Majlis 2024

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕޭން ދަތުރުފުޅުގައި ގދ. ގައްދޫގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ޓްވިޓާ/ސިމްވާރު)

މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ސަރުކާރުން އިއްތިހާދުގެ ސިޔާސަތު ހިންގާތީ: ނަޝީދު

ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި މަސް ކިލޯއެއްގެ އަގު 25ރ.ގައި ހިފަހައްޓާނެ ކަމަށް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އައިސް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބެނީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކުގެ ބަދަލުގައި އިއްތިހާދުގެ ސިޔާސަތުތައް ހިންގާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 28ގައި އޮންނަ، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ނަޝީދު މި ވަގުތު ކެމްޕޭނު ކުރައްވަނީ، މަސްވެރިކަމަށް މަޝްހޫރު ގއ. އަދި ގދ. އަތޮޅުގަ އެވެ. ރޭ ގދ. ގައްދުއަަށް ވަޑައިގެން އެ ރަށުގައި ހުންނަ އެ މަނިކުފާނުގެ ކެމްޕޭނު ޖަގަހައިގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ބިނާކުރެއްވީ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށެވެ.

ބުނީ ކީކޭ؟ - "މަސްކިލޯއެއް [ކުރީގެ ރައީސް] މައުމޫނު [އަބްދުލްގައްޔޫމް]ގެ ސަރުކާރުގައި ގަންނަމުން ދިޔައީ 2ރ. ބަޔަށް. ފިނިކޮށްފައި މަސް ކިލޯއެއް ބައެއް ފަހަރަށް 3ރ. ބަޔަށް ގަނޭ،" 2008ގައި އެމްޑީޕީން ފުރަތަމަ ފަހަރަށް ވެރިކަމަށް އައިއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އޮތް ހާލަތު ސިފަކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެއީ އެއްވެސް ހާލެއްގައި އެ ސިނާއަތު ކުރިއަށް ގެންދެވޭނެ އަގެއް ނޫންކަން އަބަދުވެސް ފާހަގަކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އެމްޑީޕީން 2008ގައި އެކުލަވާލި މެނިފެސްޓޯގައި ވެސް މަހުގެ އަގު އުފުލައިދީ، މަހަށް ހަމަ އަގު ހޯދައިދޭން ވައުދުވެފައިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ފާހަގަކުރެއްވި ގޮތުގައި:

  • އެ މަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުތަކުގެ ދަށުން، ކަޅުބިލަމަސް ކިލޯއެއްގެ އަގު 26ރ.އަށް އެރި؛ އެއާ އެކު އޮޑީގެ ލޯނު ހަ މަސްދުވަހުން ދެއްކުނު ކަމަށް އޮޑިވެރިޔަކު އެ މަނިކުފާނު އަރިހުގައި ބުނެފައިވޭ

  • މި ކެމްޕޭނު ދަތުރުފުޅުގައި ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގެ މީހުންނާ ވާހަކަފުޅު ދެއްކެވުމުން އެނގިވަޑައިގަތީ އެ ރަށުގައި މިހާރު އޮތީ މަހަށް ފުރާ ހަތަރު ދޯނިކަން؛ އެމްޑީޕީން ސިޔާސީ ހަރަކާތް ފެށިއިރު، އެ ރަށުގައި މަހަށް ފުރާ 18 ދޯނި އޮތް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ހީނަރުވަމުންދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ދިވެހިންގެ އިގްތިސޯދާއި ދިރިއުޅުން މަސްވެރިކަމާ ގުޅިފައި ވާއިރު، މަހަށް ރަނގަޅު އަގެއް ލިބި، ތަނަވަސްކަން މަތީގައި މަސްވެރިންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ ވެރިންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެ ފުރުސަތު އަޅުގަނޑުމެންގެ މަސްވެރިންނަށް ހޯދައިދިނުން. މަހުގެ އަގު މިހާރު މި ހުރީ 17ރ.ގައި. ޑީސަލް ލީޓަރެއް މި ހުރީ 29ރ. އާއި 21ރ.އާ ދެމެދުގައި. އައިސް ޓަނެއް 800ރ.ގައި. މަސް ކިރަނީ 5 ޓަނު. އެއަށް ލާރި ދެނީ މަހެއް ފަހުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ދެ ވެރިކަމުގެ ދޭތެރޭގައި ދައުލަތުގެ ބަޖެޓު ދިހަ ގުނަ ވެގެން ދިޔަކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެއާ އެއްވަރަަށް މަހަށް ލިބޭ އަގު ބޮޑު ނުވާ ކަމަށެވެ.

"2008 ވަނަ އަހަރު ގެއަށް މަހަކު 5،000ރ. ގެންދިޔަ މީހާ، މިއަދު ނުގެންދޭ 50،000ރ.އެއް،" އެ ބަދަލު ގެނެވިފައި ނުވަނީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ނުހިންގާތީކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

"2018 ވަނަ އަހަރު މި އުފެދުނު އެމްޑީޕީގެ ރައީސަކު ހުރި ސަރުކާރުގައި އެމްޑީޕީގެ ސިޔާސަތުތައް ހިންގާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ސަރުކާރު އަބަދުވެސް މަސައްކަތްކުރަމުން ގެންދެވީ އިއްތިހާދުގެ ސިޔާސަތުތައް ހިންގަން."

އެ މަނިކުފާނު ވިދާޅުވީ:

  • މަހުގެ އަގު އުފުލޭނީ ރޯ މަސް ބޭރުކުރުން ހުއްޓާލައި ރަށްރަށުގައި ވެސް މަސް ދަޅުގައި ބަންދުކޮށް ނުވަތަ އެހެން ވެސް ގޮތަކަށް އެ މަސް ފައްކާކޮށްގެން

  • މިއަދު ރާއްޖޭން ބޭރުކުރާ މަހުގެ %75 އަކީ ރޯ މަސް

"އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރާކަށް ސަރުކާރުން ނުވިސްނި. އެމްޑީޕީން ބުނީ މިއިން ކޮންމެ ރަށެއްގައި، ހާއްސަކޮށް މަސްވެރި ރަށްރަށުގައި، ރަށުގައި މަސް ބަންދުކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދޭނަމޭ،" ބޮޑެތި މަސް ފެކްޓަރީތަކެއް ގާއިމް ނުކުރިއަސް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެކަން ވާން އޮތްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕޭން ދަތުރުފުޅުގައި ގދ. ގައްދޫގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ޓްވިޓާ/ސިމްވާރު)

ނަމަވެސް، ނަޝީދު ވިދާޅުވީ، އެކަން ނުކޮށް ސަރުކާރުން ގެންދިޔައީ އިއްތިހާދުގެ ސިޔާސަތުގެ ދަށުން، ކޯލްޑް ސްޓޯރޭޖް އިތުރުކުރަން މަސައްކަތް ކުރަމުން ކަމަށެވެ.

"ރާއްޖެއިން ބޭރަށް ވިއްކާ [ރޯ]މަސް މަދުކުރުމަށް އަޅުގަނޑުމެން ސިޔާސަތުތަކެއް ތަންފީޒެއް ނުކުރި. ރާއްޖޭގައި އެ މަސް ބޭނުންކުރުމަށް އަޅުގަނޑުމެން ސިޔާސަތުތަކެއް ތަންފީޒެއް ނުކުރި. ތައިލެންޑަށް ވިއްކާ ރޯ މަސް، ރޯދައަށް އެ މީހުން މި ދެނީ ދަޅުގައި ބަންދުކޮށްފައި އަޅުގަނޑުމެންނަށް ކާންދޭން. ވެންމަސް ވެނަށް ކާންދޭން،" ނަޝީދު ވިދާޅުވި އެވެ.

ހުވަދު އަތޮޅަކީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅަށް ވެފައި އެންމެ ގިނައިން މަސް ބާނާ އެއް އަތޮޅުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ އަތޮޅުގެ މަސްވެރިންނަށް ތަނަވަސްކަން ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ފަސް އަހަރު ގެއްލުވާލައިފި މިދެންނެވި ތަނަވަސްކަން ނުހޯދާ. މަސައްކަތް ކުރަމުން އައީ ވަރަށް، އަޅުގަނޑު ދަންނަވާނީ، ހީލަތްތެރި ރޭވުމެއްގައޭ. މަހުގެ އަގު 17ރ.ގައި ބަހައްޓާފައި އެހެރީ ކަނޑައެޅިގެން ގަސްތުގައި،" އެ މަނިކުފާނު ވިދާޅުވި އެވެ. 

"އޭރުން މަހަށް ފުރާ ކުއްޖަކަށް 8،000ރ.، 10،000ރ. ލިބޭނީ. އެހެންވީމާ އޭނާ މަހަށް ފުރިޔަ ނުދީ ރަށުގައި އޭނާ ބަހައްޓާފައި، އޭނާ ފެނަކައިގެ މަސައްކަތު މީހަކަށް، ރޯޑް ކޯޕަރޭޝަންގެ މަސައްކަތު މީހަކަށް ވެއްދީމާ، މި އިއްތިހާދުގެ ސަރުކާރުން އުންމީދުކުރީ، އޭނާގެ މިނިވަންކަމުގެ މައްޗަށް، އޭނާގެ ޒަމީރުގެ މައްޗަށް، އޭނާގެ ޝަހްސުގެ މައްޗަށް ސަރުކާރުން އަރައިގަނެވިދާނެ ކަމަށް."

ނަމަވެސް، ދިވެހީންނަކީ މިހާރު ގަދަރުވެރި، އަބުރުވެރި އަދި ހިތްވަރުގަދަ ބައެއް ކަމަށާއި، އެ މީހުންނަކީ ކުރިން އަޅުދާސްތު ކުރަމުން ގެންދިޔަ ފަދައިން އޮބަހައްޓާފައި ބޭތިއްބޭނެ ބައެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

'މަސް ކިލޯއެއްގެ އަގު 25ރ.ގައި ބަހައްޓައިދޭނަން'

މިދިޔަ ފަސް އަހަރު ބޭކާރުވެގެން ދިއުމުން، ގޭދޮށު މަސްފެކްޓަރީތައް ހަދަން ދެން މަސްވެރިންނަށް މަޑުކުރެވެން ނެތްކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެ ތަން ފޫބެއްދުމަށް އެ މަނިކުފާނު އިންތިހާބުވުމާ އެކު މަހުގެ އަގު އުފުލައިދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެބަ ވަން ވައުދެއް. މަހުގެ އަގު އިރާދަކުރެއްވިއްޔާ ނޮވެމްބަރު 11 އިން ފެށިގެން 25ރ.ގައި ބަހައްޓައިދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި:

  • ރާއްޖޭގައި ރަނގަޅަށް މަސް ބާނާ އަހަރެއްގައި 250،000 ޓަނު މަސް ބޭރުކުރޭ

  • މިފްކޯއަށް ދުވާލަކަށް 5 މިލިއަން ކިލޯގެ މަސް ގަނޭ؛ އެއަށް 8ރ. އިތުރުކޮށްފި ނަމަ، އެއީ މަހެއްގެ މައްޗަށް 40 މިލިއަން ރުފިޔާ

  • ފެނަކައިގެ ޕޭރޯލް މިހާރު ހަމަޖައްސަނީ 20 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްގެން؛ ކޮންމެ ރަށެއްގެ އިންޖީނުގޭގައި މަހަކު 10،000ރ.ގެ މުސާރައަށް 25-30 މީހުން މަސައްކަތް ކުރޭ

  • މަހުގެ އަގު ރަނގަޅުކޮށް، އެ މީހުން މަސްވެރިކަމަށް ނެރެފި ނަމަ، އެއިން ކޮންމެ މީހަކަށް މަހަކު 25،000ރ. ލިބޭނެ

"އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ބޮޑު ގޯހެއް، މި ފަސް އަހަރު އަޅުގަނޑުމެން ނަގާލައިފި. ގައްދޫ ރައްޔިތުންނެއް ވެސް، ހުވަދޫ ރައްޔިތުންނެއް ވެސް އަޅުގަނޑަށް ޔަގީން ކަށަވަރު، އިތުރު ފަސް އަހަރު ނަގާލާކަށް ނުޖެހޭނެ އަދި ބޭނުމެއް ވެސް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ތި ހުރިހާ ބޭފުޅުން، ތިބޭފުޅުންގެ ސަރުކާރެއް، މަސްވެރިންގެ ސަރުކާރެއް އަނެއްކާވެސް އުފައްދައިދިނުމަށް އަދި ގައްދޫގެ ހުރިހާ ރައްޔިތުން އަޅުގަނޑަށް ވޯޓެއް ދިނުމަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު އެދެން."

ކޮމެންޓް (1)

އަގުދާސް ހަކީމު

21 ޖެނުއަރީ 2023
ކޮންތާކު ހިންގާ އިއްތިހާދުގެ ސިޔާސަތެއްގެ ވާހަަކަ. އަންނި ވެރިކަމުގައި ހުރިނަމަވެސް ހިންގާނެ ސިޔާސަތު މިހާރުވެސް އެމްޑީޕީ ސަރުކާރުގައި ހިންގަނީ. އަންނި އަަށް ދެންވެސް ވެރިކަން ލިބުނަސް ނުކުރެވޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް