ފުވައްމުލަކު ހުޅަނގު ފަރާތުގައި، ރަށާ ކިލޯމީޓަރެއްހާ ބޭރުން، ކައްޓެޅި ބާނަނީ (ދައުރު ފޮޓޯ/އަލީ ރަފީގް)

ވަރަށް ފުނުގައި އުޅޭ ކައްޓެޅި ބޭނުމަކީ ފަރު މަސްވެރިކަމުގެ ތަފާތު ތަޖުރިބާއެއް

21 ޖެނުއަރީ 2022
1
ބައެއް ފަހަރު ވަރަށް ބޮޑު އަގުގައި ވިއްކައި އުޅޭ ކައްޓެޅިއަކީ ފުވައްމުލަކުގެ މަސްވެރިކަމާއި ކެއުމުގެ ސަގާފަތާ ގުޅިފައިވާ ހާއްސަ މަހެއް

ފުވައްމުލަކަށް ކައްޓެޅި އަކީ ވަރަށް ޚާއްސަ މަހެކެވެ. އަދި ފުވައްމުލަކަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މީހުން ވެސް ކައްޓެޅިއާ މެދު ވަރަށް ޝައުގުވެރިވެ އެވެ. ކަޅު ކުލައިގެ، ހިމަދިގު އަދި ލޯ ބޮޑު މި މަސް ބާނަނީ ރޭގަނޑު، ގާތްގަނަޑަކަށް 150 އާއި 200 މީޓަރާ ދެމެދުގެ ފުންމިނުންނެވެ. 

ފުވައްމުލަކަކީ ކަނޑުގެ މެދުގައި ވަކިން އޮންނަ ރަށެއްކަމުން، ކައްޓެޅި ބާނަން މާ ދުރަށް ދަތުރުކުރާކަށް ނުޖެހެ އެވެ. ރަށާ ކިލޯމީޓަރަކަށް ބޭރަށް ޖެހިލާއިރު ބޭނުންވާ ފުންމިން ލިބެ އެވެ.

ފުވައްމުލަކު ހުޅަނގުފަރާތުން ކައްޓެޅީގެ މަސްވެރިކަމަށް ދޯންޏެއް ދަތުރުކުރަމުންދަނީ. 
ފުވައްމުލަކު ބަނދަރުން ކައްޓެޅީގެ މަސްވެރިކަމަށް ދޯންޏެއް ފުރަން ތައްޔާރުވަނީ.

ރަށުގެ މަސްވެރިން ކައްޓެޅި ބާނަން ފުރަނީ ހަވީރު 5:30 ހާއިރު އެވެ. ގިނަ މީހުން ކައްޓެޅިގެ މަސްވެރިކަން ކުރަނީ މުނިފޫހިފިލުވުމުގެ ގޮތުންނެވެ. ނަމަވެސް ފަހަކަށް އައިސް ކައްޓެޅި އަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭ މަހެއް ވެސް މެ އެވެ. މަދުން ބާނާ މަހަކަށް ވެފައި ރަށު މީހުންނާއި މެހުމާނުންގެ މެދުގައި ކައްޓެޅިއާ މެދު އޮންނަ ޝައުގުވެރިކަމަކީ ވެސް އަގު މައްޗަށް ދިއުމުގެ ސަބަބެއް ކަމަށް ވެދާނެ އެވެ. ކައްޓެޅީގެ އަގު ބައެއް ދުވަސްވަރު އެއްޗެއް 500ރ. އަދި 700ރ. އާ ހަމައަށް އަރާފައި ވެ އެވެ. އަދި ކައްޓެޅި ތަދު ނަމަ އެއަށް ވުރެ ވެސް އަގުބޮޑުކޮށް ގަނެ އުޅެ އެވެ.

ދާދި ފަހުން ފުވައްމުލަކަށް ކުރި ކުރު ދަތުރެއްގައި ކައްޓެޅި ބާނަން ދެ މީހަކާ އެކު މިދިޔަ އަހަރުގެ ފަހު ދުވަހު ދިޔައިމެވެ. މިއީ އަހަރެންގެ ދެވަނަ ދަތުރެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން ވެސް ކައްޓެޅީގެ މަސްވެރިކަމަށް ދިޔައިމެވެ. އެ ދަތުރުގެ ތަޖުރިބާ އެހާ ރަނގަޅެއް ނޫނެވެ. އަހަރެންގެ ކައްޓެޅި ދަތުރުގެ ބޭނުމަކީ، ނޫސްވެރިއެއްގެ ގޮތުން، ކައްޓެޅި ބޭނުން ކަވަރުކުރުމެވެ. ޚާއްސަކޮށް ކައްޓެޅި ބާނާ ވީޑިއޯ އަދި ފޮޓޯ ވެސް ނެގުމެވެ.

ކައްޓެޅި ބޭނުން: 150 ވަރަކަށް މީޓަރު ފުނުން ކައްޓެޅި ބާނަނީ ހަމައެކަނި ރޭގަނޑު

ކައްޓެޅި ބޭނުމަށް އިންޖީނު ދޯންޏެއްގައި މި ދަތުރު ފެށީ ރަށުގެ ދެކުނުގައިވާ ބަނދަރުންނެވެ. ބަނދަރުން ނުކުމެ ދެކުނަށް ދަތުރުކޮށް، ކެޑެމޫލެ ފަރު ހުރަސްކޮށް ދަތުރުކުރީ ރަށުގެ ހުޅަނގު ފަރާތަށެވެ. 

ފުވައްމުލަކު ހުޅަނގުފަރާތުގައި، ރަށާ ކިލޯމީޓަރެއްހާ ބޭރުން، އިރުއޮއްސެމުންދިޔަ ވަގުތު. 

މަސް ބާނަންވީ ޕޮއިންޓަށް ދާން ނެގީ ވިއްސަކަށް މިނެޓެވެ. ދޯނި މާނޭރާއި އަރުއްފަންނާ ދެމެދުން، ރަށާ 900 ވަރަކަށް މީޓަރު ބޭރަށް މަޑުކޮށްލުމަށް ފަހު އެންމެން ފެށީ ކަންވާރުގައި ބުޅި އާއި ބަރި ހަރުކޮށް އާލާތްތައް ތައްޔާރުކުރާށެވެ.  އެމަކަށް ބޭނުންކުރީ ކަޅުބިލަމަހުގެ ބަނޑައިދުލެވެ. ފުރަތަމަ ނަނު ދޫކުރި ހިސާބު މާ ތިލަ ކަމަށް ފެނުމުން ދޯނި ރަށާ ދުރަށް ޖައްސާލަން ޖެހުނެވެ.

ފުވައްމުލަކު ހުޅަނގުފަރާތުގައި، ރަށާ ކިލޯމީޓަރެއްހާ ބޭރުން،  ކައްޓެޅި ބާނަނީ. 
 ކައްޓެޅި ބާނަން ކަންވާރު އަދި އެން ތައްޔާރުކުރަނީ.
 ކައްޓެޅި ބޭނުމަށްފަހު ބުޅި ނައްޓަނީ.

ކައްޓެޅި ބާނަން ރަނގަޅު ފުންމިނެއް ބޭނުންވެ އެވެ. އެހެންކަމުން 150 މީޓަރު ނުވަތަ އެއަށް ވުރެ ފުނަށް ނަނު ފެއްތުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އެހާ ފުނުން ބާނާ މަހަކަށް ވުމާއެކު، ކައްޓެޅި ގަތުމުން، އެ މަސް ދޯންޏަށް އަރުވަން ހަތަރު ވަރަކަށް މިނެޓް ނަގަ އެވެ. ވަރަށް ފަރިތަ މަސްވެރިން އެއަށްވުރެ މިނެޓެއްހާއިރު އަވަހަށް ދޯންޏަށް މަސް އަރުވަފާނެ އެވެ. ކައްޓެޅިއަކީ ކަންވާރު ދޫކޮށްގެން ބާނާ މުޑަހަންޖާއި ކަންނެލިހާ ބާރުދައްކާ މަހެއް ނޫނެވެ. ކައްޓެޅި ގަތުމާ އެއްކޮށް އެއްވެސް ވަރަކަށް ދޫ ދިނުމެއް ނެތި ކަންވާރު ދަމައި ދޯންޏަށް މަސް އަރުވަންވީ އެވެ.

އެ ރޭ 8:30ވީ އިރު ހަތަރު ކައްޓެޅި ވަނީ ބޭނިފަ އެވެ. އަދި ކައްޓެޅިއާ ވަރަށް ވައްތަރު މަހެއް ކަމުގައިވާ، 'އަލިތޮޅި' (ފުވައްމުލަކު ބަހުން ދިއްކުރަންވާޅި) އެއް ވެސް ބޭނި އެވެ. މިއީ އެހާ މީރު މަހަކަށް ނުވާތީ ކެޔޮޅު ލަފާދިނީ މަސް ދޫކޮށްލުމަށެވެ. ދިއްކުރަންވާޅި ދޫކޮށްލީ އެވެ.

ކައްޓެޅީގެ މަސްވެރިކަމުގައި ބޭނުނު ކައްޓެޅިއާ ވައްތަރުގެ މަހެއްކަމުގައިވާ 'އަލިތޮޅި' (ދިއްކުރަންވާޅި).

ކައްޓެޅި ބޭނުމުގައި ބައެއް ދޯނިފަހަރު ރޭގަނޑު 8 އަދި 9 ޖަހަންދެން ކަނޑުމަތީގައި މަޑުކުރެ އެވެ. އަހަރެމެން މި ދަތުރު ނިންމާލީ 8:30 ހާއިރު އެވެ. ބަނދަރަށް ވަދެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެ ރޭ ކައްޓެޅި ބާނައިގެން ތަންކޮޅެއް ކުރިން އައި ދޯނިތަކުން ދެ ފޫޓް ހުންނަވަރުގެ ކައްޓެޅިއެއް ވިއްކީ 500ރ. އަށެވެ. ގިނަ ބަޔަކު މަސް ގަތުމަށް އެވަގުތު ބަނދަރު މަތީގައި ނެތުމުން އަހަރެމެން ބޭނި ކައްޓެޅީގެ ތެރެއިން ތިން ކައްޓެޅި ކެޔޮޅު ވިއްކާލީ 1000ރ. އަށެވެ. އަނެއް ކައްޓެޅި ގެންދިޔައީ ގެއަށެވެ.

 ކައްޓެޅި ބާނަނީ: މި މަސް ބާނަނީ 150 ވަރަކަށް މީޓަރު އަޑިން
ކައްޓެޅި ބާނަނީ: ކައްޓެޅީގެ މަސްވެރިކަން ކުރަނީ ރޭގަނޑު
ފުވައްމުލަކު ބަނދަރުގައި ވިއްކަން ބަހައްޓާފައިހުރި ކައްޓެޅިތަކެއް.

ކައްޓެޅި ކާން އެންމެ މީރީ ބާނާ ދުވަހު ގަރުދިޔަ ކައްކައިގެން އަލައާ އެކު އެވެ. ކައްޓެޅި އަމިއްލައަށް ބާނައިގެން ހަމަ އެ ދުވަހު ކައްޓެޅީގެ ކެއުމަކަށް އިންސާފުކުރެވުމަކީ ލިބުނު ވަރަށް ތަފާތު ތަޖުރިބާއެކެވެ.

ފުވައްމުލަކުގެ މަސްވެރިކަމާއި ކެއުމުގެ ސަގާފަތާ ގުޅިފައިވާ ކައްޓެޅި ބޭނުމާއި ކެއުން މިއީ މި ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ތަޖްރިބާކޮށްލަން ރަނގަޅު ކަމެކެވެ.

 ކައްޓެޅިން އާންމުގޮތެއްގައި ކައްކަނީ ގަރުދިޔަ.
ކައްޓެޅި މަސް ކާ މޭޒު މަތީގައި.

ކޮމެންޓް (1)

މުހައްމަދު

25 ޖެނުއަރީ 2022
ކުރިން ނޭގޭ ވަރަށް ގިނަ އެއްޗިހި ކައްޓެޅި ބެހޭ ގޮތުން އެގިއްޖެ. މީ ވަރަށް ވެސް ކިޔާހިތް ވާ ކަހަލަ ލިޔުމެއް. ނީޑް މޯ ލައިކް ދިސް
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް