މުސާާޜަ ބޮޑުކޮށްދިނުމަށް ގޮވާލައި، ގައުމީ ޔުނިވަސިޓީގެ މުވައްޒަފުން މިއަދު އިހްތިޖާޖް ކުރަނީ (ފޮޓޯ/ އަބްދުﷲ ޖަމީލް)

މުސާރަ ބޮޑުނުކޮށްދޭތީ، ޔުނިވަސިޓީ މުވައްޒަފުން ކަޅުހެދުމުގައި

ފިނޭންސް މިނިސްޓަރު ވިދާޅުވީ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް

ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި އިރު، އޭގައި ޔުނިވަސިޓީތަކުގެ މުވައްޒަފުން ނުހިމެނޭތީ އެކަމާ ދެކޮޅަށް މިއަދު ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ މުވައްޒަފުން، ކަޅު ހެދުމުގައި އިހްތިޖާޖްކޮށްފި އެވެ.

އެނގުން މުހިއްމު - ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި މިހާރު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރަ އާއި އިނާޔަތްތަކުން އެކަނި ލިބޭނެ ގޮތަށް، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ %56 ބޮޑުކުރި އެވެ.

އެކަމަކު ލެކްޗަރާއިންގެ ޝަކުވާއަކަށްވީ، މި އިނާޔަތުން އެ މީހުން މަހުރޫމްވެ، ބާކީވުމެވެ. މުސާރަ ބޮޑުކުރި ކަމަށް ސަރުކާރުން ބުނި "ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުން"ގެ ތެރޭގައި ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ލެކްޗަރާއިން ނުހިމެނެ އެވެ.

ވީ ކިހިނެއް؟ - އިހްތިޖާޖް ކުރުމުގެ ގޮތުން ދެ ޔުނިވަސިޓީގެ މުވައްޒަފުން ވެސް މިއަދު ވަޒީފާއަށް ނުކުތީ ކަޅު ހެދުމުގަ އެވެ. މުސާރަ ބޮޑުނުކޮށްދޭތީ އެކި ޝަކުވާތައް ލިޔެފައިވާ ބޯޑުތަކާއެކު ގައުމީ ޔުނިވަސިޓީގެ މުވައްޒަފުން އަޑު އުފުލީ، ޓީޗަރުންނަށް ދިން އެ އިނާޔާތުގައި އެ މީހުން ވެސް ހިމެނުމަށް ބުނެ އެވެ.

މުސާާޜަ ބޮޑުކޮށްދިނުމަށް ގޮވާލައި، ގައުމީ ޔުނިވަސިޓީގެ މުވައްޒަފުން މިއަދު އިހްތިޖާޖް ކުރަނީ (ފޮޓޯ/ އަބްދުﷲ ޖަމީލް)
ގައުމީ ޔުނިވަސިޓީގެ މުވައްޒަފުން މިއަދު އިހްތިޖާޖް ކުރަނީ (ފޮޓޯ/ އަބްދުﷲ ޖަމީލް)

"ޔުނިވަސިޓީތަކުގެ މުވައްޒަފުން ބާކީކޮށް ނުލާ،" މުވައްޒަފުން ހިފަހައްޓައިގެން ހުރި ބޮޑު ބެނާއެއްގައި ލިިޔެފައި ވެ އެވެ.

އެހެން މީހަކު ހިފަހައްޓައިގެން ހުރި ބޯޑެއްގައި، 'ޔުނިވަސިޓީތަކުގެ މީހުންނަކީ ވެސް ބުރަކޮށް މަސައްކަތް ކުރާ ބައެއް' ކަމުގައި ލިޔެފައި ހުރި އިރު، 'މަތީ ތައުލީމަކީ ގައުމުގެ ތަރައްގީގެ މައިނާރު' ކަމަށް އެހެން ބޯޑެއްގައި ލިޔެފައި ހުއްޓެވެ.

"ލެކްޗަރާއިންނަކީ ގައުމަށް ބޭނުންވާ ދާއިރާތަކަށް މީހުން ތަމްރީނުކުރާ މީހުން. ލެކްޗަރާއިންގެ ތެރޭގައި އެބަ ތިއްބޭ ހާދަ މޮޅު، ގާބިލު މީހުން. އަޅުގަނޑުމެންގެ ތެރޭގައި މި ތިބީ އާކިޓެކްޓުންނަށް، ނަރުހުންނަށް، ޑޮކްޓަރުންނަށް، ޓީޗަރުންނަށް، ލޭންގުއޭޖުގެ ދާއިރާއިން މީހުން ބިނާކުރާ ބައިވަރު މީހުން،" 'ދައުރު'އާ ކުރިން ވާހަކަ ދައްކަވަމުން، އެމްއެންޔޫގެ ލެކްޗަރާއަކު ވިދާޅުވި އެވެ.

"މި އެންމެން ބާކީކޮށްލީމާ ހަގީގަތުގައި މިއީ ގައުމީ ބިނާކުރުމުގައި ފަހަތަށް އެޅުނު ފިޔަވަޅެއް."

ލެކްޗަރާއިންގެ މުސާރައިގެ މައްސަލަ:

  • އެމްއެންޔޫގެ ލެކްޗަރާއިންނަށް އެންމެ ފަހުން މުސާރަ ބޮޑުކޮށްދިނީ މީގެ 12 އަހަރު ކުރިން، ލެކްޗަރާއިން ބޮޑު ހަޅުތާލެއް ކޮށްގެން

  • މުސާރަ ބޮޑު ކުރުމަށް އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ހުށަހެޅި

  • އެންމެ ފަހުން 2018 ގައި ވެސް މުސާރަ ބޮޑުކޮށްދިނުމަށް އެދި ހުށަހެޅި

އެމްއެންޔޫގައި މި ވަގުތު 200 އެއްހާ ލެކްޗަރާއިން އަދި އައިޔޫއެމްގައި 70 ލެކްޗަރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެމީހުންގެ މުސާރައަކީ 17،000ރ. އެވެ.

މުސާރަ ބޮޑުނުކުރާތީ އިހްތިޖާޖް ކުރުމުގެ ގޮތުން، ގައުމީ ޔުނިވަސިޓީގެ މުވައްޒަފުން މިއަދު ކަޅު ހެދުމުގައި (ފޮޓޯ/ އަބްދުﷲ ޖަމީލް)

'ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކުރާނެ'

ލެކްޗަރާއިންގެ ޝަކުވާތަކާ ގުޅިގެން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ، 'ދައުރު'އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން، ޓީޗަރުންނެކޭ އެއްގޮތަށް ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ޓީޗަރުންގެ މުސާރަ ބޮޑު ކުރި އިރު، ލެކްޗަރާއިންގެ މުސާރައަށް ވެސް އެ ބަދަލު ގެނައުމުގެ މަސައްކަތް އައީ ކުރަމުން

  • ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްއާ ގުޅިގެން އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ 

  • އެ މަސައްކަތް ނިމުމާ އެކު، މުސާރައިގެ އާ އޮނިގަނޑުގެ ތެރެއަށް، ލެކްޗަރާއިން ވެސް ބަދަލުވާނެ

"އިންޝާﷲ ފައިނަލައިޒް ކުރަން މި މަސައްކަތް ކުރަނީ. އެއީ ވެސް ވަރަށް ބޮޑު މަސައްކަތެއް،" މި މަހުގެ 4ގައި ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް