އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެފްކޮންސްގެ ޖޫރިމަނާގެ އިސްތިއުނާފާ މެދު މިނިސްޓަރު އަދިވެސް ގޮތެއް ނުނިންމަވާ

ވިލިމާލޭ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން އީޕީއޭ އިން ނިންމި ނިންމުން އެ ކުންފުނިން އިސްތިއުނާފުކުރީ މިދިޔަ މަހުގެ ކުރީކޮޅު
22 ޖެނުއަރީ 2023

އިންޑިއާގެ އެފްކޮންސް ކުންފުނިން ގްރޭޓާ މާލެ ބްރިޖު އެޅުމުގެ މަސައްކަތުގެ ތެރޭގައި ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން އެ ކުންފުނި ޖޫރިމަނާ ކުރަން ނިންމި ނިންމުން، އެފްކޮންސް އިން އެންވަޔަރަމެންޓް މިނިސްޓްރު އައިމިނަތު ޝައުނާއަށް އިސްތިއުނާފު ކުރިތާ ދޮޅު މަސް ވެގެން ދިޔައިރު ވެސް މިނިސްޓަރު ގޮތެއް ނުނިންމަވާކަން މިއަދު ހާމަވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބްރިޖުގެ ސާވޭ އާއި ތަނބު ޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް އެރީ މިދިޔަ އޮގަސްޓް 16ގަ އެވެ.

  • އީޕީއޭ އިން ހެދި ދިރާސާއަށް ފަހު، ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށް އެ އިދާރާ އިން ވަނީ ނޮވެމްބަރު 13ގައި އެ ކުންފުންޏަށް މަސްދުވަސް ދީފައި

  • އެ ޖޫރިމަނާ ދެއްކުމުގެ ބަދަލުގައި، އެފްކޮންސް އިން މިދިޔަ މަހުގެ 8ގައި އީޕީއޭގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިނިސްޓަރަށް އިސްތިއުނާފުކޮށްފައިވޭ

  • އެފްކޮންސް އިން ގަބޫލުކުރަނީ އީޕީއޭ އިން ގެއްލުން ލިބުނު ސަރަހައްދު ބަލާފައިވަނީ މާ ބޮޑުކޮށް ކަމަށް؛ ޖޫރިމަނާގެ އަދަދު ވެސް މާ ބޮޑު ކަމަށް އެފްކޮންސް އިން ދެކޭ

ބްރިޖު ޕްލެޓްފޯމެއް 16 އޮގަސްޓް 2022 ވަނަ ދުވަހު ވިލިމާލެ ފަރަށް އަރާފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - ގަވައިދުގައި އޮންނަ ގޮތުން، އީޕީއޭގެ ނިންމުންތައް އިސްތިއުނާފް ކުރުމަށް މިނިސްޓަރަށް ހުށަހެޅެ އެވެ. އަދި މުރާޖާކުރަން ނުވަތަ ލުއި ދޭން އެންގުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ އިސްތިއުނާފުކުރަން މިނިސްޓްރީއަށް ހުށަހެޅިކަން އެނގުނު ދުވަހުން ފެށިގެން 'ދައުރު'ން ވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މިނިސްޓަރު ފޯނު ނުނަންގަވާތީ އަދި އެފްކޮންސްގެ މައްސަލައާ ގުޅޭ މެސެޖުތަކަށް ޖަވާބު ނުދެއްވާތީ އެކަމާ ބެހޭ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

'ދައުރު'ން މިއަދު ގުޅުމުން ޝައުނާ ވިދާޅުވީ އެ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އަޖްވަދު މުސްތަފާއަށް ގުޅުމަށެވެ. އަޖްވަދު ވިދާޅުވީ މިނިސްޓްރީގެ އެސޯސިއޭޓް ލީގަލް ކައުންސެލް ފަޒީލާ އަހްމަދު ޝަހީމްއަށް ގުޅުމަށެވެ.

ބުނީ ކީކޭ؟ - ފަޒީލާއާ ސުވާލުކުރުމުން އޭނާ މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި:

  • އެފްކޮންސް އިން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ މިނިސްޓްރީން ބަލައިގަނެ، އެކަން ބަލަމުންދާކަން އެ ކުންފުންޏަށް އަންގާފައިވާނެ

  • އެ މައްސަލައިގައި ގޮތް ނިންމަވާނީ މިނިސްޓަރު ޝައުނާ؛ މިނިސްޓަރު ގޮތެއް ނިންމެވުމުން އެކަން އިއުލާނު ކުރާނެ

  • އިސްތިއުނާފުގެ މައްސަލަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ގާނޫނާއި ގަވައިދުން ލާޒިމް ނުކުރާތީ، މައްސަލަ ނިންމަން ނަގާނީ ކިހާ މުއްދަތެއްކަން އަންދާޒާ ކުރާކަށް ނޭނގޭ

ޕްލެޓްފޯމުން ވިލިމާލެ ފަރުގައި ބޮޑެތި ބާގަނޑުތަކެއް ހެދިފައި (ފޮޓޯތައް/ އީޕީއޭ)

އެނގުން މުހިއްމު - އެފްކޮންސްގެ ޕްލެޓްފޯމުން ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި ލަސްވަމުންދާތީ އާންމުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެފްކޮންސްއާ ދޭތެރޭގައި ސަރުކާރުން ފިޔަވަޅު ނާޅަނީ އެއީ އިންޑިއާގެ ކުންފުންޏަކަށް ވުމުންނެވެ.

ފަސްމަންޒަރު - ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ފަރުމަތީގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތާށިވެފައި އޮތެވެ. އޭތި ފުން ނުކުރެވި އޮތުމުން ފަރަށް އިތުރު ގެއްލުން ލިބޭނެ ކަމަށް ބުނެ އާންމުން އޭރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ.

ފަރަށް ލިބުނު ގެއްލުން ބަލަން އީޕީއޭ އިން ހެދި ސާވޭގެ ރިޕޯޓު ގަބޫލުނުކޮށް، އެފްކޮންސް އިން އަމިއްލައަށް ވެސް ސާވޭއެއް ހެދި އެވެ. މިދިޔަ މަހު އީޕީއޭ އިން އެފްކޮންސް ޖޫރިމަނާކުރީ އެ އެޖެންސީގެ ސާވޭ އާއި އެފްކޮންސްގެ ސާވޭއަށް ވެސް ބެލުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް