ލަންޗް ބޮކްސް ތައްޔާރު ކުރާ އިރު ކުދިން ބައިވެރިކުރުމުން ކާހިތްވުމުގެ ފުރުސަތު ބޮޑުވޭ

ޕޭރެންޓިން

ޓިޕްސް: ދަރިފުޅުގެ އިންޓޯލަށް ލާންވީ މި ތަކެތި

ލަންޗް ބޮކްސް ތައްޔާރުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ ސިއްހަތަށް ފައިދާހުރި ކާނާ ހިމެނުމަށް
9 އޯގަސްޓު 2022
1

މުހިންމު ނުކުތާތައް

ސްކޫލް ދައުރަކީ ކުދިން ދިރިއުޅުމުގެ ވައްޓަފާޅިއާ މެދު މިނިވަންކަމާ އެކު ކަންކަން އިހްތިޔާރު ކުރަން ދަސްކުރާ ފަށާ ދުވަސްވަރު

ފައިދާހުރި ކާނާ އަކީ ކޮބާކަން ކުދިންނަށް ބުނެދީ އެފަދަ ކާނާ ކެއުމަށް ބާރުއެޅުން މުހިއްމު

ލަންޗް ބޮކްސްގައި މައިގަނޑު 6 ބާވަތެއް ހިމެނިދާނެ

އިންޓަވަލް ގަޑިއަށް ޖަންކް ފުޑް ގެންދިޔުން ގިނަ ސްކޫލްތަކުގައި މިހާރު އޮންނަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭގެ ތާޖުއްދީން ސްކޫލް ހިމެނެ އެވެ. ނަމަވެސް، އެ ސްކޫލްގެ ގްރޭޑް 1 ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމެއްގައި، ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވިގޮތުގައި ސްކޫލަށް ސޮސެޖް ގެންދިއުން މަނާކޮށްފައި އޮތް ނަމަވެސް، ކްލާސްތަކަށް ގޮސް، ގޭގައި ސޮސެޖު ކެއީ ކޮން ކުދިންނެއްހޭ އަހައިފިއްޔާ ބައެއް ކުދިން އަތް މައްޗަށް ނަގަ އެވެ.

އޭގެ މާނައަކީ ހަށިގަނޑަށް ގެއްލުންހުރި ކާނާއާ ކުދިން ދުރުކުރަން ސްކޫލުން ބާރު އެޅި ނަމަވެސް އެ މަގްސަދު މުޅިއަކުން ހާސިލް ނުވާ ކަމެވެ. ސްކޫލްތަކުގައި ސޮސެޖާއި ހަކުރު ގިނަ ބުއިންތައް މަނާކޮށްފައި އޮންނަނީ ކުދިންގެ ދުޅަހެޔޮކަމަށެވެ. އެހެންކަމުން، ސްކޫލްގައި މަނާ ނަމަ، ގޭގައި ވެސް، ހަށިގަނޑަށް ގެއްލުންދޭ ކާނާއާ ދުރުވެވޭތޯ ބަލަންވީ އެވެ.

ހަފްތާއަކު އެއް ދުވަހު ތަރުކާރީ އާއި މޭވާ އިންޓަވަލަށް ގެންދިއުން ވެސް ބައެއް ސްކޫލުތަކުގައި އޮންނަނީ މަޖުބޫރުކޮށްފަ އެވެ. އެކަމަކު މަޖުބޫރު ނޫނަސް ހަފްތާގެ ބާކީ ހުންނަ ދުވަސްތަކުގައި ވެސް ސިއްހަތަށް ފައިދާ ހުރި ތަކެތި ލަންޗް ބޮކްސްގައި ހިމެނުން މުހިއްމެވެ.

ދަރިން ސްކޫލަށް ގެންދާ ލަންޗް ބޮކްސްގައި ދުޅަހެޔޮ ކާނާ ހިމެނުން މުހިއްމުކަން ބެލެނިވެރިން ވިސްނުން މުހިއްމު

ބެލެނިވެރިންގެ ޝަކުވާ އަކީ ކުދިން ކޮންމެ ކޮންމެ އެއްޗެއް ނުކެއުމެވެ. އެހެންވެ، ހަށިގަނޑަށް ގެއްލުން ވިޔަސް، ކާނެހެން ހީވާ ކޮންމެވެސް އެއްޗެއް ދީފައި ދަރިފުޅު ސްކޫލަށް ފޮނުވާލަނީ އެވެ. އެކަމަކު ސްކޫލް ދައުރަކީ ކުދިން ދިރިއުޅުމުގެ ވައްޓަފާޅިއާ މެދު މިނިވަންކަމާ އެކު ކަންކަން އިހްތިޔާރު ކުރަން ދަސްކުރާ ފަށާ ދުވަސްވަރެވެ. ސްކޫލް އުމުރުފުރައިގެ ކުދިން ކަންކަން އަވަހަށް ދަސްކުރެ އެވެ. ރައްޓެހިންނާއި މަގުބޫލު ޓްރެންޑްތަކުގެ ނުފޫޒު ކުދިންނަށް ފޯރަ އެވެ. އެހެންކަމުން މިއީ ސިއްހަތަށް ފައިދާހުރި ކާނާ އަކީ ކޮބާކަން ކުދިންނަށް ބުނެދީ، އެފަދަ ކާނާ ކެއުމަށް ބާރުއަޅަން މުހިއްމު ދުވަސްވަރެކެވެ.

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް އާދަކޮށްދިނުމަށް، ލަންޗް ބޮކްސް ތައްޔާރު ކުރުމުގައި ކުދިން ބައިވެރިކުރެވިދާނެ

އިންޓަވަލް އަށް ގެންދަންވީ އެއްޗަކާ މެދު ކުދިންނާ މަޝްވަރާކޮށް ލަންޗް ބޮކްސް ތައްޔާރުކުރުމުގައި ކުދިން ބައިވެރިކުރުމަކީ ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ދަސްކޮށްދިނުމަށް ލިބޭ ފުރުސަތެކެވެ. މިކަމުގެ ސަބަބުން ކުދިންނަށް އެ ދުވަހަކު ކާނެ އެއްޗަކާ މެދު އަމިއްލައަށް ނިންމުންތައް ނިންމުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ.

ދުޅަހެޔޮ ކާނާ އިހްތިޔާރުކުރުމުގައި ކުދިން ބައިވެރިކުރާނީ ކިހިނެއް؟

ލަންޗް ބޮކްސް އަށް ބޭނުން ކުރާ ތަކެތި ތައްޔާރުކުރުމުގައި ކުދިން ބައިވެރިކުރުމުން ކާހިތްޖެހުމުގެ ފުރުސަތު ބޮޑުވޭ

ލަންޗް ބޮކްސް ތައްޔާރުކުރުމުގައި ދަރިފުޅު ބައިވެރި ކުރާނެ ގޮތް ތިރީގައި މިވަނީ އެވެ.

  • 1-

    ދަރިފުޅު ގާތު ފުރަތަމަ އަހަންވީ ލަންޗް ބޮކްސްގައި ހިމަނަން އޭނާ ބޭނުންވަނީ ކޯއްޗެއްތޯ އެވެ. ދެން ވާހަކަ ދައްކަންވީ ސިއްހަތަށް ފައިދާހުރި ކާބޯތަކެއްޗާ މެދު އެވެ. އެއަށް ފަހު، ލަންޗް ބޮކްސްގައި ހިމަނަން ބެލެނިވެރިޔާ އާއި ކުއްޖާއަށް އެއްބަސްވެވެނީ ކޮން ބާވަތްތަކެއްކަން ނިންމަންވީ އެވެ.

  • 2-

    ދަރިފުޅާ އެކުގައި، ލަންޗް ބޮކްސް އަށް ބޭނުންވާ ތަކެތި ލިސްޓްކޮށްލާށެވެ. ދަރިފުޅު ގޮވައިގެން ގޮސް، ލަންޗް ބޮކްސްގައި ހިމަނާ ކާބޯތަކެތި ގަންނާށެވެ.

  • 3-

    އަމިއްލަ އަށް ލަންޗް ބޮކްސް ތައްޔާރުކުރުމަށް ބާރުއަޅާށެވެ. ބޮޑެތި ކުދިންނަށް އަމިއްލަ އަށް މިކަން ކޮށްލެވޭނެ އެވެ. ކުޑަކުދިންނަށް ސޭންޑްވިޗް އަދި ބައެއް ކަހަލަ މޭވާ ކޮށާލަން ފުރުސަތު ދޭށެވެ. އެންމެ މުހިއްމީ މިކަން ކުރަން ވަގުތު ކޮޅެއް ހޯދާލާ، ދަރިފުޅު ބައިވެރިކޮށްގެން ދުރާލާ މި މަސައްކަތް ނިންމާލުމެވެ.

ލަންޗް ބޮކްސްގައި ހިމަނަންވީ މި 6 ބާވަތް

ލަންޗް ބޮކްސްގައި ސިއްހަތަށް ފައިދާ ހުރި ތަކެތީގެ ގޮތުގައި ހިމެނިދާނެ މައިގަނޑު ހަ ބާވަތެއް ވެ އެވެ.

މޭވާ

ބޮޑެތިކޮށް ކޮށާފައި ހުންނަ މޭވާ ލަންޗް ބޮކްސްގައި ކޮންމެ ދުވަހަކު ވެސް ހިމެނިދާނެ

މޭވާގެ ގޮތުގައި ލަންޗް ބޮކްސްއަށް ލާންވީ ތާޒާ މޭވާ އެވެ. ތާޒާ މޭވާ ނޫން ނަމަ ދެން އެންމެ ރަނގަޅީ ގަނޑުކޮށްފައި ހުންނަ މޭވާ ނުވަތަ ހަކުރު ނާޅާ ދަޅުގައި ބަންދުކުރި މޭވާ އެވެ.

ހިއްކާފައި ހުންނަ މޭވާ އަކީ އޭގައި ހަކުރު ގިނައިން އެކުލެވޭ އަދި ތަތްކަމެއް ހުންނަ އެއްޗެއް ކަމުން މި ބާވަތް އަބަދު ލަންޗް ބޮކްސްގައި ހިމެނުމުގެ ބަދަލުގައި ދޭތެރެ ދޭތެރެއިން ލާން ރަނގަޅެވެ. ހިއްކާފައި ހުންނަ މޭވާ ދަތުގައި ތަތްލަވާ، ދަތްފަނިކެއުމަށް މެދުވެރިވުމެވެ.

މޭވާ ބޮޑެތިކޮށް ކޮށާލާފައި ލަންޗް ބޮކްސް އަށް ލުމުން ކުދިންނަށް ފަސޭހައިން ކާލެވޭނެ އެވެ. އަދި ހޫނު ދުވަސް ދުވަހަށް މެންޑަރިން އޮރެންޖް ކަހަލަ އެއްޗެހި ގަނޑުކޮށްފައި ލަންޗް ބޮކްސް އަށް ލުމުން އިންޓަވަލް ގަޑީގައި ހުންނާނީ ހެޔޮވަރަށް ފިނިވެފަ އެވެ. ކުއްޖާ މުޅިން ތާޒާކޮށްލާނެ އެވެ.

ތަރުކާރީއާ އެކު ކުދިން ކާލަން ކޮންމެވެސް ކަހަަލަ ޑިޕްއެއް ލަންޗް ބޮކްސްގައި ހިމެނިދާނެ

ތަރުކާރީ

ތަރުކާރީގެ ގޮތުގައި ލަންޗް ބޮކްސްއަށް ލާން ރަނގަޅީ މުރަނަކޮށް ހުންނަ ތާޒާ ތަރުކާރީ އެވެ. މިގޮތުން ކެރެޓާއި ކިއުކަމްބާ އަދި ބެލް ޕެޕާ ފަދަ ތަކެތި ދިގަށް ކޮށާފައި ޗެރީ ޓޮމާޓޯއާ އެކު ލަންޗް ބޮކްސްގައި ހިމެނިދާނެ އެވެ. ދަރިފުޅު ގަޔާވާ ކަހަލަ ޑިޕްއެއް ކުޑަ ކޮންޓެއިނަރަކަށް އަޅާފައި ލަންޗް ބޮކްސް ތެރެއަށް ލެވިދާނެ އެވެ.

ލަންޗް ބޮކްސްގައި ތަފާތު ތަރުކާރީ އާއި މޭވާ ހިމަނައި ކުލަގަދަކޮށްލާށެވެ. މުރަނަކޮށް، ތާޒާކޮށް ހުރުމުން ކުދިން ކާހިތްޖެހޭނެ އެވެ.

ކިރު، ޔޯގަޓު އަދި ޗީޒްގެ ބާވަތްތައް

އާއްމުކޮށް ކުދިން ބޯ އެކި ކަހަލަ ފްލޭވާޑް ކިރު ޕެކެޓްތަކަކީ އޭގައި ހަކުރު ވަރަށް ގިނައިން ހިމެނޭ ބާވަތެއް ކަމުން ކުދިންނަށް އެންމެ ރަނގަޅީ އެއްވެސް އެއްޗެއް އިތުރު ނުކޮށް ހުންނަ އާދައިގެ ނުވަތަ ޕްލެއިން މިލްކް އެވެ. ޔޯގަޓް ދޭ ނަމަ ގްރީކް-ސްޓައިލް ޔޯގަޓެވެ. ނުވަތަ ލަންޗް ބޮކްސްގައި އަސްލު ޗީޒްގެ ފޮއްޗެއް ހިމެނިދާނެ އެވެ. ނަމަވެސް ޑެއިރީ ހުންނަ ބާވަތްތަކަށް ދަރިފުޅު އެލާޖިކް ނަމަ އެކަމަށް ސަމާލުވާން ޖެހެ އެވެ.

ހޫނު ދުވަސް ދުވަހަށް ޔޯގަޓެއް ގަނޑުކޮށްލާފައި ނުވަތަ ކިރު ޕެކެޓެއް ފްރީޒަރުގައި ބަހައްޓާފައި ފޮނުވިދާނެ އެވެ. ސްކޫލަށް ގޮސް އިންޓަވަލް ގަޑި ޖެހެންވާ އިރު ފިނިކަން ހުންނާނީ ހެޔޮވަރަށެވެ. 

ޑެއިރީގެ ގޮތުގައި ޗޮކްލެޓާއި މުސެލީ ބާސް ހިމެނުން ބުއްދިވެރިއެއް ނޫނެވެ. ސަބަބަކީ މި ތަކެތީގައި ހަކުރާއި ފެޓް ގިނަވުމުމެވެ.

މަހުގެ ބާވަތްތައް

ގޭގައި ތައްޔާރު ކުރާ ކުކުޅު ނުވަތަ ދަޅު މަސް ބޭނުންކޮށްގެން ސޭންޑްވިޗް ހެދިދާނެ

ގަނޑުކޮށްފައި ޕެކެޓުގައި ހުންނަ ނަގެޓްސް ބައެއް މީހުން ލަންޗް ބޮކްސްގައި ހިމަނަ އެވެ. ނަމަވެސް ހަށިގަނޑަށް ފައިދާހުރި ގޮތުގައި ކުކުޅު އިންޓަވަލްގައި ހިމަނަން ބޭނުން ނަމަ ގޭގައި ކުކުޅު އެހެނިހެން ގޮތްގޮތަށް ތައްޔާރުކޮށްލައިގެން ލަންޗް ބޮކްސް އަށް ލެވިދާނެ އެވެ.

ފެނު ކެއްކި ބިހަކީ ވެސް ލަންޗް ބޮކްސްގައި ހިމަނަން އެންމެ ރަނގަޅު އެއްޗެކެވެ. ހަރަދާއި މަސައްކަތުގެ ގޮތުން ކުކުޅަށް ވުރެ ފަސޭހަ އެވެ.

ގްރެއިން އަދި ސީރިއަލް

ގޮވާމުގެ ބާވަތްތައް ހިމަނާ ނަމަ އެންމެ ރަނގަޅީ ހޯލް ގްރެއިން ހިމެނޭ ބާވަތްތައް ލަންޗް ބޮކްސްގައި ހިމެނުމެވެ. ޕީނަޓް ބަޓަރު ޖަހައިގެން ނުވަތަ ދަޅު މަސް އަޅައިގެން ހަދާ ސޭންޑްވިޗެއް ކޮންމެ ދުވަހަކު ވެސް ލަންޗް ބޮކްސްގައި ހިމެނިދާނެ އެވެ.

ބޯން ރަނގަޅީ ފެން

މި ތަކެތީގެ އިތުރުން ބުއިމެއް ގެންދާ ނަމަ އެންމެ ރަނގަޅީ ފެނެވެ. އެއްވެސް ކަހަލަ ފުރުޓް ޑްރިންކެއް ނުވަތަ ކޮންސެންޓްރޭޓް އިން ތައްޔާރު ކުރާ ބުއިމެއް، އައިސްޑް ޓީ، ފިޒީ ބުއިމެއް ނުވަތަ އެނާޖީ ޑްރިންކެއް ގެންދިޔުން ގިނަ ސްކޫލްތަކުގައި މަނާވާނެ އެވެ.

މި ތަކެތި ނުލާންވީ މިއީ ހަކުރު ގިނަ އެއްޗެހި ކަމުން ކުދިންގެ ދަތުގެ ދުޅަހެޔޮކަމަށް އަސަރުކުރާތީ އެވެ. އަދި ކުދިންގެ ބަރުދަން އިތުރުވުމުގެ މައްސަލަތައް މިފަދަ ބުއިންތަކުގެ ސަބަބުން ކުރިމަތިވެ އެވެ. މީގެ އިތުރުން މިފަދަ ބުއިންތައް އެހެން ކުދިން ބޯހިތްވުން ވެސް އެކަށީގެންވެ އެވެ.

އިންޓަވަލް ގަޑީގައި ބުއިމަށް އެންމެ ރަނގަޅީ ފެން

ރަނގަޅު ލަންޗް ބޮކްސްއެއް މުހިއްމު

ދަރިފުޅު ގެންދާ ލަންޗް ބޮކްސް އަކީ ކާބޯތަކެތި ކުނި ނުވެ ރައްކާތެރިކޮށް ބެހެއްޓޭ އެއްޗަކަށް ވާން ޖެހެ އެވެ. ކާނާ އޭގައި ގިނަ އިރު ވަންދެން ބަހައްޓާފައި ހުންނާތީ އެންމެ ރަނގަޅީ އިންސިއުލޭޓަޑް ލަންޗް ބޮކްސްއެއް ނުވަތަ ދަބަހެއް ހޯދުމެވެ.

ލަންޗް ބޮކްސް ދުރާލާ ތައްޔާރުކުރާ ނަމަ އެންމެ ފަހު ވަގުތު ނޫނީ ފްރިޖުން ނުނެގުން ރަނގަޅެވެ. ދަރިފުޅަށް ހަނދާންކޮށްދޭންވީ ލަންޗް ބޮކްސް އަވީގައި ނުބާއްވާ އަބަދުވެސް ދަބަސް ތެރޭގައި ގެންގުޅޭށެވެ.

ލަންޗް ބޮކްސްއެއް ހިޔާރު ކުުރުމުގައި ރީތި ޑިޒައިންކަށް ވުރެ ބޮޑަށް ބަލަންވީ އެކި ބައިތަކަށް ބަހާލެވިފައިވާ ލަންޗް ބޮކްސްއެއް ހޯދުމަށެވެ. އޭރުން ދަރިފުޅު އެއް ބާވަތެއް ނުކެޔަސް، އޭގައި ކާ ހިތްވާ ކޮންމެވެސް އެއް ބާވަތެއް ހިމެނިފައި ހުރުމުން، ސްކޫލްގައި ބަނޑުހައިވެފައެއް ނުހުންނާނެ އެވެ.

ކޮންމެ ދުވަހު އާ ބާވަތްތަކެއް ނުހިމަނާ މަޑުމަޑުން އާ ވައްތަރުތައް ހިމެނުމަށް ސަމާލުވުން މުހިއްމެވެ. އެންމެ މުހިއްމު ކަމަކީ ބެލެންސެއް ހޯދުމެވެ. ކުދިން ސްކޫލުގެ އިންޓަވަލް ގަޑީގައި ކާން ލަންޗް ބޮކްސްއަށް ލާ ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ކާނާ އަށް ހަދަން ބެލެނިވެރިން އިތުުރު ހިތްވަރެއް ލުމެވެ.

ކޮމެންޓް (1)

ޢަޒުނީ

9 އޯގަސްޓު 2022
ލިސްޓު ހެދިދާނެ. ލާރި އޭ ނެތީ!! ބާޒާރުގަ ތަރުކާރީ އާއި މޭވާގެ އަގު އާދައިގެ މީހަކަށް ގަނެވޭވަރަށް ވުރެ ބޮޑު.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް