އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ. (ފޮޓޯ/ އޭއެފްޕީ)
އިޒްރޭލުން ގާޒާއަށް ބޮން އަޅައި 6 ކުޑަކުދިންނާއި ކޮމާންޑަރަކު މަރާލައިފި
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ޖެޓުތަކުން މެދުނުކެނޑި އަޅަމުންދާ ބޮންތަކުގައި ހަ ކުޑަކުދިންނާއި ފަލަސްތީންގެ ކޮމާންޑަރަކު މަރާލައިފި އެވެ.
އިސްލާމިކް ޖިހާދު ޖަމާއަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ މަތިންދާބޯޓުފަހަރުން ހޮނިހިރު ދުވަހު ގާޒާއަށް ދިން ހަމަލާތަކުގައި އެ ޖަމާއަތުގެ ކޮމާންޑަރު ހާލިދު މަންސޫރު މަރާލާފައިވާ ކަމަށެވެ.
މަންސޫރަކީ އެ ޖަމާއަތުގެ ދެ ވަނައަށް އެންމެ އިސް ކޮމާންޑަރެވެ.
އިޒްރޭލުން ބުނީ އިސްލާމިކް ޖިހާދާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާތައް ހަފުތާއަކަށް ދެމިގެންދާނެ ކަމަށެވެ. އެ ޖަމާއަތާ ދެކޮޅަށް ދޭ ހަމަލާތަކުގައި އެޕާޓްމަންޓްތަކަށް ވެސް ދަނީ ބޮން އަޅަމުންނެވެ.
ގާޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާއަތުންނެވެ. އެ ޖަމާއަތުން ބުނީ އިޒްރޭލުން ޖަބަލިޔާ ރެފިއުޖީ ކޭމްޕް ސަރަހައްދަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި މަދުވެގެން ހަތަރު ކުޑަކުދިން މަރުވެފައިވާ ކަމަށެވެ. އެ މަރުތަކުގެ ޒިންމާ ހަމާސް ޖަމާއަތުން އަޅުވަނީ އިޒްރޭލުގެ ބޮލުގަ އެވެ.
ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާ އިން އެ ވާހަކައަށް އިންކާރު ކުރެ އެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނަނީ އެ ހާދިސާއަކީ ހަމާސް ޖަމާއަތުން ފޮނުވި ރޮކެޓެއް ފޭލިވެގެން ހިނގި ކަމެއް ކަމަށެވެ.
ހުކުރު ދުވަހުގެ މަރުތަކާ އެކު ފެބުރުއަރީއަށް ފަހު ގާޒާ އިން މަރާލި ކުޑަކުދިންގެ އަދަދު ހަޔަކަށް އެރީ އެވެ. އަދި ފަލަސްތީނުގައި މަރުވި މީހުންގެ އަދަދު 31އަށް އެރީ އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި 260 މީހަކު ޒަހަމުވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ ޖިހާދީން ވަނީ ބަދަލުގައި ރައްދު ދީފަ އެވެ. އެ މީހުން ވަނީ އިޒްރޭލާ ދެކޮޅަށް 400 ރޮކެޓް ފޮނުވާލައިފަ އެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ރޮކެޓް ހަމަލާތަކުގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެއް ނުވެ އެވެ. މީހަކު ޒަހަމެއް ވެސް ނުވެ އެވެ.
އިޒްރޭލުން ގާޒާއަށް އަނެއްކާ ވެސް ހަމަލާ ދޭން މި ފެށީ 15 މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން، މަސްދުވަހަށް ދެމިގެން ދިޔަ އެ ފަހަރުގެ ހަމަލާތަކުގައި 260 މީހުންނަށް ވުރެ ގިނަ މީހުން މަރުވި އެވެ.