Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

"ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ވާދަވެރިކަން ބޮޑު

ރައީސްގެ ޖަވާބު އެންމެ ފަހުން 'ރަހުމަތްތެރިޔާ'އަށް

2023ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެއްވޭނީ އެމަނިކުފާނަށް ކަމަށް ރައީސް ވިދާޅުވުމަކީ ނަޝީދަށް އޮތް ބޮޑު މެސެޖެއް

މުހިންމު ނުކުތާތައް

މީގެ ކުރިން ސާފުކޮށް ވިދާޅުނުވާ ކިތައްމެ ވާހަކައެއް ރައީސް ވިދާޅުވި

އެމްޑީޕީއަށް އޮތް 'ކާމިޔާބު ޗޮއިސް'އަކީ އެ މަނިކުފާނުކަން ހާމަކުރެއްވި

ކުރިއަށް އޮތް ކޮންގްރެސް ވާނީ އެމްޑީޕީގެ ތާރީހުގައި ވެސް ބޮޑު ބައްދަލުވުމަކަށް

'އެމަނިކުފާނު ސްލޯ' އެވެ. 'އެމަނިކުފާނު ލޮނުމަޑެ'ވެ. 'ރައްދެއް ނުދެއްވަ' އެވެ. 'ކެރިވަޑައެއް ނުގަންނަވަ' އެވެ.

މިއީ މުޅިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވާ ބަސްތަކެވެ.

އެމަނިކުފާނު ޖަވާބެއް ނުދެއްވަ އެވެ. އާދައިގެ މަތިން، އެމަނިކުފާނުގެ މިޒާޖުފުޅެވެ.

އެކަމަކު އެއާ ހިލާފަށް ރައިސް ސޯލިހުގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާގެ ގޮތުގައި ކުރިންސުރެ ބެލެވުނު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ، ސީދާކޮށާއި ނުސީދާކޮށް، އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީގެ ސަރުކާރެއް ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން 'ޖެއްސުންތައް' ވެސް ކުރައްވަމުންނެވެ.

މަޑުން ހުންނެވި ރައީސް ސޯލިހު ދެން ވެސް ދައްކަވަމުން ގެންދެވީ ޕާޓީ މުޅިން ބައިބައިވެގެން ނުދާނެ މަޑުމައިތިރިކަމެވެ. ހުރިހާ ވެސް އެއްޗަކީ އެމްޑީޕީ އެވެ. 

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ތަފާތެވެ. ނަޝީދުގެ ބައެއް އަމަލްފުޅުތަކަށް، ނުވަތަ އެ މަނިކުފާނުގެ އަރިސް ބޭފުޅުން ލައްވާ ކުރުވާ ބައެއް ކަންކަމަށް، ކުރިން ޖަވާބު ނުދެއްވާހާ ގިނައިން އަދި ސާފުކޮށް ރައީސް އެ ވަނީ ބަސްފުޅު ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

"މިއަދު ޔަގީންކަން މިއަރުވަނީ ކާޑުގެ ބާވަތްތަކާއި ބޭސް މަހުން މަހަށް ގަނެވޭ ވަރަށް [ރިޒާވްގައި] ފައިސާ ހުންނާނެއޭ. އެއީ ޖޫން، ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު، ނޮވެމްބަރު، ޑިސެމްބަރަށް ވިޔަސް ހުންނާނެ،" ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ދެއްވި ކުރު ބަޔާނެއްގައި، ރައީސް ވިދާޅުވި އެވެ.

އެއީ ނަޝީދާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲއަށް ދެއްވި ޖަވާބެއް ކަމާ މެދު ޝައްކެއް ނެތެވެ.

ނަޝީދާއި އީވާ ގެންދަވަނީ ދައުލަތުގެ ރިޒާވްގައި ހުރި ފައިސާގެ މިންވަރު އާންމުންނާ ހަމައަށް ގެނެސްދޭން ސަރުކާރަށް ޕްރެޝަރުކުރައްވަމުންނެވެ. އެގޮތުން އީވާ އަންގާރަދުވަހު މަޖިލިހަށް ހުށައެޅުއްވީ އަންނަ މަސް ނިމޭ އިރު ކާޑާއި ބޭސް ގަނެވޭ ވަރަށް ރިޒާވްގައި ބޭރު ފައިސާ ހުރިތޯ ކަށަވަރުކުރަން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ހާޒިރުކުރާށެވެ. 

ބައެއް ވާހަކަތައް، ބައެއް ބޭފުޅުން ދައްކަވަނީ ސިޔާސީ ބޭނުމަކަށް ކަން ފާހަގަކުރަން. [އެކަމަކު] މިއީ ސިޔާސީ ބޭނުމެއްގައި ދައްކަން ޖެހޭ ވަރުގެ ވާހަކަތަކެއް ނޫން.

ރައީސް ސޯލިހު، އިގުތިސާދާ ބެހޭ ގޮތުން ދައްކާ ވާހަކަަތަކަށް އިޝާރަތްކުރައްވާ

އީވާގެ މި ހުށައެޅުން އައުމުގެ ކުރިން ނަޝީދު އިންޒާރު ދެއްވީ އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަށް ދަށްވެދާނެ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން މި މަހާއި ޖުލައި މަސް އެކަންޏެއް ނޫނެވެ. ކުރިއަށް އޮތް ހުރިހާ މަހެއްގެ ނަން ގެންނަވައި، ރައީސް އެވަނީ ދެ ބޭފުޅުންނަށް ޖަވާބު ދެއްވައިފަ އެވެ.

ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް އަނެއްކާވެސް ލޮޅުންތަކެއް އަރަމުން ދާ މި ދަނޑިވަޅުގައި، އަމިއްލަ ޕާޓީގެ އިސް ދެ ބޭފުޅަކު އެހާ ސީދަލަށް ސަރުކާރަށް އަމާޒުކުރައްވާ ދައްކަވާ ވާހަކަފުޅުތައް ހަމައެކަނި އަޑުއައްސަވައިގެން ހުންނަވާކަށް ރައީސް ބޭނުންފުޅެއް ނުވި އެވެ. ބޭރު ފައިސާގެ ރިޒާވްއާ ބެހޭ ގޮތުން އެ ބޭފުޅުން ބޭރުކުރައްވާ ޝައްކުތަކަށް، ރައީސް ޖަވާބު ދެއްވީ ވެސް ސާފުކޮށެވެ.

މިދިއަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން ނޫސްވެރިންނާ އެކު ރައީސް ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސް ފައްޓަވަމުން އެމަނިކުފާނު ވަނީ އާންމުންގެ ތެރޭގައި ބިރު އުފައްދަން ސިޔާސީ ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، "ހަގީގަތާ މާ ދުރު' ވާހަކަތައް ވެސް ގެންދަނީ ފަތުރަމުންނެވެ.

"އޭގެ ސަބަބުން ރައްޔިތުން ކަންބޮޑުވުމެއްގެ ތެރެއަށް ގޮސް، ހާސްކަމެއްގެ ތެރެއަށް އެބަ ދޭ،" ރައީސް ވިދާޅުވި އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން: ރައީސްއަށް ގިނަ ސުވާލުތަކެއް އަމާޒުކުރި (ފޮޓޯ/ރައީސް އޮފީސް)

"ބައެއް ވާހަކަތައް، ބައެއް ބޭފުޅުން ދައްކަވަނީ ސިޔާސީ ބޭނުމަކަށް ކަން ފާހަގަކުރަން. [އެކަމަކު] މިއީ ސިޔާސީ ބޭނުމެއްގައި ދައްކަން ޖެހޭ ވަރުގެ ވާހަކަތަކެއް ނޫން."

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ދައްކަވާ ވާހަކަފުޅުތަކަށް ވުރެ ބޮޑަށް ރައީސްގެ ބަސްފުޅުތަކުގެ އަމާޒަކީ ނަޝީދު ކަމަށް ފެނެ އެވެ. އިދިކޮޅުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލިހުގައި ނެތުމުން ސަރުކާރަށް އަންނާނެ މާ ބޮޑު ޕްރެޝަރެއް ނެތެވެ. އެކަމަކު އަމިއްލަފުޅު ޕާޓީގެ އިސް ބައެއް ބޭފުޅުން މަޖިލިސް ތެރެއިން ކުރައްވަން އުޅުއްވާ ބައެއް ކަންކަމުން ކުރިމަތިވާނެ ސިޔާސީ ލޮޅުން ބޮޑެވެ. 

ރައީސް ވިދާޅުވި ގޮތުގައި މީގެ ކުރިން ރިޒާވްގައި ނެތް ވަރަށް މިހާރު ބޭރު ފައިސާ އެބަ ހުއްޓެވެ. އެއީ ކިހާ ވަރެއްކަން ހާމަނުކުރެއްވީ، ވަގުތުން ވަގުތަށް ބޭނުންކުރެވޭ ރިޒާވްގެ ހިސާބުތައް އާންމުކުރުން އެމްއެމްއޭއިން ހުއްޓާލާފައި އޮތުމުން ކަަމަށް ވިދާޅުވި އެވެ.

"ޔޫޒެބްލް ރިޒާވް އެންމެ ގިނައިން ހުރި އެއް އަހަރަށް މި އަހަރު ވާނެ،" ރައީސް ވިދާޅުވި އެވެ.

ބައެއް ފަހަރަށް އެ ރިޒާވްގައި ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ވެސް ދިޔަ އެވެ. އެގޮތުން ޔޫޒެބްލް ރިޒާވް އެންމެ ދަށަށް ދިޔައީ 2017 ގައި، 50 މިލިއަން ޑޮލަރަށެވެ. އެ މިންވަރަށް ބޭރު ފައިސާގެ އަދަދު ދަށްވީ، ރައީސް ހިއްސާކުރެއްވި މައުލޫމާތަށް ބަލާ ނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމުން ޔާމީންގެ ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހުނު ބަދަލު، އެ ރިޒާވްގެ ތެރެއިން އަދާކުރުމުންނެވެ.

ޔޫޒެބްލް ރިޒާވްގައި ހުރި މިންވަރު އެންމެ ފަހުން ހާމަކުރީ 2018 ގަ އެވެ. އޭރު ހުރީ 281 މިލިއަން ޑޮލަރެވެ.

ނަޝީދަށް މެސެޖްތަކެއް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކީ ނަޝީދުގެ އެންމެ ބޮޑު އެދުމެވެ. އެކަމަކު އެމްޑީޕީގެ ތެރެއިން އެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެދާނެ ފަދަ ވާހަކަފުޅުތަކެއް ވެސް ރައީސް ސޯލިހު ދެއްކެވި އެވެ؛ 2023ގެ އިންތިހާބު އެމްޑިޕީއަށް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ދެ ވަނަ ދައުރަކަށް އެމަނިކުފާނު ނުކުންނަވައިގެން ކަމަށް ވިދާޅުވުމެވެ. މިއީ އޭގެ ކުރިން ދުވަހަކު ވެސް ވިދާޅުވި އެއްޗެއް ނޫނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވަން ނަޝީދު ބޭނުންފުޅުވިޔަސް، އަންނަ އޮގަސްޓް މަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްގައި، އެ ޕްރައިމަރީ ނުބާއްވައި، ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދިނުން އެކަށީގެންވެ އެވެ. ޕާޓީގެ ކޮންޓްރޯލް އޮތީ އެމަނިކުފާނުގެ ކޮޅުގައި ކަމަށް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ. އެންމެ ޑިމޮކްރެޓިކް ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށް ރައީސް ވިދާޅުވިޔަސް، ކޮންގްރެސް އިން ނިންމާ ކޮންމެ ގޮތެއް ގަބޫލުފުޅުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމުގެ މާނަ، އެއް ބަޔަކަށް ނެގުނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް، ކުރު މަގަކުން ހޯއްދެވުމުގެ ނިޔަތް އޮތް ކަމެވެ.

ރައީސްގެ ވާހަކަފުޅުތަކަށް ނަޝީދު ދެއްވި ރައްދު

ނަޝީދު ތަކުރާރުކޮށް ވިދާޅުވަނީ ކޯލިޝަން ހަދައިގެން އިންތިހާބު ކަމިޔާބުކުރުމާ ދުރަށް ދަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ވޯޓުގެ އެންމެ %30 ޕަސެންޓް ލިބުނަސް ރިޔާސީ އިންތިހާބުގައި އަގުލަބިއްޔަތު ހޯދާ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާނެ ގޮތް ހަދަން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ވެސް ނަޝީދުގެ އުއްމީދެކެވެ. މި ދެ މައްސަލާގައި ވެސް، ރައީސް ސޯލިހު ހުންނެވި ގޮތް ވިދާޅުވި އެވެ.

އެއީ ނަޝީދަށް ވަރަށް ސާފު މެސެޖްތަކެކެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާ އެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ."

މިހާރުގެ ސަރުކާރުގެ ކޯލިޝަންގެ ބައެއް ބޭފުޅުން: ރައީސް ސޯލިހު ގަބޫލުފުޅުކުރައްވަނީ ކޯލިޝަނަކާ ނުލައި ވެރިކަން ނުހޯއްދެވޭނެ ކަމަށް (ފޮޓޯ/ރައީސް އޮފީސް)

އެ ޕާޓީން އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ނެތުން އެކަންޏެއް ނޫނެވެ. އެމްޑީޕީގައި މިހާރު ތިއްބެވި ލީޑަރުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރެއްވުމުގެ ފުރުސަތު ބޮޑީ ވެސް އެމަނިކުފާނަށް ކަމަށް، ސީދާ ވިދާޅުވުމަކީ، ނަޝީދުގެ ރައްދު އަންނާނެ ވާހަކަފުޅެކެވެ.

"އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގައި. އެމްޑީޕީއަށް ވެރިކަން ބޭނުންވާ ނަމަ އަޅުގަނޑު މި ހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ރައްދު ލަހެއް ނުވި އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ "އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫން" ކަމަށެވެ. އެއަށް ފަހު ދެން ލިއުއްވީ "މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް، ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާ މެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު."

އެމްޑީޕީގެ ކޮންގްރެސް އޮތީ މާ ދުރަކު ނޫނެވެ. ރަހުމަތްތެރިކަމަށް ވުރެ މުހިންމުވާނީ ވެރިކަމެވެ. ދުނިޔޭގައި ވެސް އެކަން އޮތީ އެހެންނެވެ. ރައީސް ސޯލިހުގެ ސީދާ ޖަވާބުތަކާ އެކު ހުރިހާ ކަމެއް ވެސް މި އޮތީ ސާފުވެފަ އެވެ؛ ރަހުމަތްތެރިޔާއަށް ދޫނުދެއްވާނެ ކަމެވެ. އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ވެސް، ރަހުމަތްތެރިޔާއަށް ވުރެ ފުރުސަތު ބޮޑީ އެމަނިކުފާނަށް ކަމެވެ.

ކޮމެންޓް (1)

ދެވަން

9 ޖޫން 2022
ރައީސް ހީކުރާ ގޮތެއް ނޫން މިހާރު. ގާސިމް މެން ވެސް ފައިނަގާނެ. އުނދަގޫ ވާނެ. ފުރުސަތު ބޮޑީ ރައީސް ނަޝީދަށް.
1 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް