ސާމަޓް މިސައިލެއްގެ ޓެސްޓު ލޯންޗެއް ކުރަމުންދާ މަންޒަރު ޕޫޓިން ބައްލަވާލައްވަނީ (ފޮޓޯ/ ރޮއިޓާސް)
ރަޝިޔާގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކޮށް ޒަމާނީ ކުރާނެ ކަމަށާއި މުޅިން އަލަށް ޓެސްޓުކޮށް ނިމިފައިވާ ސާމަޓް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލު މި އަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފަށާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި ޕޫޓިން މިހެން ވިދާޅުވެފައި ވަނީ އަސްކަރީ އެކެޑެމީއަކުން ދަރިވަރުން ފާސްކުރުމަށް އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޕޫޓިން ވިދާޅުވިގޮތުގައި 10 އަށް ވުރެ ގިނަ ނިއުކްލިއާ ވޯހެޑު ހަރުކުރާ މި މިސައިލުގެ ހުރިހާ އިންތިޒާމުތަކެއް ނިމި މި އަހަރު ނިމުމުގެ ކުރިން ތައްޔާރީ ހާލަތަކަަށް ގެންނަން ވަނީ ރާވައިފަ އެވެ.
އަސްކަރިއްޔާ ކުރިއެރުވުމަށް ކުރަމުންދާ އެހެނިހެން ކަންކަމަށް އަލިއަޅުއްވާލަމުން، ސިފައިންނަށް އެސް-500 މަރުކާގެ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލު ޑިފެންސް ނިޒާމުތައް މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށް ޕޫޓިން ފާހަގަ ކުރެއްވި އެވެ. އަދި "މިއާ އެއްފަދަ އެެހެން ނިޒާމެއް ދުނިޔޭގައި ނެތް" ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
އިންޓަކޮންޓިނެންްޓަލް ބެލިސްޓިކް މިސައިލުތަކާއި ހައިޕަސޮނިކް މިސައިލުތަކާއި ދިގު ރާސްތާ މަތިންދާބޯޓުތައް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ އެސް-500 މަރުކާގެ މިސައިލުތައް ބޭނުންކޮށް ރަޝިޔާއިން ދަނީ އެގައުމުގެ ވައިގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި އަހަރު ނިމުމުގެ ކުރިން ރަޝިޔާއިން ސާމަޓް މިސައިލު ނިންމައި ތައްޔާރީ ހާލަތަކަށް ގެންނާނެ ކަމަށް ހުޅަނގުގެ އޮފިޝަލުން ވެސް ކުރިން އޮތީ އަންދާޒާކޮށްފަ އެވެ. އަދި މި މިސައިލް ދަތުރުކުރާ ރާސްތާ އިންތިހާއަށް ދުރުވުމުގެ ސަބަބުން ރާޑަރުތަކުން ރެކުމުގެ ފުރުސަތު އޮވެ، މީގެ މިސައިލެއްގައި އުފުލޭ ގޮވާތަކެތީގެ މިންވަރު ބޮޑުވުމުގެ ސަބަބުން ހުޅަނގުގެ ސަލާމަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
ސާމަޓް މިސައިލަކީ "ހަގީގަތުގައި ވެސް ތަފާތު ހަތިޔާރެއް" ކަމަށާއި މީގެ ސަބަބުން ބޭރުން އަންނަ "ނުރައްކާތަކުން" ރަޝިޔާ ރައްކާތެރިކޮށްދޭނެ ކަމަށް ޕޫޓިން ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި މި މިސައިލުގެ ސަބަބުން ރަޝިޔާއަށް "ބިރުދައްކަން" އުޅޭ ފަރާތްތަކުން "ދެ ފަހަރު ވިސްނާނެ" ކަމަށް ވެސް ޕޫޓިން ވިދާޅުވެފައިވެ އެވެ.
ކޮމެންޓް