ކޮވިޑް ވެކްސިންގެ 2ވަނަ ޑޯސް ޖަހަން މީހުން ކިޔޫގައި: އެޗްޕީއޭގެ ކޯލް ސެންޓަރުން މާދަމާ އިން ފެށިގެން ހިދުމަތް ދޭނީ ރަސްމީ ގަޑީގައި (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެޗްޕީއޭގެ ކޯލް ސެންޓަރުގެ ހިދުމަތް ދެން ދޭނީ ރަސްމީ ގަޑީގައި
ކޮވިޑް ކޭސްތައް ދަށްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުން ފެށިގެން އުވާލާފައިވާތީ، މާދަމާ އިން ފެށީގެން އެޗްޕީއޭގެ ކޯލް ސެންޓަރުގެ ހިދުމަތް ހަމަ އެކަނި ރަސްމީ ގަޑީގައި ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ތަފްސީލު - އެޗްޕީއޭއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ވޭތުވެދިޔަ ދެ އަހަރު 24 ގަޑިއިރު ހިދުމަތް ދެމުން އައި ކޯލް ސެންޓަރުގެ ހިދުމަތް މާދަމާއިން ފެށިގެން ހަމައެކަނި ރަސްމީ ގަޑިގައި ހިދުމަތް ދޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"މި ބަދަލާއެކު، ކޮވިޑަށް ފައްސިވާ [ޕޮޒިޓިވް] ފަރާތްތަކުން ކޯލް ސެންޓަރާ ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެނޭވެ،" ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނީ:
-
ކޮވިޑަށް ޕޮޒިޓިވްވާ މީހުން ނުވަތަ ޑައިރެކްޓް ކޮންޓެކްވެގެން ކަރަންޓީންގައި ތިބޭ މީހުން ސިއްހީ ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި އެންމެ ކައިރީގައިވާ ހޮސްޕިޓަކަކުން ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދިފައިވޭ
-
ކުއްލިއަކަށް ހާލުބޮޑުވެ، އެމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތްތައް އެމަޖެންސީ މެޑިކަލް ސާވިސްގެ ނަންބަރު 100 އަށް ގުޅުމަށް އެދިފައިވޭ
އެނގުން މުހިންމު - ރޯދަ މަހު ސަރުކާރު ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަކަށެވެ. އަދި އެހެން ދުވަސްތަކުގައި ރަސްމީ ގަޑިއަކީ، ހެނދުނު 8 އިން މެންދުުރުފަހު 2:30 އަށް
ރާއްޖޭގެ ކޮވިޑް ހާލަތު
އެންމެ ފަހުން އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު14 އިން މިމަހު16 އަށް ކޮވިޑަށް ޕޮޒިޓްވެފައި ވަނީ4،225 މީހުން އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
މާލެއިން - 394 މީހުން
-
ރަށްތަކުން -3،375 މީހުން
-
އެހެނިހެން456 މީހުން
މުޅި ޖުމްލަ 178،800އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު އިރު، 298 މީހަކު ވަނީ މަރުވެފައި އެވެ.
ވެކްސިންގެ ތަފާސް ހިސާބުތައް:
-
ފުރަތަމަ ޑޯސް - 398،557 މީހުން (ވެކްސިން ޖެހޭ އާބަދީގެ %88)
-
ދެ ވަނަ ޑޯސް - 383،876 މީހުން (%84.78)
-
ބޫސްޓާ ޑޯޒް -158،000 މީހުން (%34.89)