ސިޓީގެ ކުޅުންތެރިން މެޗަށް ފަހު ސަޕޯޓަރުންނަށް ޝުކުރުއަދާކުރަނީ. (ފޮޓޯ/މެންޗެސްޓާ ސިޓީ)

ޕްރެމިއަ ލީގު

ލީގު ކާމިޔާބުކުރަން ސިޓީ އަށް އިތުރު އިންތިޒާރެއް

ސިޓީ ރޭ އެއްވަރުވުމުން ލިވަޕޫލަށް ވަނީ އުއްމީދެއް ލިބިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާ 2-2 އިން އެއްވަރުވުމުން ލީގު ކާމިޔާބުކުރުމަށް މެންޗެސްޓާ ސިޓީ އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ރޭ މޮޅުވި ނަމަ ސިޓީ އަށް ފަސް އަހަރު ތެރޭ ހަތަރު ވަނަ ފަހަރަށް ލީގު ކާމިޔާބުކުރެވުނީހެވެ. އެ ޓީމު މިހާރު އޮތީ 90 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ސިޓީ އެއްވަރުވުމުން ދެ ވަނައިގައި 86 ޕޮއިންޓާ އެކު އޮތް ލިވަޕޫލަށް ވަނީ ކޮންމެވެސް ވަރެއްގެ އުއްމީދު ލިބިފަ އެވެ.

ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރު އަދިވެސް ސިޓީ އަށް އެބައޮތެވެ. އާދީއްތަ ދުވަހުގެރޭ އެސްޓަން ވިލާ އަތުން މޮޅުވެގެން ސިޓީ އަށް ލީގު ކާމިޔާބުކުރެވޭނެ އެވެ. ލިވަޕޫލަށް އޮތް އުއްމީދަކީ މާދަމާރޭ ސައުތުހެމްޓަން އަތުން އަދި ފަހު މެޗުން ވުލްވްސް އަތުން މޮޅުވެ، ސިޓީން ފަހު ޕޮއިންޓް ގެއްލުވާލާތޯ އިންތިޒާރުގައި ތިބުމެވެ.

އެކަމަކު މާދަމާރޭ ސައުތުހެމްޓަން އަތުން ލިވަޕޫލް ބަލިވެއްޖެ ނަމަ ފަހު މެޗުގެ ކުރިން ވެސް ސިޓީ އަށް ލީގު ކަށަވަރުވާނެ އެވެ.

ވެސްޓްހޭމްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ އެ ޓީމުންނެވެ. ފުރަތަމަ ހާފުގައި މި ދެ ގޯލް ޖަހައިދިނީ ވެސް ޖެރޮޑް ބޮވެން އެވެ.

ސިޓީއަށް އުއްމީދެއް ގެނެސްދިނީ ދެ ވަނަ ހާފުގެ ކުރީކޮޅު ޖެކް ގްރީލިޝް އެވެ. އޭގެ ފަހުން ވެސްޓްހޭމްގެ ލަޑިމިއާ ކޫފަލް އަތުން ބައިކޮޅަށް ވަން ލަނޑުން ސިޓީ އަށް އެއްވަރުވި އެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ސިޓީ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ރިޔާޒް މާރޭޒް އަތުން ޕެނަލްޓީ ނާކާމިޔާބުވީ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާ އަށް އޮތް އުފަލަކީ އަދިވެސް ލީގު ހޯދުމުގެ އަމިއްލަ ބާރު އޮތުން ކަމަށެވެ. އޭނާ ބުނީ މި މެޗުން މޮޅުނުވިޔަސް މާޔޫސްނުވާން ކުޅުންތެރިން ގާތު ބުނި ކަމަށާއި އެ ކުޅުންތެރިން ހިތްވަރުކުރި ކަމަށެވެ.

ގާޑިއޯލާ ބުނީ ލިވަޕޫލަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެހެންވެ އެ ޓީމާ ވާދަކުރާއިރު ލީގު ކަށަވަރުވުން ފަހު މެޗާ ހަމައަށް ދިއުމަކީ އިންސާފުވެރި ގޮތެއް ކަމަށެވެ.

"ދެ ޓީމު ވެސް ވަރަށް ވަރުގަދަ،" ގާޑިއޯލާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް