ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު، އަމީން އާންމު ފާތިމަތު ނިޔުޝާއާ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މޭ 6ގެ ހަމަލާ

ނަޝީދަށް ހަމަލާދިން މީހުން އެންމެންގެ ސަލާމަތަށް ހޯދަން ޖެހޭ: މަޖިލީސް

މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް، ޝަރީއަތް ލަސްވުމުގެ ކަންބޮޑުވުން މަޖިލީހުން ފާޅުކުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް މިއަދު އަހަރެއް ފުރިފައިވާއިރު، އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް، ނަޝީދަށް ހަމަލާދިން މީހުން ހޯދަން ޖެހޭ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.

އެނގުން މުހިއްމު - ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި އާއިލީ ގެ، ގ. ކެނެރީގެއިން މޭ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރުއްވަނިކޮށް އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ސައިކަލެއްގެ ބޮމެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނުން އެމަނިކުފާނު ފަރުވާ ހޯއްދެވި އެވެ.

ވީ ކިހިނެއް؟ - އެ ހަމަލާއަށް އަހަރެއް ފުރުމާ ދިމާކޮށް މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ހަމައެކަނި ނަޝީދަށް ދިން ހަމަލާއެއް ނޫން ކަމަށާއި މުޅި ދިވެހި ދައުލަތާއި މުޅި މުޖުތަމައާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. އޭގެ ސަބަބުން އެތައް ގޮތަކުން އޭގެ ގެއްލުން ދިވެހިންނަށް ފޯރިކަމަށް ބުންޏެވެ. އެގޮތުން:

  • ދިވެހިން ނަގާ ކޮޅަށް ޖަހާފައިވާ މުޅި އިގްތިސާދަށް ލޮޅުން އެރި

  • ދައުލަތުގެ ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާ މެދު ދެކޭ ރީތި ގޮތާއި ތަސައްވުރު ބަދަލުވެދާނެ ފަދަ ހަމަލާއެއް

  • ހަމަލާގެ ސަބަބުން ދިވެހިންގެ އަންނަން އޮތް ޖީލުގެ ސަލާމަތުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި ބިރުވެރިކަން އުފެދުނު

މަޖިލީހުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ، އެ ހަމަލާއަށް އަހަރު ދުވަސްވީ އިރު ވެސް މައްސަލައިގައި ހިމެނޭ ހުރިހާ އެންމެން ހައްޔަރު ނުކުރެވި، ޝަރީއަތް ލަސްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ، (ފޮޓޯ. މަޖިލިސް)

މޭ 6 ހަމަލާގެ ތަހުގީގާއި ޝަރީއަތް:

  • ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ހަ މީހަކު ހައްޔަރުކުރި

  • ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވުމުން 23 އަހަރަށް ވަނީ ޖަލަށްލާފައި

  • ތަހުމީން އަހުމަދު (ފޮޅޭމާ/ގއ. ކޮނޑޭ): ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު (މއ. ފޭރުގެ/ކ. މާލެ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް (ނޫރީގެ/ނ. މަނަދޫ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު (މއ. ކުދެހިގެ/ކ.މާލެ): ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ (ހުދުރުވާގެ/ގއ. ވިލިނގިލި): ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް(އަސަރީގެ/އއ. މާޅޮސް): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

  • ފުލުހުން ބުނީ ނަޝީދަށް ހަމަލާދިނީ ދީނީ ގޮތުން ހަރުކަށި ފިކުރުމުގެ ބައެއް ކަމަށް

ތަފްސީލް - އެ ހަމަލާއަށް ފަންޑްކުރި ބަޔަކު ތިބި ކަމަށް ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު މަޖިލީހުން ގޮވާލީ އެ ހަމަލާއަށް، މާލީ ގޮތުން ވާގިވެރިވި މީހުންނާއި އެހެން ފަރާތްތަކުން ހޯދައި، މައްސަލަ ތަހުގީގު ކުރުމަށެވެ.

ބަޔާނުގައި ބުނިގޮތުގައި ރާއްޖޭގައި ޓެރަރިސްޓު ހަމަލާތައް ދޭ މިންވަރު އިތުރުވަމުން އައިސް، ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ ފަހުގެ ތާރީހެއްގައި ދިން އެ ފަދަ އެންމެ ބޮޑު ހަމަލާ އެވެ.

"އެ ފަދަ ހުރިހާ ހަމަލާތަކެއް ތަހުގީގުކޮށް، ޝަރީއަތް ހިންގައި، އެކަމުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ، ގައުމުގެ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަމެކެވެ،" މަޖިލީހުގެ ބަޔާނުގައި ބުންޏެވެ.

ނަޝީދަށް ދިން އެ ހަމަލާގެ ސަބަބުން އެ މަނިކުފާނުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާ ކަން ވެސް މަޖިލީހުން ފާހަގަ ކުރި އެވެ. އެގޮތުން:

  • މިނިވަންކަމާއެކު ދިރިއުޅުއްވައި އެއް ތަނުން އަނެއް ތަނަށް ވަޑައިގަތުން ވަނީ ހިފެހެއްޓިފައި

  • އެ ހަމަލާއަށް އިންސާފު ނުލިބޭހާ ހިނދަކު، ނަޝީދުގެ ރަސްމީ މަސައްކަތްތަކާއި ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރެއްވުމާއި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި

މަޖިލީހުން ބުނިގޮތުގައި މިއަދަކީ އެ ފަދަ ނުރައްކާތަކާ މެދު ސަމާލުވެ ތިބުމުގެ މުހިއްމުކަން ހަނދާން ކުރަން ޖެހޭ ދުވަހެކެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުން ނަމަ އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއި ދެމިތިބުން މުހިއްމު ކަމަށް ވެސް އެތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް