ކުޑަހުވަދޫ.

ކޮވިޑް-19

ކުޑަހުވަދުއަށް ކޮވިޑުން ސަލާމަތެއް ނުވެވުނު

މިހާތަނަށް ފަސް ފަހަރަކު ކުޑަހުވަދޫ ވަނީ މޮނިޓަރިންއަށް ލާފައި
13 ޑިސެމްބަރު 2021
1

"މިހާރު ނޭނގެ މި ރަށް މޮނިޓަރިންއަށް ލެވުނު އަދަދު ވެސް ބުނާކަށް،" ދ. ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު އަހުމަދު މައުރޫފް ވިދާޅުވި އެވެ. 

މިދިޔަ އަހަރު ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން، އެންމެ ގިނައިން މޮނިޓަރިންއަށް ލީ އެއް ރަށަކީ ކުޑަހުވަދު އެވެ. އެ ރަށުން އެންމެ ފުރަތަމަ ބަލި ފެނުނީ، މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ކޮންމެ ދެ މަހަކުން ކަހަލަ ގޮތަކަށް ކުޑަހުވަދޫން ކޮވިޑް ފެނި، ރަށް މޮނީޓަރިންއަށް ލަ އެވެ.

މިހާރު ވެސް އެ ރަށުގައި ކޮވިޑް ފެތުރެމުންދާތީ، ފަސް ވަނަ ފަހަރަށް ރަށް އޮތީ ފުރަބަންދުގަ އެވެ.

'ދުވާލަކު 200-300 މީހުން ރަށަށް އަރާ ފައިބާ'

ކުޑަހުވަދުއަށް ކޮވިޑުން ސަލާމަތް ނުވެވިގެން އުޅޭ ސަބަބު ކިޔައިދެއްވަމުން މައުރޫފް ވިދާޅުވީ އެ ރަށަށް ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ މީހުން އަރާ ފައިބާއިރު، އެއިން ކޮންމެ މީހެއްގެ ފަރާތުން ވެސް ކޮވިޑްގެ ރިސްކު ރަށަށް އޮންނާނެ ކަމަށެވެ.

ރަސްމީކޮށް އިންޓަނޭޝަނަލް އެއާޕޯޓް ނުހުޅުވި ނަމަވެސް، ކުޑަހުވަދުއަށް މިހާރު ވެސް އިންޓަނޭޝަނަލް ގިނަ ފްލައިޓްތަކެއް ދެ އެވެ. ކައިރީގައި 9-10 ރިސޯޓު އޮންނައިރު، އެ ރަށްތަކުގެ މުވައްޒަފުންނާއި ޓޫރިސްޓުން އެ ރަށަށް ދަތުރުކުރެ އެވެ. އޭގެ އިތުރުން އަތޮޅުގެ މައި ހަބެއްގެ ގޮތުގައި އޮންނަ އެ ރަށަށް، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު، އެކި ބޭނުންތަކުގައި ދެ އެވެ.

"މިހާރު މި ފެންނަ ކޮވިޑްގެ އާ ވޭރިއަންޓު ވެސް ފެނުމުގެ ބިރު އެބައޮތް. އެފްރިކާ އިން ވެސް ޕްރައިވެޓް ޖެޓުތައް އެބަ އާދޭ ވިއްޔަ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ގިނައިން ކޮވިޑް ފެންނަނީ އެއާޕޯޓާ ގުޅުން ހުރި މީހުންގެ ގައިންނެވެ. އެންމެ ފުރަތަމަ ވެސް އެ ރަށުން ޕޮޒިޓިވްވީ އެއާޕޯޓުގެ މުވައްޒަފުންތަކެކެވެ.

ކިތަންމެ ގިނައިން ކުޑަހުވަދުއިން ކޮވިޑް ފެނުނު ނަމަވެސް، އެ ރަށުގައި ބަލި ކޮންޓްރޯލް ކުރާލެއް އަވަހެވެ. އާއްމުންގެ ތެރޭގައި ބަލި ފެތުރި، އެންމެ ގިނަ ދުވަހު އެ ރަށް މޮނިޓަރިންއަށް ލާފައި އޮތީ ދެ މަސް ދުވަހަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި އެހާ އަވަހަށް ރަށުގައި ބަލި ކޮންޓްރޯލް ވަނީ، ކޭސްތައް މާ ގިނަ ނުވަނީސް ރަށަށް މީހުން އަރައި ފޭބުން މަނާކުރާތީ އެވެ. އޭގެ އިތުރުން ރަށު ތެރެއިން ބަލި ފެންނަ އިރަށް، ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓު ފަދަ ތަންތަން ބަންދުކޮށް ހަރުކަށި ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުއިތަކާ އެކު ބަލި ކޮންޓްރޯލްކުރުމަށް ގޮންޖެހުން

ކުޑަހުވަދޫ ކައުންސިލުން ބުނީ ރަށު ތެރޭގައި ކުރިން ބަލި ފެތުރޭއިރު، ރަށަށް އަރާ ފޭބުން މަނާކޮށް ކޮވިޑް ކޮންޓްރޯލް ކުރެވުނު ނަމަވެސް، މިހާރު އެކަމަށް ފުރުސަތު ހަނިވެފައިވާ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ރަށަށް މީހުންނަށް އެރޭއިރު، ރަށް މޮނިޓަރިންގައި އޮތަސް އެ ފުރުސަތެއް ނުގެއްލެ އެވެ. މިއީ ބަލި ކޮންޓްރޯލް ކުރުމަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ކައުންސިލުން ބުނެ އެވެ.

ކުޑަހުވަދޫގެ އާބާދީގައި 3،300 މީހުން ހިމެނުނަސް، އެ ރަށުގައި 4،000އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. 

މައުރޫފް ވިދާޅުވީ އާބާދީ ބޮޑު ރަށެއްގައި މާބޮޑަށް ކޮވިޑް ފެތުރިއްޖެ ނަމަ ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށާއި އެކަމަކު ލުއިތަކާ އެކު ބަލި ކޮންޓްރޯލް ކުރަން މިހާރު މާ އުނދަގޫވާނެ ކަމަށެވެ. އެހެންވެ، އޭނާ ލަފާ ކުރައްވަނީ، އެހެން ފަހަރުތަކަށް ވުރެ މި ފަހަރު މާގިނަ ދުވަސްވާންދެން ރަށް މޮނިޓަރިންގައި އޮންނާނެ ކަމަށެވެ.

ކޮމެންޓް (1)

ށގހކލ

13 ޑިސެމްބަރު 2021
ކޮބާ މައްސަލައަކީ؟ ރަށަށްއަރާފޭބުން މަނައީ އަބަދުވެސް ނަމަކަށް މޮނީޓަރިންގަ އޮންނައިރުވެސް ރަށުންފުރައިންދާ މީހުން މަދެއްނޫން. އަނެއްކޮޅުން ތިބުނާހާ އިންޓަނޭޝަނަލް ފްލައިޓްތަކެއް ނާދޭ!! ނުވިތާކަށް މިފަހަރު ކޮވިޑް ފެތުރެންފެށީ އެއާޕޯޓްއަކުންނޫން!! ސްކޫލްއިން… މައިގަނޑު 3 ރަށެއްގެ މީހުން ދިރިއުޅޭ ކުޑަހުވަދޫގައި ތަފާތުކުރުން ބޮޑުވީމަ މިފަހަރު މިހެންމިވީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް