Majlis 2024

އެމްއެސްއެލްގެ މޯލްޑިވް އިމޭޖް: 8،300 ޓަނުގެ މި ބޯޓް ބަނދެފައިވަނީ 1958ގައި

ޗާޓުން ފެންނަ ގޮތް: އެމްއެސްއެލްގެ ދަތުރު އެހާ ނިޔާމައެއް ނޫން

އެއް ދުވަސްވަރެއްގައި 40 އާގުބޯޓާ އެކު ޝިޕިން ވިޔަފާރިކުރަމުން އައި ރާއްޖޭގެ ޝިޕިން ކުންފުނި، އެމްއެސްއެލް، ނިކަމެތިވީ ތަފާތު އެތައް ސަބަބުތަކާ ހެދި
24 ފެބްރުއަރީ 2022
4

ވަރަށް އާދައިގެ ގޮތަކަށް 1950ގެ ފަހުކޮޅު  ސަރުކާރުން ފެށި ޝިޕިން ވިޔަފާރި މަޑުމަޑުން ކުރިއަރަމުން ގޮސް، ރާއްޖެއަށް ބޭނުންވާ މުދާ އެހެން ގައުމުތަކުން ގެނެސްދިނުމުގެ ގެރެންޓީ ހޯދައިދިނެވެ. މި ޔަގީންކަން މުހިންމުވަނީ ރާއްޖެއަށް ބޭރުން މުދާ ގެނައުމުގައި ދަތި އުނދަގޫތައް 1950ގެ ކުރިން ކުރިމަވަމުން ގޮސްފައި ވާތީ އެވެ. އަދި ޝިޕިން ކުންފުންޏެއް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ވެސް މި މައްސަލަތަކަށް ހައްލެއް ހޯދައިދިނުން ކަމަށް ވާތީ އެވެ.

މޯލްޑިވް ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަނުގެ ދަށުން އަދި ފަހުން މޯލްޑިވްސް ނޭޝަނަލް ޝިޕިންއިން ކުރިއަށް ގެންދިޔަ ޝިޕިންގައި ވިޔަފާރި ވަރަށް ބޮޑަށް ފުޅާ ވެސް ކުރި އެވެ. ރާއްޖޭގެ އާބާދީ އާއި އިގްތިސާދަށް ބަލާއިރު ނިސްބަތުން ބޮޑު  ޝިޕިން ކުންފުންޏަކަށް ބަދަލުކޮށްލި އެވެ. ނަމަވެސް މި ކާމިޔާބީ ވަކި ހިސާބަކުން ދެމެހެއްޓޭ ގޮތެއް ނުވެ،  ޝިޕިން ވިޔަފާރި ދިޔައީ ނިކަމެތިވަމުންނެވެ. ގެއްލުންތައް އިތުރުވަމުންނެވެ.

  • ވީ ކިހިނެއް؟ 1980ގައި ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނީގައި މުދާ އުފުލާ 39 ބޯޓު އޮތެވެ. އޭގެ 14 އަހަރު ފަހުން އެ އަދަދު ވަނީ 11 އަށް ދަށަށް ގޮސްފަ އެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަލާއިރު 1980ގެ ތެރޭގައި މޯލްޑިވްސް ޝިޕިން ލިމިޓެޑުން ހިންގީ ނިސްބަތުން ވަރަށް ބޮޑު ޝިޕިން ވިޔަފާރިއެކެވެ. ނަމަވެސް ލިބޭ އާމްދަނީ ދަށްވެ ޚަރަދުތައް ބޮޑުވުމުގެ ނަތީޖާއަކީ ދެ އަހަރު ފަހުން ކުންފުންޏަށް ގެއްލުންވާން ފެށުމެވެ. އެގޮތުން 1980ގައި 7 މިލިއަން ޑޮލަރު (މިހާރުގެ ނިސްބަތުން 107 މިލިއަން ރުފިޔާ)ގެ ފައިދާއެއް ލިބުނު ނަމަވެސް ހަމަ އެވަރުގެ ގެއްލުމެއް 1982ގައި ކުންފުންޏަށް ކުރިމަތިވި އެވެ. އެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އާމްދަނީ 39 މިލިއަން ޑޮލަރުގައި ހުރިއިރު ޚަރަދުތައް ހުރީ 46 މިލިއަން ޑޮލަރުގަ އެވެ.

މޯލްޑިވް ގްރޭސްއަކީ އެމްއެސްއެލްގައި 1981ގައި އޮތް އެންމެ ބޮޑު އެއް ބޯޓް. 1959ގައި ބަނދެފައިވާ މި ބޯޓްގެ ޓަނޭޖަކީ 13،381.

އެއަށް ފަހު އެމްއެސްއެލްގެ އާމްދަނީ އާއި ފައިދާ ދިޔައީ ދަށަށެވެ. އަދި 1990އާ ހަމައަށް އައިއިރު ބޯޓުތައް މަދުވެ ބޮޑެތި ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. މިފަދަ ހާލަތަކަށް ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި ދާން ޖެހުނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު، ލިބެން ހުރި އަދި އިތުބާރުކުރެވޭ މައުލޫމާތުގެ އަލީގައި ފެނޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. މިއީ، ސުވާލަށް ޖަވާބު ލިބޭތޯ ކުރި މަސައްކަތުގެ ބައެކެވެ.

  • އެނގުން މުހިންމު:  އެމްއެސްއެލް ހިންގުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި އަލީ އުމަރު މަނިކު (ކޮލި އަލި މަނިކު) ސިންގަޕޫރުގައި ފަސް ވަރަކަށް ފަހަރު ބައްދަލުކޮށް، އަދި އިންޓަވިއުކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އެއީ 2010 އާއި 2011އާ ދެމެދު އެވެ. އެމްއެސްއެލްއާ ބެހޭ ބައެއް މުހިންމު ޑޮކިއުމެންޓްތައް އަލި މަނިކު އަޅުގަނޑާ ހިއްސާކުރެއްވި އެވެ. މީގެ ތެރޭގައި ރާއްޖޭގެ ޝިޕިންއާ ގުޅުން ހުރި ކުރީގެ ރިޕޯޓްތަކާއި މައުލޫމާތު ހިމެނެ އެވެ. މި ވިޝުއަލް ފީޗާގައި ބޭނުންކޮށްފައި މިވަނީ އަލި މަނިކު ދެއްވި އިންޓަވިއުތަކުގެ ބައެއް މައުލޫމާތުގެ އިތުރަށް އަޅުގަނޑާ ހިއްސާކުރެއްވި ބައެއް ލިއެކިއުންތަކުގައި ހުރި މައުލޫމާތުތަކެވެ.

ތިރީގައި މިވާ އިންޓަރެކްޓިވް ޗާޓްތަކުން އެމްއެސްއެލްއަށް، 1980އިން 1994އާ ދެމެދު، ލިބުނު އާމްދަނީ އާއި ގެއްލުން ފެންނާނެ އެވެ. އެމްއެސްއެލް އަކީ ޝިޕިންގެ ވިޔަފާރި ފުޅާކުރުމަށް 1967ގައި އުފެއްދި ކުންފުންޏެކެވެ. އެމްއެސްއެލް އުފެއްދުމުގެ މާ ކުރިން ވެސް ސަރުކާރުން ވަނީ ބޯޓްފަހަރު ކުއްޔަށް ހިފައިގެންނާއި އަދި ގަނެގެން ޝިޕިންގެ ވިޔަފާރި 1950ގެ ތެރޭގައި ފަށައިފަ އެވެ. 

އެމްއެސްއެލް އުފެއްދިތާ 14 އަހަރު ވީއިރު ކުންފުނި ވަނީ ވަރަށް ބޮޑަށް ވިޔަފާރި ފުޅާކޮށްފަ އެވެ. އެގޮތުން 1981 ގައި ކުންފުނީގައި 40 ބޯޓް އޮތެވެ. މީގެ ތެރޭގައި ގްރޮސް ޓަނޭޖް 10،000 އަށް ވުރެ މަތީގެ 10 ބޯޓް ހިމެނެ އެވެ.

  • އެންމެ ބޮޑު ބޯޓަކީ 1959ގައި ބަނދެފައިވާ 13،381 ޓަނުގެ 'މޯލްޑިވް ގްރޭސް' އެވެ. އެމްއެސްއެލްއިން މުޅިން ވެސް ގަންނަމުން އައީ ބޭނުންކޮށްފައި ހުންނަ ބޯޓްތަކެވެ. އެއީ އާ ބޯޓު ގަތުމަށް އިންވެސްޓްކުރަން ޖެހޭވަރު ބޮޑުކަމުންނެވެ.

  • އެންއެންއެސްއެލްގެ ފްލީޓްގައި 1981 އޮތް އެންމެ އާ ދެބޯޓަކީ 13 އަހަރު ވި  'ޓޯރަސް' އަދި 15 އަހަރުގެ 'މޯލްޑިވް ވިގާ' އެވެ. އެންމެ ދުވަސްވީ ބޯޓަކީ 31 އަހަރު ވެފައިވާ 'މޯލްޑިވް އެކްސްޕްރެސް' އެވެ.

  • 1973-1983 ގައި އެމްއެސްއެލްއަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 1982ގަ އެވެ. ގާތްގަނޑަކަށް 7 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނުއިރު ޖެހިގެން އައި އަހަރު ގެއްލުން 6 މިލިއަން ޑޮލަރަށް އެރި އެވެ. އެމްއެސްއެލްއަށް ގެއްލުންވާން ފެށީ 1980ގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އިގްތިސާދު ހީނަރުވެ ބައިނަލްއަގްވާމީ ވިޔަފާރި އާއި ޝިޕިން ދަށަށް ދިއުމެވެ. ދުނިޔެއަށް އައި ރިސެޝަނާ އެކު ގިނަ ޝިޕިން ކުންފުނިތަކެއް ބަނގުރޫޓްވި އެވެ. 

  • ދުނިޔޭގެ ޝިޕިން އިންޑަސްޓްރީއަށް ކުރިމަތިވި ދަތިތަކުގެ އެއް މިސާލަކީ ހޮންކޮންގްގެ ވޯލްޑް ވައިޑް ޝިޕިން އާއި ބައެއް އެހެން ކުންފުނިތަކަށް ދިމާވި މައްސަލަތަކެވެ:

  • ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި ވޯލްޑް ވައިޑް ޝިޕިންގައި 1983ގައި 147 ބޯޓް އޮތެވެ. އިގްތިސާދީ މައްސަލަތަކާ ހެދި 1984ގައި ބޯޓްތަކުގެ އަދަދު 108 އަށް މަދުކުރި އެވެ.

  • ހޮންކޮންގުން އޮޕަރޭޓްކުރާ އެހެން ކުންފުންޏެއް ކަމުގައިވާ ގްރޭންޑް މެރީންގެ ބޯޓްތަކުގެ އަދަދު 66 އިން 10އަށް މަދުކުރި އެވެ.

  • 1970ގެ ތެރޭގައި އުފެއްދި ސިލޯނުގެ ގައުމީ ޝިޕިން ކުންފުނި ކަމުގައިވާ ސިލޯން ޝިޕިން ކޯޕަރޭޝަނުން އޮޕަރޭޓްކުރާ ބޯޓްތަކުގު އަދު އެންމެ ދެ ބޯޓަށް ދަށަށް ދިޔަ އެވެ.

  • ޝިޕިން އިންޑަސްޓްރީގައި ވާދަވެރިކަން އުފެދި، މުދާ އުފުލާ އާ ބޯޓްތައް ގެންގުޅޭ ކުންފުނިތަކުން، އެމްއެސްއެލް ފަދަ ބާ ބޯޓްތައް އޮޕަރޭޓްކުރާ ކުންފުނިތަކާ ފްރެއިޓް އުފުލުމުގައި ވަރަށް ދަށް ރޭޓްތަކުގައި ޚިދުމަތް ދޭން ފެށި އެވެ. އެމްއެސްއެލްގެ ވިޔަފާރި މޮޑެލް ބިނާވެފައި އޮތީ، ބާ ބޯޓް ބޭނުންކޮށްގެން އަގު ހެޔޮކޮށް މުދާ އުފުލާދިނުމުގެ ވިޔަފާރި ކުރުމެވެ. ނަމަވެސް ދުނިޔެއަށް ކުރިމަތިވި ރިސެޝަނާ އެކު، ފްރެއިޓް މާކެޓް ކުޑަވެ، ޝިޕިން އިންޑަސްޓްރީގެ ވާދަވެރިކަން ބޮޑުވުމުގެ ނަތީޖާއަކީ އެމްއެސްއެލްއަށް އޮތް މާކެޓް ކުޑަވަމުން ދިއުމެވެ. އެމްއެސްއެލްގެ ފްލީޓްގައި ހިމެނެނީ ދުވަސް ވެފައިވާ ބޯޓްތައް ކަމުން މުދާއުފުލުމަށް ދައްކަން ޖެހޭ އިންޝޫރެންސް ޕްރީމިއަމް ވަރަށް ބޮޑެވެ. އާ ބޯޓްތައް ގެންގުޅޭ ކުންފުނިތަކަށް މި ޚަރަދު ކުޑަ އެވެ.

  • 1973އިން 1981 އަށް އެމްއެސްއެލް އަށް 17.5 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ. އަދި 1981 އަށް ފަހު ދުނިޔޭގެ ރިސެޝަނާ އެކު، ޝިޕިން ވިޔަފާރިއަށް އައި ހީނަރުކަމުގައި ފްރެއިޓް ރޭޓް ވެސް ދަށަށް ދިޔަ އެވެ. ފްރެއިޓް ރޭޓް 1981އާ އަޅާބަލާއިރު، 1984ގައި %40 އަށް ވެއްޓުނެވެ. މިސާލަކަށް 1981ގައި ބެންކޮކުން ރެޑްސީއަށް މެޓްރިކް ޓަނެއްގެ ފްރެއިޓް ރޭޓަކީ 37.90 ޑޮލަރެވެ. 1984ގައި އެ އަދަދު ހުރީ 23.20 ޑޮލަރަށް ވެއްޓިފަ އެވެ.

  • އެމްއެސްއެލްއަށް ގެއްލުންވަމުން ދިޔައިރު، ކުންފުނިން މަސައްކަތްކުރީ ފައިދާއެއް ހޯދުމުގެ ބަދަލުގައި ގެއްލުން ކުޑަކުރުމަށެވެ. ލިއުންތަކުން ދައްކާ ގޮތުގައި ޑިސެމްބަރު 1983ގައި އެމްއެސްއެލްގައި ހުރި އެސެޓްތަކުގެ އަގަކީ 11.2 މިލިއަން ޑޮލަރެވެ. ލައަބިލިޓީއަކީ 13.1 މިލިއަން ޑޮލަރެވެ.

  • އެމްއެސްއެލްއިން ސަރުކާރަށް އަބަދުވެސް ފައިސާ ދެއްކި އެވެ. އެގޮތުން 1970ގެ ކުރީކޮޅު އެމްއެސްއެލްއިން ލިބޭ ބޭރު ފައިސާއަކީ ސަރުކާރަށް ވެސް މުހިންމު އާމްދަނީއެކެވެ. އަދި 1975 އިން 1994އާ ދެމެދު ކޮންމެ އަހަރަކު ވެސް ސަރުކާރަށް ފައިސާ ދިނެވެ. އެންމެ ގިނައިން ފައިސާ ދެއްކީ 1975އާ 1982އާ ދެމެދު އެވެ. މި މުއްދަތުގައި އެންމެ ގިނައިން އެމްއެސްއިލް ސަރުކާރަށް ދިނީ 1981ގައި 2.5 މިލިއަން ޑޮލަރެވެ.

  • ފާހަގަކޮށްލެވޭ އެއް ކަމަކީ އެމްއެސްއެލްއަށް ގެއްލުންވަމުން ދިޔައިރު ވެސް ސަރުކާރަށް ފައިސާ ދައްކަމުން ދިޔަ ކަމެވެ. މިސާލަކަށް 1982ގައި 7 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނަސް ސަރުކާރަށް 1.8 މިލިއަން ޑޮލަރު އެމްއެސްއެލްއިން ދެއްކި އެވެ. އެންމެ މަދުން ދައްކާފައިވަނީ 1993 ގައި 32،000 ޑޮލަރެވެ.

  • ތިރީގައި މިވާ ޗާޓުން ދައްކައިދެނީ އެމްއެސްއެލްގައި ހުރި ބޯޓްތަކުގެ އަދަދަށް 1980 އިން 1994 އަށް އައި ބަދަލެވެ. އަދި 1981ގައި ކުންފުނީގައި 40 ބޯޓް އޮތް ނަމަވެސް 1994ގައި އެ އަދަދު އެންމެ 10 ބޯޓަށް ވެއްޓުނެވެ. އަލީ އުމަރު މަނިކު ވިދާޅުވެފައިވާ ގޮތުގައި އެމްއެސްއެލްއަށް ދިމާވި ގޮންޖެހުންތައް ދުނިޔޭގެ ގިނަ ޝިޕިން ކުންފުނިތަކަށް ވެސް ކުރިމަތިވި އެވެ. އެއީ 1980ގެ ކުރީކޮޅު އެމެރިކާގެ މާލީ ފިޔަވަޅުތަކެއްގެ ސަބަބުން ދުނިޔެއާ ކުރިމަތިިވި އިގްތިސާދީ މައްސަލަތަކުގައި ޝިޕިންގެ ވިޔަފާރި ދަށަށް ދިއުމެވެ. އެކަމަކު އޭރު އާންމު ދިވެހިންނަށް އެއީ ކިހިނެއް ވީ ކަމެއް ކަމެއް ނޭނގެ އެވެ.

އެމްއެސްއެލްގެ ތިން ބޯޓެއް. މަތީގައި ކަނާތުން ވާތަށް: މޯލްޑިވް އިންޑަސްޓްރީ، މޯލްޑިވް ލޯޔަލްޓީ. ތިރީގައި: މޯލްޑިވް ޕްރޮމޯޓާ.

ސަރުކާރުގެ ޝިޕިން ވިޔަފާރި ފެށީ ކިހިނެއް؟

 ކަނޑު މަގުން ރާއްޖެއަށް މުދާ އެތެރެކޮށް އަދި މުދާ ބޭރުކުރުމުގައި 1940ގެ ފަހުކޮޅުގައި ވެސް، އާންމު ގޮތެއްގައި، ބޭނުންކުރަމުން އައީ ރިޔާނެގި އުޅަނދުފަހަރެވެ. މޫސުން ގޯސްވެ ދަތުރު ފަތުރަށް ބުރޫއަރައި އަދި ކާޑުގެ ބާވަތްތައް ލިބުން ލަސްވެ ކާޑަށް ޖެހޭ ފަހަރު ވެސް އާދެ އެވެ. ބޭރަށް ދަތުރުކުރާ އޮޑިފަހަރު، މޫސުން ގޯސްވުމުގެ ސަބަބުން، ބެހިގެން ކައިރި ގައުމުތަކަށް ދެ އެވެ. ސަރުކާރުން ބައެއް ފަހަރު އިންޑިއާގެ އައްސޭރިފަށުގައި ބޯޓްދެލި ބޭނުންކޮށްގެން ދުއްވާ 400 ޓަނާއި 1،000 ޓަނާ ދެމެދުގެ ބޯޓްފަހަރު ޗާޓަރުކުރި އެވެ.

  • 1948ގައި ސިލޯނުގައި ދިވެހި ސަރުކާރުން މޯލްޑިވިއަން ނެޝަނަލް ޓްރޭޑިން ކޯރޕަރޭޝަން (އެމްއެންޓީސީ) އުފެއްދި އެވެ. އަދި މާލޭގައި ވެސް މޯލްޑިވިއަން ނެޝަނަލް ޓްރޭޑިން ކޯޕަރޭޝަން ގާއިމްކުރި އެވެ. އެންމެ ފުރަތަމަ މި ކުންފުނިތަކުގައި އޮތީ ސަރުކާރުގެ %75 ހިއްސާ ނަމަވެސް ސަރުކާރުން ފަހުން ވަނީ އަމިއްލަ ފަރާތްތަކުގެ %25 ވެސް ގަނެފަ އެވެ. މި ކުންފުނިތަކުގެ އެންމެ އިސް މީހުންގެ ގޮތުގައި އެއިރު ތިބީ ސިލޯނުގެ ވިޔަފާރިވެރިންނެވެ.

  • މުހައްމަދު އަމީން އުފެއްދެވި ޝިޕިން ކުންފުނި: އިންޑިއާގެ ކަނޑުގެ ސިފައިންގެ ތެރޭގައި ޚިދުމަތްކޮށްފައިވާ ދެ ކޮމާންޑަރުން ކަމުގައިވާ ގިލް އަދި ގުރުދާސްއާ މުހައްމަދު އަމީން ގުޅިވަޑައިގެން 'ގިލް އަމީން ޝިޕިން ކޮމްޕެނީ' އުފެއްދި އެވެ. މި ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ އިންޑިއާގަ އެވެ. ކޮލި އަލި މަނިކު ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނަށް ހީފުޅުވަނީ ހިއްސާ ބެހިފައިވަނީ 70/30 ނުވަތަ 60/40 ގެ މައްޗަށް، ގިލް ގްރޫޕަށް މައިގަނޑު ހިއްސާ އަދި ބާކީ ދިވެހި ސަރުކާރަށެވެ. ބޯޓުދެލި އަޅައިގެން ދުއްވާ ދެ ބޯޓް، 250،000 އިންޑިއާ ރުޕީސްގެ މި އިންވެސްޓްމެންޓަށް ގަތެވެ. 'މާގްރެޓް ރޯސް' އަދި 'ޝީލާ ރޯސް' ގެ ނަމުން ނަން ދީފައިވާ ދެ ބޯޓަކީ އިންޑިޔާގެ ކަނޑުގެ ސިފައިން ބޭނުންކުރި ޓަގު ބޯޓަކާއި ދާއަޅައިގެން މަސްހިފާ ބޯޓެކެވެ.

  • ސަރުކާރުން 'ގިލް އަމީން ޝިޕިން' ގައި އިންވެސްޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކޮށް ކަނޑުދަތުރު ފަތުރުގެ ޚިދުމަތް ފެށުމެވެ. ނަމަވެސް ކުންފުނީގެ ބޭރުގެ ހިއްސާދާރުން ބޭނުންވީ މި ދެ ބޯޓުގެ ދަތުރުތައް އިންޑިއާގެ އައްސޭރިފަށާއި ސިލޯނާ ދެމެދު ކުރުމަށެވެ. ވަރަށް މަދު ފަހަރަކު ނޫނީ ރާއްޖެ ނާދެ އެވެ. އެންމެ ފަހުން ސަރުކާރުން ވަނީ މި ވިޔަފާރިން ވަކިވެފަ އެވެ. ސަރުކާރު 1953ގައި ބަދަލުވުމަށް ފަހު  'ގިލް އަމީން ޝިޕިން' އަށް ސަރުކާރުން އިންވެސްޓްކުރި ފައިސާ ވަނީ ވަރަށް މަސައްކަތްކޮށްގެން ހޯދައިފަ އެވެ.

  •  1950 ވަނަ އަހަރާއި 1960 ވަނަ އަހަރާ ދެމެދުގައި ރާއްޖޭގެ އާބާދީ އޮތީ 80،0000 އާއި 100،0000 އާ ދެމެދުގަ އެވެ. އެ ދުވަސްވަރު ބޭރު ފައިސާގެ ގޮތުގައި ލިބެނީ އަހަރަކު 2-2.5 މިލިއަން ޑޮލަރުގެ އަދަދެކެވެ. (މިހާރުގެ އަގުން ނަމަ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރެވެ.)

  • 1950ގެ ތެރޭގައި އެމްއެންޓީސީން ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭރުގެ ބޯޓްފަހަރު ކުއްޔަށް ހިފި އެވެ. މި ބޯޓްތަކުގެ ތެރޭގައި މެކްސް އާލްޓް، ހޯޝްޓް އާލްޓް އަދި ހޫގޯ އާލްޓާއި ސްޓާލައިން ޓްރޭޑާ އަދި ސްޓާލައިން އެންޓަޕްރައިސް ހިމެނެ އެވެ. އަލި މަނިކު ވިދާޅުވެފައިވާ ގޮތުގައި މި ދުވަސްވަރު އެލިޒަބަތު ބޯއީ ކުއްޔަށް ހިފާފައިވަނީ ދުވާލަކަށް 110 އިނގިރޭސި ފައުންޑަށެވެ. ގާތްގަނޑަކަށް 1 އަހަރު އެލިޒަބަތު ބޯއީ ކުއްޔަށް ގެންގުޅުނެވެ.

  • މޯލްޑިވް ސްޓާ އަދި މޯލްޑިވް ކްރެސެންޓް ގަތުން: 1950ގެ ފަހުކޮޅު އެމްއެންޓީސީ އިން ދެ ބޯޓެއް ގަތެވެ. އެއް ބޯޓަކީ 1958ގައި ގަތް 1،500 ޓަނުގެ ނޯޑިކް ކްއީން އެވެ. ބޯޓްދެލިން ދުއްވާ މި ބޯޓްގެ ނަމަކަށް ފަހުން ކިޔާފައިވަނީ 'މޯލްޑިވް ސްޓާ' އެވެ. ދެވަނަ ބޯޓް، 1،100 ޓަނުގެ މޯލްޑިވް ކްރެސެންޓް، ގަތީ 10،000 ފައުންޑަށް 1959ގަ އެވެ. މިއީ ބޯޓުދެލި ބޭނުންކޮށްގެން ދުއްވާ އުޅަނދެއްކަމުން އިތުރަށް ޚަރަދުކޮށްގެން ޑީސަލް އިންޖީނެއް ބެހެއްޓި އެވެ. މި ބޯޓްތަކުން ކޮޅުނބާއި އިންޑިޔާ އަދި ބަރުމާގެ ރަންގޫނާ ދެމެދު ވިޔަފާރި ދަތުރުތައް ކުރުމަށް ބޭނުންކުރި އެވެ. ރާއްޖޭގައި ކަނޑުގެ ދަތުރުފަތުރާ ބެހޭ ގާނޫނު ހެދިފައި ނެތުމުން ދެ ބޯޓް ވެސް ރަޖިސްޓްރީކޮށްފައިވަނީ ލަންޑަނުގަ އެވެ.

1950ގެ ފަހުކޮޅު އެމްއެންޓީސީ އިން ގަތް 1500 ޓަނުގެ 'މޯލްޑިވް ސްޓާ'. މި ބޯޓަށް ކުރިން ކިޔާފައިވާ ނަމަކީ 'ނޯޑިކް ކްއީން'.

އެމްއެސްއެލް އުފެއްދުން

ރާއްޖޭގެ ޝިޕިންގެ ޚިދުމަތް 1960ގެ ފަހުކޮޅާ ޖެހެންދެން ފޯރުކޮށްދެމުން އައީ އެމްއެންޓީސީންނެވެ. އޭރު، 1950 އާއި 1960ގެ ތެރޭގައި ޝިޕިންގެ ވިޔަފާރި ބިނާވެފައި އޮތީ ބޯޓްފަހަރު ކުއްޔަށް ހިފައިގެން ދަތުރުތައް ކުރުމަށާއި ކޮންމެވެސް ވަރަކަށް ބޯޓްފަހަރު ގަނެގެން މުދާ އުފުލުމުގެ ވިޔަފާރި ކުރިއަށް ގެންދިއުމުގަ އެވެ. މި ދުވަސްވަރު ލިބުނު އާމްދަނީއާ އެކު 1967ގައި އެމްއެސްއެލް އުފެއްދީ ސިލޯނުގައި އެމްއެންޓީސީގެ ޝިޕިން ވިޔަފާރި ފުޅާކުރުމަށް އެ ގައުުމުގެ ސަރުކާރުން ދަތިތައް ކުރިމަތިކުރުމުންނެވެ. 

މޯލްޑިވް އެމްބެސެޑާ، 1957ގައި ބަނދެފައިވާ މި ބޯޓްގެ ޓަނޭޖަކީ 3790.

އެމްއެންޓީސީއަށް އިތުރަށް ބޯޓް ގަތުމުގެ ހުއްދަ ސިލޯނު ސަރުކާރުން ދޭން ދެކޮޅުހެދީ އެ ގައުމުން ވެސް ގައުމީ ޝިޕިން ކުންފުންޏެއް ފަށަން ބޭނުންވާތީ އެވެ. އެހެންކަމުން އެމްއެސްއެލް އުފެއްދުމުގައި ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކަކީ:

  • އެމްއެންޓީސީގެ 'މޯލްޑިވް ސްޓާ' އެމްއެސްއެލްގެ މިލްކުވެރިކަމަށް ބަދަލުކުރުން

  • މި ބަދަލާ އެކު 153،790 ޑޮލަރުގެ ނޭޝަނަލް ޝެއާ ކެޕިޓަލެއް އުފެއްދި

އެމްއެސްއެލް އުފެއްދިތާ 15 އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ޝިޕިންގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވެގެންދިޔަ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އޮފީސްތައް ގާއިމްކޮށް ވިޔަފާރި ފުޅާކުރުމުގެ ނަތީޖާއަކީ ޝިޕިން ފްލީޓް  ބޮޑުވުމެވެ. އެގޮތުން 1981ގައި 40 ބޯޓް އޮތެވެ. މި ހުރިހާ ބޯޓްތަކުގެ ގްރޮސް ޓަނޭޖް 221،500 އަށް އަރަ އެވެ.

މޯލްޑިވް ނެވިގޭޓާ: 6،920 ޓަނުގެ މި ބޯޓް ބަނދެފައިވަނީ 1956ގައި.

ދުނިޔޭގެ އިގްތިސާދަށް 1980ގެ ކުރީކޮޅު ކުރިމަތިވި ހީނަރުކަމާ އެކު، އެމްއެސްއެލްއަށް އައި ލޮޅުން ވަރަށް ބޮޑެވެ. ކުންފުނީގައި ހުރި ބާ ބޯޓްތަކާ އެކު ޝިޕިން ވިޔަފާރި ކުރިއަށް ގެންދަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެމްއެސްއެލް އަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް ކުޅެފައިވާ އަދި ބޭނުންތެރި ވިޔަފާރިއަކަށް ވާތީ 1979ގައި ސަރުކާރުގެ އެހީއާ އެކު އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި ކުވައިތު ފަންޑުގެ ލޯނު ބޭނުންކޮށްގެން އެމްއެސްއެލްގެ ފްލީޓް އާކުރުމުގެ މަސައްކަތް ފެށި އެވެ. މިގޮތުން ލިބުނު ލޯނުތަކުން ގަތުމަށް އިންވެސްޓްކުރީ:

  •  އައިޑީބީގެ ލޯނުން ދެ ބަލްކް ކެރިއާ ގަތުމަށް

  • ކުވައިތު ފަންޑްގެ ލޯނުން ފަސް ބޯޓް ގަތުމަށް

އެމްއެސްއެލްގެ ފައިދާ އިތުރުކޮށް އަދި ގެއްލުން ކުޑަކުރުމަށް ތަފާތު އެކި ފިޔަވަޅުތައް އެޅި އެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ކަންތަކަކީ:

  • ހިންގުމުގެ ޚަރަދު ކުޑަކުރުމާއި މުވައްޒަފުން މަދުކުރުން

  •   ބޭރު ގައުމުތަކުގައި ވާ އޮފީސްތައް ބަންދުކުރުން

  •  ބޭންކް ދަރަނި ކުޑަކުރުމުގެ ގޮތުން ފައިދާ ނުނެރެވޭ ބޯޓްފަހަރު ވިއްކާލުން އަދި ބޯޓްފަހަރު އާކުރުން  

ރީސްޓްރަކްޗާކުރުމުގެ ގިނަ ފިޔަވަޅުތަކުން ވެސް ރަނގަޅު ނަތީޖާއެއް ލިބޭ ގޮތެއް ނުވި އެވެ. އެމްއެސްއެލްގެ ހުރިހާ ބޯޓްތަކެއް ވިއްކާލައި ކުންފުނި ބަންދުކުރުމުގެ ޚިޔާލުތަކެއް ވެސް 1980ގެ ފަހުކޮޅު ކުރި އެވެ. ގާތްގަނޑަކަށް 950 އެއްހާ މުވައްޒަފުން ތިބި ކުންފުންޏެއް އުވާލުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ސަރުކާރަށް ގަބޫލުނުކުރެވޭތީ ނިންމީ އެމްއެސްއެލްގެ ޝިޕިން ވިޔަފާރި ކުރިއަށް ގެންދިއުމަށެވެ. ސަރުކާރުން ގަބޫލުކުރީ ޝިޕިން ވިޔަފާރި 1950ގެ ތެރޭގައި ފެށި މައިގަނޑު ބޭނުމަކީ ރާއްޖެއަށް ކަނޑު މަގުން މުދާ ގެނައުމުގެ ޔަގީންކަމާއި ގެރެންޓީ ހޯދުން ކަމަށް ވާތީ އެ ވިސްނުން ދެމެހެއްޓުން ބޭނުންތެރިކަމެވެ. ނިންމީ ރިޔާ ކުޑަކޮށްފައި ވެސް އެމްއެސްއެލްގެ ދަތުރު ދަމަހައްޓާށެވެ.

"އެދުވަސް ވަރު އެމްއެސްއެލް އުވާލި ނަމަ، ދިވެހި ރާއްޖެ އޮންނާނީ ބޭރުގެ ބޯޓު ފަހަރުގެ ބާރުގެ ދަށުގައި. އެއީ ޝިޕިން އޮންނާނީ އެމީހުންގެ އަތްމަތީކަމަށް ވާތީ. މީގެ މާނައަކީ އެތެރެކުރާ ހުރިހާ މުދަލެއްގެ އަގު ބޮޑުވުން،"  ކޮލި އަލި މަނިކު އޭނާގެ ހަޔާތާ ބެހޭ ގޮތުން ޝާއިއުކުރެއްވި 'އަޅުގަނޑުގެ ދުވަހު ފޮތު'ގައި ވިދާޅުވި އެވެ.

އެކަމަކު ކަން ވީ އެހެންނެއް ނޫނެވެ. އެންމެ ފަހުން އެމްއެސްއެލް ޖެހުނީ ވަރަށް ބޮޑަށް ރިޔާ ތިރިކޮށްލާށެވެ.

ކޮމެންޓް (4)

ޖޯން

26 ފެބްރުއަރީ 2022
ބަގުރޫޓްވީ އެންމެ ސަބަބަކާ ހުރެ. ލޫސް ކާގޯ އުފުލާ ބޯޓްތައް ގެންގުޅުނީ. ޒަމާން ބަދަލުވެ ކޮންޓޭނަރު ތައާރަފް ވީމަ ވެސް ބޯޓްތައް އަޕްގްރޭޑް ނުކުރީމަ ބަގުރޫޓްވީ. ޒަމާނަށް އަންނަ ބަދަލަށް ނަގުލުވާން ނެންގުނީމަ ވީގޮތް
2 0

ހަސަނު

24 ފެބްރުއަރީ 2022
އޭރުގެސަރުކާރުގެވެރިން ސިންގަޕޫރަށްދިއުމުން އެމްއެސްއެލް އިންކުރަންޖެހުނު ހަރަދުތައް މިލިއުމުގައި ނުހިމެނީކީއްވެބާ؟
5 0

ބެއޔާބެ

24 ފެބްރުއަރީ 2022
ރިޕޯޓް ފުރިހަމަ. ނަމަވެސް ކުންފުނި ބަންގްރޫޓުވުމުގެ ދަތުރުގެ ތަފްސީލްތައް ހުރިނަމައޭ ހިތަށް އެރި. ފަހުގެ އަހަރުތަކުގައި ކަން ހިނގި ގޮތާއި އުވާލުމުގެ މަރުހަލާ އަދި އޭގެ ފަހުން ކަން ހިނގައިދިޔަ ގޮތް
5 0

ޝާކިރު

24 ފެބްރުއަރީ 2022
ވަރަށް ފުރިހަމަ ރިޕޯޓެއް.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް