މާލެ އަތޮޅުގައި އުފެދިފައި އޮތް ފިނޮޅެއް: ވެއްޓާއި އިންސާނުންނާއި މިއޮންނަ ގުޅުމަށް އިތުރަށް ބަލާލާއިރު މިފެންނަނީ ތަރައްގީވުމަކީ ގުދުރަތީ މާހައުލުތައް ފަތަހަކޮށް ބިނާތަކުން އެތަންތަން ފުރާލުމުގެ ވިސްނުން. (ފޮޓޯ/މިޒްނާ މުހައްމަދު)

ކޮލަމް

'ތިމާ' އަށް 'ވެށީ'ގެ އަގު އިނގޭތޯ؟

ގުދުރަތީ މާހައުލު އެކަނި ހިމަނައިގެން ތިމާވެށީގެ ގޮތުގައި ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން. މިމާހައުލުގައި އަޅުގަނޑުމެން އިންސާނުންގެ ދައުރު ވަރަށް ބޮޑު.
9 ސެޕްޓެމްބަރު 2021
1

އަޅުގަނޑު ދިރިއުޅޭ ތަން، އަޅުގަނޑުގެ ވަށައިގެންވާ މާހައުލު، އާދެ ތިމާވެށި! 'ތިމާވެށި' މިއީ އަޅުގަނޑުގެ ވިސްނުމާއި ހިޔާލާ އަބަދުވެސް ގުޅިފައިވާ ބަހެކެވެ. އަޅުގަނޑުމެންގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގާވެލި އުފެދިގެން އައިސް ލައްގަނީ ކިހިނެތްބާ؟ މި ވެލި އުފެދެނީ ކިހިނެތްބާ؟ އަދި ރަށްރަށުގެ އެތެރެއަށް ވަދެގެންދާހެން މި ދޮންވެލިގަނޑު ކަޅުވެއްޔަށް ބަދަލުވެއެވެ. ކުޑައިރު ދަތުރުގޮސް މޫދަށް ގޮސް އުޅޭއުޅުމުގެ ތެރޭގައި ކުރެވުނު މިފަދަ ވިސްނުންތަކުން ފަށައިގެންގޮސް މިދާއިރާއިން ތައުލީމު ހާސިލްކޮށް، މިހާރު އަޅުގަނޑަކީ މިދާއިރާގައި މަސައްކަތްކުރާ މީހެކެވެ. މިހާރުވެސް، އަދިވެސް މިދަނީ ކަންކަން އުނގެނެމުންނެވެ. މިހާތަނަށް ކުރި ތަޖްރިބާގެ ތެރޭގައި އަޅުގަނޑަށް ވިސްނުނު ބައެއް ކަންކަމާއި، އުފެދުނު ބައެއް ސުވާލާއި ހިޔާލުތައް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ.

ގުދުރަތީ މާހައުލަށް ޝައުގުވެރިކަން އުފެދި ތިމާވެށީގެ ދާއިރާގެ ތެރެއަށް ވަދެވުނުވަރަކަށް އަޅުގަނޑަށް ދަސްވަމުން އައީ ގުދުރަތީ މާހައުލު އެކަނި ހިމަނައިގެން ތިމާވެށީގެ ގޮތުގައި ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމެވެ. މިމާހައުލުގައި އަޅުގަނޑުމެން އިންސާނުންގެ ދައުރު ވަރަށް ބޮޑެވެ. އަޅުގަނޑުމެންނަކީ ވެށީގެ ބައެކެވެ. އަދި އަޅުގަނޑުމެން ކުރާ ކަންކަމުން ވެއްޓަށް އަސަރުކުރެއެވެ. އަޅުގަނޑުމެން ދިރިއުޅެނީ މިތާގަ އެވެ. ކައިބޮއި އަދި ހިޔާވަހިކަން ހޯދަނީ މިވެށިން ލިބޭ ވަސީލަތްތަކުންނެވެ. ދުނިޔޭގައި މާތް ﷲ ލައްވާފައިވާ ގިނަގުނަ ވަސީލަތްތައް އަޅުގަނޑުމެން ބޭނުންކުރަމެވެ. ހަމަ އެއާއެކު ގުދުރަތީ އެކިއެކި ކާރިސާތަކާއި ނުރައްކާތައް އަޅުގަނޑުމެން ތަހައްމަލް ކުރަމެވެ. ތިމާ އާއި ވެއްޓެވެ (ހިއުމަން- ނޭޗާ އިންޓައެކްޝަންސް އެވެ). އަޅުގަނޑުމެން އިޖްތިމާއީ ގޮތުން ބާއްވާ ގުޅުންތަކުގައި މި ވެށި މުހިއްމެވެ. ރައްޓެހިން ނުވަތަ ތިމާގެ މީހުންނާއިއެކު މަޖާކޮށްލަން ދަތުރުތައް ގޮސް މޫދަށްއެރި މަސް ހިފާ، މިފަދަ ކަންކަމުގައި އަޅުގަނޑުމެންގެ ގުދުރަތީ ވެށީގެ ބޭނުންހިފައެވެ. މަސްވެރިކަން، ފަތުރުވެރިކަން ފަދަ އަޅުގަނޑުމެންގެ އިގްތިސާދީ މަސައްކަތްތައްވެސް ބަރޯސާވަނީ އަޅުގަނޑުމެންގެ ކަނޑު، ފަޅު، ފަރުތަކަށެވެ. އަޅުގަނޑުމެން ތަރައްގީވެ ދިރިއުޅުމުގެ ފެންވަރު މައްޗަށްދާ ވަރަކުން އަޅުގަނޑުމެން އުޅޭ ބިނާތައް ބޮޑެތިވެ އިތުރުވެ މިރަށްތަކުގެ ގުދުރަތީ މާހައުލުގައި އިންސާނުން ދިރިއުޅޭކަމުގެ ނިޝާނެއް، ބިނާވެއްޓެއް، ގާއިމްކުރަމެވެ. ވީމާ ތިމާވެއްޓޭ ބުނުމުން މިހާރު އަޅުގަނޑަށް ވިސްނެނީ ގުދުރަތީ މާހައުލާއި އެތާގައި ދިރިއުޅޭ މީހުނާއި އަދި ބިނާވެށި ހިމަނައިގެންނެވެ.

ހއ. ތަކަންދޫ ކުޅި: ކުޅި، ކަނޑޫފާ ފަދަ ތަންތަނީ ތިމާވީގެ ވަރަށް މުހިންމު ބައެއް. (ފޮޓޯ/އަބަދުﷲ ފިރާގް)

ވެއްޓާ އަޅުގަނޑުމެން އިންސާނުންނާއި މި އޮންނަ ގުޅުމަށް އިތުރަށް ބަލާލާއިރު މިފެންނަނީ ތަރައްގީވުމަކީ ގުދުރަތީ މާހައުލުތައް ފަތަހަކޮށް އަޅުގަނޑުމެންގެ ބިނާތަކުން އެތަންތަން ފުރާލުމުގެ ވިސްނުމެވެ. ތަރައްގީވުމުގެ ނަމޫނާއެއްގެ ގޮތުގައި ރާއްޖޭގައި ގިނަބަޔަކު ދެކޭ މާލެއަށް ބެލިއަސް މިކަން ފެންނަން އެބައޮތެވެ. މަގުތަކުގައި ހުންނަ ހިޔާދޭ ގަސްތަކުގެ ބަދަލުގައި ދެ ފަރާތުގައި އުސް އިމާރާތްތައް އުފެދި މަތިމައްޗަށް ނުކަތާވަރަށް ފްލެޓްތައް އަޅާ ރަށްތައް ސިޓީތަކަކަށް ބަދަލުވީމައި ތަރައްގީވެވުނީޔޯލައެވެ. ނަމަވެސް މީގެ އަޖައިބުކުރުވަނިވި ކަމަކީ އެތައް ޑޮލަރުތަކެއް ހަރަދުކޮށްގެން ފަތުރުވެރިން މިއަންނަނީ ސާދާ ޖަޒީރާވަންތަ މާހައުލެއްގައި ވަގުތު ހޭދަކޮށްލާ އަޅުގަނޑުމެންގެ ރީތި ގުދުރަތީ މާހައުލު ބަލާލާށެވެ.

ފަތުރުވެރިން ގެންނަށް އަޅުގަނޑުމެންގެ އިގްތިސާދު ކުރިއެރުވުމަށް މި ގުދުރަތީ މާހައުލު ބޭނުން ވާއިރު ހަމައެއާއި އެކު އެތަންތަނަށް ގެއްލުންވާފަދަ ބޮޑެތި މަޝްރޫއުތައްވެސް ތަރައްގީގެ ނަމުގައި އަޅުގަނޑުމެން އެބަކުރަމެވެ. ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރިއިރު އެ ރަށުގައި އޮތް ކުޅީގެ ބޮޑުބައެއް ހަލާކުވެގެންދިއުމަކީ އަގުވެސްކުރަން ނޭނގޭވަރުގެ ގެއްލުމެކެވެ. މިފަދަކަންކަން ވާން ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ މިކަންކަން މިހެންވާންޖެހެނީ ގުދުރަތީ މާހައުލުތަކުގެ ހަގީގީ އަގު އަޅުގަނޑުމެންނަށް ނޭނގޭތީ އެވެ.

ކުޅުދުއްފުށި މަތިން: މި ރަށުގައި އެއާޕޯޓެއް ތަރައްގީކުރިއިރު ކުޅީގެ ބޮޑު ބައެއް ހަލާކުވެގެންދިއުމަކީ އަގުވެސްކުރަން ނޭނގޭވަރުގެ ގެއްލުމެއް. (ފައިލް ފޮޓޯ/އިރުޝާދު)

އާދެ، ފައިދާ އާއި ގެއްލުމުގެ ވާހަކަ ދައްކާއިރު ފައިސާގެ އަދަދުތަކަކުން މިކަމަށް އަޅުގަނޑުމެން ބަލާލަން އެބަޖެހެ އެވެ. ގުދުރަތީ ވަސީލަތްތައް އަގުކުރުމަށް ބަލާއިރު ފުރަތަމަކަމަކީ ލިބޭ ހުރިހާ ފައިދާތައް އަޅުގަނޑުމެންނަށް އަގު ނުކުރެވޭނެ ކަމެވެ. ވީމާ އަގުކުރުމަށް ކޮށްފައިވާ ހުރިހާ ދިރާސާއެއްގައިވެސް ހިމެނޭ އަގުތަކަކީ ހަގީގަތުގައި އަސްލަށްވުރެއް ދަށް އަގެއްކަމަށް މިދާއިރާގައި ދިރާސާކުރާ ފަރާތްތަކުން އިއްތިފާގުވެ އެވެ. މިދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދިރާސާތައް ކުރެވެމުން އަންނައިރު ދިވެހިރާއްޖޭގައި ކޮށްފައިވާ ދިރާސާތައް މަދެވެ. މިގޮތުން ގުދުރަތީ ވަސީލަތްތަކުން ރާއްޖޭގެ އިގްތިސާދަށް ކުރާ ފައިދާ އަގުކޮށް 2009 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން:

  • ރާއްޖޭގެ ޖީޑީޕީ ގެ %89 (135 ބިލިއަން ރުފިޔާ) ހިއްސާވަނީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ގުޅިފައިވާ މަސައްކަތްތަކުން

  • ރާއްޖޭގެ ވަޒީފާތަކަށް ބަލާއިރު %71 (78،500) ވަޒީފާވެސް ބިނާވެފައިވަނީ ހަމަ ގުދުރަތީ ވަސީލަތްތަކާއި ގުޅިފައިވާ ވަޒީފާތަކާ. އަލުގަޑުމެންގެ އެކްސްޕޯޓްތަކަށް ބަލާއިރުވެސް %98 (1.7 ބިލިއަން ރުފިޔާ) ގުޅިފައިވަނީ މިވަސީލަތްތަކާ

މިއަށްވުރެއް ފަހުގެ ދިރާސާއެއްގޮތުން 2017 ވަނަ އަހަރު އަރިއަތޮޅު އުތުރުބުރީގެ ގުދުރަތީ ވެށިން ލިބޭ ފައިދާތައް އަގުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވާގޮތުން ގުދުރަތީ މާހައުލާއި ގުޅުންހުރި ދާއިރާތަކުން އެއަތޮޅަށް އަހަރަކު 2037 މިލިއަން ރުފިޔާ (132 މިލިއަން ޑޮލަރު) އާމްދަނީގެގޮތުގައި ލިބިފައިވެ އެވެ. މިއީ ފައިދާ އަށް ބަލާއިރު 440 މިލިއަން ރުފިޔާ (28.56 މިލިއަން ޑޮލަރު) އެވެ. ފަތުރުވެރިކަން އަދި މަސްވެރިކަމަށް ބަލައިގެން ހަދާފައިވާ މި އެސްޓިމޭޓްތަކުން ވަކިވަކި ދާއިރާއަށް ބަލާއިރު އަރިއަތޮޅުގައިވާ ފަރުތަކުގެ ބޮޑުމިނަށް ބަލާއިރު ފަތުރުވެރިކަމުން އަކަ ކިލޯމީޓަރަކަށް 21،303 ޑޮލަރު ފައިދާ ލިބިފައި ވެއެވެ. ހަމަ މިހެން އެންވެރިކަމުން އަދި ފަރު މަސްވެރިކަމުން އަކަ ކިލޯމީޓަރަކަށް 12،934 އާއި 16،892 ޑޮލަރު ފައިދާ ޖެހިފައިވެ އެވެ.

މިއަގުތަކަކީ ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަލާ ކޮށްފައިވާ އަންދާޒާތަކެކެވެ. އަޅުގަނޑުމެންގެ ފަޅުފަރުތަކާއި ކުޅި، ޗަސްބިންތަކުން މިއަށްވުރެއް ތަފާތު އިތުރު ހިދުމަތްތައް ލިބެ އެވެ. އަދި އޭގެ އަގު އަޅުގަނޑުމެން އިތުރުކޮށްފިނަމަ މިއަދަދު ވަރަށް މަތިވާނެ އެވެ. މިސާލަކަށް ކުޅިފަދަ ފެންގަނޑުތަކަކީ ރަށްރަށުގައި ފެންބޮޑުވެނުދިއުމަށް ފެންހިންދުމަށް މުހިއްމު ދައުރެއް އަދާކުރާ ތަނެކެވެ. މިފަދަ މާހައުލެއް އަޅުގަނޑުމެން ނައްތާލައިފިނަމަ ދެން އެރަށެއްގައި ފެންބޮޑުވެދާނެތީ އެކަމަށް ތައްޔާރުވާން އިތުރު ހަރަދުތަކެއް އަޅުގަނޑުމެން އިންވެސްޓްކުރަން ޖެހެ އެވެ. ހަމަމިގޮތަށް އަޅުގަނޑުމެންގެ ގުދުރަތީ ފަރުތަކުން ކޮށްދޭ ދިފާއީ ދައުރު ނެތިގެން ގޮސްފިނަމަ އަޅުގަނޑުމެން އޭގެ ބަދަލުގައި ތޮށިލުމާއި މިފަދަކަންކަމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ އެވެ. މިފަދަ ހިދުމަތްތަކަކީ އަޅުގަނޑުމެންނަށް ނުސީދާކޮށް އެ މާހައުލުތަކުން ލިބޭ ފައިދާ އެވެ. މި ފައިދާ އަގުކުރުމަށް އެ ގުދުރަތީ ވަސީލަތުގެ ބަދަލުގައި އެ ހިދުމަތް ހޯދުމަށް އަޅުގަނޑުމެން ކުރަންޖެހޭ ހަރަދު އެ މާހައުލުގެ އަގުގޮތުގައި އަންދާޒާކުރެ އެވެ. މިއަށް ކިޔަނީ ރިޕްލޭސްމަންޓް ކޮސްޓެވެ. މިގޮތުން 2009 ގައި ކޮށްފައިވާ ދިރާސާއެއްގައި ދިވެހިރާއްޖޭގެ މީހުން އުޅޭ 195 ރަށުގައި ގުދުރަތީ ފަރުގެ ބަދަލުގައި ތޮށިލާންޖެހިއްޖެނަމަ 20 ބިލިއަނާއި 34 ބިލިއަން ރުފިޔާގެ އަދަދެއް ހޭދަވާނެކަމަށް ލަފާކޮށްފައިވެ އެވެ.

ކުޅިފަދަ ފެންގަޑުތަކަކީ ރަށްރަށުގައި ފެންބޮޑުވެ ނުދިއުމަށް ފެންހިންދުމަށް މުހިއްމު ދައުރެއް އަދާކުރާ ތަންތަން. މިފަދަ މާހައުލެއް އަޅުގަނޑުމެން ނައްތާލައިފިނަމަ ދެން އެރަށެއްގައި ފެންބޮޑުވެދާނެތީ އެކަމަށް ތައްޔާރުވާން އިތުރު ހަރަދުތަކެއް އަޅުގަނޑުމެން އިންވެސްޓްކުރަން ޖެހޭ. 

މިފަދަ އަދަދުތަކަކީ އަޅުގަނޑުމެން އާއްމުކޮށް ބޮޑެތި މަޝްރޫއުތައް ހިންގައި ބޮޑެތި ބަދަލުތައް ގުދުރަތީ ވެއްޓަށް ގެންނައިރު ގިނަފަހަރު ހަދާންވާ ކަންކަމެއް ނޫނެވެ. އަދި މަޝްރޫއެއްގެ ފައިދާއާއި ގެއްލުން އަޅާކިޔާއިރު ވެށީގެ އަގު ހިމަނަނީ ވަރަށް މަދުންނެވެ. މިފަދަ ކަންކަމާ މެދު އަޅުގަނޑު ކަންބޮޑުވަނީ މިފަހަކަށް އައިސް ފެންނަމުންދާ މަޝްރޫއުތަކުގެ ސްކޭލް ވަރަށް ބޮޑެވެ. އަޅުގަނޑު މިދައްކަނީ ރަށެއްގައި ނަރުދަމާ އެޅުން ބަނދަރެއް ހެދުމަށްވުރެއް ބޮޑެތި ސްކޭލްގައި ކުރެވޭކަންކަމުގެ ވާހަކައެވެ. މިކަންކަން ކުރުމަށް ފެށުމުގެ ކުރިން ހަދާ ހިސާބުތަކުގައި ވެށި ހިމެނުން ވަރަށް މުހިއްމެވެ. އަދި ބައެއް ފަހަރު ފައިސާއިން އަގުނުކުރެވޭ އަޅުގަޑުމެންގެ ތަރިކައިގެ ބައެއް ކަންކަންވެސް ގެއްލިގެން އެބަދެ އެވެ. އަޅުގަނޑުމެންގެ ގުދުރަތީ މާހައުލަކީ ދިވެހިންގެ ވަރަށް މުހިއްމު ތަރިކައެކެވެ.

އާއްމުންނަށް ފައިދާވާނެ އެއާޕޯޓް ފަދަ ވަސީލަތްތައް ތަރައްގީކުރުމާ އަޅުގަނޑު ދެކޮޅީއެއް ނޫނެވެ. އަދި ތިމާވެއްޓަށް އެއްވެސް އަސަރެއް ނުފޯރާ ގޮތަށް ކަންކަން ނުކުރެވޭނެކަންވެސް ގަބޫލްކުރަމެވެ. ނަމަވެސް އަޅުގަނޑުގެ ވާހަކައަކީ ލިބޭ ފައިދާ އާއި ގެއްލުން، ވަގުތުން ވަގުތަށް ލިބޭ ފައިދާގެ އިތުރުން ދިގު މުއްދަތަށް ލިބެން އޮތް ފައިދާ އަދި ގެއްލުންތައްވެސް ދެނެގަނެ އެއަށް ރިއާޔަތްކޮން ކަންކަން ކުރުމެވެ. ކަންކަން ނިންމަން ބަލާ މިންގަނޑުގެ ތެރޭގައި ވަގުތީގޮތުން ވަކި ބަޔަކަށް ލިބޭ ބޮޑެތި ފައިދާގެ ބަދަލުގައި އާއްމުންނަށް ލިބޭނެ ފައިދާއާއި ގެއްލުން އިސްކުރުމެވެ.

ސިޔާސީ ގޮތުން މީހުންގެ ތަރުހީބު ހޯދުމަށް އަވަހަށް ފެންނަ ތަރައްގީ ދައްކާލުމަށް މަސައްކަތްކުރާއިރު ފަހުން ލިބިދާނެ ބޮޑެތި ގެއްލުމަށް ވިސްނުން ހުރިކަމަކަށް މިވަގުތުގެ މަންޒަރުތަކަކުން ނުފެނެ އެވެ. މިކަމުގައި އަޅުގަނޑު ހަމައެކަނި ސިޔާސީ ލީޑަރުން ކުށްވެރިއެއް ނުކުރަމެވެ. މިފަދަ ކަންކަމަކީ އަޅުގަނޑުމެން ރައްޔިތުންވެސް ބޭނުންވެގެން ކުރާ ކަންކަމެވެ. އަޅުގަނޑުމެން އެ ސަރުކާރެއް އޮންނަ ކުޑަ ދުވަސްކޮޅު އެމީހުންގެ ވެރިކަން މިންކުރަނީ ކުރެވޭ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުންނެވެ. ރަށުގެ ކިހާބޮޑު މިނެއް ހިއްކައިދިންތޯ، ރަށުގަ އެއާޕޯޓެއް އަޅައިދިންތޯ، މިއީ އަޅުގަނޑުމެން މިންކުރާ ބައެއް މިންގަނޑުތަކެވެ. އާބާދީ ބޮޑުވެ ބިން ހުސްވުމުން ބިން ހިއްކަންޖެހޭ ފަހަރުވެސް އާދެ އެވެ. ދަތުރުފަތުރަށް ދަތި ހިސާބުތަކަށް އެއާޕޯޓްވެސް ބޭނުންވެ އެވެ. ނަމަވެސް މިކަންކަން ކުރަންޖެހެނީ މުބާރާތެއްގެ ނުވަތަ ވާދަކިޔުމުގެ އުސޫލަކުންނޫނެވެ. އަޅުގަނޑުމެން އާއްމުންވެސް ގުދުރަތީ ވަސީލަތްތަކުގެ އަގު ދެނެގަނެ އެ ގެއްލުމުން ވާގެއްލުމާއި މިލިބޭ ފައިދާ ރަގަޅަށް އަޅާ ކިޔަން މަައުލޫމާތު ލިބިގަނެ އެކަންކަމަށް ވިސްނާ ކަންކަން ކުރަންޖެހެ އެވެ. އަޅުގަނޑުމެން ފަރުދީ ފެންވަރުގައި މިކަންކަމަށް ވިސްނަން ފެށުމުން އަޅުގަނޑުމެންނަން ބޭނުންވާނޭ ތަރައްގީ ހޯދުމަށް ވެރިންނަށްވެސް ކިޔައިދޭން އަޅުގަނޑުމެން ބާރުވެރިވާނެ އެވެ.

*އެޑިޓަރުގެ ނޯޓް: ތިމާވެށީގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މިޒްނާ މުހައްމަދު ވަނީ މަސައްކަތްކޮށްފަ އެވެ. މިޒްނާ މި ދާއިރާއިން މާސްޓާސް އާއި ޕީއެޗްޑީ ހާސިލުކޮށްފައިވަނީ ރާއްޖޭގެ ފަރުތައް އަގުކުރުމާ ބެހޭގޮތުންނެވެ. މީގެ އިތުރުންވެސް ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ތަފާތު ދިރާސާއި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

ކޮމެންޓް (1)

ފްރޮސްޓް

9 ސެޕްޓެމްބަރު 2021
ފުރިހަމަ ލިޔުމެއް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް