ރަޝިޔާގެ މޮސްކޯގައި ހުންނަ ރެނޯލްޓް ފެކްޓަރީ. (ފޮޓޯ/ ގެޓީ އިމޭޖެސް)

ކާރު އުފައްދާ ރެނޯލްޓް ކުންފުނި ވެސް ރަޝިޔާއިން ނުކުމެއްޖެ

ރެނޯލްޓުން ވަނީ ރަޝިޔާއިން ނުކުތުމަށް 2.2 ބިލިއަން ޑޮލަރުގެ މިލްކިއްޔާތު ވިއްކާލާފައި

ކާރު އުފައްދާ ރެނޯލްޓް ކުންފުނިން ރަޝިޔާގައި ހުރި އެކުންފުނީގެ ހުރިހާ މިލްކިއްޔާތެއް ވިއްކާލާ، ރަޝިޔާގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފި އެވެ.

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރެނޯލްޓް ކުންފުނިން ވިއްކާލި އެސެޓުތަކުގެ އަގު 2.29 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ ކުންފުނީގެ ހުރިހާ ޑިރެކްޓަރުންގެ ރުހުން ލިބިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ރެނޯލްޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފްރާންސަށް ނިސްބަތްވާ ރެނޯލްޓްގެ ރަޝިޔާ ކުންފުނި ވިއްކާލާފައި ވަނީ ރަޝިޔާގެ މޮސްކޯ ސިޓީ އަށް ކަމަށާއި ރަޝިޔާގެ ކާރު އުފައްދާ އެވްޓޮވާޒްގެ ހިއްސާ ވިއްކާލާފައި ވަނީ ރަޝިޔާގެ އެންއޭއެމްއައި ޖަމިއްޔާއަށް ކަމަށް ވެސް ރެނޯލްޓުގެ ބަޔާނުގައި ވެ އެވެ.

"އަހަރެމެން މިވަނީ އުނދަގޫ އެކަމަކު ކޮންމެހެން އަޅަން މަޖުބޫރު ފިޔަވަޅެއް އަޅާފައި.  ރަޝިޔާގައި ތިބި އަހަރެމެންގެ 45،000 މުވައްޒަފުންނާ މެދު ވިސްނާފައި އަހަރެމެން މިއަޅަނީ ޒިންމާދާރު ފިޔަވަޅެއް،" ރެނޯލްޓުގެ ބަޔާނުގައި ބުންޏެވެ.

ރެނޯލްޓްގެ ރަޝިޔާ ކުންފުނި މޮސްކޯއިން ގަނެފައިވާ ކަމަށާއި ތާރީހީ 'މޮސްކޮވިޗް' ބްރޭންޑުގެ ދަށުން އެ ކުންފުނިން ކާރު އުފައްދަން ނިންމާފައިވާ ކަމަށް މޮސްކޯގެ މޭޔަރު ސަރްގޭ ސޮބިޔަނިން ވަނީ އޭނާގެ ބްލޮގުގައި ވިދާޅުވެފަ އެވެ.

މޮސްކޮވިޗް އަކީ ސޯވިއެޓް ޒަމާނުގައި އާންމުންނަށް ކާރު އުފައްދަމުން ދިޔަ ކުންފުންޏެކެވެ.

ރަޝިޔާގައި ހުރި ރެނޯލްޓުގެ ކާރުހާނާއެއް. (ފޮޓޯ/ ގެޓީ އިމޭޖެސް)

ރެނޯލްޓް ކުންފުންޏަށް ރަޝިޔާއަކީ މުހިންމު މާކެޓެކެވެ. އެ ކުންފުނިން 2021 ވަނަ އަހަރު ރަޝިޔާގައި 482،264 ކާރު ވިއްކާފައިވެ އެވެ. އެއީ ފްރާންސް ފިޔަވައި އެ ކުންފުންޏަށް އެންމެ ބޮޑު ޑިމާންޑެއް ލިބެމުން އައި މާކެޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް