Majlis 2024

ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު މާލޭގެ ސޯޝަލް ސެންޓަރުގައި ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

ކޮވިޑް ކޭސްތައް ބާރަށް އިތުރު ވިޔަސް ސީރިއަސް ބަލިމީހަކު އަދި ނެތް

އޮމިކްރޮން އިން ބަލި ޖައްސާ މިންވަރު ދަށް ކަމަށް މި ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހަދާފައިވާ ހުރިހާ ދިރާސާތަކަކުން ވެސް ވަނީ ދައްކާފައި
13 ޖެނުއަރީ 2022

ކޮވިޑުގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޮން، ކުރީގެ ވޭރިއަންޓުތަކަށް ވުރެ މާ ބާރަށް ފެތުރޭތީ ރާއްޖޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު އެތައް ގުނައެއް އިތުރުވެފައި ވިޔަސް، ކޮވިޑް ބަލީގައި މި ވަގުތު އެއްވެސް މީހަކު ސީރިއަސް ހާލަތެއްގައި ނެތް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އޮމިކްރޮން ރާއްޖޭން ވެސް ފެނި، މި ވައްތަރު ފެނިފައިވާ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބާރަށް މައްޗަށް ދާން ވަނީ ފަށާފަ އެވެ. އެގޮތުން:

  • ފާއިތުވެދިޔަ ހަތް ދުވަހު މުޅި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އެވްރެޖު ހުރީ 413ގައި؛ އޭގެ ކުރީގެ ހަތް ދުވަހުގެ އެވްރެޖަކީ 189

  • މުޅި ރާއްޖޭން ކޮވިޑަށް ޓެސްޓުކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް ހުރީ %8.9ގައި

  • މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓު ހުރީ %9ގައި

ހުޅުމާލޭގައި އަލަށް ހަދަމުން އަންނަ ކޮވިޑް ފެސިލިޓީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

ތަފްސީލް - އެޗްޕީއޭ އިން އެންމެ ފަހުން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ވަގުތު ކޮވިޑް ޖެހިފައި 4،656 މީހަކު ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 21 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލެއްގައި ނުވަތަ ކޮވިޑަށް ފަރުވާ ދިނުމަށް ހާއްސަ ފެސިލިޓީއެއްގަ އެވެ.

ނަމަވެސް، އެޗްޕީއޭގެ އެސިސްޓެންޓް ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިޝަތު ލުބާނާ މިއަދު 'ދައުރު'އަށް ވިދާޅުވީ އެ މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާ ދެމުން ދިޔަ ނަމަވެސް، އެއްވެސް މީހަކު އައިސީޔޫގައި ނުވަތަ ވެންޓިލޭޓަރުގައި ނެތް ކަމަށެވެ.

އެނގުން މުހިންމު - ކުރިން އެންމެ ބާރަށް ފެތުރުނު ޑެލްޓާ ވޭރިއަންޓަށް ވުރެ ވެސް އެތައް ގުނައެއް ހަލުއި މިނުގައި އޮމިކްރޮން ފެތުރުނަސް، ވައިރަސްގެ މި ވައްތަރުން ބަލި ޖައްސާ މިންވަރު ދަށް ކަމަށް މި ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހަދާފައިވާ ހުރިހާ ދިރާސާތަކަކުން ވެސް ވަނީ ދައްކާފަ އެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަނީ: މި ދުވަސްވަރު ރާއްޖޭގައި ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. (ފޮޓޯ/ރައީސް އޮފީސް)

ކޮވިޑުގެ ތިން ވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވެފައި ވާއިރު، އެޗްޕީއޭ އިން މި ހަފްތާގައި ބުނެފައިވާ ގޮތުގައި:

  • އެންމެ ކޭސްތައް ގިނަވާނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ފަހުކޮޅު

  • އެންމެ ފުރަތަމަ މާލޭން ކޭސްތައް ގިނަވަމުން ދިޔަ ނަމަވެސް، ކުރިން ކުރިމަތިވި ކޮވިޑުގެ ޑެލްޓާ ވޭރިއަންޓުގެ ރާޅާ ހިލާފަށް މިފަހަރު އަތޮޅުތެރެ އިން ވެސް ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކުރެވޭ

ރާއްޖޭގެ ކޮވިޑުގެ ހާލަތު:

  • މިހާތަނަށް 99،635 މީހަކަށް ކޮވިޑް ޖެހިފައިވޭ

  • 94،702 މީހަކު ބަލިން ރަނގަޅުވެފައިވޭ

  • 264 މީހަކު ވަނީ މަރުވެފައި

ވެކްސިން ޖެހުން

މިހާތަނަށް ރާއްޖޭން ވެކްސިން ޖަހާފައި ވަނީ:

  • ފުރަތަމަ ޑޯޒް: 397،070 މީހުން (ޖުމްލަ އާބާދީގެ ނިސްބަތުން %73)

  • ދެ ޑޯޒް ފުރިހަމަކޮށްފައި: 368،465 މީހުން (ޖުމްލަ އާބާދީގެ ނިސްބަތުން %68)

  • ބޫސްޓާ ޑޯޒް: 28،544 މީހުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް