Majlis 2024

ނިއުގެ ޗެއާމަން ވާސިފް (ވ-2) ކްލަބުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނާ އެކު އުފާފާޅުކުރަނީ.

ތިން އަހަރަށް ފަހު ނިއު އެނބުރި އަތުވެއްޖެ

އެފްއޭއެމުން ވަނީ ސަސްޕެންޝަން އުވާލާފައި

ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ އެފްއޭއެމުން 2019 ވަނަ އަހަރު ސަސްޕެންޑްކުރި ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އެ އެސޯސިއޭޝަނުން ތިން އަހަރާއި ބައި ފަހުން ރޭ އުވާލައިފި އެވެ.

ފީފާ އިން ވެސް ވަނީ ނިއު އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ދީފައިވާ ޓްރާންސްފާ ބޭން މިދިޔަ ހަފުތާގައި އުވާލައިފަ އެވެ.

އެހެންވެ ހޯމަ ދުވަހު ފަށާ ދެ ވަނަ ޑިވިޝަނުގައި ނިއު އަށް ވާދަކުރެވޭނެ އެވެ.

އެފްއޭއެމް އާއި ފީފާ އިން ނިއުގެ ސަސްޕެންޝަން އުވާލީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ހުރި ފައިސާ ދިނުމުންނެވެ. ނިއު އިން ވަނީ ބޭރު ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކައިފަ އެވެ.

އަދި ދިވެހި ކުޅުންތެރިންނަށް ފައިސާ ދޭން ސެޓްލްމަންޓް އެއްބަސްވުންތަކެއް ވަނީ ހަދައިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަސްޕެންޝަނާ މެދު ގޮތެއް ނިންމުމަށް ކޮންގްރެސް އިން ދީފައިވާ ބާރުގެ ދަށުން ނިއުގެ ސަސްޕެންޝަން ރޭ އުވާލާފައިވާ ކަމަށެވެ.

ނިއުގެ ޗެއާމަން ވާސިފް (ކ) އެ ކްލަބުގެ މުއައްސިސް ކުއީން ވަހީދުއާ އެކު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަސްޕެންޝަން އުވާލިއިރު ނިއު އިން އަންނަނީ ސްކޮޑެއް އެކުލަވާލައި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސޮބާހު މުހައްމަދު އިބްރާހީމްގެ ކޯޗުކަމުގައި ޕްރެކްޓިސް ފަށައިފަ އެވެ. އެ ޓީމުން މިސްރުގެ ފޯވާޑަކާއި ގާނާ އެޓޭކިން މިޑްފީލްޑަރަކާއި އުޒްބެކިސްތާން ސެންޓްރަލް މިޑްފީލްޑަރެއް އަދި ގާނާ ޑިފެންޑަރެއް ވެސް ގެންނާނެ އެވެ.

ނިއު އިން މަސައްކަތްކުރަނީ ދެ ވަނަ ޑިވިޝަނުގެ ތެރެއިން އަންނަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާށެވެ.

ނިއު އަނބުރާ ގެނައުމުގެ މޭސްތިރިޔާ، ކްލަބުގެ ޗެއާމަން އަހުމަދު ވާސިފް ވަނީ މި މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ރައީސް މި މަސައްކަތަށް އެއްބާރުލުން ދެއްވަނީ، އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޒަމާންވީ ބޮޑެތި ކްލަބްތައް ސަލާމަތްކުރެއްވުމުގެ ބޭނުމުގަ އެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ފުޓްބޯޅައިގެ ފޯރި ހިފެހެއްޓޭނީ އެ ކްލަބްތައް އޮވެގެންނެވެ.

ވާސިފް އާއި އޭނާގެ ޓީމުން އެންމެ ފުރަތަމަ މަސައްކަތްކުރީ 'ރޭޑިއަންޓް' ނަމުގައި އާ ކްލަބެއް ހަދާށެވެ. ނިއު އަށް ފުރުސަތު ނެތުމުން އެ ޓީމުގެ ސަޕޯޓަރުން ހިތްހަމަޖައްސަން ނުލާއި ހުދުގެ ޓީމެއް ނެރެން ކަމަށް ބުނެ ރަޖިސްޓްރީ ކުރި އެ ޓީމަށް އޭއެފްސީން ފުރުސަތު ނުދިނެވެ. އެއީ ކްލަބްތަކުން ދަރަނިން ސަލާމަތްވުމަށް އާ ކްލަބެއް ހެދުން ހުއްޓުވަން އޮންނަ ފީފާގެ ގަވާއިދުގެ ދަށުން އެއީ ނިއުގެ ސްޕޯޓިން ސަކްސެސާ ކަމަށް ބަލާފަ އެވެ.

އެއާ އެކު ނިއު އަލުން ގެނައުމުގެ މަސައްކަތް ފެށީ އެވެ. އަދި މިދިޔަ މަހު އިންތިހާބު ބާއްވައި ކްލަބާ ހަވާލުވި އެވެ.

ނިއުގައި މިހާރު ތިބީ ރޭޑިއަންޓާ އެކު އޭރު ކޮންޓްރެކްޓް ހެދި ކުޅުންތެރިންނެވެ.

ނިއު އަކީ 1979 އިން 2018 އާ ހަމަޔަށް ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތުގައި އޮތް ކްލަބެވެ. އެ ކްލަބުން އެފްއޭ ކަޕް ދެ ފަހަރު އަދި ގައުމީ މުބާރާތް އެއް ފަހަރު މިލްކުކުރި އެވެ. އަދި އޭއެފްސީ ކަޕުގެ ސެމީ ފައިނަލާއި ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ.

އެ ޓީމާ އެކު ދިވެހި ފުޓްބޯޅައިގައި ވަރުގަދަކޮށް އޮތް ވިކްޓްރީ ވެސް މާލީ މައްސަލަތަކާ ހެދި ކުރިމަތިވި ސަސްޕެންޝަނުން ސަލާމަތްވެ މިހާރު އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް