ތެލެސީމިއާ ބަލީގެ ކުއްޖަކު ލޭ އަޅަނީ: ލޭ އަޅާ ބަލީގެ ކުދިން އުފަންވާ މިންވަރު މިހާރު ވަނީ އިތުރުވެފައި

ހޭލުންތެރި، އެކަމަކު ލޭ އަޅާ ކުދިންގެ އަދަދު މަދެއް ނުވޭ

މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޭ އަޅާ ކުދިން އުފަންވީ މިދިޔަ އަހަރު، މި އަހަރުގެ މިހާތަނަށް ބަލާއިރު ވެސް އެ ނިސްބަތް މަތި

މީގެ ތިން އަހަރު ކުރިން ކައިވެނި ކުރިއިރު ވެސް، ފާތުމަތު ނަޝީދާ، 26، ގެ ދެމަފިރިންނަށް، ލޭ އަޅާ ކުއްޖެއް ލިބުމުގެ ފުރުސަތު އޮތްކަން އެނގެ އެވެ. ކައިވެނީގެ އެންމެ ފަހު މަރުހަލާގައި ޓެސްޓުކޮށް، ދެ މީހުންނަކީ ވެސް ކެރިއަރެއްކަން އެނގުނު ނަމަވެސް، އެ މީހުންގެ ކުރިމަތީގައި ހައްލެއްގެ ގޮތުގައި އޮތީ ޕްރީނޭޓަލް ޑައިގްނޯސިސް ނުވަތަ ބަނޑުގައި ދަރިފުޅު އަށަގަތުމާ އެކު، ޓެސްޓުކޮށް އެއީ ލޭއަޅާ ކުއްޖެއްކަން ދެނެގަތުމެވެ.

އެމީހުންގެ ޕްލޭނަކީ މާބަނޑުވުމުން، ރާއްޖެއިން ބޭރަށް ގޮސް ޓެސްޓުކޮށްގެން ކުއްޖާގެ ހާލަތު ބެލުމެވެ. އެކަމަކު މާ ކުރިއްސުރެ ހަދާފައިވާ މި ޕްލޭނަށް ހުރަސް އެޅީ، ކޮވިޑް-19ގެ ބަލިމަޑުކަމެވެ. ރާއްޖެ ލޮކްޑައުންކޮށް، ގައުމުން ބޭރަށް ދިޔުން މަނާކުރުމާ އެކު، ހަމައެކަނި ރާއްޖެއިން ބޭރުން ހެދެން އޮތް މި ޓެސްޓަށް އޮތް ފުރުސަތު ގެއްލުނެވެ. ކަން ދިމާވި ގޮތުން ނަޝީދާ ބަނޑުބޮޑުވީ ވެސް، މި ދުވަސްވަރެވެ.

"ޓެސްޓު ކުރެވެން ނެތުމުން، ކޮން ކަހަލަ ބޭބީއެއްތޯ ވެސް ނުބެލުނު. އެންމެ ފަހުން ލިބުނީ ހަމަ، ލޭ އަޅާ ކުއްޖެއް،" މާލެ ކައިރި ރަށެއްގައި އުޅޭ، ޒުވާން މަންމަ ބުންޏެވެ.

ނަޝީދާގެ ދަރިފުޅަކީ މިދިޔަ އަހަރު ރާއްޖޭގައި އުފަންވި، ލޭ އަޅާ 21 ކުދިންގެ ތެރެއިން އެއް ކުއްޖެވެ. މިއީ ބައްޔާ ގުޅޭ ގޮތުން ހޭލުންތެރި މުޖުތަމައުއަކަށް ބަލާ ނަމަ ގިނަ އަދަދެކެވެ.

ތެލަސީމިއާ މޭޖާ އައިމިނަތު އަޒްލާ، ލޭ އަޅަނީ: އޭނާ އަކީ މަންމައެއް
ތެލެސީމިއާ ބަލީގެ ކުއްޖަކު ލޭ އަޅަނީ: މިދިޔަ އަހަރު އެކަނި ވެސް މި ބަލީގެ 22 ކުދިން ރަޖިސްޓްރީ ކުރި

ކަންބޮޑުވުމާ އެކު، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވެސް ފާހަގަކުރެއްވީ އެ މައްސަލަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެލެސީމިއާ ބައްޔާއި އެ ބަލި ވާރުތަވާ ގޮތާއި ލޭ އަޅާ ބަލީގެ ކުދިން ލިބުމުގެ ފުރުސަތު އޮތް ގޮތާ މެދު ގިނަ ބަޔަކު މިހާރު ހޭލުންތެރި އެވެ. ކޮންމެ ދެމަފިރިއަކު ވެސް ކައިވެނިކުރުމުގެ ކުރިން، ތެލަސީމިއާ ކެރިއަރެއްތޯ ބަލަން ޖެހެ އެވެ. ފެމެލީ ކޯޓުގައި ކައިވެނިކުރާ ކޮންމެ ދެމަފިރިއަކަށް ވެސް އެ ބައްޔާ ގުޅޭ މައުލޫމާތު ދެ އެވެ. އެކަމަކު ހިތާމައަކީ ހޭލުންތެރިކަން އޮތް މިންވަރަށް ބަލާފައި، ލޭ އަޅާ ކުދިން އުފަންވާ މިންވަރު މަދުނުވުމެވެ. 

ރާއްޖޭގައި ޓެސްޓް ހެދިދާނެ

ކައިވެނިކުރާ މީހުންނަށް، ތެލެސީމިއާ ބައްޔާ ގުޅޭ ގޮތުން ސެޝަންތައް ނަގައިދޭން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. ދެ ކެރިއަރުން ކައިވެނިކުރި ނަމަވެސް، ޕްރީނޭޓަލް ޑައިގްނޯސިސް ހަދައި، ލޭ އަޅާ ކުއްޖެއް ލިބުމުގެ ފުރުސަތު ހަނިކުރެވިދާނެކަން ކިޔައިދިނެވެ. ޑރ. އުމަރު ވިދާޅުވި ގޮތުގައި، އޭގެ ފަހުން، ލޭ އަޅާ ކުދިން އުފަންވާ މިންވަރު މަދުވި އެވެ. އެކަމަކު މާލީ ގޮތުންނާއި އެހެން ސަބަބުތަކާ ހެދި ވެސް، މާބަނޑުވާ ކޮންމެ ފަހަރަކު ޓެސްޓު ހަދަން ބޭރަށް ނުދެވުމުން، ކޮންމެ އަހަރަކު ވެސް ދިޔައީ، ލޭއަޅާ ކުދިންގެ އާބާދީ އިތުރުވަމުންނެވެ.

ޑރ. އުމަރު ވިދާޅުވީ ތެލަސީމިއާ ދެ ކެރިއަރުންކަން ވެސް ގިނަ ފަހަރު ދެ މީހުންނަށް އެނގެނީ އެންމެ ފަހު ވަގުތު، ކައިވެނިކުރަން ތައްޔާރުވުމާ އެކު ކަމަށެވެ. އޭގެ ކުރިން އެފަދަ ބޭނުންތެރި ޓެސްޓެއް ހަދައި، މުސްތަގްބަލު ރާވާލުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރީނޭޓަލް ޑައިގްނޯސިސް ހެދުނު ނަމަވެސް މިއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތަކަށް ވެސް ނުވެދާނެ. ހާއްސަކޮށް ރަށްރަށުގައި އުޅޭ މީހުންނަށް ކުއްލިއަކަށް ފުރައިގެން ދާން އުނދަގޫ ވެދާނެ. މިއީ ވަކި މުއްދަތެއްގެ ތެރޭގައި، ރަނގަޅު ވަގުތުގައި ހަދަން ޖެހޭ ޓެސްޓެއް،" ޑރ. އުމަރު ކިޔައިދެއްވި އެވެ.

"ޓެސްޓު ހެދިލެއް ލަސްވުމުގެ ސަބަބުން ވެސް އެބަހުރި ޕްރެގްނެންސީ ކޮންޓިއުނިއު ކުރަން ޖެހިފައި."

ރާއްޖޭގައި ތެލެސީމިއާ ބަލި ކުދިން އުފަންވާ ނިސްބަތާއި އެ ފުރުސަތު އޮތް ގޮތަށް ނަލާ ނަމަ، ސަރުކާރުގެ ސިޔާސަތަށް އިތުރުކުރަން ޖެހިފައި އޮތް އެއް ކަމަކީ ޕްރީނޭޓަލް ޑައިގްނޯސިސް ހެދުމުގެ އިންތިޒާމު ރާއްޖޭގައި ހަމަޖެއްސުމެވެ. އެއީ ނުވާނެ ކަމެއް ކަމަކަށް، ޑރ. އުމަރު ގަބޫލެއްނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ޝީގައި ޑީއެންއޭ ޓެސްޓް ހެދޭ ކަމަށެވެ. އެތަނަށް ބައެއް ކަހަލަ ތަރައްގީ ގެނެސް އަދި ޑޮކްޓަރުން ވެސް ތަމްރީނުކޮށް ހެދިއްޖެ ނަމަ ރާއްޖޭގައި ތިބެގެން ޕްރީނޭޓަލް ޑައިގްނޯސިސް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ބޭރަށް ދާން ޖެހޭ އުނދަގޫ މަރުހަލާ ނައްތާލެވި، އެތައް ބަޔަކަށް ސިއްހީ ވަރަށް މުހިންމު ފުރުސަތެއް ހޯދައިދެވޭނެ އެވެ.

ލޭ އަޅާ ކުއްޖެއްކަން ދެނެގަތުމުގެ ޓެސްޓް

  • ދެ ކެރިއަރުންނަށް ތެލަސީމިއާ ކުއްޖެއް ލިބުމުގެ %25 އޮވޭ

  • ބަނޑަށް 8-12 އާ ހަފުތާއާ ދެމެދު ޓެސްޓު ހަދައިގެން ކުއްޖާގެ ބަލިހުރިތޯ ބެލޭ

  • ނިއޮނޭޓަލް ޓެސްޓު ހަދަނީ ކުއްޖާގެ ޕްލެސެންޓާއިން ސާމްޕަލް ނަގައިގެން

އަލަށް ކައިވެނިކުރާ ދެމަފިރިންނަށް، ބައްޔާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފެށި ފަހުން، އެންމެ ގިނަ އަދަދަކަށް ލޭ އަޅާ ބަލީގެ ކުދިން ލިބުނީ މިދިޔަ އަހަރެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތު ގެއްލުމުންނެވެ. މިދިޔަ އަހަރު 21 ކުދިން އުފަންވި އިރު، މި އަހަރުގެ މިހާތަނަށް 10 ކުއްޖަކު ވަނީ އުފަންވެފަ އެވެ.

މި ރޭޓުން ބަލާ ނަމަ، މި އަހަރު ވެސް ވިއްސަކަށް ކުދިން އުފަންވުމުގެ ފުރުސަތު އޮތް ކަމަށް ޑރ. އުމަރު ލަފާކުރައްވަ އެވެ. 

"މީހުންގެ ހޭލުންތެރިކަން ހުރި މިންވަރަށް ބަލާފައި، ހަގީގަތުގައި މިއީ ވަރަށް ގިނަ އަދަދެއް،" އުމަރު ވިދާޅުވި އެވެ.

ވިސްނާ! މިއީ ކުދިންނަށް ދެވޭ ބޮޑު ވޭނެއް

ލޭއަޅާ ކުދިންގެ ދަފުތަރުގައި 1،000އަށް ވުރެ ގިނަ ކުދިން/މީހުން މިހާރު ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން ދުނިޔޭގައި ތިބީ 630 ކުދިން/މީހުންނެވެ. ތަފާސްހިސާބުތަކަށް ބަލާ އިރު، މާލެ އާއި ރަށްރަށުގައި ވެސް ލޭ އަޅާކުދިން އުފަންވަނީ ގާތްގަނޑަކަށް އެއް އަދަދަކަށެވެ.

ތެލެސީމިއާ ބައްޔާ ގުޅޭ ގޮތުން ހޭލުންތެރިކަން ކިތަންމެ ބޮޑު ނަމަވެސް، ކައިވެންޏާ ހަމައަށް ދާއިރު ދެ މީހުންނަށް އޭގެ ހައްލެއްގެ ގޮތުގައި ގިނަ ފަހަރަށް ފެންނަނީ ޕްރީނޭޓަލް ޑައިގްނޯސިސް އެވެ. ދެ ކެރިއަރުން ކަމަށް ވިޔަސް ކައިވެނިކުރަނީ، ހައްލު އޮތް ކަމަށް ގަބޫލުކުރަމުންނެވެ. ބަލި ކުއްޖެއް ލިބުމަކީ މިހާރު މާ ބޮޑު މައްސަލައެއް ނޫން ކަމާއި ފަރުވާ އާއި އެހެން ވަސީލަތްތަކާ އެކު، ކުއްޖާއަށް އާދައިގެ ދިރިއުޅެއް ހޯދައިދެވޭނެ ކަމަށް ގަބޫލުކުރާ މީހުން ވެސް އުޅެ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އަށް ނައިބު ރައީސް ފައިސަލް ނަސީމް،(ކ) ޒިޔާރަތް ކުރައްވަނީ: ސަރުކާރުގެ ސިޔާސަތުތަކަށް ބައެއް ކަންކަން އިތުރުކުރަން ޖެހޭ

އެކަމަކު ހަގީގަތަކީ ލޯބިވެގެން، ދެ މީހުން ވަކިވާން ބޭނުން ނުވާތީ ކައިވެނިކޮށްގެން ލިބޭ ދަރިފުޅު އުފުލަން ޖެހޭ ވޭނާއި ތަކުލީފު ބޮޑުކަމެވެ. ކޮންމެ މަހަކު އެއް ފަހަރު ނުަވަތަ ދެ ފަހަރު ލޭ އަޅަން ޖެހުމާއި ލޭގައި ހުންނަ ދަގަނޑުގެ ބައި ދަށްކުރުމަށް، ޑެސްފަރޯލް ގުޅައި އޭގެ ވޭން ތަހައްމަލު ކުރަން ޖެހުމެވެ. މުޖުތަމައުގެ ތެރެއިން ވެސް އެ ކުދިންނަށް ހުރި ހުރަސްތައް ގިނަ އެވެ.

"ނޯމަލް ކުއްޖަކު ހޯދާ ކާމިޔާބު ހޯދުމަށް، ލޭ އަޅާ ކުދިން އެބަ ދެ ގުނަ ނުވަތަ ތިން ގުނަ މަސައްކަތް ކުރަން ޖެހޭ. އެތައް ވޭނެއް، އެތައް ގޮންޖެހުންތަކެއް އުފުލައިގެން އެ ކުދިން ކާމިޔާބު އެ ވަނީ،" ޑރ. އުމަރު ވިދާޅުވި އެވެ. 

"ތެލެސީމިއާ ކުއްޖެއް ލިބުނަސް އުޅެވިދާނެއޭ ހިތަށްއަރުވާލާއިރު މިކަމަށް ވެސް ވިސްނަން ޖެހޭ."

ދުނިޔޭގެ ތެލަސީމިއާ ދުވަސް މިއަދު ފާހަގަކުރާއިރު ބަދަލު ކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ ކަމަކަށް، އަދި ބޮޑުކަމަކަށް، ބައްޔާ މެދު ވިސްނާ ގޮތެވެ. އަދި ސިއްހީ ދާއިރާގައި ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ތެރެއަށް ތެލެސީމިއާ ބައްޔާ ބެހޭ ބައެއް ބައިތައް ވެސް އިތުރުކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް