Majlis 2024

މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ވ) އަތުން ބޯޅަ ހޯދަން އޭޓީކޭގެ ސަންދޭޝް ޖިންގަން މަސައްކަތްކުރަނީ. (ފޮޓޯ/އޭޓީކޭ)

މާޒިޔާ ސްޕޯޓްސް

މާޒިޔާ ބަލިކޮށް އޭޓީކޭ މޯހަން ބަގާން އަނެއް ބުރަށް

މެޗަށް ނުކުތް އިރު ވެސް މާޒިޔާ އަށް ވަނީ ފުރުސަތު ގެއްލިފައި

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގެ ފަހު މެޗުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަތުން 5-2 އިން މޮޅުވެ އިންޑިއާގެ ސުޕަ ލީގުގެ އޭޓީކޭ މޯހަން ބަގާން އިން މުބާރާތުގެ އިންޓަ ޒޯން ޕްލޭ އޮފް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިއްޔެ ހަވީރު އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާ އަތުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް 2-1 އިން މޮޅުވެފައިވާތީ ރޭގެ މެޗަށް ނުކުތްއިރު ވެސް މާޒިޔާ އޮތީ ކަޓައިފަ އެވެ.

އިންޑިއާގެ ކަލްކަތާގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ޑީ އިން އޭޓީކޭ އިން ސެމީ ފައިނަލުން ފުރުސަތު ހޯދީ ބަޝުންދަރާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް ހެޓް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީ އެވެ. މި ދެ ޓީމު ކުޅުނު މެޗުން އޭޓީކޭ ވަނީ 4-0 އިން މޮޅުވެފަ އެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މާޒިޔާ އާއި ގޯކުލަމް އަށް ލިބުނީ ތިން ޕޮއިންޓެވެ. އެކަމަކު ހެޑް-ޓު-ހެޑް އުސޫލުން ތިން ވަނަ ލިބުނީ މާޒިޔާ އަށެވެ. ގޯކުލަމް ދިޔައީ ހަތަރު ވަނަ އަށެވެ. މި ދެ ޓީމު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-0 އިންނެވެ.

ގްރޫޕް ޑީ ގެ ޕޮއިންޓް ޓޭބަލް

  • 1-

    އޭޓީކޭ މޯހަން ބަގާން: 6 ޕޮއިންޓް (އިންޓަ ޒޯން ޕްލޭ އޮފް ސެމީ ފައިނަލް)

  • 2-

    ބަޝުންދަރާ ކިންގްސް: 6 ޕޮއިންޓް

  • 3-

    މާޒިޔާ: 3 ޕޮއިންޓް

  • 4-

    ގޯކުލަމް ކެރެލާ: 3 ޕޮއިންޓް

ސެމީ އަށް ދާން މޮޅުވާން މަޖުބޫރުވެފައި އޮތުމުން ރޭ މާޒިޔާއާ ދެކޮޅަށް އޭޓީކޭ ނުކުތީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ހާފުގައި ފިންލެންޑުގެ ޖޮނީ އެންސިއޯ ކައުކޯގެ ލަނޑުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެކަމަކު ހާފުގެ ފަހު މިނެޓުގައި ޓަނާ ވަނީ މާޒިޔާ އަށް ތަފާތުކުޑަކޮށްދީފަ އެވެ.

އެކަމަކު ދެ ވަނަ ހާފުގައި އޭޓީކޭ އިން އިތުރު ތިން ގޯލް ޖަހައި ތަފާތު ބޮޑުކުރި އެވެ. ގޯލްތައް ޖަހައިދިނީ ރޯއީ ކްރިޝްނާ އާއި ސުބާސިޝް ބޯސޭ އަދި ކާލް ޖެރަޑް މެކްހިއު އެވެ. އޭގެ ފަހުން މާޒިޔާގެ ޓަނާ އެ ޓީމުގެ ދެ ވަނަ ގޯލް ޖަހައިދިނެވެ.

މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ވެލެންސިއާ ވެސް ވާދަކުރި އެވެ. އެގޮތުން ޕްރިލިމިނަރީ އެއް ވަނަ ބުރުގައި ބޫޓާނުގެ ޕަރޯ އަތުން 2-1 އިން މޮޅުވެ ޕްރިލިމިނަރީ ދެ ވަނަ ބުރަށް ހޮވުނެވެ. އެކަމަކު އެ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށް ކުޅެން އެ ގައުމަށް ދާނެ ފައިސާ ނެތުމުން މުބާރާތުން ވަކިވީ އެވެ. އެއާ އެކު ޕްލޭއޮފަށް އަބަހާނީ އޮޓޮމެޓިކުން ހޮވުނެވެ. އެކަމަކު އެ ބުރުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދައި ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

އޭއެފްސީން 2004 ވަނަ އަހަރު ފެށި އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުން ރާއްޖެ އަށް ކޮންމެ އަހަރަކު ފުރުސަތު ދިން ނަމަވެސް ރާއްޖޭގެ ކްލަބަކަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނީ އެންމެ ދެ ފަހަރު އެވެ. އެއީ 2005 ވަނަ އަހަރާއި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އޭގެ ތެރެއިން 2005 ގައި ނިއު ސެމީ ފައިނަލުގައި ކުޅުނެވެ. އަދި 2013 ގައި ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ.

ފަހަކަށް އައިސް މި މުބާރާތުގައި ރާއްޖޭން ގަވާއިދުން ވާދަކޮށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމާ އެންމެ ގާތަށް ގޮސްފައިވަނީ މާޒިޔާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް