Majlis 2024

އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ފައްޔާޒު އިސްމާއިލް އޭނާގެ މައި ޖަގަހައަށް ރޭ ވަންނަވަނީ: މިއީ ބޮޑު ކާމިޔާބީއެއް

ބޯގަންވިލާއިން ސިޔާސީ އެހެން ލީޑަރެއް

ފައްޔާޒު އިސްމާއިލް ވިދާޅުވާ ގޮތުން ކުރީގެ ރައީސް ނަޝީދާ އެއްކޮށް އޭނާއަށް މަސައްކަތްކުރެއްވޭނެ

ބޯގަންވިލާއަކީ ހިމޭންކަމުގައި ވެސް ސިޔާސީގެއެކެވެ. އަދި ފާޅުގައި ހިނގަން ފެށި ބަހުސްތަކާއި ޒުވާބުތަކުގައި ވެސް ސިޔާސީ ގެއެކެވެ.

ރޭ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބުކުރައްވާ ޗެއާޕާސަންގެ މަގާމު ކަށަވަރުކުރެއްވި ފައްޔާޒު އިސްމާއިލްއަކީ، އެގެއިން އެންމެ ފަހުން އާންމުންގެ ސަމާލުކަމަށް އައި ސިޔާސީ ލީޑަރެވެ.

ސިޔާސީ ކަންކަން ފެށެނީ، މަޑުމައިތިރި، ދައުލަތަށާއި ސަރުކާރަށް ތެދުވެރި އިސްމާއިލް ނަސީރުއާ ހިސާބުންނެވެ. އެއީ އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ފައްޔާޒުގެ ބައްޕަ އެވެ. ބޯގަންވިލާގެ ބާނީ އެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގެ އަތޮޅުވެރިކަމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި އިސްމާއިލް ނަސީރުގެ ހަޔާތްޕުޅުގައި ރާއްޖޭގެ ސިޔާސީ މިނިވަންކަމަކީ ނެތް އެއްޗެކެވެ. އެކަމަކު އޭނާ ހިތުގެ އަޑިން ގަބޫލުކުރެއްވި ކަންކަން، ނަސޭހަތުގެ ގޮތުގައި އާއިލާގެ ބޭފުޅުންނަށް ކިޔައިދެއްވި އެވެ.

މާފުށީ ޖަލުގެ ހަމަނުޖެހުންތަކަށް ފަހު 2004 އިން ފެށިގެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިސްރާބު ހިއްޕެވި އިސްލާހީ ދަތުރަކީ، އިބްރާހިމް އިސްމާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުންގެ ސިޔާސީ ހަޔާތްޕުޅުގެ އެންމެ މުހިންމު ބަ އެވެ. އޭރު އިސްމާއިލް ނާސިރު ދުނިޔޭގައި ހުންނެވި އެވެ.

ބޯގަންވިލާގެ އާއިލާއާ ގުޅުން އޮތް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، އޭނާގެ އުސޫލުތައް ފެންނަ މިސާލެއް ދެއްކެވި އެވެ.

ރައީސް ސޯލިހް އާއި ކުރީގެ ރައީސް ނަޝީދު: ފައްޔާޒު މަސައްކަތް ކުރައްވަން ޖެހޭނީ މި ދެ ބޭފުން ވެސް ގެންގުޅުއްވަމުން

ގޭތެރޭގައި ފައްޔާޒު އޭނާގެ ބޭބެ ހުސެއިން އިސްމާއިލްއާ ވަރަށް ބޮޑު ބަހުސެއް ހިންގެވީ އެވެ. ވަކި ހިސާބަކުން ފައްޔާޒު ގެންދަވައި، ބޭބެގެ ފަރާތުން މައާފަށް އެދިވަޑައިގަތުމަށް، ނަސީރު އެންގެވި އެވެ. ފައްޔާޒު ވިދާޅުވީ ހުސެއިން ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ނަމަވެސް ނަސީރު ބާރުއެޅުއްވީ 'އެއީ ކަލޭގެ ބޭބެ' ކަމަށާއި 'މައާފަށް އެދެން ޖެހޭނެ' ކަމަށެވެ.

"ދެން ފައްޔާޒު ފާޑަކަށް ހުރެ ގޮސް މައާފަށް އެދުނު،" އެ ހާދިސާގެ ވާހަކަ ކިޔައިދެއްވި ބޭފުޅާ ވިދާޅުވި އެވެ.

އޭގެ ފަހުން ނަސީރުގެ ކޮޓަރިއަށް ވެއްދެވީ ހުސެއިންނެވެ.

"ހަމަ ހަބޭހަށް ދިނީ.. ހުސެއިން ދެއްކި ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ބުނެ އަޅާލީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރަކާތްތައް ފެށިގެން އައި އިރު ވެސް ނަސީރުގެ ސިޔާސީ ނަސޭހަތް، އިބްރާހިމް އިސްމާއިލަށް ދެއްވި އެވެ. އެއީ އޭނާގެ ހަޔާތްޕުޅުގެ ފަހު ދުވަސްވަރެވެ. މައުމޫނުގެ ވެރިކަން ސިފަކުރަމުން އޭރު ގެންދިޔައީ ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ އިތުރުން މައުމޫނާ އިދިކޮޅު ސިޔާސީ އެހެން ފަރާތްތަކުން ތިބީ ހަމައެކަނި ނަމެއްގައި ގެންނަ އިސްލާހުތަކަށް ޖާގަ ދޭ ގޮތަކަށެއް ނޫނެވެ. އެހެންކަމުން އެއީ ރާއްޖޭގެ ސިޔާސީ ހަޔާތުގެ ވަރަށް ބަނަ، ހަމަނުޖެހުން ވެސް ބޮޑު ދުވަސްވަރެކެވެ.

ހުދުމުހުތާރު ވެރިން ދުނިޔޭގެ އެކި ގައުމުތަކުން އަބަދުވެސް ފެނެ އެވެ. ނަސީރު ވިދާޅުވީ ހުދުމުހުތާރު ވެރިންގެ ތެރެއިން ވެސް އެންމެ ނުރައްކަލީ އިލްމުވެރި ހުދުމުހުތާރު ވެރިން ކަމަށެވެ. މައުމޫނަކީ އިލްމުވެރިއެކެވެ. އޭރު އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގައި 25 އަހަރު ހަމަކޮށް 30 ވަނަ އަހަރާ ދިމާއަށް ވަޑައިގަންނަވަމުންނެވެ.

އިއްޔެ އޮތް އެމްޑީޕީގެ އިންތިހާބުގެ ތެރެއިން: އެމްޑީޕީ އުފެދުނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެ ދަތި ދުވަސްވަރު އިބްރާހިމް އިސްމާއިލް އެމްޑީޕީގެ ރައީސްކަމުގެ ފުރަތަމަ އިންތިހާބު ކާމިޔާބުކުރެއްވި އެވެ. އެކަމަކު ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދުގެ ރޭވުންތަކުން ސަލާމަތްވެވަޑައެއް ނުގެންނެވުނެވެ. އެމްޑީޕީއަކީ ނަޝީދު ކަމަށް، ގްރާސްރޫޓް ލެވެލްގައި ވެސް ގަބޫލުކުރެވިފައި އޮތުމުން ޕާޓީގެ ތެރެއިން ލިބެން އޮތް ފުރުސަތު ހަނިކަމަށް އިހުސާސްކުރެއްވިގެން އެންމެ ފަހުން އެމްޑީޕީ ވެސް ދޫކުރައްވައި އިބްރާހިމް އިސްމާއިލް ވަޑައިގަތީ އެވެ.

ފައްޔާޒަކީ، އޭނާ ދަންނަ މީހުން ބުނާ ގޮތުގައި، އިބްރާހިމް އިސްމާއިލާ މުޅިން ތަފާތު ބޭފުޅެކެވެ. 

"ފައްޔާޒު ބުނާނެ ހިތުގައި އޮތް އެއްޗެއް ސީދަލަށް، ދެން އެހެން މީހުންނާ މެދު ހިތުގައި ނުބާއްވާނެ ހަސަދަވެރިކަމެއް ވެސް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

"ޓީމުގެ ގިނަ މީހުން ބުނާ ގޮތަކަށް ކަންކަން ކުރާނެ، ކުރަން ބޭނުން ނުވިޔަސް. އިބްރާގެ އޮންނާނީ އޭނާ ގަބޫލުކުރާ ގޮތް އެއީ 100 ޕަސެންޓް ރަނގަޅު ގޮތް. އެގޮތަށް އެންމެން ކަންކަން ވެސް ކުރަން ޖެހޭނޭ އޭނާގެ ހިތަށްއަރަނީ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ފެށުނީއްސުރެ ފައްޔާޒަކީ އެންމެ އަރިސް އެއް ބޭފުޅެވެ. ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި ސިފަކުރެވޭހާ ބޮޑަށް ސަރުކާރުގެ ބާރުތަކެއް، ފެންނަ ގޮތަށާއި ނުފެންނަ ގޮތަށް، އޭނާއަށް އޮވެ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކިޔަމުން އައި 'ބްރޯ'ގެ ވަނަން، އެ ހުރިހާ ބާރަކާ ގުޅިގެން، ނަޝީދުގެ ދޫފުޅުން ވެސް، ފައްޔާޒަށް ވަނީ ނިސްބަތްކުރައްވައިފަ އެވެ.

އެކަމަކު އޭނާ އެއަކުން ރެކޭކަށް ނޫޅުއްވަ އެވެ. އެމްޑީޕީ އިންތިހާބުގެ ބަހުސްގައި ތައާރަފު ދެއްވަމުން، އޭނާގެ އަސްލު ނަމާއި ވަނަންތައް ވިދާޅުވެ، މިހާރު ބައެއް މީހުން އޭނާއާ ދިމާއަށް 'ބްރޯއޭ' ވެސް ކިޔާކަމަށް ވިދާޅުވި އެވެ.

ޖަދަލުކުރަން ޖެހޭ ކޮންމެ ތަނެއްގައި ފައްޔާޒު ދުލެއް ނުދެއްވަ އެވެ. އެކަމަކު އޭގެ މާނައަކީ، އޭނާ ދަންނަ މީހުން ބުނާ ގޮތުގައި، އެ ޖަދަލު ރައްދުވާ ބަޔަކާ މެދު އޭނާގެ ހިތްޕުޅުގައި އަބަދަށް ދެމިގެންދާ ރުޅިވެރިކަމެއް ބޭއްވުމެއް ވެސް ނޫނެވެ. ހިތްޕުޅުގައި އޮތް އެއްޗެއް ސީދަލަށް ވިދާޅުވުމަކީ، ބައެއް ފަހަރަށް ގޯހެކެވެ. ސިޔާސީ ކުރިމަގަށް ހުރަސް އެޅޭ ކަހަލަ ވާހަކަތައް ވެސް، އެ މިޒާޖުގެ ތެރޭގައި ދެއްކެވިދާނެ އެވެ.

ކެމްޕެއިންގެ ބައިވެރިންނާ އެކު ފައްޔާޒު ރޭ ފޮޓޯ ނަންގަވަނީ: އިންތިހާބު ނިމުނީ ވަރުގަދަ ކެމްޕެއިންއަކަށް ފަހު

ވާދަވެރި އިންތިހާބު ފައްޔާޒު އެވަނީ ކާމިޔާބުކުރައްވައިފަ އެވެ. ބޭބެ އިބްރާހިމް އިސްމާއިލްގެ ސިޔާސީ ހަޔާތްޕުޅުގެ ތަރި އެރިއްޔޭ ހީވި ދުވަސްވަރާ މުޅިން ތަފާތު ދުވަސްވަރެއްގަ އެވެ. ޕާޓީ ތެރެއިން ކިތައްމެ ބޮޑު ރުޅިވެރިކަމެއް އަޔަސް އެކަން ގަބޫލުކުރައްވައިގެން، ކުރިއަށް ވަޑައިގަތުމުގެ މިސާލު، މިވަގުތަށް އޭނާ މި ވަނީ ދައްކަވައިފަ އެވެ. އެކަމަކު މި ކާމިޔާބީއަކީ އެމްޑީޕީގެ އެތެރޭގައި އުފެދިފައި އޮތް ހަމަނުޖެހުންގަނޑުގެ ހަމައެކަނި ހައްލެއް ނޫނެވެ.

ނަޝީދު އެބަ ހުންނެވި އެވެ. އެއީ ކޮން ބޭފުޅެއްކަން ވެސް ފައްޔާޒަށް އެނގިވަޑައިގަނެ އެވެ. އޭނާއަށް އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ އެމްޑީޕީން ނަޝީދު ބޭރުކުރައްވާނެ ކަމަށް، ބައެއް މީހުން ވާހަކަ ދައްކަ އެވެ. ބަހުސްގައި އެއަށް އޭނާ ޖަވާބު ވެސް ދެއްވި އެވެ.

"ކިހިނެއްތޯ ރައީސް ނަޝީދު މި ޕާޓީން މީހަކަށް ވަކިކުރެވޭނީ، ބޭރުކުރެވޭނީ؟" ސަންގު ޓީވީގެ ބަހުސްގައި ފައްޔާޒު ވިދާޅުވި އެވެ.

"އެ ގޮތަށް ވިސްނަވާ އެ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ގޯހެކޭ އިނގޭތޯ. މުޅި މި ޕާޓީއަށް އޭގެ ނުބައި އަސަރު ކުރާ ކަމެކޭ އިނގޭތޯ."

ޔަގީނުން ވެސް އެނގޭ ކަމަކީ އިބްރާހިމް އިސްމާއިލްއަށް ނަޝީދާ އެކު އެމްޑީޕީގައި މަސައްކަތް ނުކުރެއްވުނު ކަމެވެ. އެކަމަކު އެއް އާއިލާއަކަސް ދެ ބޭފުޅުންގެ މިޒާޖު އެއްގޮތެއް ނޫނެވެ. ކަންކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ވެސް ތަފާތެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ނަޝީދު ބޭނުންފުޅުވާހާ ގޮތަކަށް ޕާޓީގެ ކަންކަން އޭނާ ނުކުރައްވަފާނެ އެވެ. އޭގެ ސަބަބަކީ "އަޅުގަނޑަކީ މިނިވަނެއް' ކަމަށް ވިދާޅުވި އެވެ. ނަމަވެސް ނަޝީދާ އެއްކޮށް މަސައްކަތް ކުރެއްވުމާ މެދު ސުވާލެއް ވެސް އޭނާ ނުއުފައްދަވަ އެވެ.

"އަޅުގަނޑަށް ރައީސް ނަޝީދާ އެއްކޮށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ. މިހާތަނަށް ވެސް މަސައްކަތްކޮށްފައި ހުންނާނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިމާޔަތުގައި ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

އެ ދަނޑިވަޅު މި އޮތީ އައިސްފަ އެވެ.

ކޮމެންޓް (1)

ކޮބާކިހާވަރެއް

15 މޭ 2022
އިބުރާ ރައީސަކަށް ހުރި އިރު އަންނި އެއީ ޗެއަރޕާސަން. މިހާރު އަންނި ރައީސަކަށް ހަމަ އިބުރާ މެންގޭ ފަައްޔާޒު ރައީސަކަށް. ރިޔާސީ ޓިކެޓާއި ހިސާބުން ޖުމުލަ ބާރު އަލުން އަންނި ނަގާނެ ކަމަށް ފެނޭ.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް