ޕްރެމިއަ ލީގު

ޗެލްސީގެ އަމާޒަކީ ސްޓާލިން

ސިޓީ އޮތީ އޭނާ ވިއްކާލަން ތައްޔާރުގައި

ޗެލްސީން މި ހޫނު މޫސުމުގެ ޓްރާންސްފާގައި އެންމެ ބޮޑު އަމާޒަކަށް ހަދާފައިވަނީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން ކަމަށް ބީބީސީން ބުނެފި އެވެ.

ސިޓީއާ އެކު ސްޓާލިން ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަން ނިމުމުން ހަމަވާނެ އެވެ. ސްޓާލިން މިހާތަނަށް ކޮންޓްރެކްޓް އާކުރުމާ މެދު ވާހަކައެއް ނުދައްކަ އެވެ. އެހެންވެ މި ފަހަރު އޭނާ ވިއްކާނުލައިފި ނަމަ އަންނަ ސީޒަން ނިމުމުން ހިލޭ ދޫކޮށްލަން ޖެހޭނެ އެވެ.

ސިޓީން ބޮޑެތި ހަރަދުތަކެއްކޮށްފައިވާތީއާ އަދި ކުރިއަށް ކުރަން ހުރުމުން އެ ޓީމުގެ ބަޖެޓް ހަމަޖައްސަން ބައެއް ކުޅުންތެރިން ވިއްކާލަން ޖެހެ އެވެ. އެގޮތަށް ބަލާއިރު އެންމެ ރަނގަޅު އަގެއް ލިބެން އޮތް އެއް ކުޅުންތެރިޔަކީ ސްޓާލިން އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސިޓީ އޮތީ ސްޓާލިން ވިއްކާލާ ގޮތަށެވެ. އޭނާގެ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮތަސް އެ ޓީމު އޮތީ އޭނާ ކުޑަ އަގެއްގައި ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނާ ވިއްކާލަން އެ ޓީމުން ކިޔަނީ 73 މިލިއަން ޑޮލަރާ ގާތް ކުރާ އަގެކެވެ.

ޗެލްސީން ސްޓާލިން ގެންނަން ބޭނުންވަނީ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫގެ ބަދަލުގަ އެވެ. އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ގަބޫލުކުރާ ގޮތުގައި ލުކާކޫ އަށް ވުރެ އެ ޓީމުގެ ސްޓައިލަށް ފެތެނީ ސްޓާލިން އެވެ.

ލުކާކޫ އަންނަނީ ލޯން އުސޫލުން އޭނާގެ ކުރީގެ ޓީމު އިންޓަ މިލާނަށް ބަދަލުވާން މަސައްކަތްކުރަމުންނެވެ.

ލިވަޕޫލުން ވިދާލި ސްޓާލިން އަކީ ކާމިޔާބީ ހޯދަން ކަމަށް ބުނެ 2015 ވަނަ އަހަރު ސިޓީއާ ގުޅުނު ކުޅުންތެރިޔެކެވެ. އެކަމަކު އޭނާ އަށް ސިޓީއާ އެކު އަދި ޗެމްޕިއަންސް ލީގެއް ނުހޯދެ އެވެ. ލިވަޕޫލް ވަނީ އޭގެ ފަހުން ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ އަކީ އިންގްލެންޑް ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ.

ސްޓާލިން ގެންދަން ބައެއް އެހެން ކްލަބްތަކުން ވެސް މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި އިޓަލީގެ އޭސީ މިލާން ވެސް ހިމެނެ އެވެ. އެކަމަކު އޭނާ ދިއުން ގާތީ ޗެލްސީ އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް