Majlis 2024

އައްޑޫ ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އައްޑޫ ސިޓީ ފޭސްބުކް ޕޭޖް)

ޒަޔާންގެ މަރު

އައްޑޫ މާރާމާރީ: ހައްޔަރު ކުރި 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހައިފި

މި މައްސަލައިގައި މީގެ ކުރިން ހައްޔަރު ކުރި 16 އަހަރުގެ ކުއްޖާގެ ބަންދަށް ވެސް އިއްޔެ ވަނީ 10 ދުވަސް ޖަހާފައި

އައްޑޫގައި މިދިޔަ ހަފްތާގައި ޒުވާނަކު މަރާލި މާރާމާރީއާ ގުޅިގެން އިއްޔެ ހައްޔަރު ކުރި 15 އަހަރުގެ ފިރިހެންކުއްޖާގެ ބަންދަށް މިއަދު ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫ ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ލިބުނު ސީރިއަސް ޒަހަމްތަކަކާ ގުޅިގެން އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. 

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" 15 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރިކަން ހާމަކުރައްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

އެ ކުއްޖާ އިއްޔެ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެނގުން މުހިންމު - މި މައްސަލައިގެ ތުހުމަތުގައި އާދިއްތަ ދުވަހުގެ ރޭ ފޭދޫން ވަނީ 16 އަހަރުގެެ ފިރިހެންކުއްޖަކު ވެސް ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް އިއްޔެ ވަނީ 10 ދުވަސް ޖަހާފަ އެވެ.

ފަސްމަންޒަރު - މިއީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، ރަށުތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އާދިއްޔަ ދުވަހުގެ ރޭ ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ:

  • 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެއް

  • އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ދީފައިވޭ

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޭދޫގައި ހިންގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މައްސަލަ ޖެހިފައި ވަނީ ފޭދޫގެ ދެ ކޮޅުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދު އެވެ.

މާރާމާރީތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް މާރާމާރީ އިތުރުވެ ރަށުތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އެހެންކަމުން، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުކޮށް، ރަށުތެރޭގައި އަމާންކަން ގާއިމުކޮށްދިނުމަށް ކައުންސިލުން ގޮވައިލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް