Majlis 2024

ސަމާހްގެ ކުރެހުންތައް އާޓް ގެެލެރީގައި ދައްކާލަން ބަހައްޓާފައި.

އާޓް

ޓުވާޑްސް ސޮލިޓުޑް: ނޫކުލައިގެ ކުރެހުންތަކުން ސަމާހް ކިޔައިދޭ ވާހަކަތައް

މި މައުރަޒު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އާޓް ގެލެރީގައި ކުރިއަށްދާނެ
19 މާރިޗު 2022
1

ސަމާހް އަހްމަދުގެ ދެ ވަނަ ސޯލޯ އާޓް އެގްޒިބިޝަން 'ޓުވާޑްސް ސޮލިޓުޑް'، ނެޝަނަލް އާޓް ގެލެރީގައި މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.

އެބްސްޓްރެކްޓް އެކްސްޕްރެޝަން ސްޓައިލަކަށް، ނޫ ކުލައިން ފުރިހަމަކޮށްފައި ހުރި 25 ޕެއިންޓިން މި އެގްޒިބިޝަންގައި ހިމެނެ އެވެ.

ސަމާހް ހަމައެކަނި ނޫ ކުލަ ބޭނުންކޮށްގެން ކުރަހައި ކުލަޖައްސަން ފެށީ، އެގްޒިބިޝަންގައި ހިމަނާފައިވާ އޭނާގެ ތައާރަފްގައި ވާ ގޮތުން، މީގެ 20 އަހަރު ކުރިންނެވެ. އެއީ ސަމާހް އަކީ ރާއްޖެއަށް އުފަން ދިވެއްސަކަށް ވުމުން، މޫދަށް އޮންނަ ހާއްސަ ލޯތްބެއްގެ ސަބަބުން ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

ސަމާހްގެ ކުރެހުންތައް އާޓް ގެެލެރީގައި ދައްކާލަން ބަހައްޓާފައި.
ސަމާހްގެ ކުރެހުންތައް އާޓް ގެެލެރީގައި ދައްކާލަން ބަހައްޓާފައި.

ލަންޑަނުގެ ޗެލްސީ ކޮލެޖް އޮފް ފައިން އާޓްސްއިން ފައިން އާޓްސްގެ ދާއިރާއިން 2005ގައި ބެޗެލާސް ޑިގްރީއެއް ނިންމުމަށް ފަހު ސަމާހްގެ ފުރަތަމަ ސޯލޯ އާޓް އެގްޒިބިޝަން މާލޭގައި ބޭއްވި އެވެ. އެއީ 2009ގައި ނެޝަނަލް އާޓް ގެލެރީގައި ބޭއްވި އެގްޒިބިޝަނެކެވެ. 'ބްލޫ' ކިޔާ އެ އެގްޒިބިޝަންގައި ވެސް ސަމާހްގެ ހިތުގައި ނޫ ކުލައަށް އޮތް ލޯބި ޕެއިންޓިންގެ ޒަރިއްޔާއިން ދައްކާލަ ދިނެވެ. އޭރު އޭނާ ދައްކާލި މަސައްކަތްތަކަކީ އެ ކުލައިގެ 'ރެޕްރެޒެންޓޭޓިވް އާޓް' ކަމަށް ސަމާހް ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެގްޒިބިޝަންގައި ބައިވެރިކޮށްފައިވާ 'ޓުވާޑްސް ސޮލިޓުޑް' ކަލެކްޝަނުގައި ދައްކާލަނީ އެބްސްޓްރެކްޓް ޕެއިންޓިން ތަކެކެވެ. އޭގެ ކޮންމެ ޕެއިންޓިންއެއް ވެސް ތަފާތެވެ. ކޮންމެ ކެންވާސްއެއްގައި އެ ފެންނަނީ އޭނާ އޮޅިގެން ނުވަތަ ގަސްތުގައި ކޮށްފައިވާ ކަންތައްތަކެވެ.

މި ގޮތް އޭނައަށް ވަރަށް ކަމުދެ އެވެ. އޭގެން ދައްކައިދެނީ އޭނަ ކުރި ދަތުރެވެ. ޕެއިންޓިންތަކުގައި ފެންނަ ޓެކްނިކް ހާސިލުކުރަން އޭނާ ފިހީގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ދަގަނޑު ޕްލޭޓެވެ. މި ޓެކްނިކް އެކި ގޮތްގޮތަށް ފުޅާކުރެވޭނެ ގޮތްތައް ހޯދަން ސަމާހް ދެ އަހަރުގެ މުއްދަތެއް ހޭދަކޮށްފައިވެ އެވެ.

ސަމާހްގެ ކުރެހުންތައް އާޓް ގެެލެރީގައި ދައްކާލަން ބަހައްޓާފައި.
ސަމާހްގެ ކުރެހުންތައް އާޓް ގެެލެރީގައި ދައްކާލަން ބަހައްޓާފައި.

ސަމާހްގެ އޮއިލް ޕެއިންޓިންތަކުގައި ބޭނުންކޮށްފައި ހުރި ޓެކްނީކު ތަފާތުކަން ފާހަގަކުރެވެ އެވެ. 'މިނިމަލް' ނުވަތަ އާދައިގެ ސްޓައިލަކަށް ނިންމާފައިވާ ޕެއިންޓިންތަކެއް ގޮތަށް ފެނުނު ކަމުގައި ވިޔަސް، އޭގެއިން ކޮންމެ ޕެއިންޓިންއަކަށް ކޮށްފައިވާ ބުރަ މަސައްކަތް، ގާތުން ބަލައިލުމުން ފެނެ އެވެ. އޮއިލް ކުލަ އެކި ބައްޓަމަށާއި ލޭޔަރަށް ޖައްސައި އެ ކުލަ އެކި މިންވަރަށް ކަހާފައި ވާކަން ވެސް ފާހަގަކުރެވެ އެވެ.

ކޮންމެ ޕެއިންޓިންއަކުން އެކި އިހުސާސުތައް ދައްކުވައިދެ އެވެ. އެއީ މަޑުމައިތިރިކަން، ހަމަހިމޭންކަން ނުވަތަ އެހެނިހެން ފުން ހިޔާލުތަކަމާ މެދު ވިސްނައި ފިކުރުކުރަން ބުނާ ކަހަލަ އެވެ.

ސަމާހްގެ މި ކަލެކްޝަނުގައި ހިމެނޭ ގިނަ ޕެއިންޓިންތައް ކުރަހާފައި ވަނީ ހެނދުނު ގަޑީގައި ގޮސް މޫދަށް އެރުމަށް ފަހު އެވެ. އެ ގަޑީގައި އޭނާއަށް ފެންނަ މަންޒަރުތައް ނުވަތަ ކުރެވޭ އިހުސާސުތައް ޕެއިންޓިންއަކުން ދައްކައިދެނީ އެވެ.

ކޮމެންޓް (1)

ފައިޝަމް

19 މާރިޗު 2022
ވަރަށް ކަމުދޭ
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް