ފުވައްމުލަކު ދަނޑުވެރިއެއްކަމުގައިވާ މުހައްމަދު ނަސީރު އޭނާގެ ކަރާ ދަނޑުގައި، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)

ކަރާ ހެއްދުމުގައި ފުވައްމުލަކަށް މިފަހަރު ފޮނި ނަތީޖާއެއް

2 އޭޕްރީލު 2022
2
މިދިޔަ އަހަރުގެ ރޯދަމަހަށް ހެއްދި ކަރާ ދަނޑުތައް އެއްކޮށްހެން ހަލާކުވެގެންދިޔައީ ފުވައްމުލަކަށް ކުރި ވިއްސާރާގައި ދަނޑުތަކުގައި ފެންބޮޑުވުމުން.

ފުވައްމުލަކުގައި ކަރާ ހެއްދުމުގެ މަސައްކަތްކުރާ ދެމަފިންކަމުގައިވާ މުހައްމަދު ނަސީރާއި ޝާދިޔާ އިބްރާހީމަށް މި ރޯދަމަހަކީ ގިނަ ގޮތްގޮތުން ވަރަށް އުފާވެރި، އަދި ފާގަތި މަހެކެވެ. ކުރީ އަހަރުގެ ހިތި ތަޖުރިބާ އަށްފަހު، ކަރާ ހެއްދުމުގައި މިއަހަރު ފޮނި ނަތީޖާއެއް ލިބެން ފަށާފައިވާތީ އެވެ.

ފުވައްމުލަކުގެ އިރުއުތުރު ފަރާތުގައި، ގެއްމިސްކް މަގާ އިންވާގޮތަށް ހައްދާފައި 10 ކަރާ ދަނޑުގެ ތެރެއިން އެންމެ ބޮޑު އެއް ކަރާ ދަނޑަކީ ޝާދިޔާގެ ދެމަފިރިންގެ ކަރާ ދަނޑެވެ.

ފުވައްމުލަކު ކަރާ ދަނޑެއްގައި އޮތް ކަރައެއް. 1 އޭޕްރިލް 2022. (ފޮޓޯ/ފާއިދު އަހްމަދު ރަފީގް)
ފުވައްމުލަކު އިރުއުތު ފަރާތު'ދަޑޮމައްތެ' ސަރަހައްދުގައި ހައްދާފައިވާ ކަރާ ދަނޑެއް، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)

ކަރާ ހެއްދުމުގައި 10 އަހަރު ހޭދަކޮށްފައިވާ ޝާދިޔާ ބުނިގޮތުގައި ވޭތުވެދިޔަ ތިން އަހަރު ކަރާދަނޑުތަކަށް ގެއްލުން ލިބިފައިވަނީ ވިއްސާރަވެ ދަނޑުތަކުގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.

"ކަރާ ދަނޑުތަކަށް ގެއްލުންވަމުންދާނތާ ތިން އަހަރު ވެއްޖެ.  ފެންބޮޑުވެ ދަނޑުތައް ހަލާކުވެގެންދަނީ. ފެންބޮޑުވާއިރު ކަރާ ވެޔޮ ނުވެސްފެނޭ. ފެން ހިނދޭއިރަށް ގިނަ ކަރާތައް ހުންނަނީ ހަލާކުވެފަ،" ޝާދިޔާ ބުންޏެވެ.

ފުވައްމުލަކު ދަނޑުވެރިއެއްކަމުގައިވާ ޝާދިޔާ އިބްރާހީމް އޭނާގެ ކަރާ ދަނޑުގައި، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)

އެންމެ ބޮޑު ގެއްލުމެއް ލިބުނީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރުގެ ރޯދަމަހަށް ހެއްދި ކަރާ ދަނޑު އެއްކޮށްހެން ހަލާކުވެގެންދިޔައީ ފުވައްމުލަކަށް ކުރި ވިއްސާރާގައި ދަނޑުތަކުގައި ފެންބޮޑުވުމުންނެވެ.

"މިދިޔަ އަހަރު ދެ ޕަމްޕް ބޭނުންކޮށްގެންވެސް ދަނޑުން ފެން ހިންދޭ ގޮތެއްނުވި. އެންމެ ފަހުން ކައުންސިލްގެ އެހީތެރިކަމާއެކު ފެން ހިންދުނީ. އެއިރު ދަނޑަށްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި،" ޝާދިޔާ ބުންޏެވެ.

ނަމަވެސް މި ރަށުގައި ކަރާހައްދާ ދަނޑުވެރިން މިފަހަރު ރޯދައަށް ހެއްދި ކަރާ ދަނޑުތަކަށް އެއްވެސް މައްސަލައެއް އަަދި ކުރިމަތި ނުވެއެވެ.

"ވާރޭ ނުވެހޭތީ މިއީ ވަރަށް ކަރާހެއްދުމަށް ވަރަށް ރަގަޅު މޫސުމެއް،" ހުކުރު ދުވަހު ހެނދުނު ކަރާދަނޑުގައި ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުމުގައި އުޅެމުން 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި ޝާދިޔާ ބުންޏެވެ.

ގިނަ ކަރާ ދަނޑުތަކަށް މިހާރު ފެންޖަހަނީ ބިމުގައި ހޮޅި ވަޅުލައިގެން  ގާއިމްކޮށްފައިވާ ފެންދިނުމުގެ ނިޒާމެއް ބޭނުންކޮށްގެންނެވެ. ފެންދިނުމުގެ މި ނިޒާމުން ދަނޑުވެރިކަމުގެ މަސައްކަތް ފަސޭހަވުމުގެ އިތުރަށް، އުފެއްދުންތެރިކަން އިތުރުވެގެންދާކަމަށް ދަނޑުވެރިން ބުނެ އެވެ.

ފުވައްމުލަކު ދަނޑުވެރިއެއްކަމުގައިވާ މުހައްމަދު ނަސީރު އޭނާގެ ކަރާ ދަނޑުގައި، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)

ނަމަވެސް ޝާދިޔާއާއި ނަސީރު އަދި ބައެއް އެހެން ދަނޑުވެރިންގެ ކަންބޮޑުވުމަކީ މީގެ ކުރިންވެސް ކަރާދަނޑުތަކަށް ބައެއް މީހުން ގެއްލުންދީފައިވާތީ އެފަދަ މައްސަލަތަކެއް ދިމާވެދާނެތީ އެވެ. އަދި މިއަދާ ހަމަށް ފުވައްމުލަކު 'ދަޑޮމައްތެ' ސަރަހައްދުގައިވާ އެއްވެސް ކަރާ ދަނޑަކަށް މީހަކު ނުވަތަ ބަޔަކު  ގެއްލުމެއް ދީފައި ނެތްކަމަށް ޝަދިޔާ ބުންޏެވެ.

"މި ސަރަހައްދުގެ ހުރިހާ ދަނޑުތަކަށްވެސް ކުރީ އަހަރުތަކުގައި ގެއްލުންދީފައި ހުރޭ. ކަރާ ވެޔޮތަކާ ކަރާތައް ހަލާކުކޮށްފައިވޭ. ވޭތުވެދިޔަ ތިން އަހަރުވެސް މި މައްސަލަ ދިމާވި."

ޝާދިޔާގެ ދެމަފިރިންގެ އުންމީދަނީ ރޯދަމަހުގެ ފަހު ދިހަޔަކަށް ދާއިރުވެސް ދަނޑަށް ގެއްލުމެއް ނުލިބި، ކަރާ ވިއްކައިގެން ރަނަގަޅު އާމްދަނީއެއް ލިބެމުން ދިއުމެވެ.

ފުވައްމުލަކު އިރުއުތު ފަރާތު'ދަޑޮމައްތެ' ސަރަހައްދުގައި ހައްދާފައިވާ ކަރާ ދަނޑެއް، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)

 އާންމުގޮތެއްގައި ކަރާ ވިއްކަނީ ކިލޯއެއް 20ރ. އަށް ނަމަވެސް އަލަނާސި ކަރާ ކިލޯއެއް 25ރ. އަދި 30ރ. އަށްވެސް ވިއްކައެވެ.

މި އަގުގައި ވިއްކައިގެން ރަގަޅު އާމްދަނީއެއް ލިބޭކަން ޝާދިޔާގެ ދެމަފިރިން ފާހަނގަކުރެ އެވެ. 

ފުވައްމުލަކު ދަނޑުވެރިއެއްކަމުގައިވާ މުހައްމަދު ނަސީރު އޭނާގެ ކަރާ ދަނޑުގައި، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)
  • އެކިވައްތަރުގެ ކަރާ: ޝާދިޔާއާއި ނަސީރުގެ ދަނޑުގައި އެންމެ ގިނައިން ހައްދާފައިވަނީ 'ކަޅު' ކަރަލެވެ. އެއީ އެންމެ ގިނަ ދުވަހަށް ހަލާކުނުވެ އެވައްތަރު ކަރާ ހުންނާތީ އެވެ. ފުވައްމުލަކުގެ ބައެއް ކަރާ ދަނޑުތަކުގައި ހައްދާފައިވާ ކަރަލުގެ ތެރޭގައި 'އަލަނާސި ކަރާ'، 'ޑަޔާނާ ކަރާ' ފާހަގަކޮށްލެވެއެވެ. އަލަނާސި ކަރަލުގެ އެތެރެ ހުންނަނީ ރީނދޫކޮށެވެ. ޑަޔާނާ ކަރަލުގެ ބޭރުގައި ދިގަށް ރޮނގުތަކެއް ހުރެއެވެ.

ކަރާގެ ދަނޑުވެރިކަން ކުރާތާ 20 އަހަރުވެފައިވާ އަހްމަދު އަލީ ވެސް މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދައެވެ.

"އަހަރުކު އެއްފަހަރުކުރާ މަސައްކަތެއް ނަމަވެސް، މިއީ އެކަށީގެންވާ ރަގަޅު އާމްދަނީ އެއް ލިބޭ ކަމެއްް،" އަހްމަދު އަލީ ބުންޏެވެ.

ދަނޑަށް ބައެއް މީހުން ދޭ ގެއްލުމާމެދު އޭނާވެސް ކަންބޮޑުވެ އެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން އަހްމަދު އަލީ ވަނީ ދަނޑަށް ފަސޭހައިން ނުވަނދެވޭގޮތް ހަދައިފައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއަކީ ވޭތުވެދިޔަ ތިން އަހަރު އޭނާގެ ދަނޑުތަކަށް، އެއްވެސް ބައެއްގެ ފަރާތުން، ގެއްލުމެއް ނުލިބުމެވެ.

ފުވައްމުލަކު ދަނޑުވެރިއެއްކަމުގައިވާ އަހްމަދު އަލީ އޭނާގެ ކަރާ ދަނޑުގައި ކަރާ ގަންނަން ގޮސްހުރި މީހަކާއެކު، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)

ނަމަވެސް މިހާރު އަހްމަދު ކަލޯގެ އެންމެ ބޮޑު ކަންބޮޑުވަނީ އޭނާ ކަރާހައްދަން ބޭނުންކުރާ ދަނޑުބިން އަންނަ އަހަރު ނުލިބިދާނެތީ އެވެ. އޭނާ ބުނާގޮތުގައި އެ ސަރަހައްދުގައި ދަނޑުވެރިކަމުގެ އެހެން މަސައްކަތްތަކެއް ކުރުމަށް ބިންދޫކުރުމުގެ ވާހަކަތައް ދެކެވެ އެވެ. 

ކަރާ ހެއްދުމުގައި 20 އަހަރު ހޭދަކޮށްފައިވާ އަހްމަދު އަލީ ގެ ފޮނި އުންމީދަކީ، ޝާދިޔާ އާއި ނަސީރެކޭ އެއްގޮަތަށް، އޭނާ ބޮޑު ޚަރަދެއް ކޮށްގެން ފެންދިނުމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ބިމުގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް ކަރާ ހެއްދުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އަދި ދަނޑުވެރިކަން ކުރިއަރައި، ތަރައްގީވެ ހަމައެއާކު ފުވައްމުލަކުގައި ދިރިއުޅޭ މީހުންނަށް އޭނާހައްދާ ކަރާގެ ފޮނިކަން ލިބެމުންވެސް ދިއުމެވެ.

ފުވައްމުލަކު ދަނޑުވެރިއެއްކަމުގައިވާ އަހްމަދު އަލީ އޭނާގެ ކަރާ ދަނޑުގައި، ފުވައްމުލައް، ހުކުރު، 1 އޭޕްރީލް 2022. (ދައުރު ފޮޓޯ/ އަލީ ރަފީގް)

ކޮމެންޓް (2)

މުޙައްމަދު

19 ޖޫން 2022
އާ ފޮޓޯ ސްޓޯރީއެއް ހަދާ ދޭނެ ކުއްޖަކު ދައުރު ގައި ހަމަ ނެތީތޯ
1 0

ފޯކްލެންޑަރ

3 އޭޕްރީލު 2022
ފޮނި ކަރާކޮޅެއް ފޮނުވަބަލަ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް