26 ޖެނުއަރީ 2019ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ހޮސްޕިޓަލުގެ ނަރުހުންނާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ސިއްހަތު

ނަރުހުންނަކީ ސިއްހީ ދާއިރާގެ މައިބަދަ؛ ގުޑުންއެރިޔަ ދީގެން ނުވާނެ: ކައުންސިލް

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު، ނަރުހުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ މީހުންގެ އަދަދު މަދުވުން

ނަރުހުންނަކީ ސިއްހީ ދާއިރާގެ މައިބަދަ ކަމަށާއި ސިއްހީ ދާއިރާއަށް ގުޑުމެއް ނާރާނެހެން މައިބަދަ ވަރުގަދަކޮށް ބެހެއްޓުމަކީ މުޖުތަމައުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެއް ކަަމަށް، ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެން އެ ކައުންސިލުން ވަނީ، ނަރުހުންގެ ބުރަ މަސައްކަތާއި އެ މީހުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ. ހެލްތު މިނިސްޓްރީގެ ދަށުގައި އޮންނަ އެ ކައުންސިލުން ދެކޭ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ނަރުހުން ވަނީ އެ މީހުންނަކީ ކިހާ މުހިއްމު ބައެއްކަން ސާބިތުކޮށްދީ، ނަމޫނާ މަސައްކަތްތަކެއް ދައްކައިދީފަ އެވެ.

ބުނީ ކީކޭ؟ - ނާސިން ކައުންސިލުގެ ބަޔާނުގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ވެސް ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައިރު، އަމިއްލަ އާއިލާއާ ދުރުގައި، "ސަލާމަތީ ގިއަރު" އަޅައިގެން މަސައްކަތް ކުރި އެއް ބަޔަކީ ނަރުހުން ކަމަށެވެ. އަދި ނަރުހުންނަކީ އާއްމު ހާލަތްތަކާއި ކުއްލި ނުރައްކަލުގެ ހާލަތު ފަދަ ގައުމަށް ދިމާވާ ކޮންމެ ހާދިސާއެއްގައި ވެސް ދެ ވަނައެއް ނެތް ނަމޫނާ ދައްކާފައިވާ ހިދުމަތްތެރިންކަން އެ ކައުންސިލުން ފާހަގަކުރި އެވެ.

ކޮވިޑް-19 ވެކްސިން ޖެހުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި ނަރުހަކު ހަރަކާތްތެރިވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ނަރުހުންގެ ޖަމިއްޔާއިން ހަދާފައިވާ ދިރާސާއަކާ ހަވާލާދީ އެ ތަނުން ބުނި ގޮތުގައި:

  • ކޮވިޑާ ގުޅިގެން ދުނިޔޭގެ ސިއްހީ ނިޒާމުގެ ބަލިކަށިކަން ހާމަވެ، މި ބަލިމަޑުކަމުގައި އެންމެ ބޮޑު ތަކުލީފަކާއި ގޮންޖެހުންތައް އުފުލަން ޖެހުނު ބަޔަކީ ނަރުހުން

  • އެހެންވެ، މި ތަޖުރިބާގެ އަލީގައި މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރު ހާއްސަވެފައިވަނީ ވެސް ނަރުހުން އިތުރު ކުރުމަށް އަޑުއުފުލުމަށް

  • ތަފާތު ދާއިރާތަކުން ނަރުހުން ބިނާކުރުމަކީ ކުރިއަށް އެޅޭނެ ބޮޑު ފިޔަވަޅެއް އަދި އެކަން ރާއްޖެ ފަދަ ގައުމަކަށް އިންތިހާއަށް ބޭނުން

ދުނިޔޭގެ އާބާދީއަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް، 5.9 މިލިއަން ނަރުހުން އިތުރަށް ބޭނުންވާ ކަމަށްވެ އެވެ. ހާއްސަކޮށް، އިގްތިސާދީ ގޮތުން ތަރައްގީ ނުވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ނާސިން ކައުންސިލުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް