ރަށެއްގައި ތުއްތުކުއްޖަކު ގަހެއްގެ ހިޔަލުގައި ނިދާފައި: އެހެން މީހަކު ގެންދިޔަ ކުއްޖަކު އަނބުރާ މަންމައާ ހަވާލުކުރަން، ދެމައިން ވަކިވިތާ 15 ވަރަކަށް އަހަރު ފަހުން، ހައި ކޯޓުން މި ހަފްތާގައި ވަނީ ހުކުމްކޮށްފައި.

މީހަކު ގެންދިޔަ ދަރިފުޅު އަނބުރާ ހޯދަން އުޅެ މަންމައަށް ކާމިޔާބުވީ 15 އަހަރުން

މަންމަ ބުނާގޮތުގައި ކުއްޖާ ހަވާލުކުރީ ވަގުތީ ގޮތުން، އެކަމަކު ހަވާލުވުމަށް ފަހު ކުއްޖާ ގޮވައިގެން އެހެން ރަށަކަށް ދިޔަ ގޮތަށް މަންމައަކަށް ނުދައްކާ

އެ ކުއްޖާ ޅަ އިރު މަންމައަށް ދިމާވި ހާލަތެއްގައި ކުއްޖާއާ ހަވާލުވީ އާއިލީ ގޮތުން ގުޅުމެއް ނެތް މުހައްމަދު ލަތީފު (އަސްލު ނަމެއް ނޫން) އެވެ. އެހެން ރަށެއްގައި ދިރިއުޅުނު މާލޭ މީހެއް ކަމަށްވާ ލަތީފު އެ ކުއްޖާ ބޭނުންވީ އޭނާގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިފައި ނެތުމުންނެވެ. އޭރުއްސުރެ އޭނާ އާއި އަނބިމީހާ ކުއްޖާ ބަލަމުން އައީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

ކުއްޖާގެ މަންމަ ބުނާ ގޮތުގައި 2004ގައި އުފަންވި ދަރިފުޅު ލަތީފްއާ ހަވާލުކުރީ ވަގުތީ ގޮތުންނެވެ؛ އޭނާގެ އަނެއް ދަރިފުޅު ވިހައި ގަދަވަންދެން އަދި އެ ދަރިފުޅުގެ ފަރުވާއަކަށް އެހެން ރަށަކަށް ގޮސް ހުންނަން ޖެހިގެންނެވެ. އެކަމަކު އަންހެންމީހާ ވިހައި ގަދަވުމުގެ ކުރިން 2006ގައި ލަތީފު ކުއްޖާ ގޮވައިގެން އެހެން އަތޮޅަކަށް ބަދަލުވީ އެވެ. އޭރު ކުއްޖާގެ އުމުރުން ވާނީ ގާތްގަނޑަކަށް 2 އަހަރެވެ. އޭރުންސުރެ، ދަރިފުޅާ ބައްދަލުވުމުގެ ފުރުސަތެއް މަންމައަކަށް ނުދެ އެވެ.

މަންމަ އައީ ކުއްޖާ އަނބުރާ ހޯދަން މަސައްކަތްކުރަމުންނެވެ. ޖެންޑާ މިނިސްޓްރީ އަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށާއި ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ކުއްޖާގެ ގާނޫނީ ބަލަދުވެރިކަން ލަތީފާ ހަވާލުކޮށްފައެއް ނުވެ އެވެ. އަދި އެކަމަށް އެދި ލަތީފު ކޯޓުގައި ދައުވާ ކޮށްފައެއް ވެސް ނެތެވެ.

ދަށު ކޯޓުގެ ހުކުމުން ވެސް، މަންމައަށް ކުއްޖާ އަނބުރާ ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް އެންމެ ފަހުން، ކުއްޖާގެ އުމުރުން 17 އަހަރުގައި، ހައި ކޯޓުން މި ހަފްތާގައި ކުރި ހުކުމަކުން އެކަން ވަނީ ބަދަލުވެފަ އެވެ.

ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި އެއްވެސް އުސޫލެއް، ހަމައެއް ނެތި، ގާނޫނުންނާއި ދައުލަތުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުޑަކުދިން ދިނުމާއި ކުދިން ވިއްކުމުގެ ސަގާފަތެއް މުޖުތަމައުގައި އާލާވެދިޔުން ފަދަ ނުރަނގަޅު ނަތީޖާއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ހައި ކޯޓުގެ ހުކުމް

ކަން ހިނގި ގޮތް

  • 4 މޭ 2004 - ކުއްޖާ އުފަންވި. ޝަރުއީ ގޮތުން ބައްޕައެއް ނެތް

  • 25 އޮގަސްޓް 2005 - ކުއްޖާގެ އުމުރުން 1 އަހަރުގައި މަންމަ ކައިވެނިކުރި

  • އެ ކައިވެންޏަށް ލިބުނު ދަރިއަކު ވިހެއުމުގެ ތެރޭގައި އެ ކުއްޖާގެ އަތް ބިނދުމުން ކުއްޖާއަށް ފަރުވާކުރުމަށް އަންހެންމީހާ އެހެން އަތޮޅަކަށް ގޮސް ހުންނަން ޖެހިގެންނާއި ވިހައި ގަދަވަންދެން، އަދި އޭރު އަންހެންމީހާގެ އަތޮޅުގައި ދިިރިއުޅެމުންދިޔަ ލަތީފު ވެސް އެކަމަށް އެދޭތީ، އަނެއް ދަަރިފުޅު ލަތީފާ ހަވާލުކުރި

  • އަންހެންމީހާ (ފަހުގެ ދަރިފުޅު) ވިހައި ގަދަނުވަނީސް ކުއްޖާ ގޮވައިގެން ލަތީފް އެހެން އަތޮޅަކަށް ދިރިއުޅުން ބަދަލުކުރަން ނިންމި. (އެ އަތޮޅަށް ބަދަލުވާ ނަމަ ކުއްޖާ އަނބުރާ ދޭން ލަތީފަށް އެންގި ކަމަށް އަންހެންމީހާ ކޯޓުގައި ބުނެފައިވެ އެވެ.)

  • 2006 - ކުއްޖާ ގޮވައިގެން ލަތީފް އާއި އާއިލާ ބަދަލުވި

  • (އަންހެންމީހާ ކޯޓުގައި ބުނެފައިވާ ގޮތުގައި ބަދަލުވި ފަހުން ކުއްޖާއާ ބައްދަލުކުރުމުގެ ފުރުސަތެއް ލަތީފު އޭނާއަކަށް ނުދެ އެވެ. އެހެންކަމުން ކުއްޖާ ހޯދަން އެކި ފަހަރު މަތިން މުއައްސަސާތަކަށް މައްސަލަ ހުށަހެޅި އެވެ.)

  • 2017 - ކުއްޖާ ހޯދުމަށް ރަށު ކޯޓަށް މައްސަލަ ހުށަހެޅި. ނަމަވެސް އަންހެންމީހާ އެދިގެން މައްސަލައިގެ ފޯމު ބާތިލްކުރީ

  • 27 ޖޫން 2018 - މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އަންހެންމީހާއަށް ޖަވާބު ދިން

  • 7 އޮކްޓޯބަރު 2018 - ދަރިފުޅު ހޯދުމަށް އަންހެންމީހާ މެޖިސްޓްރޭޓް ކޯޓަށް އަލުން މައްސަލަ ހުށަހެޅި. އޭރު ކުއްޖާގެ އުމުރުން 14 އަހަރު

  • 2 ޑިސެމްބަރު 2019 - މެޖިސްޓްރޭޓް ކޯޓުގެ ހުކުމް: މަންމަ ކުއްޖާ ބަލައިދިޔުމުން ކުއްޖާ ދާން ބޭނުންވާ ނަމަ އެކަމަށް ހުރަސް ނޭޅުމަށް ލަތީފަށް އެންގި. އަދި ކުއްޖާގެ ރުހުމުގައި މަންމަ ގާތަށް ދާން ކުރާ މަސައްކަތަކަށް އެއްވެސް ފަރާތަކުން ހުރަސްއަޅާ ނަމަ އެކަން ހުއްޓުވައި ކުއްޖާއަށް މަންމަ ގާތަށް ދެވޭނެ ގޮތް ހަދައިދިނުމަށް ފުލުހުންނަށް އަމުރުކުރި

  • 6 ފެބްރުއަރީ 2020 - މަންމަ އިސްތިއުނާފަށް ހުށަހެޅި މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީކުރި

  • 13 ޑިސެމްބަރު 2021 - މަންމައާ ކުއްޖާ ހަވާލުކުރަން ލަތީފަށް އަންގައި ހައި ކޯޓުން ހުކުމްކުރި. ކުއްޖާގެ އުމުރުން މިހާރު 17 އަހަރު

ކުދިން ވިއްކުން ފަދަ ނުބައި ނަތީޖާއެއް ނުކުމެދާނެ: ހައި ކޯޓު

ރަށު ކޯޓުން ހުކުމްކުރީ ދަރިފުޅު ހޯދަން މަންމަ ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ކުއްޖާއަށް ދީފަ އެވެ. ހައި ކޯޓުން ބުނިގޮތުގައި މެޖިސްޓްރޭޓް ކޯޓުން އެ ގޮތަށް ހުކުމްކޮށްފައި ވަނީ ކުއްޖާއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ބަލައިގެންކަން އެ ކޯޓުގެ ހުކުމުން އެނގެ އެވެ. ނަމަވެސް ހައި ކޯޓުން އެކަމަށް ތާއީދެއް ނުކުރި އެވެ.

ހައި ކޯޓުން ބުނީ ލަތީފް ކުއްޖާ ބަލަމުންދަނީ ރަސްމީކޮށް އެއްވެސް ފަރާތަކުން ކުއްޖާ ހަވާލުކޮށްގެން ނޫން ކަމަށް ވާއިރު، ކުއްޖާ މި ވަގުތު ހުރި މާހައުލަކީ އޭނާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ބެލުމަކީ އިޖުތިމާއީ ގޮތުން ނޭދެވޭ ކަންތައްތަކަކަށް ފުރުސަތު ހުޅުވިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުގެ "ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި އެއްވެސް އުސޫލެއް، ހަމައެއް ނެތި، ގާނޫނުންނާއި ދައުލަތުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުޑަކުދިން ދިނުމާއި ކުދިން ވިއްކުމުގެ ސަގާފަތެއް މުޖުތަމައުގައި އާލާވެދިޔުން ފަދަ ނުރަނގަޅު ނަތީޖާއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންކަމުން ހައި ކޯޓުން ނިންމީ މި މައްސަލައިގައި ކުއްޖާއަށް އިހްތިޔާރު ދީފައިވަނި އާއިލާއާ ބެހޭ ގާނޫނާއި ގަވާއިދާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ހަމަތަކާ އެއްގޮތަށް ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅަށް ރިއާޔަތްކޮށްގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފާހަގަކުރި ގޮތުގައި:

  • ރަސްމީ އިދާރާއެއް ނުވަތަ ކޯޓެއް މެދުވެރި ނުވެ ކުޑަކުދިން އާއިލާ އިން ދުރު އެހެން ފަރާތްތަކާ ހަވާލުކުރުން ހުއްދަކުރުމަކީ ކުޑަކުދިންނާއި މުޖުތަމައުގެ ހައްގުގައި ވެސް ރަނގަޅު ގޮތަކަށް ނުވެފައި ނުރަނގަޅު އެތައް ނަތީޖާއެއް ނުކުމެދާނެ ކަމެއް

  •  ކުއްޖާގެ އުމުރުން އަދި 18 އަހަރެއް ނުފުރޭ

ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ހާތިފް ހިލްމީ އާއި އަބްދުﷲ ހަމީދު ތިއްބެވި ބެންޗުގެ ހުކުމްގައި، ލަތީފްގެ ބެލުމުގެ ދަށުގައި ހުރުމަށް ނުވަތަ މަންމަ ގާތަށް ދިޔުމަށް ކުއްޖާއަށް މެޖިސްޓްރޯޓް ކޯޓުން އިޚްތިޔާރު ދީފައިވާ ބައި ބާތިލްކޮށް، ކުއްޖާ މަންމައާ ހަވާލުކުރުމަށް ލަތީފަށް ވަނީ އަންގައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް