Majlis 2024

ޓެކްނޮލަޖީ މިނިސްޓަރު ޝައުނާ: ނަޝީދު ތާއީދުކުރައްވާ އިމްތިޔާޒު ފަހުމީގެ ބަދަލުގައި އޭނާ ނެންގެވީ ފައްޔާޒު އިސްމާއިލް. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޝައުނާ އެކަންޏެއް ނޫން، ލީޑަރުން ދޫކޮށްލުމަކީ ސިޔާސީ އުކުޅެއް

ނުފޫޒު ގަދަ ދެ ލީޑަރުން އެއް ޕާޓީއެއްގައި ތިބެއްޖެ ނަމަ އެންމެ ހީނުކުރާ މީހުން ވެސް ކޮޅު ބަދަލުކޮށްފާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ސިޔާސީ ލީޑަރެއް ނެތް ކަމަށް ބަލައި، އެ މަނިކުފާނުގެ ފަހަތްޕުޅުން އުޅުއްވި އެއް ޒުވާނަކީ ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ޝައުނާ ފަދަ ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުރި އެމްޑީޕީގެ ޒުވާނުން، ހޭލަނީ ވެސް އަދި ނިދަނީ ވެސް އެ މަނިކުފާނުގެ ކޮންމެވެސް ވާހަކަފުޅެއް ހަނދާންކުރަމުން، އެ މަނިކުފާނު ދައްކަވާ ހުވަފެންތަކުގައި ތިބެ އެވެ.

އެކަމަކު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ފަޅިއަށް ޝައުނާ ޖެހިވަޑައިގަތުމުން އެނގެނީ ސިޔާސީ ދާއިރާގެ ކުރިމަގު ބައްޓަންވުމުގައި ވަކި ލީޑަރެއްގެ ހިޔަނީގެ ތެރޭގައި އަބަދު ހޭދަކުރުމަކީ ހައްލެއް ނޫންކަމެވެ.

ވަގުތު އައުމުން ފަޅި ވެސް، ލޯބި ވެސް، އިތުބާރު ވެސް ބަދަލުވެ އެވެ. އަދި އެއީ، ތަފާތު ސަބަބުތައް ފަހަތުގައި އޮތް ސިޔާސީ އުކުޅެއް ވެސް މެ އެވެ.

ކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބުނަން އޮތީ އަންނަ ހޮނިހިރުދުވަހުގެ އިންތިހާބަކީ ނަޝީދާއި ރައީސް ސޯލިހުގެ މެދުގައި އޮތް ވާދައެއް ކަމެވެ. އެހެންކަމުން އެ ދެ ފަޅީގައި އެ ތިބީ އެ ދެ ބޭފުޅުންގެ ސަޕޯޓަރުންނެވެ. އެމްޑީޕީގެ ކުރިމަގު ފުރޮޅިގެން ދާނީ އެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ކޮޅަށެވެ. 

ޝައުނާ ނެންގެވީ ރައީސް ސޯލިހުގެ ރުހުން އޮތް ފައްޔާޒް އިސްމާއިލަށް ތާއީދުކުރެއްވުމުގެ އިހުތިޔާރެވެ. އެކަމާ ނަޝީދު ހިތްހަމަޖެހިވަޑައިނުގަންނަވާނެކަން، ކެބިނެޓްގައި ހިމެނޭ އެންމެ ޒުވާން މިނިސްޓަރަށް، އެނގިވަޑައިގަންނަވާނެ އެވެ. ރައްދު އައީ މަލާމަތް ވެސް އެކުލެވޭ ބަސްކޮޅަކުންނެވެ.

"މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރަން ނޫޅުއްވާ،" 4 މޭގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

"އެމްޑީޕީގެ އާންމު މެމްބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ."

ނަޝީދު އެގޮތަށް ވިދާޅުވީ އެތެރޭގެ އިންތިހާބުގައި އެ މަނިކުފާނުގެ ރުހުން އޮތް އިމްތިޔާޒު ފަހުމީގެ ބަދަލުގައި ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވިކަން އިއުލާންކުރައްވަން ސޯޝަލް މީޑިއާގައި ދައުރުކުރި ވީޑިއޯއެއްގައި ޝައުނާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭގައި 2008 ގައި އައި އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް މުހިންމު ކަންތައްތަކެއް ކޮށްދިންކަން ވިދާޅުވިޔަސް، އެންމެ ފަހަރަކު ވެސް ނަޝީދުގެ ނަންފުޅު ގެންނަވައިފައެއް ނުވެ އެވެ. ޝައުނާ މުޅިން ވެސް މުހާތަބުކުރެއްވީ "އެމްޑީޕީ"އަށެވެ.

ލޯބިވި ނުވަތަ ލޯބިވާ ލީޑަރުން ދޫކުރައްވައި އެހެން ފަޅިއެއް ހިޔާރުކުރެއްވީ ޝައުނާ އެކަންޏެއް ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "އަމިއްލަ ދަރިން"ހާ އަރިސްކޮށް އުޅުއްވި ޒުވާން ބައެއް ބޭފުޅުން ވެސް ހަމަ ކުއްލިއަކަށް އެ މަނިކުފާނު ދޫކުރައްވައި، ޕާޓީގެ އަނެއް ފަޅިއަށް، ޑީއާރުޕީ އޮތް އިރު، އަހުމަދު ތަސްމީން އަލީގެ ފަހަތްޕުޅަށް އަދި ޕީޕީއެމްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮޅު ހިޔާރުކުރެއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނުގައި ފައްޔާޒު ތުޅާދޫއަށް ވައިގަތުމުން އެ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަރުހަބާ ދަންނަވަނީ: ހިސާން މީގެ ކުރިން ހުންނެވީ ނަޝީދުގެ ފެކްޝަންގައި. (ފޮޓޯ/ ފައްޔާޒު ކެމްޕޭން ޓީމް)

އެކަމަކު ނަޝީދު ފަދައިން އެއިން އެއްވެސް ބޭފުޅަކަށް ނިސްބަތްކުރައްވާ މައުމޫން ސީދާ ރައްދެއް ނުދައްވަ އެވެ.

މި ދެ ރައީސުންގެ މިޒާޖުގެ އިތުރުން، ބާރުގެ ގޮތުން ވެސް ދެ ބޭފުޅުން ވަރަށް ތަފާތެވެ. މައުމޫނަކީ އަލުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަނެވޭހާ ސަޕޯޓް އޮތް ބޭފުޅެއް ނޫނެވެ. އެކަމަކު ނަޝީދަކީ އަދިވެސް ޒުވާނުންނާއި ގްރާސްރޫޓްގެ ސަޕޯޓަށް ބަލާއިރު ރާއްޖޭގެ އެންމެ މަގުބޫލު އެއް ލީޑަރެވެ. އެމްޑީޕީ 2005 ގައި އުފެއްދީ އެތައް ބައެއްގެ މަސައްކަތުން ނަމަވެސް 2008ގެ ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީގެ ހުރިހާ ވެސް ބާރަކީ، ރޫހަކީ، އުއްމީދަކީ ވެސް، ނަޝީދެވެ.

ރައީސްކަމަށް ސޯލިހު ވަޑައިގަތުމާ ހަމައަށެވެ.

އެހާ ހިސާބުން މިހާރު މި އޮތީ އެއް ޕާޓީއެއްގެ ތެރޭގައި ސިޔާސީ ގޮތުން ވަރުގަދަ ދެ ލީޑަރުންގެ ކުރިމަތިލުމަކަށް ފުރޮޅިފަ އެވެ. މިހާތަނަށް ރައީސް ސޯލިހު، އެ މަނިކުފާނުގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ ނަޝީދަށް ފާޑުވިދާޅުވެފައެއް ނުވެ އެވެ. މިދިއަ އާދިއްތަދުވަހު ރައްޔިތުންގެ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕްގައި، 6 މެއިގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި އެމްޑީޕީގެ އެތެރޭގެ ގުނަންތަކުން ކުރަން އުޅުނު މަސައްކަތްތައް ހުއްޓުވަން މެމްބަރުންނަށް ރައީސް ސޯލިހު އިރުޝާދު ދެއްވާކަމަށް ދޭހަވާ ގޮތަށް ނަޝީދު މެސެޖްތައް ކުރެއްވިކަން ހާމަވުމުން ވެސް، ރައީސްގެ ފަރާތްޕުޅުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ކެމްޕެއިން ދަތުރެއްގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު 18 މާޗު 2022ގައި ޅ. ކުރެންދުއަށް ވަޑައިގަތުމުން މަރުހަބާގެ ނެށުމެއް ހުށަހަޅައިދެނީ: ހޮނިހިރުދުވަހުގެ އިންތިހާބު އެ މަނިކުފާނަށް ވެސް ވަރަށް މުހިންމު. (ފޮޓޯ/އެމްޑީޕީ)

ރައީސް ސޯލިހު ހުންނެވީ ނަޝީދުގެ އެފަދަ އެއްވެސް ވާހަކަފުޅަކަށް ރައްދެއް ދެއްވައި ހިޔާލެއްގައެއް ނޫނެވެ. 

އެކަމަކު ރައީސްގެ މި "ހިމޭންކަމު"ގައި ފެންނަނީ ނަޝީދުގެ އަރިސް އެތައް ބަޔަކު ފައްޔާޒުގެ ފަޅިއަށް އެރި ތަނެވެ. ޝައުނާގެ ކުރިންނާއި ފަހުން ވެސް މެ އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ފަދަ ބޭފުޅުންނެވެ. އެއިން ބޭފުޅަކު އެއްވެސް ހާލަތެއްގައި ނަޝީދު ދޫކުރައްވާ، ސިޔާސީ އެހެން ލީޑަރެއް ހިޔާރުކުރައްވާފާނެ ކަމަށް އެމްޑީޕީ އާއި އެ ޕާޓީއާ ގުޅުމެއް ނެތް އެތައް ބަޔަކަށް ވެސް ހީކުރެވިފައި އޮވެދާނެ އެވެ.

އެކަމަކު އެ ވަގުތު އައިސް ޖެހެންދެނެވެ. 

ސިޔާސީ އެ ބަދަލުވުންތަކުން ދައްކައިދޭ އަނެއް ހަގީގަތަކީ ސިޔާސީ ދާއިރާގެ ފައިދާ ނެގެން އޮތީ ސަރުކާރުގައި ތިބި ބަޔަކާ ގުޅިގެން ކަމެވެ. ނިސްބަތްވާ ޕާޓީގައި ނުފޫޒު ގަދަ ލީޑަރެއް ހުންނެވިޔަސް، ބާރާއި ފުރުސަތުގެ ގޮތުން ބަލާ ނަމަ، ގައުމުގެ ރައީސްއާ އެއްފަދަ ނޫން ކަމެވެ. 

އެމްޑީޕީގެ އިންތިހާބަށް ދެން މި އޮތީ އެންމެ ހަތަރު ދުވަހެވެ. ގިނަ މެމްބަރުން މިހާރު ގާތްގަނޑަކަށް ކޮޅު ނަގައިފި އެވެ. އެވަރަށް ފައްޔާޒާއި އިމްތިޔާޒުގެ ކެމްޕެއިންގެ ކަންކަން އޮތީ ކުރިއަށް ގެންދަވައިފަ އެވެ. ފާޑުކިޔުން އެކަންޏެއް ނޫނެވެ. މަލާމާތާއި ހަޖޫޖެހުމުގެ ވެސް ތެރޭގަ އެވެ. 

ކޮމެންޓް (3)

ސިކުނޑި

10 މޭ 2022
ސިޔާސީ އަންދާޒާއެއް ކުރާނަމަ ދަންނަވަން ޖެހެނީ، ސޯލިހު ސަފުން ބާކީވާނެކަމަށް! ޔާމީނު ހެދިހެން ހަދަން ދަތިވާނެ! ސަބަބީ ޕީޕީއެމް މެންބަރުންގެ އަގީދާއަކީ އަމިއްލަ އަންބޮނޑި ބޮޑު ކުރުން ކަމުގައި ވިޔަސް އެމްޑީޕީ މީހުންގެ ވިސްނުމަކީ އެއަށް އިދިކީލަ ވިސްނުމެއް! ވައްކަމާއި ކޮރަޕްޝަނަށް އެމީހުން އާނއެކޭ ބުނަން ޖެހިލުންވާނެ! މިއޮތްހާ ދުވަހު އެމީހުން ގޮވީ އެކަން ނުކުރުމަށް!
0 4

ލޮރީފް

10 މޭ 2022
މިއީ ދިޔަރެސް ނިއުސްގައި ޝިފްޒާން އަހުމަދު ލިޔެފައިވާ ލިޔުމަށް ބިނާކޮށް ލިޔެފައިވާ ލިޔުމަކާ ވައްތަރެވެ. އެހެންކަމުން އެންމެ ބޭފުޅުންވެސް ޝިފްޒާންގެ ލިޔުން ކިޔާލަން ވަޑައިގަތުމަށް ދައުވަތު ދެމެވެ.
3 0

ޣފފގދ

10 މޭ 2022
އިންތިއަށް. ނަގާނެ މި އެތި.
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް