މަރްޔަމް ނަޒާހާ އާއި ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު

ދައުލަތުން ބުނީ ނަޒާހާ އަމިއްލަ ނަފްސަށް ގެއްލުންދޭ ކަމަށް؛ ފަނޑިޔާރުގެ ސުވާލުތަކެއް

"ތި ވިދާޅުވަނީ ނަޒާހާގެ ސައިކޮލޮޖިކަލް މައްސަލައެއް ހުރި ކަމަށް ލިޔުންތަކުން އެނގޭ ކަމަށްތޯ؟"

މަރިޔަމް ނަޒާހާގެ ހަށިގަނޑުގައި ހުރި ލަކުނުތަކަކީ، ކުރީގެ ފިރިމީހާ ހަސަން ޝާހިދު އަނިޔާކުރުމުގެ ސަބަބުން ލާފައިވާ ލަކުނުތަކެއް ކަމަށް ބުނި ނަމަވެސް، ނަޒާހާއަކީ ސްކޫލު ދައުރުން ފެށިގެން އަމިއްލަ ނަފްސަށް ގެއްލުންދޭ މީހެއް ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - ޖޫން 2010ގައި ޝާހިދު މަރުވީ އޭނާގެ ބުރަކައްޓަށް ނަޒާހާ ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ، ނަޒާހާ 25 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ 2011 ގަ އެވެ. 

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައިކޯޓުން ނަޒާހާގެ މައްސަލަ ނިންމީ މެއި 2015ގަ އެވެ. ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ އޭގެ ހަ އަހަރު ފަހުންނެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ، ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމެވެ. އެ މައްސަލައިގައި މެއި 11ގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، ނަޒާހާ ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކުން އޭނާގެ ފިރިމީހާއަށް ވަޅިއަކުން ހަމަލާދިނީ، ފިރިމީހާ މަރާލުމުގެ ގަސްތު އޮވެގެންކަން އެނގޭ ކަމަށެވެ.

އިތުރަށް ކިޔާލަން -

ދައުލަތުގެ ވަކީލު ފާތިމަތު ޝިފާޒާ

ތަފްސީލް - މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލު ފާތިމަތު ޝިފާޒާ ވިދާޅުވީ ޝާހިދަށް ނަޒާހާ ހަމަލާ ދިން ކަމަށާއި އެ ހަމަލާގައި ލިބުނު ޒަހަމްތަކުގެ ސަބަބުން ޝާހިދު މަރުވި ކަމަށް ނަޒާހާ އިންކާރު ނުކުރާ ކަމަށެވެ. އަދި ނަޒާހާ އިންކާރުކޮށްފައި ވަނީ ހަމަލާ ދިނުމުގައި ޝާހިދު މަރާލުމުގެ ނިޔަތް އޮތް ކަމާ މެދު ކަމަށެވެ.

ނަމަވެސް ޝާހިދަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަމަށާއި ހަމަލާ ދީފައިވާ ގޮތަށާއި، ތަނަށް ބަލާއިރު، އެފަދަ އަމަލެއް ހިންގުމުގައި މީހަކު މަރާލުމުގެ ގަސްތު ފިޔަވައި އެހެން މަގުސަދެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ބުނީ ކީކޭ؟ - އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ބުނީ، ޝާހިދު އެކި ދުވަސް މަތިން އަނިޔާކުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ޒަހަމްވެ، ލަކުނު ލާފައި ހުރި ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ މިއަދު އެކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

ދައުލަތުން ބުނީ، ނަޒާހާ އެހެން ބުނި ނަމަވެސް ހެކިބަސް ދީފައިވާ މީހުން ދައްކާފައިވާ ވާހަކަ ތަފާތު ކަމަށެވެ. އެގޮތުން:

  • ނަޒާހާ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން އަމިއްލަ އަތުގައި ވަޅި އަޅާކަމަށް ހެއްކަކު ބުނެފައިވާ ކަމަށް

  • އަމީނިއްޔާ ސްކޫލުގައި އުޅުން އިރު ވެސް ހިތްހަމަނުޖެހުން އަމިއްލަ ނަފްސަށް ގެއްލުންދޭ ކަމަށް

  • ޖެންޑާއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ވެސް އަމިއްލަ ނަފްސަށް ގެއްލުންދޭ ކަމަށް ނަޒާހާ އަމިއްލައަށް ބަޔާންދީފައިވާ ކަމަށް

"އެހެންކަމުން މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލައިރު، ނަޒާހާ އަމީނިއްޔާ ސްކޫލުގައި އުޅުނު އިރު ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން، އޭރު ވެސް އަމިއްލަ ނަފްސަށް އަނިޔާކުރާކަން އެނގޭ. އެހެންކަމުން، އެދުވަހު ފާހަގަކުރި ނުކުތާ އެގޮތަށް ހިނގާފައި ނުވާ ކަމަށް ދަލާލަތު ކުރޭ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ވަކީލުގެ ވާހަކައާ ގުޅިގެން، ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވަނީ ދައުލަތާ ސުވާލު ކުރިމަތިކުރުވައިފަ އެވެ.

"އެހެންވީމަ ތިޔަ ވިދާޅުވަނީ ސައިކޮލޮޖިކަލް ކޮންޑިޝަން އެއްގެ ވާހަކަ ޕްރޮސެކިއުޝަން. އޭނާގެ އެބަ ހުރެޔޭ، ރިޕޯޓުތަކުން ޑޮކިއުމެންޓޭޝަނުން އެބަ ދައްކައޭ. އެހެންތޯ؟،" މުއުތަސިމް އެއްސެވި އެވެ.

އުއްތަމް ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން

ޖަވާބުގައި ދައުލަތުން ބުނީ، ދައުލަތުން ހަމައެކަނި ބުނަނީ ޝާހިދަށް ހަމަލާދިނުމުގެ ކުރިން، ނަޒާހާ އަމިއްލަ ނަފްސަށް ގެއްލުންދޭ ކަމަށް ޖެންޑާއަށް މައުލޫމާތު ދީފައިވާ ވާހަކަ ކަމަށެވެ.

އެނގުން މުހިންމު - ޝާހިދަށް ހަމަލާދިން ކަމަށް ނަޒާހާ އެއްވެސް އިރެއްގައި އިންކާރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ނަޒާހާގެ މައިގަނޑު ދިފާއަކީ ޝާހިދަށް ހަމަލާ ދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށާއި އެއީ ހީނަރުވެފައިވާ ނަފްސާނީ ހާލަތެއްގައި ހުރެ، އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އިތުރަށް ކިޔާލަން -

ދައުލަތުން ދެން ރައްދު ދިނީ، ޝާހިދު ދެކެ ބިރުގަންނަ ކަމަށާއި ޝާހިދު އަނިޔާކޮށްފާނެ ކަމަށް އަބަދުވެސް ޖެހިލުންވެ ހުންނަ ކަމަށް ނަޒާހާ ބުނެފައިވާ ވާހަކައަށެވެ. 

ދައުލަތުގެ ވަކީލު ޝިފާޒާ ވިދާޅުވީ ނަޒާހާއާއި ޝާހިދާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް ދެމީހުންގެ ދެމެދު ބަދަލުކޮށްފައި ހުރި މެސެޖުތަކެއްގެ ވާހަކަ ދައުލަތުން ހިއްސާކުރި އެވެ. އެގޮތުން:

  • ޝާހިދު ރުޅިއައުމުން އުފާވާކަމަށް ބުނެ ނަޒާހާ މެސެޖުކޮށްފައިވާ ކަމަށް ދައުލަތުން ބުނި 

  • ދެމީހުން އެކުގައި ދަރިފުޅު ގޮވައިގެން ދަތުރުކުރާ ވާހަކަ ދައްކާފައިވާ ކަމަށް ބުނި 

  • ނަޒާހާ ބޭނުންވާ އެއްޗެހި ހޯދައިދިނުމަށާއި އެ އެއްޗެހި ހިފައިގެން ގެއަށް އައުމަށް މެސެޖުކޮށްފައިވާ ކަމަށް ބުނި

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ބެންޗުގައި އިންނެވި ފަނޑިޔާރު އާއިޝާ ޝުޖޫން ސުވާލުއުފެއްދެވި އެވެ.

"ކޮބައިތޯ ޕޮއިންޓަކީ؟ ދެމީހުންގެ ކުއްޖަކު ހުންނަ ކަމަށް ވާނަމަ އެއީ އާންމު އުސޫލުން ހިނގާނެ ކަންކަން ނޫންތޯ؟،" ޝުޖޫން އެއްސެވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން

ޖަވާބުގައި ދައުލަތުން ބުނީ، އެކަންކަމުގެ ސަބަބުން ދެމީހުންގެ ގުޅުން ރަނގަޅުކަން އެނގޭ ކަމަށެވެ. ދައުލަތުން ބުނީ އެ ދެމީހުންގެ ދޭތެރޭގައި މައްސަލައެއް އުފެދުނީ، ހަމަލާ ދިނުމުގެ ދެ ދުވަސްކުރިން، އެ ދެމީހުންގެ ދަރިފުޅު ގެންގޮސް ޝާހިދާ ހަވާލުކޮށްފައި ނަޒާހާ ދިއުން ކަމަށެވެ.

ނަޒާހާއާ ދަރިފުޅު ހަވާލުކުރަން ޝާހިދު ޖެންޑާއަށް ދިއުމުން، މައްސަލަ ފެމެލީ ކޯޓަށް ހުށަހެޅުމަށް މިނިސްޓްރީން އެންގި އެވެ. ޝާހިދަށް ނަޒާހާ ހަމަލާދިނީ، ފެމެލީ ކޯޓުން ޗިޓު ހަވާލުކުރަން ދިޔަ ވަގުތު އެވެ.

އެ ދުވަހު ޝާހިދަށް ހަމަލާ ދިނީ މަރާލުމުގެ ގަސްތެއް ނެތި ކަމަށް ބުނެ ނަޒާހާގެ ފަރާތުން ނެގި ދިފާއަކީ، އޭނާ އަމިއްލައަށް ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމެވެ. އަދި ހަމަލާ ދިން ވަޅި ވެސް ފުލުހުންނަށް ދެއްކުމެވެ.

ނަމަވެސް ދައުލަތުން ބުނީ، ނަޒާހާ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ، ޒަހަމްތަކާ އެކު ޝާހިދު ފުލުހުންނާ އެކު ދިޔަތަން ފެނުނު ފަހުން ކަމަށެވެ.

"ނަޒާހާ 119 އަށް ގުޅައި ދެއްކި ވާހަކަތަކުން އެކަން ސާފުވޭ،"ޝިފާޒާ ވިދާޅުވި އެވެ.

ފުލުހުން ދިޔައިރު ވަޅި ވެސް އޮތީ ކޮތަޅަކަށް ލާފައި ކަމަށާއި، ކްރައިމް ސީން ސާފުކުރުމަށް ވެސް މަސައްކަތް ކޮށްފައި ހުރި ކަމަށެވެ.

ލޭ ހޭކިފައި ހުރި ބެޑްޝީޓެއް ކޮތަޅަކަށް ލާފައި އޮއްވާ ފެނުނު އިރު، އެކަމާ ގުޅިގެން ތަހުގީގުގައި ސުވާލުކުރުމުން ނަޒާހާ ބުނީ އެއީ އޭނާ ޕީރިއަޑްވެގެން ހޭކިފައި ހުރި ލޭ ކަމަށެވެ. ނަމަވެސް ޑީއެންއޭ ރިޕޯޓުން އެނގޭ ގޮތުގައި، ބެޑްޝީޓުގައި ހުރީ ޝާހިދުގެ ލެޔެވެ.

މަރްޔަމް ނަޒާހާގެ މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ބެންޗު

މީހެއްގެ ގަޔަށް ވަޅި ހެރުމުގެ ނަތީޖާ ނަޒާހާއަށް އެނގޭތަ؟

ދައުލަތާ ސުވާލުކުރެއްވުމަށް ފަހު، މުއުތަސިމް ވަނީ ނަޒާހާއަށް ވެސް ސުވާލު އަމާޒުކުރައްވައިފަ އެވެ. މުއުތަސިމް ވިދާޅުވީ އެ ދުވަހު ނަޒާހާ ޝާހިދުގެ ގަޔަށް ވަޅި ހެރިކަމާކެދު ދެބަސްވުމެއް ނެތް ކަމަށެވެ.

"ނަޒާހާއަށް އެނގިވަޑައިގަންނަވާތޯ މީހެއްގެ ގަޔަށް ވަޅިއެއް ހެރުމުން ނުކުންނާނެ ނަތީޖާ؟،" މުއުތަސިމް އެއްސެވި އެވެ.

ނަޒާހާއާ މަޝްވަރާކުރެއްވުމަށް ފަހު ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު ވިދާޅުވީ އެ ދުވަހު އެ ހަމަލާ ދިނީ ކަމެއް ކުރަން ދުރާލައި ވިސްނައިގެން ނޫން ކަމަށާއި، އެއީ "ކުރެވުނު ކަމެއް" ކަމަށެވެ. ހަމަލާގެ ސަބަބުން ޝާހިދު ޒަހަމްވިކަން އެނގޭ ކަމަށާއި ނަމަވެސް ޝާހިދު މަރުވިކަން ނޭނގޭ ކަމަށެވެ.

"މީހަކަށް ހަމަލާ ދިނީމާ އޭގެ ނަތީޖާއެއް އޮންނާނެތާ. ކޮބާ ނަތީޖާއަކީ؟ އެ ސާފުކޮށްލަދެއްވާ،" މުއުތަސިމް ތަކުރާރުކުރެއްވި އެވެ.

ޖަވާބުގައި ނިހާޔަތު ވިދާޅުވީ ހަމަލާއެއް ދިނުމުން އަނިޔާވާނެ ކަމަށާއި، ނަމަވެސް އޭގެ ސަބަބުން ދެން އިތުރަށް ނުކުމެދާނެ ނަތީޖާއެއް ކަނޑައެޅިގެން ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ހަމަ ބުއްދިއެއްގައި ހުންނަ ކޮންމެ މީހަކަށް ވެސް އެކަން [ވަޅިން ހަމަލާ ދިނުމުން އަނިޔާއެއް ނުވަތަ މަރުވެދާނެކަން] އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރަންތޯ؟،" މުއުތަސިމް އިތުރަށް އެއްސެވި އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން
މަރްޔަމް ނަޒާހާ އާއި ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު

ނިހާޔަތު ވިދާޅުވީ އެކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ނަޒާހާ އެވަގުތު ހުރީ ހަމަ ބުއްދީގައި ކަމާމެދު ނިހާޔަތު ސުވާލުއުފެއްދެވި އެވެ. ނިހާޔަތު ވިދާޅުވީ ނަޒާހާ ކޮތަޅަކަށް ވަޅި ލާފައި ބޭއްވީ "ޕްރިޒާވް" ކުރަން ކަމަށް ބެލެވޭ ކަމަށާއި ހަމަ ބުއްދީގައި ހުރި މީހަކު ނަމަ މަސައްކަތް ކުރާނީ ހެކި ފޮރުވަން ނުވަތަ ނައްތާލަން ކަމަށެވެ.

"މިހާރު ނަޒާހާއަށް އެނގޭ ހަމަލާގެ ސަބަބުން ނިޔާވުމަކީ ވެދާނެ ކަމެއް ކަމަށް. އެހެން ނަމަވެސް އެ ވަގުތުގައި އެފަދަ ވިސްނުންކެއް އައިސްގެން ވަކި ގޮތަކަށް ކަން ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން. އެއީ ކުރެވުނު ކަމެއް،" ނިހާޔަތު ވިދާޅުވި އެވެ.

އޭގެ ފަހުން މުއުތަސިމް ސުވާލުކުރެއްވީ ނަޒާހާ އާއެވެ. އެ ދުވަހު ހަމަލާދިނީ ޝާހިދުގެ ބުރަކަށްޓަށްތޯ އުއްތަމަ ފަނޑިޔާރު އެއްސެވި އެވެ.

"ފަހުން އެ ހުރިހާ އެއްޗެއް އެނގުނީ. އެވަގުތަކުއެއް އެ ގަޑިއަކު އަޅުގަނޑަށް އެއްވެސް އެއްޗެއް ނޭނގެ. އަޅުގަނޑު ބެލީ އެތަނުން ނުކުމެގެން ދެވޭތޯ،" ނަޒާހާ ބުންޏެވެ.

މަރްޔަމް ނަޒާހާ އާއި ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު

އެނގުން މުހިންމު - މެއި 11 ގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނަޒާހާއަށާއި ޝަރީއަތަށް ރައްދުކުރުމަށް ތިން ސީޑީއެއް ހުށަހަޅާފަ އެވެ. އެ ތިން ސީޑީއަކީ:

  • ނަޒާހާ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރި ކޯލް ރިކޯޑިން ސީޑީ  

  • ނަޒާހާ ތަހުގީގަށް ދީފައިވާ އިންޓަވިއު ރެކޯޑިން ސީޑީ  

  • ޝާހިދުގެ މޮބައިލް އެނަލިސިސްގެ ސީޑީގެ ކޮޕީ

އެ ތަކެއްޗަކީ ދަށު ކޯޓަށް ހުށަހެޅި އެއްޗެހި ނޫންކަމަށް ވިދާޅުވެ، ނިހާޔަތު ވަނީ އެ ތަކެތި ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް