ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. (ފޮޓޯ/މަޖިލިސް)

ނަޝީދުގެ ފޯނު ލަންޑަންގައި ފޭރިގެންފި

ނަޝީދުގެ ފޯނު ފޭރިގަތީ ދަރިކަނބަލުންނާ އެކު ލަންޑަންގެ ރެސްޓޯރަންޓެއްގައި އިންނަވަނިކޮށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ލަންޑަންގައި އުޅުއްވަނިކޮށް އެ މަނިކުފާނުގެ ފޯނު ފޭރިގެންފައިވާ ކަމަށް އެ މަނިކުފާނުގެ އާއިލާއިންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް ނަޝީދުގެ ދަރިކަނބަލަކު ފޮނުއްވި މެސެޖެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު މެންދުރުފަހު ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، ނަޝީދުގެ ފޯނު ފޭރިގަތީ މިއަދު ލަންޑަންގައި މެންދުރުގެ ފަރިއްކޮޅަށް ރެސްޓޯރަންޓެއްގައި ދަރިކަނބަލުންނާ އެކު އިންނަވަނިކޮށް ކަމަށެވެ. އެ މެސެޖުގައި ބުނެފައި ވަނީ، "ބައްޕަގެ ފޯނު މީހަކު ޖަހައިގަނެގެން ފިލާފައިވާ" ކަމަށެވެ. 

ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އީވާ އެ މެސެޖު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވިތާ އިރުކޮޅެއްގެ ތެރޭގައި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ނަޝީދުގެ ނަމްބަރު ރިމޫވްކޮށްލައިފަ އެވެ.

މަޖިލީހުގެ ބަސް - މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވެސް މިރޭ 'ދައުރު'އަށް ވިދާޅުވީ މަޖިލީހުގެ ރައީސް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އެ މަނިކުފާނުގެ ފޯނު މީހަކު ޖަހައިގެންފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެއީ ކިހިނެއް ހިނގި ކަމެއް ކަމުގެ މާ ބޮޑު ތަފްސީލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ނަޝީދުގެ ފޯނު ފޭރިގެންފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލުތަކެއް ހިންގަވާ ފޮޓޯތަކެއް އެ މަނިކުފާނުގެ ފޯނުގައި ހުރި ކަމަށް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެެ. އެކަމަކު އެ ތުހުމަތުތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.

ނަޝީދު އެފަދަ ތުހުމަތުތަކެއް ކުރެއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ވިދިގެންނެވެ. އެ މައްސަލަ ހޫނުވެފައި ވަނިކޮށް ނަޝީދު ސީސެލްޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ރާއްޖެ ވަޑައިނުގެން، ވަޑައިގަތީ އެ މަނިކުފާނުގެ އާއިލާ ދިިރިއުޅުއްވަމުން ގެންދަވާ އިނގިރޭސިވިލާތަށެވެ. 

 

އިތުރު އާޓިކަލް

އިތުރު އާޓިކަލް