Majlis 2024

ޔޫކްރެއިނުގެ އިރުމަތީ ލޫހާންސްކު ސަރަހައްދު ހިފުމަކީ ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިންގެ މައިގަނޑު އެއް އަމާޒު. (ފޮޓޯ/ ގެޓީ އިމޭޖެސް)

ސެވެރްޑޮނެސްކު ދޫކޮށްލުމަށް ޔޫކްރެއިނުން ސިފައިންނަށް އަންގައިފި

ލޫހާންސްކު ސަރަހައްދުގައި ރަޝިޔާގެ ބާރުގެ ދަށަށް މިވަގުތު ގޮސްފައި ނުވާ ހަމައެކަނި ދެ ސަރަހައްދަކީ ސެވެރްޑޮނެސްކާއި ލިސިޗާންސްކު ސިޓީ

ޔޫކްރެއިނުގެ ފައުޖުތަކުން ސެވެރްޑޮނެސްކު ދޫކޮށް ނުކުތުމަށް އަމަރުކޮށްފައިވާ ކަމަށް އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނެވި ޔޫކްރެއިނު ސަރުކާރު އެންމެ މަތީ އޮފިޝަލު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ސެވެރްޑޮނެސްކު ހިފުމަށް ރަޝިޔާގެ ފައުޖުތަކުން ވަރުގަދަ ހަމަލާތަކެއް ދެމުންދާތާ ހަފްތާތަކެއް ވަނީ ވެފަ އެވެ. އަދި ޔޫކްރެއިނުން ސެވެރްޑޮނެސްކު ދޫކޮށްލައިފި ނަމަ، ލިސިޗާންސްކު ސިޓީ ފިޔަވައި ލޫހާންސްކުގައިވާ އެހެން ހުރިހާ ސަރަހައްދެއް ރަޝިޔާގެ ބާރުގެ ދަށަށް ދިޔައީ އެވެ.

ރަޝިޔާ ބަހުން ވާހަކަދައްކާ ގިނަ ބަޔަކު ދިރިއުޅޭ ޔޫކްރެއިނުގެ އިރުމަތީ ލޫހާންސްކު ސަރަހައްދު ހިފުމަކީ ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިންގެ މައިގަނޑު އެއް އަމާޒެވެ.

ރަޝިޔާގެ ވަރުގަދަ ހަމަލަތަކާ ގުޅިގެން ޔޫކްރެއިނުގެ ފައުޖުތަކުން ސެވެރްޑޮނެސްކުގައި ފަހަތަށް ޖެހެމުންދާތާ އެތައް ދުވަހެއް ވެފައި ވާއިރު، ރަޝިޔާ އިން ވަނީ އެ ސިޓީއަށް ވަދެވެން އޮންނަ ތިން ބްރިޖު ވެސް ގޮައްވާލާފަ އެވެ. އެހެންކަމުން، އެ ސިޓީ ދޫކޮށް ސިފައިން ނުކުތުމަށް ކީވް އިން ކޮށްފައިވާ އަމުރަކީ ރަޝިޔާގެ ފައުޖުތައް ހުރިހާ ފަރާތަކުން ވަށާނުލަނީސް ޔޫކްރެއިނު ސިފައިން ސަލާމަތްވުމުގެ ފުރުސަތު ދިނުން ކަމުގައި ވަނީ ބެލެވިފަ އެވެ.

"އެތައް މަސްތަކެއް ވަންދެން ހަމަލާތައް އަރަމުންދާ ތަންތަނުގައި ސިފައިން ދެމި ތިބުމަކީ ވިސްނުމެއް ނެތް ކަމެއް. އާ ސަރަހައްދުތަކަށް ބަދަލުވެ އެ ތަންތަނުން ހަމަލާތައް ކުރިއަށް ގެންދިއުމަށް ވާނީ އަމުރުކޮށްފައި،" ލޫހާންސްކު ސަރަހައްދަށް ކަނޑައަޅާފައި ހުންނެވި ޔޫކްރެއިނުގެ އެންމެ އިސް ވެރިޔާ ސެރްހީ، 'ހައިޑާއީ ޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ސެވެރްޑޮނެސްކު ސިޓީގެ އުމްރާނީ ތަރައްގީ މުޅިންހެން ސުންނާފަތި ވެފައިވާ ކަމަށާއި، އާންމުންގެ %90 ގެތަކަށް ވެސް ހަމަލަތާއް އަރާފައިވާކަން ހައިޑާއީ ފާހަގަކުރެއްވި އެވެ.

ޔޫކްރެއިނުން ސެވެރްޑޮނެސްކު ސިޓީ ދޫކޮށްލުމާ ގުޅޭ. (ވީޑިއޯ/ ސީބީއެސް ނިއުސް)

ހަނގުރާމައިގެ ކުރިން ލައްކައެއްހާ މީހުން ދިރިއުޅެމުން އައި ސެވެރްޑޮނެސްކުގައި އެތައް ސަތޭކަ އާންމުން މިވަގުތު ތާށިވެފައި ތިބި ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ލޫހާންސްކާ ޖެހިގެން އޮތް ޑޮނެސްކު ސަރަހައްދު އެއްކޮށްލުމުން "ޑޮންބާސް"ގެ ނަން ދީފައިވާ ސިނާއީ މި ސަރަހައްދަކީ ރަޝިޔާ އިން އެހީތެރިކަން ލިބި 2014 ވަނަ އަހަރުން ފެށިގެން ޔޫކްރެއިނުން މިނިވަންވުމަށް ހަނގުރާމަ ކުރަމުންދާ ސަރަހައްދެކެވެ.

މި ސަރަހައްދުގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކާ ރައްޔިތުންނާ ދެކޮޅަށް ޔޫކްރެއިނުން ގަތުލުއާންމެއް ހިންގާފައިވާ ކަމަށް ޕޫޓިން ވަނީ އެތައް ފަހަރަކު ތުހުމަތު ވެސް ކުރައްވާފަ އެވެ. މިއީ ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރެއްވުމަށް ޕޫޓިން މިހާތަނަށް ދެއްކެވި ބަދަލުވަމުންދާ އެތައް ސަބަބެއްގެ ތެރެއިން އެއް ސަބަބު ވެސް މެ އެވެ.

ގަތުލުއާންމެއް ހިންގާފައިވާ ކަމަށް ޕޫޓިން ކުރައްވާފައިވާ ތުހުމަތުތަކާ ގުޅިގެން ތަނެއް ދޮރެއް ބަލާ ނުލާ ދެމުންދާ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިނުގެ އާންމުންނާ ދެކޮޅަށް ރަޝިޔާ އިން ވެސް ގަތުލުއާންމެއް ހިންގަމުންދާ ކަމަށް ޔޫކްރެއިން ސަރުކާރުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް