Majlis 2024

އިނގިރޭސި އެފްއޭ ކަޕްގައި 5 ފެބްރުއަރީ 2022 ގައި މިޑްލްސްބަރާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަ ޔުނައިޓެޑް ކެޓުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑު މަތީގައި.

ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑް ދޫކޮށްލަން

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި، ދެ ވަނަ ފަހަރަށް ޔުނައިޓެޑާ ގުޅުނު ރޮނާލްޑޯ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށްވީ ނަމަވެސް ޖުމްލަކޮށް ސީޒަން ދިޔަ ގޮތާ މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށްވެ އެވެ.

ރޮނާލްޑޯ ކްލަބް ދޫކޮށްލަން ބޭނުންވަނީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ޔުނައިޓެޑް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމެވެ. އަނެއް ސަބަބަކީ އެ ކްލަބް އަންނަ ސީޒަނަށް އޭނާ ބޭނުންވާ ވަރަށް ވަރުގަދަނުކުރުމެވެ.

އާ ކޯޗު އެރިކް ޓެން ހާގް އަށް މިހާތަނަށް ބޭނުންވާ ކުޅުންތެރިއަކު ގެނެވޭ ގޮތެއް ނުވެ އެވެ.

ރޮނާލްޑޯ އަށް ޝައުގުވެރިވާ ކްލަބްތަކަކުގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ ޗެލްސީ އާއި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އާއި އިޓަލީގެ ނަޕޯލީ ހިމެނެ އެވެ.

އެކަމަކު އެއްވެސް ކްލަބަކާ އެކު ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް ސީރިއަސްކޮށް ވާހަކަތައް ނުފަށަ އެވެ. އޭނާ ބަދަލުވުމުގެ ފުރުސަތު އެންމެ ބޮޑީ ޗެލްސީ އަށް ކަމަށްވެ އެވެ.

އަނެއްކޮޅުން ޔުނައިޓެޑުން އޭނާ ވިއްކާލަން ވެސް ބޭނުމެއް ނުވެ އެވެ. އާ ކޯޗުގެ ޕްލޭނުގައި އޭނާ ހިމެނޭތީ ޔުނައިޓެޑުން ބޭނުންވަނީ އޭނާ މަޑުކުރުވާށެވެ.

ޔުނައިޓެޑުން ޓްރެއިނިން ކޭމްޕެއްގައި އަންނަ ހުކުރު ދުވަހު ތައިލެންޑަށް ދާނެ އެވެ. އޭގެ ކުރިން އޭނާ ޓްރާންސްފާއާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އެބައޮތެވެ.

ރޮނާލްޑޯ ވަނީ 2003-2009 އަށް ޔުނައިޓެޑަށް ކުޅެ ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެނބުރި އައީ ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ކުޅުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް