރަން އުޅުނެވެ. ނުކުރެވުނީ އެފަދަ އަމަލެއް ހިންގައިފި ނަމަ، ކުޅުންތެރިންނަށް ކާޑު ދައްކާނެ ކަމުގެ އިންޒާރު ފީފާއިން ދިނުމުންނެވެ.

ޖަރުމަން ކެޓުމުން އިސްލާމީ ގައުމުތަކުގެ ފުޓްބޯޅަ ސަޕޯޓަރުން ވަރަަށް ބޮޑަށް މަލާމަތްކޮށް، އަނގަމަތީ އަތް އަޅައިގެން ތިބި ފޮޓޯއަށް ހަޖޫޖަހާ ވެސް ހެދި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް