ވިލިމާލެ އިރުމަތީ ފަރާތު އަތިރިމަތީގައި ބަހައްޓާފައިވާ ބޯޑެއް. (ފޮޓޯ/ސޭވް ދަ ބީޗް)

ވިލިމާލެ

ވިލިމާލޭ ފައިބަރު ބޯޓްޔާޑް ބަދަލުކުރަން ބީޗަށް ގެއްލުންދޭތީ ކަންބޮޑުވުން ފާޅުކުރަނީ

ހުޅަނގު ދެކުނު ސަރަހައްދުގައި މިހާރު ހުންނަ ފައިބަރު ބޯޓްޔާޑު އިރުމަތީ ފަރާތަށް ބަދަލުކުރުމަށް އެ ތަނުން ރުއްގަސް ނަގަން ފަށާފައިވާ ކަމަށް 'ސޭވް ދަ ބީޗު' ހަރަކާތުން ބުނޭ

ވިލިމާލޭގައި ހުންނަ ފައިބަރު ބޯޓްޔާޑް އެ ރަށުގެ އިރުމަތީ ފަރާތު ބީޗަށް ބަދަލުކުރަން ނިންމައި އެ ސަރަހައްދުގެ ބީޗަށް ގެއްލުންދެމުންދާތީ 'ސޭވް ދަ ބީޗު' ހަރަކާތުން ކަންބޮޑުވުން ފާޅުކޮށް، އަނެއްކާ ވެސް އެއްވުންތަކެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ވިލިމާލޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަގްސަދުގައި ހިންގާ 'ސޭވް ދަ ބީޗު' ހަރަކާތުން އަންނަނީ މި މަހުގެ 2 އިން ފެށިގެން އެ ރަށުގައި އެއްވުންތަކެއް ބާއްވަމުންނެވެ. މި އެއްވުންތައް ބާއްވަން ފެށީ މިދިޔަ މާޗު މަހު ވިލިމާލޭގެ އިރުމަތީ ފަރާތު އަތިރިމަތިން ރުއްގަސް ނަގަން ފެށުމުން ކަމަށް ސޭވް ދަ ބީޗުން ބުންޏެވެ.

އެ ތަނުން ރުއްގަސް ނަގަން ފެށީ ހުޅަނގު ދެކުނު ސަރަހައްދުގައި މިހާރު ހުންނަ ފައިބަރު ބޯޓްޔާޑު އިރުމަތީ ފަރާތަށް ބަދަލުކުރުމަށެވެ. މިހާރު ހުޅަނގު ދެކުނު ފަރާތް ބޭނުން ކުރަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު ނުވަތަ ތިލަމާލެ ބްރިޖުގެ މަސައްކަތަށެވެ.

ބުނީ ކީކޭ؟ -  'ސޭވް ދަ ބީޗު'ން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބޯޓްޔާޑް ހުޅަނގު ފަރާތަށް ބަދަލުކުރަން ސިޓީ ކައުންސިލަށް އަންގާފައިވާކަން ޕްލޭނިން މިނިސްޓްރީން އެ ހަރަކާތަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަން ކައުންސިލުން ތަންފީޒުކޮށްފައި ނުވާ ކަމަށް އެ ހަރާކަތުން ބުންޏެވެ.

'ސޭވް ދަ ބީޗު'ން ބާއްވާ އެއްވުންތަކުގައި ގޮވާލަމުންދަނީ ވިލިމާލޭގައި ކުރަމުންދާ ފައިބަރުގެ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި އެ ރަށުގެ އަތިރިމަތި ހިމާތްކުރުމަށެވެ. އެގޮތުން، އެ ހަރަކާތުން ވަނީ މިއަދާއި މާދަމާ ވެސް އިރުމަތީ ފަރާތު ގޮނޑުދޮށުގައި އެއްވުންތައް ކުރިއަށް ގެންދަން ނިންމާފަ އެވެ.

'ސޭވް ދަ ބީޗު'ން އިތުރަށް ބުނީ:

  • ފައިބަރު މަސައްކަތުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރާ ކަމަށް؛ އެ ބޯޓުޔާޑް ހުޅަނގު ފަރާތަށް ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށް

  • ވިލިމާލޭގައި ބޯޓުޔާޑެއް އެޅުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކަމަށް

  • މާލޭގެ ތިން އަވަށުގެ ތެރެއިން ގުދުރަތީ އަތިރިމައްޗަކާއި މޫދެއް ލިބިފައިވާ ހަމައެކަނި ރަށަކީ ވިލިމާލެ ކަމަށް ވާއިރު، އެ އަތިރިމަތި ހިމާޔަތް ކުރަން ޖެހޭ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް