ގަލޮޅު ދަނޑުގައި 24 މާޗު 2022 ގައި ކުޅުނު އެކުވެރިކަމުގެ ބައިނަލްއަގުވާމީ މެޗުން ބަންގްލަދޭޝް 2-0 އިން ބަލިކޮށް ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ

ރާއިފްގެ ފުރަތަމަ ލަނޑާ އެކު ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ސާފް ޗެމްޕިއަންޝިޕްގައި ވެސް ގަލޮޅު ދަނޑުގައި ބަންގްލަދޭޝް ބަލިވީ 2-0 އިން
25 މާރިޗު 2022

ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތް ފުރަތަމަ މެޗުގައި، ޒުވާން ފޯވަޑް ހަސަން ރާއިފް އަހުމަދު ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑާ އެކު، 2-0 އިން ބަންގްލަދޭޝް އަތުން ގަލޮޅު ދަނޑުގައި، މިރޭ ރާއްޖެ މޮޅުވެއްޖެ އެވެ.

ރަހުމަތްތެރިކަމުގެ ބައިނަލްއަގުވާމީ މި މެޗުގެ 31 ވަނަ މިނިޓްގައި، ޕެނެލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އަނިސޫރު ރަހުމާންގެ ދެ ފައި ދޭތެރެއިން ފޮނުވާލައިގެން ރާއިފް ކާމިޔާބުކޮށްދިން މި ލަނޑަށް ފަހު ރާއްޖޭގެ ލީޑް ފުޅާކޮށްދިނީ 61 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އޭރިޔާގެ ބޭރުން އުއްޑައެއްހެން ފޮނުވާލި ބާރު ބޯޅަ މަތަނުވެ، ގޯލުގެ މަތީ ކަނަށް ވަދެގެންނެވެ.

މިއީ ރާއްޖެއަށް އަނެއްކާވެސް ބަންގްލަދޭޝްގެ މައްޗަށް ހޯދުނު ރަނގަޅު ކާމިޔާބީއެކެވެ. މިދިއަ އޮކްޓޯބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕްގައި ވެސް، ގަލޮޅު ދަނޑުގައި ކުޅެ ބަންގްލަދޭޝް 2-0 އިން ބަލިކުރި އެވެ. އެކަމަކު ނޮވެމްބަރު މަހު ސްރީ ލަންކާގައި އޮތް ފުޓްބޯޅަ މުބާރާތެއްގައި 2-1 އިން ބަލިވީ ރާއްޖެ އެވެ. އެއީ 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝްއަށް ރާއްޖެ އަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

ބަންގްލަދޭޝް ކޮޅަށް ދެ ލަނޑު ޖެހި ހަސަން ރާއިފް އަހުމަދު (ވ) އާއި އިބްރާހިމް މަހުދީ ހަސަން މެޗަށް ފަހު --(ފޮޓޯ/އެފްއޭއެމް)

މިރޭގެ ރަހުމަތްތެރިކަމުގެ މެޗަކީ އަނެއްކާވެސް ރާއްޖޭގެ ކުރީގެ އުފާވެރި މޮޅުވުންތައް އަލުން ހޯދައިދޭން ފަށާ ފުރުސަތެއްގެ ގޮތުގައި ގައުމީ ޓީމުން ނެގި އެވެ. ކެޕްޓަން އަކްރަމް އަބްދުލްގަނީ، މެޗުގެ ކުރިން އެ ގޮތަށް ވާހަކަ ވެސް ދެއްކި އެވެ.

މިރޭގެ މެޗަށް ނެރުނު ފުރަތަމަ11 އިން ދައްކައިދިނީ ކްލަބް ވާދަކުރުންތަކުގައި މާޒިޔާގެ ވަރުގަދަ ކަމެވެ. އެ ޓީމުގެ އަށް ކުޅުންތެރިން ގައުމީ ޓީމުގެ މި މެޗު ފަށަން ނުކުތެވެ. ދެން ހިމެނުނީ ރާއިފްއާ އެކު އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް އާއި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އެވެ.

ރޭގެ މެޗުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުޅްތެރިޔާ މުހައްމަދު އުމައިރު ބޯޅަ ހިފައިގެން ކުރިއަށް ދަނީ: އުމެއިރަކީ ފުރަތަމަ 11 އިން ޖާގަ ހޯދި މާޒިޔާގެ އަށް ކުޅުންތެރިންގެ ތެރެއިން އެކަކު 

ގައުމީ ޓީމުގެ މިރޭގެ ފުރަތަމަ 11

މާޒިޔާ

އަކްރަމް އަބްދުލްގަނީ (ކެޕްޓަން)

ސަމޫހު އަލީ

އިބްރާހިމް އައިސަމް

ހައިޝަމް ހަސަން

ނާއިޒް ހަސަން

ހުސެއިން ނިހާން

އިބްރާހިމް މަހުދީ ހަސަން

މުހައްމަދު އުމެއިރު

އީގަލްސް

ހަސަން ރާއިފް އަހުމަދު

ހުސެއިން ޝިފާއު ޔޫސުފް

ވެލެންސިއާ

މުހައްމަދު ފައިސަލް

މިރޭގެ މެޗުން ފެނުނު އަނެއް ތަފާތަކީ ދިވެހި ސަޕޯޓަރުންނަށް ވުރެ ބަންގްލަދޭޝްގެ ސަޕޯޓަރުން ގިނަކަމެވެ. އެ މީހުން ގެންދިޔައީ، ސާފް ޗެމްޕިއަންޝިޕްއެކޭ އެއްގޮތަށް ފޯރި ވެސް ނަގަމުންނެވެ.

މެޗުގެ ޓިކެޓް އެފްއޭއެމުން ވިއްކީ ގޮނޑި ބަރިން 100ރ އަދި ސިޑިބަރިން 7ރ އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް