Majlis 2024

ޔޫކްރެއިންގެ ވެރިރަށް ކީވްގެ އާންމު އިމާރާތަކަށް ރަޝިޔާގެ ހަމަލާއެއް އަރައި އިއްޔެ ހަލާކުވެފައި.

15 ދިވެއްސަކު ހަންގޭރީ ކޮންސިއުލޭޓްގައި، 8 މީހަކު އަދިވެސް ނުފުރި

ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެކި ގައުމުތަކާ އެކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ

ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އަށް މީހަކަށް އަދިވެސް ނުފުރޭ ކަމަށާއި ނަމަވެސް 15 ދިވެއްސަކު މިހާރު ހަންގޭރީގެ ކޮންސިއުލޭޓަށް ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ރަޝިޔާ އިން އިއްޔެ ހެނދުނުން ފެށިގެން ޔޫކުރެއިނަށް ހަމަލާތައް ދީ ހަނގުރާމަ ފެށި ފަހުން، އެ ގައުމުގައި ތިބި ދިވެހިން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަލާތައް އެންމެ ވަރުގަދައަށް ދެމުންދާ ސަރަހައްދުތަކުގައި ވެސް ދިވެހިން ތިއްބެވެ. އެއީ މައިގަނޑުގޮތެއްގައި ދަރިވަރުންނެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޔޫކްރެއިން އާއި ހަންގޭރީގެ ބޯޑަރު ކައިރީގައި އޮންނަ އަޒޮރާޑްގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ތިބީ ޔޫކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހިންނެވެ. އެމީހުން އެއްގަމު މަގުން ހަންގޭރީއަށް ގެންގޮސް، ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ބުނެފައިވެ އެވެ.

އެކަމަކު އަދިވެސް ޔޫކްރެއިންގެ ހަރްކީވްގައި ބާކީ އަށް ދިވެހިން އެބަތިއްބެވެ. ފޮރިން މިނިސްޓްރީން ބުނީ އެމީހުން ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެއީ ވަރަށް ދުރު ހިސާބެއް ކަމުން، ހާލަތަށް ބަލައި، އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

އެކަމަކު ހަރްކީވްގައި ތިބި ދިވެހިން ވެސް ރައްކާތެރިކަމާ އެކު އެހެން ސަރަހައްދަކަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިތުރަށް ބުނިގޮތުގައި:

  • ހަރްކީވްގައި ތިބި އަށް މީހުންގެ ތެރެއިން ފަސް ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން. އޭގެ ތެރޭގައި ވިސާ އާ ކުރުން ފަދަ ކަންކަން ހިމެނޭ

  • ބާކީ ތިބި ތިން މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ

  • ނިޕްރޯގައި ހުރި ދަރިވަރު ވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުން

މިނިސްޓްރީން ބުނީ ހަންގޭރީގެ ކޮންސިއުލޭޓުގައި ތިބި 15 ދިވެހިން ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބުޑަޕެސްޓަށް ދިޔުމަށް ފަހު ދެ ދުވަސް ތެރޭގައި އެ މީހުން ރާއްޖެ އަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނިގޮތުގައި:

  • ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހަންގޭރީގެ ހާރިޖީ ވަޒީރާ ގުޅުއްވައި ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާ އެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި

  • ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައި

ހަންގޭރީގެ ފޮރިން މިނިސްޓަރާ ވާހަކަދެއްކެވުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއް

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ޔޫކްރެއިންގައި ތިބި 50 ދިވެހިންގެ ތެރެއިން ކުރިން އެ ގައުމުން ބޭރުވި 20 ދިވެހިންނާ އެކު އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިންކުރިއަށް ގެންދަން ޔުނިވާސިޓީ އިން ނިންމިތާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ކަމަށެވެ.

"ފޮރިން މިނިސްޓްރީ އިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާ އެކު ކެނޑިނޭޅި މަސައްކަތް ކުރަމުން،" ފޮރިން މިނިސްޓްރީގެ މެސެޖުގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް