ސްޕޭސްއެކްސްގެ ވެރިޔާ އީލޯން މަސްކު (ފޮޓޯ/ ގެޓީ އިމޭޖެސް)

ޓެކްނޮލޮޖީ

އީލޯން މަސްކަށް ފާޑުކީ ފަސް މުވައްޒަފަކު ސްޕޭސްއެކްސް އިން ކަނޑާލައިފި

މުވައްޒަފުން ކަނޑާލާފައި ވަނީ އެހެން މުވައްޒަފުންނަށް ނުފޫޒުފޯރުވާ ފުރައްސާކޮށްފައި ވާތީކަމަށް ސްޕޭސްއެކްސް އިން ބުނޭ

އީލޯން މަސްކަށް ފާޑުކިޔާ، ކުންފުނީގެ ތެރޭގައި ބައިވެރިކުރުމުގެ ހަމަހަމަ ސަގާފަތެއް އަށަގެންނެވުމަށް ވެރިންނަށް ގޮވާލާ ސިޓީއެއް ލިޔެ ފެތުރި ފަސް މުވައްޒަފަކު ސްޕޭސްއެކްސް ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ދެމީހަކު ނޫސްވެރިންނާއި ހިއްސާކޮށްފި އެވެ.

މިސިޓީއާ ގުޅޭ މުވައްޒަފުންތަކެއް ވަޒީފާއިން ކަނޑާލާފައިވާ ކަމަށް ދަ ނިއު ޔޯކް ޓައިމްސް ނޫހުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ވަޒީފާއިން ވަކިކުރެވިފައި ވަނީ ކިތައް މުވައްޒަފުންކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މިމައްސަލަ ތަހުގީގުކޮށް "މިކަމުގައި ޝާމިލުވާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށް" ސްޕޭސްއެކްސްގެ ރައީސް ގުވެން ޝޮޓްވެލް އީމެއިލެއް ފޮނުއްވާފައި ވާކަމަށް ނިއު ޔޯކް ޓައިމްސްގެ ހަބަރުގައިވެ އެވެ.

އަދި މި މުވައްޒަފުންތައް ވަކިކުރެވުނީ އެހެން މުވައްޒަފުންގެ ނުރުހުމުގައި ވަކި ގޮތަކަށް ކަންކަން ކުރުމަށް ޕްރެޝަރުކޮށް ފުރައްސާރަ ކޮށްފައިވާތީ ކަމަށް ވެސް ޝޮޓްވެލްގެ އީމެއިލުގައިވާ ކަމަށް ނިއު ޔޯކް ޓައިމްސްގައިވެ އެވެ.

މިސިޓީގައި މަސްކަކީ މަސައްކަތް ކުރުމަށް "ފޫހިކުރުވާ އަދި ކުންފުންޏަށް ހުރި ލަދެއް" ކަމަށް ވަނީ ލިޔެފަ އެވެ. އަދި ކުންފުނިން ވަގުތުން މަސްކުގެ އަމިއްލަ ބްރޭންޑާއި ދުރުވުމަށާއި އެންމެނަށް މަސައްކަތް ކުރުމުގެ ހިތްހަމަޖެހުން ލިބޭނެ ތަނަކަށް ސްޕޭސްއެކްސް ހެދުމަށް ހުރިހާ ވެރިން އެއްވަރަކަށް ޒިންމާދާރު ކުރުމަށާއި އަދި ކަމުނުދާ ހުރިހާ އަހްލާގީ މިންގަނޑުތަކަކެއް ކަނޑައަޅާ ހަމަހަމަ އުސޫލުން ފިޔަވަޅު އެޅުމަށް ވަނީ އަމުރުކޮށްފަ އެވެ.

މީގެ 20 އަހަރު ކުރިން  2002ގައި މަސްކު ފެއްޓެވި ސްޕޭސްއެކްސްގެ ކުންފުންޏަށް ލިބިފައިވާ ގިނަގުނަ ކާމިޔާބީތަކުގައި މަސްކު ވަނީ މުހިންމު ރޯލެއް އަދާކުރައްވާފަ އެވެ. އެކުންފުނީގެ ޗީފް އިންޖިނިއަރުކަން ވެސް ކުރައްވާ މަސްކު ވަނީ ނާސާގެ އެސްޓްރޮނޯޓުން ޖައްވަށް މިވަގުތު ފޮނުވާ ހަމައެކަނި ކުންފުނީގެ ލަގަބު ސްޕޭސްއެކްސްއަށް ހޯދާދީފަ އެވެ.

އަދި ޖައްވަށް ރޮކެޓުތައް ފޮނުވަން ބޭނުންކުރާ ބޫސްޓަރުތައް އަލުން ބޭނުން ކުރެވޭނެ ގޮތް އީޖާދުތަކޮށް ޖައްވީ ހަރަދުތައް އެތައް ގުނައެއް ދަށަށް ގެނެވޭނެކަން މަސްކު ވަނީ ސާބިތުކޮށްދީފަ އެވެ. މީގެ އިތުރުން ވެސް ނާސާއިން ހަނދަށް އަލުން އިންސާނުން ފޮނުވުމަށް ފައްޓާފައިވާ މަސައްކަތްތަކުގައި ވެސް ސްޕޭސްއެކްސް އިން ދަނީ ބައިވެރިވަމުން ނެވެ.

އެމެރިކާގެ ސަރުކާރުގެ ޕެންޓަގަން އިން ޖައްވަށް ޖާސޫސީ ސެޓެލައިޓުތައް ފޮނުވުމަށް ބަރޯސާވާ ދެކުންފުނީގެ ތެރެއިން އެއް ކުންފުންޏަކީ ވެސް ސްޕޭސްއެކްސް އެވެ.

ކޮމެންޓް

Placeholder

ޓެކްނޮލޮޖީ

ޓެކްނޮލޮޖީ