ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ސޮއިކުރި އެއްބަސްވުމެއް ބަދަލިކުރަނީ. (ފޮޓޯ/ރައީސް އޮފީސް)

ޓޫރިޒަމާއި ވިޔަފާރި ހިމެނޭ ގޮތަށް ކެމްބޯޑިއާއާ އެކު 6 އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރުގަދަވެ، އެކި ދާއިރާތަކުން ކުރިއެރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި
16 ޖެނުއަރީ 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ހަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ވިސާއާ ނުލާ ދަތުރުކުރެވުން

  • މިއީ ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދިނުމުގެ އެއްބަސްވުމެއް

  • ރައީސް ސޯލިހު ވިދާޅުވީ މިހާރު ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް 

  • މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކެމްބޯޑިއާގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރުގެ ނައިބު ޕްރަކް ސޮކޮން

ހާރިޖީ މަޝްވަރާތައް

  •  މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ކެމްބޯޑިއާ އިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެ 

  • މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކެމްބޯޑިއާގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރުގެ ނައިބު ޕްރަކް ސޮކޮން

އިގްތިސާދީ ގުޅުން ބަދަހިކުރުން

  • މިއީ ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު އިގްތިސޯދީ ގުޅުން ބަދަހިކޮށް، ހަމަހަމަކަމާ އެކު ދެ ގައުމަށް ވެސް ފައިދާކުރާނެ ގޮތަށް މި ގުޅުން ހަރުދަނާކުރުމަށް ސޮއިކުރި އެއްބަސްވުމެއް 

  • މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ކެމްބޯޑިއާގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރުގެ ނައިބު ޕްރަކް ސޮކޮން

ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން

  • މިއީ ސިއްހީ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް 

  • މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި ކެމްބޯޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހެލްތު މިިނިސްޓަރު މާމް ބުންހެންގް

ޓޫރިޒަމް ދާއިރާ އިން ގުޅުން ބަދަހިކުރުން

  • މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމާއި މި ދާއިރާ އިން މީހުން ތަމްރީންކުރުމާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާ އިން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ 

  • މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި ކެމްބޯޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ތާއުންގް ކޮން

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގުޅުން ބަދަހިކުރުން

  • މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް އިންވެސްޓްމަންޓްތައް ފުޅާކުރުމާއި ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ސިނާއީ ވިޔަފާރިތަކާއި އިގްތިސޯދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުސަތު ހުޅުވޭނެ 

  • މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑު މެމްބަރު މުހައްމަދު އިކްރާމް އިބްރާހިމް އަދި ކެމްބޯޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާގެ ޗެމްބަ އޮފް ކޮމާސްގެ ރައީސް ނިޔެކް ކިތް މިޔެން

ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ބުނީ ކީކޭ؟ - "ޖުމްލަ ގޮތެއްގައި މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން އަޅުގަނޑުމެން ދެ ގައުމުގެ މުސްތަގްބަލަށް އުޖާލާކަން ގެނުވައިދޭނެ. ކުރިމަގުގައި މި ގުޅުން އިތުރަށް ދިރުވައި އާލާކޮށް ހަރުދަނާކުރުމަކީ އަޅުގަނޑު ނުހަނު އިސްކަންދޭ ކަމެއް،" ދެ ގައުމުގެ ވެރިން މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ދެ ގައުމުގެ ގުޅުންތައް ރަނގަޅު ކުރުމުގެ އިތުރުން، "ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުން އެއްބާރުލުން ދޭ ކަންކަމާ މެދު ވެސް އަޅުގަނޑުމެން މިއަދު މަޝްވަރާ ކުރިން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން، މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ދެ ގައުމު އެކުގައި މަސައްކަތް ކުރުން

  • މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދެ ގައުމުން ގެންގުޅޭ އެއް ގޮތް ސިޔާސަތުތަކާއި ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން

އާސިއާންގެ އޮބްޒާވާ ގައުމަކަށް ވުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ހަގީގަތަކަށް ވެގެންދާނެކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި އެ މަސައްކަތުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވާ އެއްބާރުލުމަށް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް