Majlis 2024

ފަސް މަސްދުވަސް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 11 އޮކްޓޯބަރު 2021ގައި އެނބުރި ރާއްޖެ ވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދަންނަވަނީ. (ފޮޓޯ/މަޖިލިސް)

ރައީސް ސޯލިހު ކުރިމަތިލެއްވުން ރަނގަޅެއް ނޫން؛ ޝާހިދު ގާބިލު: ނަޝީދު

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް އިންތިހާބަށް އިތުރު ބޭފުޅަކު ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހާމަވެގެން ދާނެ ކަމަށް

ރައިސް އިބްރާހީމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ހަމަ އެއާ އެކު، ނަޝީދު ވަނީ 2023ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވާނެކަމުގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ.

ވީ ކިހިނެއް؟ - ނަޝިދު އެހެން ވިދާޅުވީ މަޖިލީހުން މިރޭ ލައިވްކޮށް ކުރިއަށް ގެންދިޔަ 'އާސްކް ސްޕީކާ' ޕްރޮގްރާމްގައި، އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެއްޖެ ނަމަ އިތުރު ބޭފުޅަކަށް ތާއީދު ކުރައްވާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރައްވަނީ މޮޅުވާން ގަސްދުކުރައްވައިގެން ކަމަށެވެ. އަދި ދެން ކުރިމަތިލައްވާ އިންތިހާބުތައް ވެސް ކާމިޔާބު ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހީމް ސޯލިހު ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ގިނަ ދުވަސްތަކަކަށް ފަހު މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން ފުރަތަމަ ފަހަރަށް ހާމަކުރައްވާފަ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވައިފި ނަމަ އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ އެވެ. ނަމަވެސް ޕާޓީން ވާދަ ކުރާ ކެންޑިޑޭޓަކު ނިންމާނީ އަންނަ އޮގަސްޓް މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް އިންކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހީމް ސޯލިހު ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 

ޝާހިދު ކުރިމަތިލައްވަން އުޅުއްވާކަމުގެ އިޝާރާތެއް

އެ ސުވާލުގެ ޖަވާބު އިތުރަށް ތަފްސީލުކޮށްދެއްވަމުން ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިމަތިލައްވަން އުޅުއްވާކަމުގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ.

ނަޝީދު ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ޝާހިދު ފާޅުކުރެއްވި ކަމަށެވެ. ނަމަވެސް، އޭރު ޕާޓީގެ ފަރާތުން ވާދަކުރައްވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް ސޯލިހު ކަމަށް ޝާހިދު ގާތު ދެންނެވި ކަމަށް، ޖަލު ހުކުމެއްގައި އޭރު ހުންނެވުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެއްވުނު ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. (ފައިލް ފޮޓޯ/ މަޖިލިސް)

ޝާހިދަކީ ވެރިކަމަށް ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް އިންތިހާބަށް އިތުރު ބޭފުޅަކު ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހާމަވެގެން ދާނެ ކަމަށެވެ.

"ދެން މި ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނުކުންނަވާނީ ތިން ވަނަ ބޭފުޅެއްތޯ، އެ ސުވާލު އަޅުގަނޑު ހިތުން އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ކުރައްވާނެ. ދެން އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް މި އޮތް ހަފްތާތަކުގެ ތެރޭގައި މި ކަންކަމުގެ ޖަވާބު ސާފުވެގަންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ނަޝީދު ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށެވެ. އެކަމަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާނެކަން ވެސް އެ މަނިކުފާނު ވަނީ މީގެ ކުރިން ހާމަކުރައްވާފަ އެވެ.

ރައީސް ސޯލިހާއި އެ މަނިކުފާނުގެ އެންމެ ގާތް އެއް އެކުވެެރިޔާ، ކުރީގެ ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަން އުފެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް